މުހައްމަދު ލަތީފު އޭނާގެ ހައިޑްރޯޕޯނިކްސް ދަނޑުގައި މަސައްކަތުގައި: އޭނާގެ ރަސްމީ ވަޒީފާއަކީ ރަށުގެ ބޮޑު މިސްކިތުގެ އިމާމުކަން ކުރުން.

ދަނޑުވެރިކަން

މި އިމާމުގެ ހަޔާތުގައި ވަރަށް ގަދަ ފެހިކަމަކާއި ތިޔާގިކަމެއް

ނ. ވެލިދޫ ބޮޑު މިސްކިތުގެ އިމާމު މުހައްމަދު ލަތީފުގެ ހަޔާތުގެ އެއް ބަޔަކީ ފެނުގައި ގަސް އިންދައިގެން އޭނާ ކުރާ ދަނޑުވެރިކަން؛ އެކަމުން އޭނާ އަންނަނީ ރަނގަޅު ފައިދާއެއް ނެރެމުން

ނ. ވެލިދޫ ބޮޑު މިސްކިތުގެ އިމާމު މުހައްމަދު ލަތީފު، 35، ފޭސްބުކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލަނީ ފެހިކަން ގަދަ ފޮޓޯތަކެވެ. ކޯނިކޯންޏަށް ހެދިފައި ހުންނަ ލެޓިއުސް ގަސްތަކެވެ. އުހަށް ހެދިފައި އޮންނަ ވެޔޮތަކުގައި އަޅައި ކާން އެންމެ ފައްކާވެފައިވާ ތާޒާ ކިޔުކަމްބާ އެވެ. އެ ފޮޓޯތައް ލަމުން އޭނާ ލިޔެފައި އޮވެ އެވެ. މިއީ ގޫލޭ ފާމުން ލިބެން ހުރި ތާޒާ ބާވަތްތަކެވެ. 

މިއީ ފަސް ވަގުތު މިސްކިތުގައި ބަންގިގޮވައި ޖަމާއަތުގައި އިސްވެ ނަމާދުކޮށް ރަށުގެ އެންމެ ބޮޑު މިސްކިތް ބެލެހެއްޓުމުގެ މަސައްކަތަށް ފަހު ދެން މުހައްމަދު ލަތީފު އެނބުރިގަންނަ ދަނޑުވެރިކަމުގެ ފެހިކަމެވެ. 'ގޫލޭ ފާމު'ގެ ނަމުގައި މުހައްމަދު ލަތީފް ހައްދަމުން އަންނަ ދަނޑުގެ ފެހިކަމާއި ފަހިކަމުން އޭނާގެ ހަޔާތަށް ވަނީ ތިޔާގިކަން ގެނެސްދީފަ އެވެ. 

"މިއީ ކުރަން ކެރިއްޖެއްޔާ ރަނގަޅު އެއްޗެއް ލިބޭ ނަފާ ބޮޑު ކަމެއް. މިކަމުން ލިބޭ އެއްޗަކަށް ވުރެ ބޮޑަށް އަހަންނަށް ބޮޑީ ހިތްހަމަޖެހުން،" މީގެ 13 އަހަރު ކުރިން ރަށުގެ މިސްކިތު މުދިމެއްގެ ވަޒީފާ އަދާކުރަން ފެށި މުހައްމަދު ލަތީފު ދަނޑުވެރިކަން ކުރަން ފެށީ ކީއްވެތޯ ސުވާލުކުރުމުން ވާހަކަ ފެށި އެވެ. 

"އަމިއްލައަށް ކާ އެތިކޮޅު އަމިއްލަ އަތުން ހައްދާލައިގެން ކާލީމާ އެ ލިބޭ އުފާ، ހިތްހަމަޖެހުން އެއީ މިކަމަށް އަސްލު ހިތްޖެހުނު ހިސާބަކީ. އެ ލިބޭ ހިތްހަމަޖެހުމަކީ ވަރަށް އެހެން ކަހަލަ ހިތްހަމަޖެހުމެއް." 

މުހައްމަދު ލަތީފުގެ ދަނޑުގައި އޭނާ ހައްދާފައިވާ ލެޓިއުސް ގަސްތަކެއް: މި މަސައްކަތުން ރަށަށް ބޭނުންވާ ވަރަށް އޭނާ ލެޓިއުސް ހައްދައި ފިހާރަތަކަށް ވިއްކަން ލާ
މުހައްމަދު ލަތީފު އޭނާގެ ދަނޑުގައި

މުހައްމަދު ލަތީފުގެ މި ދަނޑުވެރިކަމުގެ ފެހިކަން ގަދަ ނަމަވެސް އޭނާގެ މި މަސައްކަތް އޮތީ ވެއްޔާއި ފަހާ މުޅިން ދުރުގަ އެވެ. އޭނާ ހާއްސަވެފައި ވަނީ ފެނުގައި ގަސް ހެއްދުން ނުވަތަ ހައިޑްރޯޕޯނިކްސް ދަނޑުވެރިކަމަށެވެ.

މުހައްމަދު ލަތީފު ބުނި ގޮތުގައި އޭނާ ފުރަތަމަ ދަނޑުވެރިކަން ކުރީ ހަމަ އެންމެ އާދައިގެ ގޮތަށް ބިންގަނޑުގައި ގަސް ޖަހައިގެންނެވެ. ނަމަވެސް ކޮވިޑުގެ ތެރޭގައި ކުރިމަތިވި ފުރަބަންދާ އެކު އޭނާ ދަނޑުވެރިކަމުގެ ޒަމާނީ ގޮތްތައް ޔޫޓިއުބް ބަލައި ދަސްކުރި އެވެ. 

"ބަށި ގަހެއް ފުރަތަމަ ފެނަށް ލީ. އެ ގަސްތައް ރަނގަޅަށް ހެދުނީމާ ދެން އެނގުނީ މިއީ ވާނެ ކަމެއްކަން. އެ ހިސާބުން ވިސްނުނީ މިއީ މާ ރަނގަޅު ގޮތެކޭ ހުރިހާ ގޮތަކުން ބެލިޔަސް،" މުހައްމަދު ލަތީފު ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ފެނުގައި ގަސް އިންދުމަށް އެއްކޮށް ބަދަލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ ވިހަ ކެމިކަލްތަކާ ނުލާ ދަނޑުވެރިކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަކަށް ވާތީ އެވެ. މުހައްމަދު ލަތީފު ބުނީ އޭނާގެ މަސައްކަތުން މީހުންގެ ސިއްހަތު ނުރަކަލަށް ހުށަހަޅަން ބޭނުންނުވާ ކަމަށެވެ.

"ކޮންމެ މީހަކު ވެސް ބޭނުންވާނީ ބޭސް ނުޖަހާ، ވިހަ ކެމިކަލް ނުހުންނަ ތަކެތި ދަރިންނަށް ވެސް އާއިލާ މީހުންނަށް ވެސް ކާންދޭން. އާދައިގެ ދަނޑުވެރިކަމުގައި ގަހަށް ބަލިޖެހުނީމާ ވަރަށް ބޮޑަށް ބޭސް ޖަހަން ޖެހޭ. އެއީ ވަރަށް ވިހަ ކެމިކަލް. އެކަހަލަ އެއްވެސް އެއްޗެއް ނުޖަހާ ފެނުގައި ހައްދާއިރު ރައްކާތެރިކަން ކަށަވަރުކޮށްގެން މިކަން އެބަ ކުރެވޭ،" އޭނާ ބުންޏެވެ. 

މުހައްމަދު ލަތީފު ދަނޑުވެރިކަމުގެ މަސައްކަތުން ހައްދާ ލެޓިއުސް ފިހާރަތަކަށް ވިއްކަން ފޮނުވަން ތައްޔާރުކޮށްފައި
މުހައްމަދު ލަތީފު އޭނާގެ ދަނޑުގައި ހެއްދި ކިޔުކަމްބާ

'ގޫލޭ ފާމް'ގެ މަސައްކަތްތައް އޭނާ ރަސްމީކޮށް ފަށައިގަތީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މީހެއްގެ ފަޅު ގޯއްޗެއް ކުއްޔަށް ނަގައިގެން 100،000ރ. ހަރަދުކޮށް އޭނާ ގްރީން ހައުސްއެއް ތައްޔާރުކުރީ އެވެ. އެ ދަނޑުން ނެރޭ މައިގަނޑު ބާވަތްތަކަކީ ލެޓިއުސް އާއި ކިޔުކަމްބާ އެވެ. ނަމަވެސް އެހެން ބާވަތްތައް ހައްދަން ވެސް އޭނާ އަންނަނީ އަޖުމަ ބަލަމުންނެވެ. މުހައްމަދު ލަތީފު ހައްދާ ބާވަތްތައް އޭނާ އާންމު ގޮތެއްގައި ރަށުގެ ފިހާރަތަކަށް ލައިގެން ވިއްކަނީ އެވެ. އަދި އިތުރުވާ ބައި އޭނާ އަތޮޅުގެ އެކި ރަށްރަށަށް ފޮނުވައިގެން ވެސް ވިއްކަ އެވެ. 

އަމިއްލައަށް ކާ އެތިކޮޅު އަމިއްލަ އަތުން ހައްދާލައިގެން ކާލީމާ އެ ލިބޭ އުފާ، ހިތްހަމަޖެހުން އެއީ މިކަމަށް އަސްލު ހިތްޖެހުނު ހިސާބަކީ. އެ ލިބޭ ހިތްހަމަޖެހުމަކީ ވަރަށް އެހެން ކަހަލަ ހިތްހަމަޖެހުމެއް. 

މުހައްމަދު ލަތީފް

"ލެޓިއުސް 25 ދުވަހުން އެބަ ހެދޭ. ކިޔުކަމްބާ ވެސް މަހެއް ތެރޭ ކެނޑޭ ވަރުވޭ. ގާތްގަނޑަކަށް 50 ކިލޯ ނެރެވޭނެ ލެޓިއުސް ވެސް. މި ވަރުން ހަމަ ރަށުގެ ޑިމާންޑަށް ކޭޓާކޮށްލެވޭ. މާލެއަށް، އެހެން ދިމާލަކަށް ފޮނުވަން ވަރަށް ދަތިތައް ހުރޭ،" މުހައްމަދު ލަތީފު ބުންޏެވެ. 

އެ މަސައްކަތް އޭނާ މިހާރު ކުރަނީ ހައިޑްރޯޕޯނިކްސް ދަނޑުވެރިކަމާ ގުޅޭ ކުރު ކޯހެއް ފުރިހަމަކޮށް އެކަމުގެ މައުލޫމާތާއި ތަމްރީން ވެސް ލިބި ހުރެގެންނެވެ. އަދި ރަހުމަތްތެރިންގެ ފަރާތުން އޭނާ އަންނަނީ އެހީ ހޯދައި މަސައްކަތް ފުޅާކުރާނޭ ގޮތްތައް ވެސް ދަސްކުރަމުންނެވެ. 

އޭނާ މިހާރު ވަނީ ދަނޑުވެރިކަން އިތުރަށް ފުޅާކުރަން ފަށައިފަ އެވެ. ދަނޑުވެރިކަމަށް ކައުންސިލުން ދޫކުރި 6،200 އަކަ ފޫޓުގެ ބިމެއް ރަށުން ނަގައި އެތަނުގައި އަންނަނީ ބޮޑު ގްރީންހައުސްއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު އޭނާގެ ހަޔާތުގެ އެއް ބަޔަކަށް ވެފައި އޮތީ އެ މަސައްކަތެވެ. 

"މިސްކިތު މުދިމުކަންކޮށްފައި ދެން އަބިންނާއި ދަރިންނަށް ވެސް ވަގުތު ދީފައި އޮންނަ ހުސް ވަގުތުގައި ކުރާ ކަމަކަށް މިކަން މިހާރު ވެފައި މި އޮތީ. ހުސް ވަގުތުގެ ހުރިހާ ވަގުތެއް މި މަސައްކަތަށް މި ދެވެނީ. ކުރާ ހިތުން ހިތްހަމަޖެހިގެން ކޮށްލެވޭ ކަމެއް މިއީ،" މުހައްމަދު ލަތީފު ބުންޏެވެ. 

މުހައްމަދު ލަތީފު ދަނޑުވެރިކަމަށް މިފަހުން ކުއްޔަށް ނެގި ބިމުގައި މިހާރު ތައްޔާރުކުރަމުން އަންނަ އާ ގްރީންހައުސް
މުހައްމަދު ލަތީފު ދަނޑުވެރިކަމަށް މިފަހުން ކުއްޔަށް ނެގި ބިމުގައި މިހާރު ތައްޔާރުކުރަމުން އަންނަ އާ ގްރީންހައުސް

މުހައްމަދު ލަތީފު ބުނި ގޮތުގައި އަމާޒަކީ އެ މަސައްކަތައިގެން ކުރިއަށް ދިޔުމެވެ. އޭނާ ބޭނުން ވަނީ އޭނާގެ ދަނޑުވެރިކަމުގެ ފެހިކަން އަދިވެސް އިތުރަށް ގަދަ ކުރާށެވެ. 

މުހައްމަދު ލަތީފުގެ ރަސްމީ ވަޒީފާއަކީ ރަށުގެ ބޮޑު މިސްކިތުގެ އިމާމުކަން

"ދަނޑުވެރިކަން މިއީ ހަމަ ޒުވާނުން ކޮށްލަން ރަނގަޅު ކަމެއް. އަމިއްލަ ހަލާލު މަސައްކަތެއް ކޮށްގެން ރަނގަޅު އެއްޗެއް ލިބެން އޮތް ކަމެއް. ބައެއްގެ ދަށު ނުވެ ނުދަރާ މިހެން މަސައްކަތްކޮށްގެން އެބަހުރި އާމްދަނީ ހޯދެން ޒުވާނުންނަށް. އަމިއްލައަށް އެކަމަކައިގެން އުޅެންވީ،" ދަނޑުވެރިކަން ފަށަން ބޭނުންވާ ޒުވާނުންނަށް އޭނާ ބުންޏެވެ. 

"ގައިގައި ހުރި ހުނަރެއް ބޭނުން ކުރަންވީ. އޭރުން ހަމަ ހަލާލު ގޮތުގައި އާމްދަނީ ހޯދައިގެން ރީއްޗަށް އުޅެލެވޭނެ." 

ކޮމެންޓް (1)

ސާބަސް މުދިމޫ

17 މާރިޗު 2024
މުދިމަކީން، އެކަމަކު ތިޔަފަދަ ކަމެއް ކުރަން ނޭނގޭ ކަމަށް ހެދިގެން ނުކުރެވިފައި. ނަމަ ވެސް މުދިމުންނަށް އިމާމު ކަން ކުރަމުން ކުރެވޭނެ ތިޔަކަހަލަ އެތަށް އެތަށް ޙަލާލު މަސައްކަތެއް ހުންނާނެކަން ޔަޤީން.
14 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް