ޑްރޯން ފޮޓޯގްރާފަރު އިބްރާހިމް ރިޒާމް: ކުރާ މަސައްކަތުން ބޮޑު ހިތްހަމަޖެހުމެއް އޭނާ ހޯދާ

ލިވިން

ރިޒާމްގެ މަސައްކަތަށް 1.5 މިލިއަން ވިއުސް، ލިބޭ ހިތްހަމަޖެހުމަށް ވެސް މިލިއަނެއް

ކ. މާފުށީގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިބްރާހިމް ރިޒާމްގެ މަސައްކަތަށް ފަތުރުވެރިންގެ ފަރާތުން ލިބެނީ ބޮޑު ތައުރީފެއް
30 ނޮވެމްބަރު 2023

ކަރުގައި ޓައިއެއް އަޅައިގެން ފިނި ކުރި ކޮޓަރިއެއްގައި ދުވާލުގެ ބޮޑު ބައި ހޭދަ ކުރުމަކީ މި ޒުވާނާ އެދޭ ގޮތެއް ނޫނެވެ. އޭނާގެ ސްޓައިލެއް ވެސް ނޫނެވެ.

ބަދަލުގައި އޭނާގެ މަސައްކަތް ގެންދަނީ ބިއްލޫރި ސާފު މޫދާއި ހުދުހުދު މަޑު ދޮންވެލިގަނޑުގެ މައްޗަށެވެ. ޑްރޯނެއް އުދުއްސައިގެން އޭނާ ނަގަނީ ހިތްގައިމު ރީތި މަންޒަރުތަކެވެ. ކެމެރާ ދިއްކޮށްލަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުުރުވެރިން އެމީހުންގެ ހުވަފެނީ މަންޒިލަށް އައިސް ޗުއްޓީ ހޭދާ ކުރާ އިރު ހަނދާނުން ފޮހެލަން ބޭނުންނުވާ މަންޒަރުތަކާއި ހަަރަކާތްތައް ފޮޓޯ ނަގައި ހަނދާނުގައި ރައްކާކޮށްދޭށެވެ.

މި ކިޔައިދޭން އުޅެނީ ހދ. މަކުނުދޫއަށް އުފަން، އެކަމަކު ކ. މާފުށީގަައި ދިރިއުޅޭ އިބްރާހިމް ރިޒާމްގެ ފޮޓޯގްރަފީ ކެރިއަރުގެ ވާހަކަ އެވެ. 

ހދ. މަކުނުދޫއަށް އުފަން މި ޒުވާނާގެ މަސައްކަތު މާހައުލަކީ ލޯކަލް ޓުއަރިޒަމް ފައްކާވެފައިވާ ކ. މާފުށި

އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމް އާއިި ޓިކްޓޮކްގައި ޝާއިއުކުރާ ރިޒާމް، 28، ފޮޓޯގްރަފީ ދާއިރާއަށް ހިތްކީ އޭނާ ސްކޫލްގައި އުޅުނު އިރު ދިވެހި އެހެން ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންގެ މަސައްކަތް ފެނިގެންނެވެ. އަދި އޭނާ 2010 ވަނަ އަހަރު ގްރޭޑް 9 ގައި އުޅުނު އިރު އަލަށް ކެމެރާއެއް ގަތެވެ. ސޮނީ ސައިބާޝޮޓް އެކެވެ.

ރިމާޒް ފޮޓޯގްރަފީ ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ. އަދި 2019 ވަނަ އަހަރު އޭނާ ފުރަތަމަ ފަހަރަށް ސެކަންޑް ހޭންޑް ޑްރޯނެއް ގަނެ ޑްރޯން ފޮޓޯގްރަފީ ފަރިތަކުރި އެވެ.

"އަހަރެންގެ ހުވަފެނެއް އެއީ ކެމެރާއެއް ހިފައިގެން މަސައްކަތް ކުރުން،" ރިޒާމް ބުންޏެވެ.

ރިޒާމް ނަގާފައިވާ މި ޑްރޯން ފޮޓޯގައި ފަތުރުވެރިންތަކެއް މަޑިތަކެއް ކައިރީ މޫދުގައި (ފޮޓޯ/އިބްރާހިމް ރިޒާމް)
 ރާއްޖޭގެ ހިތްގައިމު މޫދުގައި މަޑިއެއް (ފޮޓޯ/އިބްރާހިމް ރިޒާމް)

 ރިޒާމްއަށް މާފުށީގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އެ ރަށުގެ މީހުން ކަމުދެ އެވެ. އަމިއްލައަށް ޖެޓް ސްކީއެއްގައި ކައިރި ފިނޮޅަކަށް ގޮސް އެކީގައި ގެންދާ ފަތުރުވެރިންގެ ޑްރޯން ފޮޓޯ ނެގުމަކީ ރިޒާމްގެ އެއް މަސައްކަތެވެ.

ފޮޓޯގްރާފަރު އިބްރާހިމް ރިޒާމް ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އިބްރާހިމް ރިޒާމް)

ފަތުރުވެރިން މޫދު ކުޅިވަރުތަކުގައި އުޅޭ މަންޒަރުތައް ނަގާއިރު އާއްމުކޮށް ނަގާލާ ފޮޓޯއަކަށް ވުރެ ބޮޑަށް އޭނާ ހުޝިޔާރުވާންޖެހެ އެވެ. އެމީހުންގެ މޫނުމަތިން ފެންނަ ޝުއޫރާއި ވަށައިގެންވާ މާހައުލުގެ ހިތްގައިމުކަން ނަގައިގަނެ އަދި ފޮޓޯގަނޑު ބަލާލުމުން ފަހުން އެ އިސްސާސްތައް ހަނދާންކޮށްދޭހާ ފޮޓޯ ފުރިހަމަވާން ޖެހޭނެ ކަމަށް ރިޒާމް ދެކެ އެވެ.

"ޖެޓް ސްކީ، ޖެޓް ޓިއުބް ކުރުން ކަހަލަ ކަންކަން ފޮޓޯ ނަގަން ޗެލެންޖިން،" ރިޒާމް ބުންޏެވެ.

މޫދު ކުޅިވަރުގައި ފަތުރުވެރިން ހަރަކާތްތެރިވާ ތަން ފެންނަ ފޮޓޯތައް ނަގާ އިރު ވަރަށް ބޮޑަށް ހުޝިޔާރުވާން ޖެހޭ ކަމަށް ރިޒާމް ބުނޭ (ފޮޓޯ/އިބްރާހިމް ރިޒާމް)
ފަތުރުވެރިޔަކު ޕެޑަލް ބޯޑު ކުރަނީ (ފޮޓޯ/ އިބްރާހިމް ރިޒާމް)
ފަތުރުވެރިޔަކު ޕެޑަލް ބޯޑެއްގައި އިށީނދެ ހަމަޖެހިލައިގެން (ފޮޓޯ/އިބްރާހިމް ރިޒާމް)

ރިޒާމް ކިޔައިދިން ގޮތުގައި އޭނާގެ ކޮންމެ ދުވަހެއް ވެސް އަދި ކޮންމެ ޝޫޓެއް ވެސް ތަފާތެވެ. އޭނާގެ އެންމެ އިސް ވާޖިބަކަށް ހަދަނީ އެ ފަތުރުވެރިޔަކު ހިތްހަމަޖެހޭ ގޮތަކަށް ފޮޓޯ އާއި ވީޑިއޯ ނަގައިދިނުމެވެ. ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމެވެ.

ރިޒާމްގެ އެއް ވީޑިއޯކޮޅު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ 1.5 މިލިއަން ވިއުސް ހޯދި އެވެ. އެއީ ޖެޓް ސްކީއެއް ދުއްވަން ނުކުމެ އުޅުނު ފަތުރުވެރިޔަކު ކޯމަސް އައިނެއް ފެނިގެން، ވަގުތުން އެއާ އެކު ފެތުމަށް މޫދަށް ފުންމާލާ ތަން ފެންނަ ވީޑިއޯކޮޅެކެވެ.

ރިޒާމް ހުންނަނީ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. އޭނާ ބުނިގޮތުގައި ފަތުރުވެރިން ވެސް އޭނާގެ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރެ އެވެ.

"އެމީހުން [ފަތުރުވެރިން] ބުނަނީ ސްމޫތު އެންޑް ނީޓްއޭ މަސައްކަތް،" ރިޒާމް އޭނާގެ މަސައްކަތާ މެދު ފަހުރުވެރިވެ ހުރެ ބުންޏެވެ. 

ރިޒާމް ނަގާފައިވާ ދެމަފިރިއެއްގެ ފޮޓޯއެއް (ފޮޓޯ/ އިބްރާހިމް ރިޒާމް)

އެކަމަކު ރިޒާމް ފޮޓޯ ނަގައިދެނީ ހަމައެކަނި ފަތުރުވެރިންނަކަށް ނޫނެވެ. މާފުއްޓަށް ހަފްތާބަންދުގައި ދާ ދިވެހިންނަށް ވެސް އޭނާ ފޮޓޯ ނަގައިދެ އެވެ. ވަކި ތަފާތު ކުރުމެއް ނޯވެ އެވެ. 

ރިޒާމްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގުދުރަތީ މާހައުލެއްގައި މޫދާ ކައިރީގައި މަސައްކަތް ކުރެވުން (ފޮޓޯ/އިބްރާހިމް ރިޒާމް)
ރިޒާމް ޑްރޯން ފޮޓޯގްރަފީ ދަސްކުރީ ގަތް ސެކަންޑް ހޭންޑް ކެމެރާ އަކުން (ފޮޓޯ/އިބްރާހިމް ރިޒާމް)

މާފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ޖެޓް ސްކީއެއްގައި ރައްޓެހި ގުރޫޕަކާ އެކު އަހަރެން ދިޔައިމެވެ. ފިނޮޅަކުން އެ ފެންނަ ގުދުރަތީ ރީތިކަމާ މެދު އާޝޯހު ވަނީ ހަމައެކަނި ފަތުރުވެރިންނެއް ނޫނެވެ. ދިވެހިންނަށް ވެސް ކުރެވެނީ ތަފާތު އިހުސާސެކެވެ.

މާސިންގާ ކަނޑުގެ މެދުގައި ކުޑަ ޖަޒީރާ ގައުމެއްގައި ހަތަރުކޮޅުން ރާޅުޖަހާ ފިނޮޅެއްގައި ހުއްޓިލައިގެން ހުންނަ އިރު ނޭވާލާން ލިބޭ ތާޒާ ވައި ތަފާތެވެ. މުޅި ދުނިޔެއާ އަޅާބަލާއިރު އަހަރެމެންނާއި އަހަރެމެންގެ މައްސަލަތައް ކުޑަކަމުގެ އިހުސާސް ކުރެވެ އެވެ. އަހަރެމެންގެ ނާޒުކު ހާލަތު ވެސް އިހުސާސް ކުރެވެ އެވެ. 

އެ މާހައުލުގައި ރިޒާމް އޭނާގެ ޑްރޯން ދުއްވާތަން ފެނެ އެވެ. ފިނޮޅުން އައިސް ފޮޓޯތައް ބަލާލިއިރު އިހްސާސް ކުރެވުނީ ހާއްސަކަމެކެވެ. އޭނާގެ މަސައްކަތާ މެދު ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ.

ޝޫޓެއްގެ ކުރިން ރަނގަޅަށް ތައްޔާރުވުމަކީ ވެސް ރިޒާމްގެ މަސައްކަތުގެ ބައެކެވެ. ފިނޮޅަކަށް ދަންޏާ މޫސުން ތަންދޭތޯ ބަލާ، ގެސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ، އޭނާ ދެކޭ ގޮތުގައި، މުހިއްމު ޒިންމާތަކެކެވެ.

ރިޒާމް ބުނާގޮތުގައި އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ކެމެރާއެއް ހިފައިގެން މަސައްކަތަށް ނުކުތުން (ފޮޓޯ/އިބްރާހިމް ރިޒާމް)
ފަތުރުވެރިން އޭނާގެ ފޮޓޯތަކާ މެދު ހިތްހަމަޖެހޭކަމީ ރިޒާމްއަށް ލިބޭ އުފަލެއް (ފޮޓޯ/އިބްރާހިމް ރިޒާމް)

މަސައްކަތާ އެއްވަރަށް މަސައްކަތުގެ މާހައުލާ މެދު ވެސް ރިޒާމް ހުރީ ހިތްހަމަޖެހިގެންނެވެ.

"އަހަންނަކީ ބީޗުގައި ވަގުތު ހޭދަކުރާ ހިތްވާ އަދި އެކަމުން އުފާވާ މީހެއް. އަބަދުވެސް މޫދުގެ ލޮނު ވަސް ދުވާ ހިސާބުގައި ހުންނަން ބޭނުންވާ މީހެއް. އަހަރެން ފަހުރުވެރިވޭ ދިވެއްސަކަށް ވީތީ. ދިވެހިރާއްޖެއަށް އުފަންވީތީ. އަދި އަހަރެންގެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ރީތިަކަން، އަހަރެންނަށް ފެންނަ ގޮތަށް، ފޮލޮވަރުންނަށް ދައްކާލެވޭތީ،" ރިޒާމް އޭނާގެ އިހްސާސްތައް ކިޔައިދިނެވެ.

ރިޒާމް ނަގާފައިވާ ކޯމަހުގެ ފޮޓޯއެއް (ފޮޓޯ/އިބްރާހިމް ރިޒާމް)
ރިޒާމް އަބަދުވެސް ބޭނުންވަނީ މޫދުގެ ލޮނު ވަސް ޖެހޭ ހިސާބުގައި ހުންނަން. (ފޮޓޯ/ އިބްރާހިމް ރިޒާމް)

އޭނާ އެންމެ ކުރަން ބޭނުންވާ މަސައްކަތުގައި، އިތުރަށް ކުރިއަރަން ބޭނުންވާ ދާއިރާއިން ކެރިއަރު ބިނާކުރަމުން ދިޔުމަކީ ރިޒާމްގެ އެންމެ ބޮޑު އުއްމީދެވެ.

"ބޭނުންވަނީ މި ދާއިރާ އިން ކުރިއަށްގޮސް އެންމެ އުހަށް ދާން. ގިނަ ފުރުސަތުތައް. ގިނަ ރިސޯޓްތަކަށް ގޮސް ފޮޓޯ ނަގަން،" ރިޒާމް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް