އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ނައިބު ރައީސް ހުސެން މުހައްމަދު ލަތީފްގެ އަތްޕުޅުން އަހުމަދު ނާއިފް ރޭ ލިބިގަންނަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)

ނޫސްވެރިކަން

ނާއިފްގެ ނޫސްވެރިކަމުގެ ދަތުރުގައި ހައްގު މަގާމެއް

'ދައުރު'ގެ ޒުވާން ލިއުންތެރިޔާ އަބަދުވެސް މަސައްކަތްކުރަނީ މައުލޫމާތުގެ ގޮތުން މުއްސަނދި، މޮޅު ލިއުންތަކެއް ތައްޔާރުކުރަން
26 ނޮވެމްބަރު 2023
3

"ނޫސްވެރިކަމަކީ ގައުމީ މަސައްކަތެއް،" ނޫސްވެރިޔާ އަހުމަދު ނާއިފް ބުންޏެވެ.

"ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ، އެ މައުލޫމާތު އަމާނާތްތެރިކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ގެނެސްދިނުމަކީ ގައުމީ ޒިންމާއެއް،" މިއީ އެއާ ޖެހިގެން އޭނާ ބުނި ޖުމްލަ އެވެ.

އުމުރުން 32 އަހަރުގެ ޒުވާން ނޫސްވެރިޔާގެ ހިތުގެ އެ އަޑުތައް އައީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އެވޯޑްއާ ގުޅިގެން 'ދައުރު'ން ތައްޔާރުކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯ ހެދީ ރާއްޖޭގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ހޮވާ ނޫސްވެރިޔާއަށް އާންމުންގެ ފަރާތުން ވޯޓު ހޯދުމަށެވެ. ގަވާއިދު ބުނާ ގޮތުން ފަނޑިޔާރުންގެ މާކްސްގެ އިތުރުން %10 ބިނާވަނީ އާންމުންގެ ވޯޓަށެވެ.

މިދިއަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ރޭ ނާއިފް ވަނީ ހާސިލްކޮށްފަ އެވެ. މިއީ ސީއެޗްއެސްއީން 2010ގައި އޭ ލެވެލް ހެދުމަށް ފަހު ސީދާ ނޫސްވެރިކަމުގެ ދާއިރާއަށް ވަން ނޫސްވެރިޔާގެ ހަޔާތުގައި އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

"ދައުރު"ގެ ބިޒްނަސް ފަސްޓް ޝޯއަށް އޭރުގެ ވެމްކޯގެ އެމްޑީ އާދަމް މުހައްމަދުއާ ނާއިފް އިންޓަވިއުކުރަނީ (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)

ފަހަރެއްގައި އެ އެވޯޑަށް ނާއިފް ކުރިމަތިލީ ތަންކޮޅެއް ފަހުންނެވެ. އޭނާގެ ފެންވަރާއި ލިއުންތަކަށް ބަލާ ނަމަ، މީގެ ކުރިން އެ އެވޯޑަށް ވާދަކުރި ނަމަވެސް އެ މަގާމު ހާސިލްވުމުގެ ފުރުސަތު ކުޑައެއް ނުވީހެވެ. އާންމުންނަށް މުހިންމު މައުލޫމާތު ފޯރުކޮށްދޭން އޭނާ ކުރަމުން އަންނަ މަސައްކަތުގައި ހޯދި ކުރިއެރުންތައް، އެ އެވޯޑާ ހަމައަށް ގެންގޮސްދޭން ފުދި އިތުރު ވެސް ވެ އެވެ.

ހަގީގީ ނޫސްވެރިކަމަކީ އަވަހަށް އެއްޗެއް ލިއެފައި/ހަދާފައި އާންމުކުރުން ނޫންކަން، ނ. ވެލިދުއަށް އުފަން ނާއިފް ގަބޫލުކުރާ ކުރުން އޭނާ ގެންގޮސްދެނީ މައުލޫމާތުގެ ކަނޑަކަށެވެ. ލިއާ އެއްޗެއްގައި ރަނގަޅު މައުލޫމާތު/އެ މައުލޫއުއެއްގެ މުހިންމު ކަންކަން ހިމެނުމަކީ މި ޒުވާން ލިއުންތެރިޔާގެ ހާއްސަ ލޯތްބެކެވެ. އެކަން ފުރިހަމަކުރަން އޭނާ އަބަދުވެސް މޮޅު ލިއުންތެރިންގެ ފޮތްތަކާއި ލިއުންތައް ކިޔަ އެވެ. ތަޖުރިބާކާރުންގެ ވާހަކަތައް އަޑުއަހަ އެވެ. މައުލޫމާތު ހުންނަ މީސްމީހުންނާ ބައްދަލުކޮށް، އޮޅުންފިލުވަ އެވެ.

ނާއިފްގެ އެންމެ ހާއްސަ ލޯތްބަކީ އިގުތިސާދާއި ވިޔަފާރި އެވެ. މިސާލަކަށް އިއްޔެ 'ދައުރު'ގައި އޭނާ ލިއުނު 'މި ޕްރޮފެސަރުގެ ވާހަކަ ދިވެހި ސިޔާސީ ވެރިން އަޑުއައްސަވާ' ރިޕޯޓް ވެސް، ރާއްޖޭގެ އާންމު ނޫސްވެރިންގެ ލިއުންތަކާ ވަރަށް ތަފާތެވެ. ނާއިފް ވަންނަނީ މައުލޫއުގެ ތެރެއަށެވެ. ނާއިފް ހޯދަނީ އެ މައުލޫއުގެ މައުލޫމާތެވެ. ނާއިފް ދެން ސިފަކޮށްދެނީ އޭނާގެ ވިސްނުން، އެ މައުލޫއުތަކާ ގުޅުވާލާ ގުޅުވާލުމެވެ. އެހާ ހިސާބުން ކިއުންތެރިންނަށް ލިބެނީ މޮޅު، ހިތްގައިމު ލިއުމެކެވެ.

ކޭޕާކް މަޝްރޫއުގެ ބޮޑު ހިއްސާދާރު ޗައިނާގެ ޖިން، 'ނާއިފް'އަށް އިންޓަވިއު ދެއްވަނީ: އޮޅުވާލުމާއި ހާލަތް ހިމެނޭ ކޭޕާކް މަޝްރޫއުގެ މައްސަލާގައި ނާއިފް ވަނީ ގިނަ ރިޕޯޓްތަކެއް ހަދާފައި (ފޮޓޯ/ދައުރު)

"ކޮންމެވެސް ތުރާލެއް ނޫނީ އުނދަގުލެއް ލިބިފައި ތިބި ބައެއްގެ ދިރިއުޅުމަށް އަހަރެންގެ ލިއުމެއްގެ ސަބަބުން ނޫނީ އަހަރެން އުފައްދާ ކޮންޓެންޓެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭ ނަމަ ހިތްހަމަޖެހިގެން މިހުރެވެނީ،" ނާއިފް ބުންޏެވެ.

"އެހެންވެ ގިނަ ކޯސްތައް ހަދައި، ރިސާޗުކޮށް، ކުރިއަށް ދިއުމުގެ ޝައުގުގައި މި ހުރެވެނީ [ވެސް]."

ސަންއިން އޭނާ ފެށި ނޫސްވެރިކަމުގެ ދަތުރުގައި އޭރު ރާއްޖޭގެ އެންމެ ބޮޑު ނޫސް 'ހަވީރު'އާ ހަމައަށް ގެންގޮސްދިނެވެ. އޭގެ ފަހުން އަމިއްލަ ނޫހެއްގެ ގޮތުން 'އަވަސް' އުފެއްދުމުގައި އިސްކޮށް އުޅުނެވެ. އަލުން އަނެއްކާ ގުޅުނީ ސަންއާ އެވެ. 'ދައުރު'ގެ ޓީމުގެ މެމްބަރެއްގެ ގޮތުން މި ނޫހުގެ މަސައްކަތް ފެށުމާ ހަމައަށް އޭނާ ސަންގައި މަސައްކަތްކުރި އެވެ.

ރަނގަޅު މައްސަލަތަކުގެ ތެރެއަށް ވަދެ، މޮޅު ލިއުމެއް ތައްޔާރުކުރަން ނާއިފް އަބަދުވެސް ހުންނަނީ ތައްޔާރުވެގެންނެވެ. އަވަހަށް ކަމެއް ކުރުމުގެ ބަދަލުގައި އޭނާގެ ލޯބި އޮންނަނީ މައުލޫމާތު މުއްސަނދި ލިއުންތަކަށެވެ.

ނާއިފްއަށް ވިސްނެނީ ނޫސްވެރިކަމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމެވެ. ތަމްރީންތަކާއި ތަޖުރިބާ ބޭނުންވާ ކަމެވެ. އެހެންވެ ނޫސްވެރިކަމުގެ ރަސްމީ މަސައްކަތުގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން އޭނާ އަންނަނީ ދިވެހި ނޫސްވެރިންގެ ތަމްރީނަށް ވެސް ދޮރުތައް ހުޅުވާލެވޭތޯ ބަލަމުންނެވެ. ދޭތެރެ ދޭތެރެއިން ތަޖުރިބާކާރުންގެ މައުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ރާވަ އެވެ.

އެމްޖޭއޭގެ ބައްދަލުވުމެއްގައި ނާއިފް: އޭނާ ބޭނުންވަނީ ނޫސްވެރިކަމުގައި އިތުރު ތަޖުރިބާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑާ އެކު ނާއިފްއަށް އަދި ނޫސްވެރިކަމުގެ ދަތުރު ނިމުނީއެއް ނޫނެވެ. އެއްގޮތަކުން އެއީ ފެށުމެކެވެ. ދިރިއުޅެން އާމްދަނީއެއް ހޯދޭނެ ކިތައްމެ މަސައްކަތެއް ހުއްޓާ، ފުރަތަމަ ދުވަހު ވެސް، ސްކޫލްގެ ދޮރުން ނުކުމެފައި ވެސް، ނޫސްވެރިކަމުގެ ތެރެއަށް ދިޔައީ ސަބަބެއް އޮވެގެންނެވެ؛ ގައުމީ ހިދުމަތެއް ކުރުމެވެ. އެ ހިދުމަތުގައި 13 އަހަރަކީ އަދި ދިގު މުއްދަތެއް ނޫނެވެ. އެއީ ދަތުރުގެ ފުރަތަމަ ތަޖުރިބާތަކެވެ.

"ރައްޔިތުން އަހަރެންގެ މަސައްކަތް ބަލައިގަތުންހާ ބޮޑު ހިތްހަމަޖެހުމެއް ނުލިބޭ،" ނާއިފް ބުންޏެވެ.

އާންމުންނަށް ބޭނުންވާ ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި ހުސްވުމެއް ނެތެވެ. އެހެންކަމުން ކުރިމަގު އަދި އޮތީ އެވެ.

ކޮމެންޓް (3)

ނާއިފް ފޭން

27 ނޮވެމްބަރު 2023
ވިނަރެސްގެ ސްކޭމް ތަހުގީގުކޮށް ރިޕޯޓެއް ގެނެސްދީބަލަ
0 0

ޝުކުރު

26 ނޮވެމްބަރު 2023
ނާއިފް އަށް މަރުހަބާ އަދި މަސައްކަތަށް އިންތިހާއަށް ޝުކުުރުވެރިވަން. މިނިވަންކަމާއެކު ކުރިއަށް ދިއުމުގައި ސާބިތުކަމާއެކު ގިނަދުވަހު ދެމިހުންނާނެކަމަށް އުންމީދުކުރަން.
2 0

ތެފައާސާ.

26 ނޮވެމްބަރު 2023
ނާއިފްގެ ރިޕޯޓުތަކުގައި އަބަދުވެސް މައުލޫމާތު ފުރިހަމަވެފައި ފޫހިކަމެއްނެތި ކިޔާލާހިތްވާކަހަލަ ގޮތެއްހުރޭ. ކީޕް އިޓް އަޕް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް