މަރަދޫ އަބްހަރީ މަންޒިލް ހައްވާއްދީ އޭނާގެ ގޭގައި ފޮޓޯއަކަށް ހުއްޓިލައިގެން: ހައްވާއްދީ ބުނަނީ މިއީ އޭނާގެ ރަސްމީ ޕޯޒް ކަމަށް. (ދައުރު ފޮޓޯ/އަލީ ނާސިރު)

ރާޅުފަށް

ގެ އާއި ދިރިއުޅުން އަންދާލުމުން ވެސް ހައްވާއްދީ ދުލެއް ނުދިން

ލޯބިވީމަ އޭނާ ގެއިން ނެރެލީ. ގެއެއް ބިނާކުރީމަ އެ ގެ އަންދާލީ. އެކަމަކު ގައު އަޅައިގެން އަމިއްލައަށް އެ ގެ އަލުން ރާނައި ހިޔައުކޮށް ދިރިއުޅުމުގައި އޭނާ އެފުށްމިފުށަށް ޖެހުނީ އޭނާއަށް ނުލިބުނު ހިޔާ ދަރިންނަށް ހޯދައިދޭން.

ހައްވާއްދީ އޭނާގެ ވޭވް ވަން ޓޫ ފައިވަށް އަރައި ސްޓާޓްކޮށްލައިފި އެވެ. މުށްގަނޑަށް ފެލައި ރޭސްއަރުވަން ފަށައިފި އެވެ. ދެން ހީވީ ހޮނުގުގުރިއަކާ އެކު އެތަނަށް ވިދުވަރެއް އަޅައިލިހެންނެވެ. ރޫސްލާފައި ސައިކަލުގައި ނައްޓާލައިފި އެވެ. އަދި ދުމެއް ޖަހާފައި ގޮސް ލޮލަށް ގެއްލިއްޖެ އެވެ.

ސ. މަރަދޫގެ ހަލަބޮލި މަގުތަކަށް ނުފަރިތަ އަޅުގަނޑާއި ފޮޓޯގްރާފަރަށް އަބްހަރީ މަންޒިލަށް ދެވުނުއިރު ހައްވާއްދީ ހުރީ ގޭގެ ދޮރުކަނީގެ ދެކޮޅުގައި ހިނިތުންވުމެއް ވިއްދާލައިގެން މި އިންޓަވިއުއަށް ތައްޔާރުވެގެންނެވެ. ދޮންރުކެއްގެ ފިނި ހިޔަލުގައި ޕާކުކޮށްލާފައި ހުރި އޭނާގެ ސައިކަލު އަހަރެމެންނާ ދިމާލަށް މަލާމާތުގެ ހިނިގަނޑެއް ދޮންކުރަނީ އެވެ.

ހައްވާއްދީއަށް 70 އަހަރެވެ. އޭނާ 13 ކުދިން ވިހައިފި އެވެ. ނުވަ ކުދިން ބޮޑުކޮށްފި އެވެ. އެކަކު މަރުވެ ދުނިޔޭގައި މިހާރު ތިބީ އަށް ކުދިންނެވެ. އުމުރުން 17 އަހަރުގައި ކުރި ކައިވެންޏަށް އަލަތު ދަރިފުޅު ލިބުނީ 18 އަހަރުގަ އެވެ. އެކަމަކު އޭގެ ކުރިން، ބައްޕަ ހިތަށް އެރި ރަނަކަށް މީހަކަށް އޭނާ 'ވިއްކާލި' އިރު 12 އަހަރު ވެސް ނުފުރެ އެވެ. އެ އަނިޔާގައި ތިން އަހަރު ވަންދެން އުޅެފައި އެންމެފަހުން ލޯބިން ކުރި ކައިވެންޏާ އެކު ބަލިވެއިންދައި މަންމަ އާއި ބައްޕަ އޭނާ ގެއިން ނެރެ މަގުމަތިކޮށްލީ އެވެ.

އަމިއްލަ ދެ އަތުން ގެއެއް ރާނައި ހިޔައުކޮށް އެ ހިޔަލުން އަމިއްލަ ދަރިންނަށް އުފާވެރިކަން ހޯދުމުގެ ހުވަފެން އޭނާގެ ހިތުގައި އުފަންކުރުވި ދުވަހަކީ އެ އެވެ. އޭނާ ފަރަށް ގޮސް ގައު ނަގައިގެން، އެ ގައު ތަޅައިގެން ރާނައި އުސްކޮށް ހިޔައުކުރި އެ ގޭގައި މީހަކު ދެން ރޯކޮށްލީ އަލިފާނެވެ. އަންދައި އަޅިއަށް ހަދާލީ އެވެ.

ހައްވާއްދީ އޭނާގެ ގޭގެ ދޮރުކަނީގައި ވިދި ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ އަންދާލި ގެއަށް ފަހު ހައްވާއްދީގެ އަމިއްލަ ދެ އަތުން ރާނައި ހިޔައުކޮށްފައިވާ ގެއެއް. (ދައުރު ފޮޓޯ/އަލީ ނާސިރު)
ހައްވާއްދީގެ މޫނުމަތިން އަލިގަދަ ހިނިތުންވުމެއް ފައުޅުވިޔަސް އޭނާ މި ހިސާބަށް އައީ އަނދިރި ދަތުރަކަށް ފަހު. (ދައުރު ފޮޓޯ/އަލީ ނާސިރު)

އަނެއްކާވެސް ސުމަކުން ފަށަން މަޖުބޫރުވީ އެވެ. އެކަމަކު އަބްހަރީ މަންޒިލުގެ ދޮރުކަނީގައި އެ ހުރިހާ ތުރާލެއް ވިއްދާލައިގެން ހެވިދިލިފައި އެހެރަ ހައްވާއްދީއަކަށް މީހަކު އަޅެ ބަލައިލަބަލާށެވެ. ދިރިއުޅުމަކީ ރޭހެއް ނަމަ އޭނާ އެހެރީ އެންމެނަށް ވުރެ ކުރިން އެ ރޭސް ނިންމާލައިގެންނެވެ. ދެ އަތުން ރާނައި ހިޔައުކުރި އަބްހަރީ މަންޒިލު އެ އޮތީ އޭނާ އަމިއްލައަށް ވަޔަރުކުރި ކަރަންޓާއި ހިނިތުންވުމަކުން މިއަދު އަނެއްކާވެސް ދިއްލިފަ އެވެ.  

އެކަމަކު މި އާދަޔާހިލާފު ދަތުރަކީ ހައްވާއްދީއަށް ރޭހެއް ނޫނެވެ. މިއީ މަޔަކު އޭނާގެ ދަރިންނަށްޓަކައި ފުރިހަމަކުރި ގުރުބާނީއެކެވެ. ދިރިއުޅުމުގެ އެފުށްމިފުށަށް ކޮއްޕައި ވައްޓާލި ކޮންމެ ފަހަރަކު އެ ކުދިންގެ ހައްގުގައި އޭނާ ތެދުވެ ދުއްވައިގަތް ގޮތެވެ.

"އަޅުގަނޑު އިން ފުރަތަމަ މީހާ ގަދަ ހުމެއްގައި މަރުވިއިރު އޭނާއާ އެކު އަޅުގަނޑަށް ހަ ކުދިން ލިބިއްޖެ. އޭނަ މަރުވީ ރިސޯޓުގައި ހުއްޓައި ގަދަ ހުމެއް ޖެހިގެން ރަށަށް އައިތާ ނުވަވަނައަށް ވީ ދުވަހު. ދެން އަޅުގަނޑު މީހަކާ އިނީ 41 އަހަރުގައި،" އަޅުގަނޑުމެން އެތެރެއަށް ގޮވައިގެން ގޮސް އަމިއްލަ ފިނި ހިޔަލުގައި ފިނި ބުއިން ކަނޑައި ދިއްކޮށްލަމުން ހައްވާއްދީގެ ހަޔާތުން ވާހަކަ ހަލުވަން ފަށައިގަތެވެ.

"އެ ދެވަނަ ކައިވެނި އަޅުގަނޑު އަމިއްލައަށް ކޯޓަށް ގޮސްގެން ނިންމާލި ސަބަބަކީ، ބައްޕަ މަރުވެފައި ތިބި ކުދިންކޮޅާއި އޭނާއާ އެކު ލިބުނު އަނެއް ދެ ދަރިން ގޮވައިގެން އެ ޒަވާޖީހަޔާތުގައި އަޅުގަނޑު އުޅެން ޖެހުނީ މާ ހިތްދަތި ދިރިއުޅުމެއް. މާ ހާލުގައި އުޅެން ޖެހުނީ.

އަޅުގަނޑު ހުރިހާ ކަމެއް ކުރީ އަޅުގަނޑުގެ މި ދަރިންނަށްޓަކައި. އަޅުގަނޑުގެ ދަރިން ބޮޑެތިކޮށްފައި އެ ތިބީ އަޅުގަނޑު ހަތަރެސްފައި ޖަހައިގެން ކުރި މަސައްކަތުން."

އެއީ ތެދެކެވެ. އަދި މިއީ މުޅި މަރަދޫ އެންމެން ހެކިވާ ވާހަކައެކެވެ. އެ ދަރިންނަށްޓަކައި ހައްވާއްދީ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ނުއުފުލަނީ ކޮން ބުރައެއް ހެއްޔެވެ؟

"އަޅުގަނޑުގެ ކުދިން އެންމެ ކުޑައިރު އަޅުގަނޑު އެރީ ރުކަށް. ކާށި އަޅަން. ރާ ބާލަން. ބަނބުކެޔޮ ގަހަށް އަރައި ބަނބުކެޔޮ ވެސް ކެނޑިން. މީހުން ބުނެގެން އެ މީހުންގެ އަނބުގަސްތަކަށް އަރައި އަނބު ބިނދެދިނިން. އަނބު ބިނދެދިނީމަ އެމީހުން ދޭނެ އަޅުގަނޑުގެ ދަރިންނަށް ދޭނެ އަނބުކޮޅެއް ވެސް،" ހައްވާއްދީ ކިޔައިދިނެވެ.

ޒަވާޖީ ބައިވެރިޔަކާ އެކުގައި އުޅުނުއިރު ވެސް ހައްވާއްދީ ބުނީ އެއީ އެކަނިވެރި ދިރިއުޅުމެއް ކަމަށެވެ.

"ނަމަވެސް އަޅުގަނޑަކީ ވަރަށް އަޒުމުވަރުގަދަ މީހެއް. އިރާދަކުރެއްވި ކަމުގައި ވާ ނަމަ އަޅުގަނޑުގެ ކިބައިގައި ވަރަށް ހިތްވަރު އެބަހުރި އަދިވެސް."

ހައްވާއްދީ އޭނާގެ ބެކްޔާޑުގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)
ހައްވާއްދީގެ މުޅި ދިރިއުޅުން ގުރުބާންކޮށްގެން އޭނާ ބިނާކުރި ފެހި ހިޔަލުގައި އެންމެފަހުން ހިނގާލަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

އަމިއްލަ ދަރިންނަށް 18 އަހަރު ފުރުނީމަ ހައްވާއްދީ އާމްދަނީ ހޯދީ އެހެން މީހުންގެ ދަރިން ބަލައިގެންނެވެ. އެހެން މީހުންގެ ކުދިން ގޮވައިގެން ސްކޫލަށް ދިއުމާއި ޓިއުޝަނަށް ދިއުމާއި އެ ކުދިން ބަލާ ގޮސް ގެއަށް ލުން ކަހަލަ ކަންކަމެވެ.

"އަޅުގަނޑު ބަނަސް ވެސް ފިހުނިން. ހެދިކާ ހެދިން. ގަދައަށް ދަނޑުވެރިކަން ކުރިން. ކަށިވެލި ހަދައިގެން މީހުންނަށް ވިއްކައި އުޅުނިން. އެކަމަކު ކުދިންތައް ބޮޑެތިވީމަ ދެން އެހެން މީހުންގެ ކުދިންތައް ގޮވައިގެން އުޅުނީ. ސްކޫލަށް އެ ކުދިންތައް ލާދީ ބަލާ ދިޔައީމަ ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔަކު އަޅުގަނޑަށް ދޭނެ 700ރ. އޭރު،" ހައްވާއްދީ ކިޔައިދިނެވެ.

މިގޮތަށް ގަނަތެޅެމުން ގޮސް އޭނާ ވަޒީފާ އަދާކުރަން ފެށީ ރަށުގައި ހިންގާ އިރުޝާދިއްޔާ ސްކޫލްގައި މަސައްކަތު މީހެއްގެ ގޮތުގަ އެވެ. އޭރު އެ ސްކޫލްގެ ދެ ބުރި އިމާރާތުގެ މަސައްކަތް ކުރިއަށް ދަނީ އެވެ. އެ ހިސާބުން ހައްވާއްދީ ފެށީ ސިމެންތީގެ މަސައްކަތެވެ. ރާނައި ސިމެންތިޖަހަން ދަސްކުރީ އެވެ.

"އަޅުގަނޑު ގޮސް މި ހުންނަނީ އެމީހުން މަސައްކަތްކުރާތަން ބަލަން. ދެން އެހެން އުޅެފައި އަޅުގަނޑަށް މި މަސައްކަތްކޮށްލެވޭނީ ކިހާ ވަރަކަށްތޯ ބަލާލަން ހިތަށް އެރީ މަސްކަނޑާ 'ގަލެއް' ގޭގެ ފަހަތުގައި އަޅަން. އެއީ ހަމަ އެކްސްޕެރިމަންޓްކޮށްލަން ވެގެން ކުރި ކަމެއް. އޭރު މަސް ގަނެގެން ގޮސް މަސް ކަނޑަނީ ވެސް އަމިއްލައަށް،" ހައްވާއްދީގެ ވާހަކައިން މަސް ކައްކަމުން ގޮސް ރިހާކުރު ވެސް ކައްކަން ފަށައިފި އެވެ.

"ދެން ސްކޫލް އަޅަން ތިބި އިންޑިއާ މީހުން މަސައްކަތްކުރާތަން ބަލައިގެން ދަސްކޮށްގެން އަޅުގަނޑު ފުރަތަމަ އެޅީ މަސްކަނޑާ ގަލެއް. ދެން މި ގައު ރާނައި ނިމުނީމަ ޔަގީންވެއްޖެ އަޅުގަނޑަށް ހަމަ ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން."

އެކަމަކުވެސް ހައްވާއްދީގެ އެންމެ ބޮޑު ހުވަފެނަކަށްވީ އަބަދުވެސް އޭނާގެ ދަރިންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމެވެ. އޭނާއަށް ނުލިބުނު އުފާވެރި އާއިލާ އާއި މަންމަގެ ލޯތްބާއި އަމިއްލަ ފިނި ހިޔަލެއްގެ އަރާމުކަން އަމިއްލަ އައުލާދުންނަށް ކަށަވަރުކޮށްދޭށެވެ.

އޭނާގެ އެ ހުވަފެން ރާނައި އުސްކުރަމުން ދަނިކޮށް 2017 ވަނަ އަހަރު ގޭގައި ކޮންމެވެސް މީހަކު ރޯކޮށްލީ އެވެ.

"އަޅުގަނޑު ތެޅިގަލުން މީހަކު ލައްވައި ރޭނި ގެއެއްގައި އޭރު އަޅުގަނޑު ދިރިއުޅެމުންދާތާ 37 އަހަރުވެއްޖެ. އެރޭ އަޅުގަނޑު އޮތީ ސޯފާގައި ނިދާފައި. އޮއްވައި މީހަކު ވަރަށް ބާރަށް ދޮރުގައި ތަޅައި ގޮވަން ފަށައިފި. ކާކުކަން އެނގުނީމަ އަޅުގަނޑަކަށް ނުކެރުނު ދޮރު ހުޅުވާކަށް. ދެން އެ މީހާ ދިޔައީ ހެއްދެވި ނެހެއްދެވިއަށް ގޮވައި އިންޒާރު ދީފައި އަޅުގަނޑަށް،" ހައްވާއްދީ ކިޔައިދިނެވެ.

"އަޅުގަނޑާ ދިމާލަށް ބުނެފި ތަ ހިންނަށީ ވިސްނަގެނައު. ތައް ރިވެތިން ހަދައިދޭށުމާއު. މި އިންޒާރަށް މަށް ދެރެފައި ގޭތާ ހަތަރު ވަނާއްވީރެއި ދަންވަރި ހަމަ އެ ގަޑިއެ މި ގޭ ރޯކޮށްލީ."

"ނަމަވެސް ގޭގައި ރޯކޮށްލި މީހަކު ދެނެވޮޑިގެންވަނީ ﷲ ތައާލާ. ދެން މި ހާލުގައި އަޅުގަނޑު ދިޔައީ ރަށު ކައުންސިލަށް. އެކަމަކު ހަމަ އެއްވެސް ބަދަލެއް، އެއްވެސް ރަސްމީ އެހީއެއް ލިބޭނެ ގޮތެއް އަޅުގަނޑަކަށް ނުވި. އެކަމަކު އަޅުގަނޑު އަޒުމު ކަނޑައެޅީ ދެ އަހަރާއި ބައި ވަންދެން އަޅުގަނޑު ދުނިޔޭގައި ހުރެއްޖެ ނަމަ އަމިއްލަ މި ދެ އަތުން ގެއެއް އަޅައި ނިންމަން."

ހައްވާއްދީގެ އަތް ފޮޓޯއަކަށް ދައްކާލަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
އޭނާގެ މި ދެ އަތުގައި ރޫޖެހި މުސްކުޅިވިޔަސް އަދިވެސް މިއީ ވަރަށް ހިތްވަރު ހުރި ދެ އަތް. (ދައުރު ފޮޓޯ/އަލީ ނާސިރު)
ހައްވާއްދީގެ ހަން ވަރަށް ބޯ. (ދައުރު ފޮޓޯ/އަލީ ނާސިރު)

މި ހިސާބަށް ކިޔައިދިނުމަށް ފަހު ހައްވާއްދީ އޭނާގެ ދެ އަތް ދައްކާލި އެވެ. އެ ދެ އަތުން ބުރަ މަސައްކަތްކޮށް ހަންފޮޅިފައިވިޔަސް އޭނާގެ ހަން ވަރަށް ވެސް ބޮލެވެ. އަދި އުމުރުން 70 އަހަރުގައި ވެސް އޭނާގެ ދެ އަތުގައި ވަނީ އަދިވެސް އާދަޔާހިލާފު ބާރެކެވެ.

"ގެ އަންދާލީމަ އަޅުގަނޑު ދިރިއުޅުނީ މަގުމަތީގައި އަޅުގަނޑުގެ ސައިކަލުގައި. ދެން މި ގޭގެ ފާރުބުރިއެއްގައި ޓިނުގަނޑެއް ލައްޕައިގެން އެތަނުގައި. އެތަނުގައި އަޅުގަނޑު އުޅުނިން އެއް މަހާއި 13 ދުވަސް ވަންދެން. ދެން އަޅުގަނޑު ފެށީ މި ގޭގެ މަސައްކަތް،" ހައްވާއްދީ ބުނެލި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ބޭންކަށް. ގޮސް 15،000ރ. ނަގައިގެން އެސްޓީއޯއަށް ގޮސް ސިމެންތި 20 ބަސްތާ ގަތީ. ދެން ހެއްދީ ހަ އިންޗީގެ ގައު އަޅާ ތައްގަނޑެއް. ދެން ހިތަދޫއަށް ގޮސް ގަތީ ވެލި. ދުވާލަކު ތިން ބަސްތާ ސިމެންތި ގަށައިގެން އެއް މަސް ދުވަހުން އަޅުގަނޑު އެކަނި ގާ އެޅީ.

ބަރާބަރު ދެ އަހަރާއި އެއް މަހުން ގެ އަޅައި ނިންމައިފިން."

ހައްވާއްދީ އަމިއްލައަށް ރާނައި ސިމެންތި ޖަހައި މުށިޖަހައި ފެނާއި ކަރަންޓު ވަޔަރުކޮށްފައިވާ ބަދިގޭގައި ކައްކަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
ހައްވާއްދީގެ ދެ އަތުން ރާނައި ހިޔައުކޮށް މުށިޖަހައި ސީލިންގު އަޅަން ތައްޔާރުކޮށްފައިވާ ގޭގެ ސިޓިންރޫމުގައި އިނދެ އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ މި ދިދަދަނޑި ހަރުކޮށްފައިވާ ގަލަކީ ވެސް ހައްވާއްދީގެ ސިމެންތި މަސައްކަތް. (ދައުރު ފޮޓޯ/އަލީ ނާސިރު)

އިންޓަވިއު މި ހިސާބަށް ގޮސް ހުއްޓިއްޖެ އެވެ. ހައްވާއްދީއާ އިތުރަށް ކުރާނެ ސުވާލެއް ވެސް ބޮލަކަށް ދެން ނަ އެވެ. އެ ހިސާބުން އޭނާގެ މި އަބްހަރީ މަންޒިލުގެ ޓުއާއެއް އޭނާ ފަށައިގަތެވެ. މުށިޖަހައި ސީލިންކޮށް ނިމެމުންދާ ސިޓިންރޫމުގައި ތިބެފައި ގޮސް އަހަރެމެން ވަނީ އޭނާގެ ބަދިގެއަށެވެ. މިއީ މި ގޭގައި އޭނާ އެންމެ ފަހުން ރާނައި ސިމެންތި ޖަހައި ކަރަންޓާއި ފެންވަޔަރުކޮށް ނިންމާފައިވާ ބަ އެވެ.

މި ގެ އަދިވެސް އެއްކޮށް ނުނިމެ އެވެ. މި އިންޓަވިއު މި ހިސާބުން ނިމުނަސް ހައްވާއްދީގެ ވާހަކަ ވެސް އަދި ނުނިމެ އެވެ. ސަބަބަކީ ދިރިއުޅުމުގެ މި ދަތުރު އޭނާ ދުވަހަކުވެސް ރޭހަކަށް ނަހަދާތީ އެވެ. ދިރިއުޅުމަކީ ހައްވާއްދީއަށް އަބަދުވެސް ތަޖުރިބާއެކެވެ. ފިލާވަޅެކެވެ.

"އެ ތަޖުރިބާ އިން ހިތްވަރު ހޯދައިގެން އަދިވެސް މިއަދު ވެސް އަޅުގަނޑު މަސައްކަތްކުރަމުން މި ދަނީ އަމިއްލަ ދެފައި މައްޗަށް ތެދުވެ އަމިއްލަ ހާލާއިގެން އަމިއްލައަށް ދިރިއުޅުމުގެ މި ދަތުރުގައި ކުރިއަށްދާން. އެއްވެސް ބަޔަކަށް އަޅުގަނޑުގެ ފަރާތުން އުނދަގުލެއް ތުރާލެއް ބުރައެއް ނުޖައްސައި ކުރިއަށް ދާން،" ހައްވާއްދީ ބުނެލި އެވެ.

"އަޅުގަނޑު އަދިވެސް މި އުޅެނީ އެންމެ އުފަލަކު ނޫން. 13 ކުދިން ލިބި ނުވަ ކުދިން ބޮޑުކޮށް އަށް ކުދިން ދުނިޔޭގައި ތިބިއިރު މި ކުދިންގެ ތެރޭގައި އެބަހުރި މަގުއޮޅިފައި ހުރި އެއް ކުއްޖަކު. އެ ކުއްޖާގެ ހާލަތާ ހެދި ވަރަށް ހިތަށް ތަދުވޭ. ވަރަށް ހިތްދަތި. އެހެން ނޫން ނަމަ އަޅުގަނޑު މިއަދު ވަރަށް އުފާވާނެ.

އަޅުގަނޑުގެ އެހެން ހުރިހާ ކުދިންނަކީ ޖަވާހިރުންނޭ ބުންޏަސް ދޮގަކަށް ނުވާނެ."

އެއީ ހަމަ ތެދެކެވެ. ހައްވާއްދީގެ ޅަފުރައިގައި ބަލަން ފެށި ހުވަފެން އޭނާގެ ދިރިއުޅުން ގާނައިގެން ހަގީގަތަކަށް ހެދީ އެވެ.

"އަޅުގަނޑު ދެން އެންމެ އެދެނީ މައްކާގެ ބިމުގައި ފައި ޖެހޭނެ ދުވަހަކަށް،" ހައްވާއްދީ ބުނެލި އެވެ.

ކޮމެންޓް (8)

ިނިކަ

19 މާރިޗު 2024
ސްކޫލަށް އެ ކުދިންތައް ލާދީ ބަލާ ދިޔައީމަ ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔަކު އަޅުގަނޑަށް ދޭނެ 700ރ. އޭރު، އަހަންނަށް ހާދަ ގަބޫލުކުރަން ދައްޗާ ތި ވާހަކަ. 700 ރުފިޔާއަކީ ކުރިން ވަރަށް ބޮޑު އެއްޗެއް. ތިވަރަށް ލާރި ލިބޭ މީހުން އޭރު ނޫޅޭނެ މަދުން ނޫނީ
3 8

ޙަޤީޤަތް އެނގޭ ފަރާތެއް

19 މާރިޗު 2024
މާތް الله ގެ ވަޖުހަފުޅަށްޓަކައި ދަންނަވަން، މައިންބަފައިންނާއި މެދު ދައްކާފައިވާ ހުރިހައި ވާހަކަ އަކީ ރޯބުހުތާން ދޮގު. މަރަދޫގެ ދުވަސްވީ ނުވަތަ މެދުއުމުރުގެ މީހުންނާއި ސުވާލުކޮށްލުމުން އެނގޭނެ ކައްދައްތަ (ހައްވާދިޔެގެ މަންމަ) އާއި ރެއްކާބެއްޔާ (ހައްވާދިޔެގެ ބައްޕަ) އަކީ ކިހައި ރަނަގަޅަށް ދަރިން ބޮޑުކުރި ކިހައި އަބުރުވެރި ދިރިއުޅުމެއް އުޅުނު ކިހައި އަޚްލާޤް ރަނަގަޅު ބައެއްކަން. މީގެ 60/70 އަހަރު ކުރީގެ އާދަކާދަ ބާލިޣުވުމުން 12/13 އަހަރުގައި މީހުންނާއި އިނުން. އެއީ އެއްވެސް ޙާލެއްގައި ކުދިން ވިއްކާލުމެއްނޫން. ހައްވާދިޔެއާއި އެއްބަނޑު އެއްބަފާ އެހެން އަންހެނުންވެސް ހަމަ އެޙާލަތުގައި ކައިވެނި ކުރި. މުޅިރަށަށް މަޝްހޫރުވާނެ އެމައިންބަފައިންގެ ހިތްހެޔޮކަމާއި ރަނގަޅުކަން. އަމިއްލަ ދިރިއުޅުމާއި ކުދިން ބޮޑުކުރުމާއިމެދު ދައްކާފައި އެވާ ވާހަކަތަކުގައި ހުރި އުނިއިތުރުގެ ވާހަކަ ދައްކާކަށް ނެތިން. އެހެނަސް މައިންބަފައިންނާއިމެދު ދައްކާފައިވާ ވާހަކަތަކަކީ ހުސް ދޮގު. އެއްބަނޑު މީހުންވެސް ވެފައިހުރި އެހީތެރިކަމާއި ހައްވާދިޔެއާއި ދަރީންނަށް މިހާރުވެސް ވަމުންދާ އެހީތެރިކަމަށް الله ހެކިވެވޮޑިގެންވޭ
11 1

ޙައު

19 މާރިޗު 2024
ޙިޔައު ކުރީ ދޯ
1 0

މަރަދުލާ

18 މާރިޗު 2024
ނަދީމުގެ ތެހިށި ހުށަހަޅައިދިނުމަކަށް ސާބާސް. ފުރާނާއް ނެތް ސައިކަލާސް ހިންނެއި މަލާމާތުގެ ހިނިތުމަކި. ދޮރޮކަނިޔެ ވިދުވީ އަތަށްނުން. ހިނިތުމަށް. މިކަހަލެއި މިޅިން ތަފާތު އިސްޓައިލަކަށް ތެލޭނެއި.
8 0

ރަދީފް

18 މާރިޗު 2024
ސާބަހޭ ހައްވާދީ.
7 0

ހައްވާދީ

18 މާރިޗު 2024
ގެ ރޯކޮށްލުމުގެ ކުރިން އިންޒާރު ދިނީ ކާކު ކީއްވެކަން ނަދީމު ލިޔުނުނަމަ
13 2

އެޔޯ

18 މާރިޗު 2024
@ހައްވާދީ ޢެ ކީއްވެ؟ ޢޭނަދެކެ ރުޅި އަޔަސް، އޭނާގެ ފަރާތުން ކުށެއް ވިޔަސް، އެހެން މައްސަލައެއް ޖެހުނަސް، އިންސާނެއްގެ ގެ ރޯކޮށްލާކަށް ނުޖެހޭނެ. ޢޭގެ ސަބަބު މުހިއްމެއް ނޫން.
11 1

ކަނބާ

22 މާރިޗު 2024
@ހައްވާދީ އެއީ ކީއްވެތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް