ތިރީހުން ތިރީސް

ފަރެސް އާމިރުގެ ޅެންވެރިކަމަށް އޮތީ ތައުރީފް

މީގެ 30 އަހަރު ކުރިން ޅެންވެރިއެއްގެ ގޮތުގައި ފަރެސް މުހައްމަދު އާމިރު މަޝްހޫރުވިއިރު އޭނާ އަބަދުވެސް ބޭނުންވީ ޓީޗަރެއްގެ ގޮތުގައި ބަލައިގަންނަން
8 އޭޕްރީލު 2024

މިއީ ކުރީގެ ދުވަހު ނޫސް 'ހަވީރު'ގެ 'މީހުން' ކޮލަމްގައި މީގެ 30 އަހަރުު ކުރިން އަޅުގަނޑު ލިއުނު ބައެއް ޝަހުސިއްޔަތުތަކާ ބެހޭ ގޮތުން އަލުން ލިއަމުން އަންނަ ސިލްސިލާއެކެވެ.

ފެބްރުއަރީ 1994

ޅެމުގެ 'ފަރެސް'

"ބޮޑެއްޗަށް ތިބޭ މީހުން ހަސަދަވެރިވާތީ،" މިއީ ފަރެސް މުހައްމަދު އާމިރު، މީގެ 30 އަހަރު ކުރިން، އަޅުގަނޑަށް ދެއްވި ޖަވާބެކެވެ.

އޭރު އޭނާއަކީ އުފެދެމުން އައި އެންމެ އުއްމީދީ، ޒުވާން އެއް ޅެންވެރިޔާ އެވެ. އޭނާގެ ޅެންވެރިކަމުގެ ހުނަރު އޭގެ ގޮތުގައި ފައްކާވަން ފެށީ 1988ގައި އޮތް ޅެން ހަދަން ދަސްކޮށްދޭ ކޯހުގައި، ރާއްޖެ ދުށް އެންމެ މޮޅު އެއް ޅެންވެރިޔާ އަލްމަރުހޫމް ޔޫސުފް މުހައްމަދުފުޅުގެ އިރުޝާދު ލިބިވަޑައިގަތުމުންނެވެ. އެ ކޯހުން އެއް ވަނައަކީ އާމިރެވެ.

މީގެ 30 އަހަރު ކުރިން 'ހަވީރު'ގެ 'މީހުން' ކޮލަމްގައި ޅެންވެރިޔާ ފަރެސް މުހައްމަދު އާމިރުއާ ބެހޭ ގޮތުން ލިއުނު ލިއުން

އޭގެ ފަހުން ގައުމީ ފެންވަރުގައި އޭނާ ހޯއްދެވި ކާމިޔާބީތަކާ އެކު ފަރެސް އާމިރު މަޝްހޫރުވީ މޮޅު ޅެންވެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ފެބްރުއަރީ 1994ގެ 'މީހުން' ކޮލަމްގައި އޭނާއާ ބެހޭ ގޮތުން އަޅުގަނޑު ލިޔުނު އިރު، ޅެން ހެދުމުގެ ބައި އޮތީ މަޑުޖައްސާލައިފަ އެވެ. އެއީ ކީއްވެގެންތޯ އެހުމުން ވިދާޅުވީ "ބޮޑެއްޗަށް ތިބޭ މީހުން ހަސަދަވެރިވާތީ' ކަމަށެވެ.

ޅެންވެރިޔާ ފަރެސް އާމިރު، އޭރު ދިވެހި ބަހާ ބެހޭ ގައުމީ މަރުކަޒުގެ އިސް ވެރިޔާ އަދި އެޓޯލް މިނިސްޓަރު އަބްދުﷲ ހަމީދުގެ އަތްޕުޅުން އިނާމު ހޯއްދަވަނީ

ހަސަދަވެރިކަމަކީ އިންސާނީ ސިފައެކެވެ. އެހެންކަމުން ވަކި ދާއިރާއަކުން މީހަކު މާ މޮޅުވަމުން އަންނަ ނަމަ، އެކަމަށް ހަސަދަލުން އޮވެ އެވެ. ނަމަވެސް ހަގީގަތުގައި އާމިރަށް އޭރު ވެސް ބޮޑަށް ލިބިވަޑައިގަތީ ތަރުހީބެވެ. އޭރު ތިއްބެވި ދިވެހި ބަހުގެ އިސް ބޭފުޅުން ފެށިގެން ޅެންވެރިންގެ ފަރާތުން ވެސް މެ އެވެ. ޒުވާން އުމުރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ މާ އަވަހަށް ކަންކަމަށް ގޮތް ނިންމުމެވެ. މާ އަވަހަށް ދެރަވެ، މާޔޫސްވެ، އަދި ތިމާގެ ހުނަރުގެ ކުރިއެރުމަށް ހުރަސްއެޅުމެވެ.

އާމިރަށް އެއީ ތަޖުރިބާއެކެވެ. މިހާރު އުމުރުން 55 އަހަރު ވީ އިރު އެ ތަޖުރިބާތަކަކީ ދިރިއުޅުމުގައި ދަސްވި މުހިންމު ފިލާވަޅުތަކެއް ވެސް މެ އެވެ.

ގައުމީ ޅެން މުބާރާތުން އެއް ވަނަ ހޯދުމަށް ފަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން ފަރެސް އާމިރު އިނާމު ހޯއްދަވަނީ

"އަޅުގަނޑުގެ ތަޖުރިބާގައި ހިތްވަރު ނުލިބުމާއި ލިބުމާ ވެސް އޭގެ ތެރޭގައި އުޅުނު. ހިތްވަރުދެއްވި ބޭފުޅުން ހިތްވަރުދެއްވާ އެހީތެރިކަން ވެސް ދެއްވި،" އާމިރު ވިދާޅުވި އެވެ.

"އެގޮތަށް ވަކި ބަޔަކު ކުރިއަރައިގެން ދާން ގަބޫލު ނޫން ބަޔަކު ވެސް އެ ޒަމާނުގައި އުޅުނު." 

ފަރެސް އާމިރުގެ ގޮތުން އޭނާ މަޝްހޫރުވީ އުފަން ރަށުގެ ނަމާ އެކުގަ އެވެ. ޅެންވެރިއެއްގެ ކުރިން އޭނާގެ ލޯބި އޮތީ ކިޔަވައިދިނުމުގެ މަސައްކަތަށެވެ. އެއީ ދިވެހި ބަހުގެ ޓީޗަރެކެވެ. އެ ހިދުމަތުގެ ދަތުރު 1982ގައި ފެއްޓެވި ގޮތަށް، ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ފަހު ދިވެހި ބަސް ކިޔަވައިދޭ ފޮތްތައް ތައްޔާރުކުރެއްވުމުގައި، އޭރުގެ އީޑީސީގައި ވެސް މަސައްކަތްކުރެއްވި އެވެ.

މިހާރު ވެސް ކޮންމެވެސް މީހަކު އޭނާގެ ލަފަ އާއި އިރުޝާދު ނުހޯދާ ދުވަހެއް ނުދެ އެވެ. ފޯނުން ވާހަކަ ދައްކައިގެން ނުވަތަ މެސެޖް މެދުވެރިކޮށް ނަމަވެސް ކިޔަވައިދިނުމުގެ ކޮންމެވެސް ކަމަކަށް އޭނާ ހުންނަވަނީ އިރުޝާދު ދެއްވަދެއްވަ އެވެ.

ފަރެސް އާމިރު 1990ގެ އަހަރުތަކުގެ ތެރޭގައި އޮފީހުގައި މަސައްކަތްކުރައްވަނީ

ޅެންވެރިޔަކަށް ވުރެ ބޮޑަށް ޓީޗަރެއްގެ ގޮތުގައި އާންމުންނަށް އޭނާ އެނގެން ބޭނުންވަނީ ވެސް އެ ސަބަބާ ހެދި އެވެ. އެކަމަކު އާމިރުގެ ޅެންވެރިކަމުގައި ހުރި އަސަރެއްގެ ބޮޑުކަމާއި އޭނާގެ އެ ފަންނުގެ ހުނަރު އެންމެ މަތީ ދަރަޖާގައި ހިމެނޭތީ، އެއީ ޅެންވެރިއެއް ނޫނޭ ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އެހެން މީހުންނާ ތަފާތުވުމަކީ ތިމާ ވިސްނާ ގޮތް ވެސް ތަފާތުވުމެވެ. މިސާލަކަށް މިހާރު ދިވެހި ޅެންވެރިކަން އޮތީ ކިހިނެއްތޯ ސުވާލުކޮށްފި ނަމަ އޭނާގެ ޖަވާބު އަންނާނީ ފާޑުކިއުމުގެ ބަސްތަކަކާ ވެސް އެކުގަ އެވެ.

"މިހާރު މީގެ ތެރެއަށް ވަދެއްޖެ ފައިސާ. އާމްދަނީ ލިބޭ މަސައްކަތަކަށް ވެއްޖެ.  އެހެންވީމާ މީގެ ތެރޭގައި ވާދަވެރިކަން ވަރަށް ބޮޑުވެއްޖެ. ވިޔަފާރީގެ މުދާ އަގުހެޔޮކުރަން އެކުރާ މަސައްކަތާއި އެ ކުރާ ކަންކަން މީގެ ތެރެއިން އަޅުގަނޑުމެންނަށް ވެސް އެބަ ފެނޭ،" އާމިރު ވިދާޅުވި އެވެ.

ދިވެހި ބަހުން ފުރަތަމަ ޑިގްރީ ހެއްދެވުމަށް ފަހު އާމިރު އާއިލާއާ އެކު

"މިހާރު ހިތަށް އެބަ އަރާ މި އުޅެނީ އެހެން ވައްތަރެއްގެ އެއްޗެހިތަކެއް ޅެމުގެ ނަމުގައި ގިނަވެގެން ނޫން ބާވައޭ. މިހެން މިދަންނަވަނީ ޅެމުގައި މި ހުންނަ ފުން ޝުއޫރާއި ތޫނު  ވިސްނުމާއި އޭގައި މި އޮންނަ މުޖުތަމައުގެ އެ ހަގީގަތް ބަޔާންކުރުމާއި އަދަބިއްޔާތާއި  ހުނަރާއި އިލްމާއި ފަންނުތައް މީގައި ނުހިމެނޭ ޅެންވެރިކަމެއް އަޅުގަނޑުމެންގެ ތެރޭގައި ގިނެވެގެން ދާތީ."

އާމިރަކީ އެއްވެސް އިރަކު ރީތި ޅެންވެރިކަމަކަށް ވުރެ ބޮޑަށް އެއިން މާލީ ފައިދާއެއް ހޯއްދަވަން ވިސްނެވި ބޭފުޅެއް ނޫނެވެ. އެކަން އަޅުގަނޑު މީގެ 23 އަހަރު ކުރިން ހެދި 'ހިމޭން ދުނިޔެ' ފިލްމުގެ މަސައްކަތުގެ ހަނދާންތައް އާކޮށްލާ އިރު ވެސް އެނގެ އެވެ. އެ ފިލްމުގައި ހިމެނެނީ މުޅިން ވެސް ދިވެހި އަމިއްލަ ރާގުތަކެވެ. އެ ރާގުތަކަށް، ފިލްމުގެ ޑައިރެކްޓަރު އަބްދުލް ފައްތާހު ބޭނުންވާ ޅެންވެރިކަމުގެ ސިފަ އެޅުވުން ދޫކޮށްލީ އާމިރަށެވެ. އޭނާއަށް އެ ދުވަހު މުހިންމުވީ އަގެއް ނޫނެވެ. ފުރިހަމަ ޅެންވެރިކަމެކެވެ.

'ހިމޭން ދުނިޔެ'އަށް އާމިރު ހަދައިދިން ލަވައެއް

'މިހާރު އަޅުގަނޑު ލަސްވާނެ'

ޅެންވެރިންގެ ސިކުނޑިން ޅެންވެރިކަމުގެ ވަޒަންތަކާއި ބަސްތައް ފިލައިގެން ނުދާނެ އެވެ. އާމިރު އެކަން ގަބޫލުކުރައްވަ އެވެ. އެކަމަކު އުމުރަށް އަންނަ ބަދަލުގެ އަަސަރު ހުރިހާ ކަމަށް ވެސް ކުރެ އެވެ. އެގޮތުން އޭނާ ވިދާޅުވީ "މިހާރު އަޅުގަނޑު ކަންކަން ކުރާލެއް ކުރިއަށް ވުރެ ލަސް ވެސް ވާނެ" ކަމަށެވެ.

"އަޅުގަނޑު ވާހަކަދައްކާ ގޮތް ވެސް ތަފާތުވާނެ. ކުރިން ބުނާ ކިތައްމެ އެއްޗެއް މިހާރަކު ނުބުނަން. ކުރިން ނުބުނާ ކިތައްމެ އެއްޗެއް މިހާރު އަޅުގަނޑު ބުނަން،" އާމިރު ވިދާޅުވި އެވެ.

"އެހެންވެ ޅެންތައް ކުރިއަށް ވުރެ ލަސްވާނެ. އޭގެ ސަބަބަކީ މިހާރު އަޅުގަނޑަށް އެނގޭ ކުރިން ނޭނގޭ އެތައް އެއްޗެއް. އެހެންވީމާ ޅެމުން އައިބު ފެންނަލެއް ގިނައީ."

އެ އައިބު ފޮރުވަން ކުރަން ޖެހޭ މަސައްކަތް ވެސް އޭނާއަށް އެނގިވަޑައިގަނެ އެވެ. އެއީ އެއްވެސް ހާލެއްގައި ޅެމެއްގައި ހިމެނެން ޖެހޭ މައިގަނޑު އުސޫލުތަކާއި ބައިތައް ގުރުބާންނުކުރުމެވެ. ޅެން ޅެމެއްގެ ގޮތުގައި ދެއްކުމެވެ.

"ޅެމެއްގެ ބޭރު ފުށުގެ ރީތިކަމަށްޓަކައި މާނައެއް އަޅުގަނޑު ގުރުބާން ނުކުރަން ދުވަހަކު ވެސް. ނުވެސް ކުރާނަން،" އާމިރު ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން ފަރެސް އާމިރު ހެއްދެވި ލަވަ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް