އަމީނާ މުހައްމަދު: މުނިފޫހިފިލުވުމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ހުނަރުވެރިޔާ މިފަހުން ވަނީ މަގުބޫލު އުފެއްދުންތަކެއް ގެނެސްދީފައި

ސިލްސިލާތައް ވެސް، އުފެއްދި މީހާ ވެސް ލޯތްބާއި ސަމާސާއިން ފުރިފައި

'އޮފީސް ލޯބި' އާއި 'ހަމަ އެންމެ މީހެކޭ'ގެ ޑައިރެކްޓަރު، އޭނާއަށް އެންމެ ކަމުދާ ސިލްސިލާތަކުން ފެށިގެން ގޮސް ހަޔާތާއި މަސައްކަތުގެ މުހިއްމު ސޮފުހާތައް ވެސް ހުޅުވާލި

ބަލާލި ކޮންމެ ދިމާލަކުން ވެސް އުފެއްދުންތެރި، ހުނަރުވެރި ކޮންމެވެސް މަންޒަރެއް ފެންނަ ބައިސްކޯފު ސްޓޫޑިއޯގެ ހަމަހިމޭން ޗާލު މާހައުލުގައި އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭން ތައްޔާރަށް އިނީ ހަމަ އެފަދަ ހަމަހިމޭން ޝަހުސިއްޔެތެކެވެ. އުފެއްދުންތެރިއެކެވެ. ބައިސްކޯފުން ގެނެސްދޭ ހިޓް ސިލްސިލާތަކެއްގެ ޑައިރެކްޓަރު އަމީނާ މުހައްމަދު (އަމީ) އެވެ.

ކޮފީއަކާ އެކީގައި ގަަދަ މުށި ކުލައިގެ މޭޒެއް ދޮށުގައި އަހަރެމެން އިންޓަވިއު ފަށައިގަތީ، ޑައިރެކްޓް ކުރުމުގެ ކުރިން އަމީނާގެ މަސަައްކަތުގެ ހަޔާތުގެ ތެރެއަށް ހިންގާލި ނަޒަރަކުންނެވެ.

މުނިފޫހިފިލުވުމުގެ މައިދާނުގައި ދަރަހައަކަށް ވުރެ ގިނަ ދުވަސް

އަމީނާ ކިޔެވީ ޓެލެވިޝަން އެންޑް ފިލްމް އާއި އެޑްވަޓައިޒިން އެވެ. އެއީ އޭނާގެ އޭލެވެލް ދުވަސްކޮޅުގައި ވެސް ކިޔަވަން ބޭނުންވި އަދި ހަޔާތުގައި ކުރަން ބޭނުންވި ކަންކަމާ ގުޅޭ މާއްދާތަކެކެވެ. ނަމަވެސް ކިޔަވައިގެން އަައިސް އޭނާ މުޅިން ވެސް އުޅުނީ ކުރަން އެންމެ ބޭނުންވާ ކަން ނޫން އެހެން ހުރިހާ ކަމެއްގެ ތެރޭގަ އެވެ. ކުރީގެ ނަމުން ނަމަ ޖޭސެޓްގައި (މިހާރު މީޑިއާނެޓް) 2016އާ ހިސާބަށް އަމީނާ މަސައްކަތް ކުރީ ވެސް ކޮންޓެންޓް ހެދުމުގައެއް ނޫނެވެ.

މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ސިލްސިލާތައް އުފެއްދުމުގެ ކުރިން ވެސް އަމީނާއަކީ އެ ދާއިރާއަށް އައު މީހެއް ނޫނެވެ. އެހެން ބުނެވޭ މައިގަނޑު ސަބަބަކީ މީޑިއާނެޓްގެ ދަށުން ހިންގާ އައިސް ޓީވީ އުފެއްދުމާއި އެ ޗެނަލުން ދައްކާ ޝޯތަކާއި ޕްރޮގްރާމްތަކުގައި އަމީނާގެ މަސައްކަތާއި ހިންގުންތެރިކަން ހިމެނޭތީ އެވެ. އައިސް ޓީވީ މެނޭޖް ކުރަން ވެސް އަމީނާ ފަސް އަހަރު ވަންދެން އުޅުނެވެ. އޭނާ 2016 ގައި މީޑިއާނެޓް ދޫކޮށް ދިޔައިރު، އައިސް ޓީވީގެ ކާމިޔާބީގައި އޭނާގެ ބޮޑު ހިއްސާއެއް އޮތެވެ.

އައިސް ޓީވީ ހިންގުމުގައި އަމީނާ ހޭދަކުރި އަހަރުތަކުގައި އެކުގައި މަސައްކަތްކުރި ޓީމުގެ އަގު އޭނާ ވަރަށް ބޮޑަށް ވަޒަންކުރެ އެވެ.

އައިސް ޓީވީގައި އަމީނާއާ އެކު މަސައްކަތް ކުރި ޓީމް: އޭނާ ފަސް އަހަރު ދުވަހު އައިސް ޓީވީ މެނޭޖުކުރި

ޕާފެކްޓް ކުރުމަކީ އަހަރެންގެ އަމާޒެެއް ނޫން. ކަންކަން ކުރަން އަހަރެން ވިސްނަނީ. އެކަންތައް ކުރަން ވެގެން ކުރަނީ، ކޮންމެ ގޮތަކުން ވިޔަސް. އެއީ އެހެން ކުދިންނަށް ވެސް ދޭން އޮތް އިރުޝާދަކީ

އަމީނާ މުހައްމަދު

އެންމެ އުއްމީދީ އަމާޒު ހަގީގަތަކަށް

'އޮފީސް ލޯބި'އަކީ އަމީނާ 2008 ވަނަ އަހަރު ލިޔަން ފެށި ސީރީސްއެކެވެ. އެއީ ކޮންމެހެން އޭރު މަސަައްކަތް ކުރި މީޑިއާނެޓަށް ނުވަތަ ވަކި ޗެނަލަކަށް ތައްޔާރުކުރި ވާހަކައެއް ނޫންކަން އަމީނާ ސާފުކޮށްދިނެވެ. ނަމަވެސް، ސީރީސްއެއް އުފައްދަން ހުރި ޝައުގުވެރިކަމުން، ބޮލަށް އަންނަ އެކި ހިޔާލުތައް ނޯޓްކުރީ އެވެ. އެއިގެ ތެރެއިން 'އޮފީސް ލޯބި' އަކީ އަމީނާގެ ހިތާ ގާތް ވާހަކަ އެކެވެ. އޭނާ ބުނިގޮތުގައި ފުރަތަމަ ވަރަށް "ރަފްކޮށް" ލިޔުނު އެ ވާހަކައަށް ޑައިލޮގްތައް ލިޔުނީ މާފަހުންނެވެ.

އަމީނާ މީޑިއާނެޓުން ވަކިވި ފަހުން ބައިސްކޯފުގެ 'އެހެނަސް' ޑްރާމާ ސިލްސިލާގެ އިވެންޓަކުން، މުނިފޫހިފިލުވުމުގެ ދާއިރާގެ އެކަކަށް ވެސް ބީރައްޓެހި ނޫން، ބައިސްކޯފުގެ ހިތޭ ބުންޏަސް ދޮގަކަށްނުވާނެ ސީއީއޯ މުހައްމަދު މިރުޝާން (މިރޫ)އާ ދިމާވި އެވެ. އައިސް ޓީވީގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން އޭގެ ކުރިން ދެ މީހުން ބައްދަލުވެފައިވިޔަސް، އެ އިވެންޓުގައި މިރުޝާން ހުށަހެޅީ ބައިސްކޯފުއަށް އަމީނާގެ އޮރިޖިނަލް ކޮންޓެންޓް ހަދަން އައުމުގެ ފުރުސަތެވެ. މިދިޔަ އަހަރު ނެރުނު 'އޮފީސް ލޯބި' އާއި މިފަހުން ނެރުނު 'ހަމަ އެންމެ މީހެކޭ' ވުޖޫދަށް އައުމުގެ ފުރަތަމަ ފިޔަަވަޅު އެ ރޭ އެޅުނެވެ.

އޭނާގެ ވަގުތާއި ހަކަތަ އާއި އުފެއްދުންތެރިކަން އެކަމަށް ހޭދަކުރަން އަމީނާ އެއްބަސްވީ ހަމައެކަނި އޭނާގެ ސްކޫލް ދައުރުއްސުރެން އޮތް އަމާޒުގެ ސަބަބުންނެއް ނޫނެވެ. އެ ފުރަސަތުގައި އެހާ ހުޝިޔާރުކަމާ އެކީގައި ހިފީ ހުށަހެޅި މީހާގެ ސަބަބުން ވެސް މެ އެވެ.

"ހަމަ މިރޫ ވީމަ އެކަން ކުރަން އެއްބަސްވީ. އެހެން މީހަކު ބުނި ނަމަ އަސްލު ނުކުރީސް މިކަމެއް،" އަމީނާ ބުންޏެވެ.

ސަަބަބަކަށް އަމީނާ ދެއްކީ މިރުޝާންގެ ސަބަބުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އައިސްފައިވާ އަގުހުރި ތަރައްގީ އެވެ. ދިވެހިންނަށް އޮރިޖިނަލް ކޮންޓެންޓް ގެނެސްދިނުމުގަ އާއި އެ ދާއިރާ އަބަދުވެސް ކުރިއެރުވުމުގައި އޭނާގެ ދައުރު ބޮޑުކަމެވެ. އަދި އަމީނާއަށް މިރުޝާންގެ ފަރާތުން ފެންނަ ރިވެތި ސިފަތަކާއި މެދުކެނޑުމެއްނެތް ހިތްވަރާއި ޕޮޒިޓިވިޓީ ވެގެން ދިޔައީ، އަމީނާގެ ހުނަރާއި ފަންނުވެރިކަން ދައްކުވައިދޭން ލިބުނު އިތުރު ބާރަކަށެވެ.

'ސިކުނޑި މަސައްކަތް ކުރަން ފަށަނީ އެންމެ ފަހު ވަގުތު'

މިއީ ކިތައް މީހުންނާ ގުޅޭ ވާހަކައެއް ހެއްޔެެވެ؟ ހަމަގައިމުވެސް އެ އަދަދު މަދެއްނުވާނެ އެވެ. ކަމެއް ނިންމަން ޖެހޭ ސުންގަޑިއަކީ މާދަމާ ހެނދުނު 7 ވިއްޔާ އެ ރޭ އެކަން ފަށާ މީހުން ގުނާ އަދަދު ނުކުރެވޭނެ އެވެ.

އެއީ ކޮންމެހެން ކަންނެތްވެގެން، ނުވަތަ މަސައްކަތަށް ހިތްޖެހިފައި ނެތިގެން ގެންގުޅެވޭ އުސޫލެއް ނޫނެވެ. އަމީނާ ކިޔައިދިން ގޮތަށް، "އަސްލު އެންމެ ބަރާބަރަށް މަސައްކަތް ކުރެވެނީ ވަގުތު ކައިރިވީމާ އަަންނަ ޕްރެޝަރުގައި" ކަމަށް ވުމުން، އެ އާދަ ގިނަ ބައެއްގެ ހަށީގައި، ގަސްތުގައި ނޫނަސް، ހަރުލާފައި ހުރީ އެވެ.

'އޮފީސް ލޯބި' ސިލްސިލާގެ ޝޫޓިންގައި ބައިސްކޯފުގެ ޓީމާ އެކީގައި އަމީނާ ޑައިރެކްޓް ކުރަނީ

އަމީނާ ކިޔައިދިން ގޮތުގައި އޭނާ އެ އާދަ ގެންގުޅެނީ ލިޔުމާއި ހަޔާތުގެ ބައެއް މަދު ކަންކަމާ ކުރިމަތިލާ އިރުގަ އެވެ. ލިޔެފައި އޮންނަ އެޕިސޯޑެއް ޝޫޓްކުރުމުގެ މަރުހަލާ އެއަށް ވުރެ މާ ފުޅަލެވެ.

"ފުރަތަމަ، ޝޫޓް ކުރުމުގެ ކުރިން، އެކްޓަރުން ލައްވާ އެންމެ މުހިއްމު ސީންތަކުގެ ޓެސްޓްތަކެއް ކުރަނީ. އެ ސީން ފުރިހަމައަށް ގެޓުވޭތޯ ބަލަން. އަދި ރީޓޭކް ނެގުން މަދުކުރަން،" އަމީނާގެ ކްރިއޭޓީވް މަރުހަލާގެ ވާހަކަ އަހާލުމުން ތަފްސީލްކޮށްދިނެެވެ.

"އޭގެ ކުރިން އެކްޓަރުންނާ ބައްދަލުކޮށް ސްެކްރިޕްޓާ ބެހޭގޮތުން ކުޑަކޮށް ޑިސްކަސްކުރަން. ދެން އެ ސީންއެއް ޝޫޓްކުރާއިރު، [އެކްޓަރުންގެ ފަރާތުން] ވަރަށް ބޮޑަށް އޭތި ބޭނުންވާ ގޮތް ނޫން ގޮތަކަށް ހުރިއްޔާ ނޫނީ ދޫކޮށްލަނީ އޭނާގެ އަމިއްލަ ސިކުނޑިން އޭތި ނެރެން."

އޭގެ ބޭނުމަކީ ބެލުންތެރިންނަށް، ވީހާވެސް އަސްލާ އެއްގޮތް އެކްޓިންއެއް ދައްކައިދިނުމެވެ. ބައެއް ފަހަރު ސީދާ އޭނާ ބޭނުންވާ ގޮތް ބުނެދޭން އަމިއްލައަށް އެކްޓުކޮށްފައި އެކްޓަރުންނަށް ދެއްކި ނަމަވެސް، ގިނަ ފަހަރު އެކްޓަރުންގެ އަމިއްލަވަންތަކަން ދައްކާލަން ދޫކޮށްލަނީ ކަމަށް އަމީނާ ކިޔައިދިނެވެ.

މަސައްކަތުގެ ބޭރުން އަމީނާއަކީ ކާކު؟

"ވަރަށް އާދައިގެ ރޫޓިންއެއްގައި އުޅެނީ އަސްލު. އަވަހަށް ތެދުވެފައި އާލީ ބްރެކްފަސްޓަކަށް ބޮޑު ބްރެކްފަސްޓްއެއް ނަގަނީ. އައި ލަވް ބްރެކްފަސްޓް. ދެން ޝޫޓްއެއް އޮތިއްޔާ ޝޫޓްކޮށްފައި ގެއަށް ގޮސް ކައްކައިގެން، ކައިގެން، ދެން އެ ވަގުތު ސީރީސްއެއް ބަލަންޏާ ބަލާލާފައި. އެހާ ފާހަގަކުރެވޭ ބޮޑު، ގިނަ ކަންކަމެއް ނޯވޭ،" ކުރުކޮށް ފޮނިކޮށް، އަމީނާގެ ޒާތީ ދިރިއުޅުމުން ދުވަހެއް ސިފަކޮށްދިނެވެ.

ވަރަށް ވެސް އާދައިގެ ދުވަހެއް ނޫން ހެއްޔެވެ؟ އެކަމަކު އެ ޖަވާބު ނިންމާލުމުން ދެން އޮތް ސުވާލަށް ޖެހިލަން އުޅެނިކޮށް އަމީނާ ބުނި އެއްޗަކުން އެ އާދައިގެ ހަޔާތަށް އައީ 'ޓުވިސްޓެކެވެ.'

އަހަރެންގެ މޫނަށް ހަމަގައިމުވެސް އެރި ހައިރާންކަން ފެނިފައި ހެމުން އަމީނާ ފެށީ، ސީރިއަލް ކިލާ ސިލްސިލާތަކަށާއި ޑޮކިއުމެންޓްރީތަކަށް އޭނާގެ ހިތުގައި އޮތް ލޯބީގެ ވާހަކަަ އެވެ.

"ވަރަށް އެކްސައިޓްވޭ އަސްލު އެކަހަލަ އެއްޗެހި ބަލަން. އެމީހުން ކުރާ ކަންތަކަށް ވުރެ ބޮޑަށް، އިންސާނަކަށް ވެ ހުރެ އެކަންތައް ކުރުމުގެ ސަބަބުތައް މާ ފޭސިނޭޓިިން އަސްލު،" އަމީނާ ބުނެލި އެވެ.

އަމީނާ މުހައްމަދު

ނެޓްފްލިކްސްގައި އެއްދުވަސްކޮޅެއްގައި މަޝްހޫރުވި، ހަގީގީ މީހެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ 'ޑާމާ' އާއި މީގެ އެތައް އަހަރެއް ކުރިން ނެރުނު، ބްރެޑް ޕިޓް އާއި މޯގަން ފްރީމަންގެ 'ސެވަން' އަކީ އަމީނާއަށް އެންމެ ކަމުދާ ބައެއް އުފެއްދުންތަކެވެ. އަދި ވަރަށް މަގުބޫލުވި 'ޑެކްސްޓާ' އަކީ ވެސް ފާހަގަކުރެވޭ އެއް ސިލްސިލާ ކަމަށް އަމީނާ ބުންޏެވެ.

"ދެޓްސް މީ. އެކަހަލަ ސީރީސް ބަލަން މާ ކަމުދޭ ރޮމޭންޓިކް އެއްޗެއްސަށް ވުރެ،" އޭނާ ކިޔައިދިނެވެ.

އެއީ ހަމަ އިންސާނީ ތޮބިއްޔަތާއި ހިޔާލު އެފަދަ ނުބައި ހިސާބުތަކަށް ދަނީ ކިހިނެއްކަން، ނުވަތަ އެފަދަ މީހެއްގެ އިހުސާސްތަކަކީ ކޮބައިކަން ދެނެގަތުމަށް އޮތް ޝައުގެއްކަން އަމީނާ ސާފުކޮށްދިނެވެ. އޭނާ ކިޔައިދިން ގޮތުގައި، އިންސާނެއްގެ ހިތާއި ސިކުނޑިއަށް، ހަޔާތުގައި ދިމާވާ ކަންކަމުން އަންނަ ބޮޑެތި ބަދަލުތައް ދެނެގަނެ، ވިސްނެން ބޭނުންވަނީ އެވެ. 

އެކަމަކު ސީރިއަލް ކިލާ ސިލްސިލާއެއް އުފައްދަން ގަސްތުކުރަންތޯ އަހާލުމުން ކުޑަކޮށް ހީލާފައި އަމީނާ ބުނީ ނޫނެކޭ އެވެ. އަދި ސަބަބު ވެސް ބުނެދިނެވެ: "އަމީއާ ހެދި އެކަހަލަ ސީރީސްއެއްް ބަލައިގެން ބޭނުމެެއް ނޫން މީހެއް އިންސްޕަޔާވާކަށް އެކަހަލަ ކަމެއް ކުރަން." 

'ވަރަށް ފްރީކޮށް'

އަމީނާގެ ދަރިފުޅަކީ ވެސް ހަމަ އޭނާ ފަދައިން ހުނަރުވެރިއެކެވެ. ކުރާ ކަންކަމުން ކާމިޔާބީތައް ހާސިލްކުރަމުން އަންނަ އަހުޔާރު އަހުމަދު، 18، ގެ ވާހަކަ އަމީނާ ދެއްކީ ހިނިތުންވުމާއި ފަހުރުވެރިކަމާ އެކީގަ އެވެ. މިިފަހުން އިންޑިއާގައި ބޭއްވި 'ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި' އަހުޔާރު ހޯދި މެޑަލް އަޅައިގެން ހުރި ފޮޓޯ ވެސް ދައްކާލީ އުފަލުންނެވެ. އަމީނާގެ ހިތު ތެރޭގައި އަލަތު ދަރިފުޅަށް އޮތް ލޯބީގެ ފުންކަން އެނގުނީ ހަޔާތުގައި އެންމެ ދެކެން ބޭނުންވަނީ ކޮން ކަމެއްތޯ ކުރި ސުވާލުގެ ޖަވާބުންނެވެ.

"މައި ސަން އުފާވެރި ދިރިއުޅުމެއް އުޅެ، ކާމިޔާބު ވާތަން ބަލަން ބޭނުންްވަނީ. [އަހަރެންގެ] ނުހުރޭ މާބޮޑެތި، މާދުރަށް ވިސްނާފައި އަމިއްލަ ގޯލެއް. އެކަމަކު ދަރިފުޅު ރަނގަޅު މީހަކަށް ވާތަން ބަލަން ބޭނުންވޭ. އެއީ އަމީގެ ޓޮޕް ޕްރަޔޯރިޓީއަކީ،" މައެއްގެ ދުލުން ބުުނި، ހިތުގެ އަޑިން ފާޅުކުރި އެ ޝުއޫރުގެ އިހުސާސާއި އަސަރުން، އެތާނގައި ނެތަސް، އަމީނާގެ ދަރިފުޅުގެ ހިތް ފިނިކޮށްދޭނެކަން މުޖައްރިބެވެ.

އަމީނާ ބުނިގޮތުގައި އޭނާގެ އާއިލާގައި އަބަދުވެސް އެކަކު އަނެކެއްގެ މިނިވަންކަމަށް ވަރަށް ބޮޑަށް އިހްތިރާމްކޮށް، އެއްބާރުލުންދެ އެވެ. މީހާގެ އަމިއްލަވަންތަކަން ފާޅުކޮށް، އަމިއްލަ މީހަކަށް ވުމަށް އަބަދުވެސް ހިތްވަރުދެ އެވެ.

"އެހެން ނޫން ނަމަ މިހެނެއް ނޫޅެވޭނެ. އަމީއަކީ ވަރަށް ފްރީކޮށް އުޅެން ބޭނުންވާ މީހެއް. އަދި އާއިލާ ތެރޭގައި ވެސް އެ ފްރީޑަމް ބާއްވަން. ދެޓް އިޒް އަޒް. އަސްލު ވަރަށް ލަކީ އެހެންވީމަ ވެސް،" އޭނާ ބުންޏެވެ.

އެންމެ ހިތްދަތި ވަގުތުގައި ސިލްސިލާއަކުން ހަމަޖެހުން

އެހާތަނަށް އަމީނާގެ ފަރާތުން ފެނުނު ސަމާސާ، ލުއި މިޒާޖު ކުޑަކޮށް ބަރުވެ، ނަމަވެސް މަރުނުވެ ހިފެހެއްޓުނު ސުވާލަކީ ހަޔާތުގައި ދިމާވި އެންމެ އަޑިގުޑަން ދުވަސްވަރަކީ ކޮބައިތޯ އެހި ސުވާލެވެ. އޭނާގެ ޖަވާބަކީ އަހަރެމެން އެންމެނަށް ވެސް އެއްބަސްކިޔޭނެ ޖަވާބެކެވެ. ނަމަވެސް ތަފާތު ސަބަބަކާ ހުރެ އެވެ.

ކޮވިޑުގެ ސަބަބުން މުޅި ދުނިޔެ މަޑުޖެހުނު 2020 ވަނަ އަހަރެވެ. ފަހު ޒަމާނުގައި އިންސާނިއްޔަތު ކުރިމަތިލި އެންމެ ބޮޑު، އިންތިހާއަށް ނުރައްކާތެރި އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު ހިތާމަ އާއި މާޔޫސްކަމަށް ގަންބާލި ބަލިމަޑުކަމެވެ.

އަމީނާގެ މަންމަ މަރުވީ އެ ދަނޑިވަޅުގަ އެވެ. އަދި އެއީ އޭނާ އަށް މިހާތަނަށް އެންމެ ކަމުދިޔަ އެއް ސިލްސިލާ ފެނުނު ދުވަސްވަރު ވެސް މެ އެވެ.

މަންމަ މަރުވުމުގެ ހިތާމަވެރި ވާހަކަ ހިއްސާކުރުމަށް ފަހު ހަޔާތުގައި ފެނުނު އެންމެ މަޖާ، އެންމެ ކަމުދިޔަ ސިލްސިލާގެ ވާހަކަ ދެއްކީ ކީއްވެގެންކަން، މި އިންޓަވިއު ފެށި އިރު ވެސް، މެދު ތެރެއިން ވެސް އަދި ނިމުނު އިރު ވެސް އަމީނާ ތަކުރާރުކޮށް ކިޔައިދިނެވެ.

ފުރަތަމަ ކަމަކަށް، އަމީނާގެ މަންމަ މަރުވީ ބައިސްކޯފުގެ އެއްކަލަ ޝޯއަށް އޭނާ ސްކްރިޕްޓު ލިޔަން އުޅުނު ދުވަސްކޮޅުގަ އެވެ. މަންމަ މި ދުނިޔެ ދޫކޮށް ދިއުމުގެ ފަހުން ވެސް ތިން މަސް ވަންދެން އަމީނާގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. މަޖުބޫރުވެގެނެއް ނޫނެވެ. މީހެއްގެ ފިއްތުންތަކަކާ ހެދިއެއް ވެސް ނޫނެވެ. ނަމަވެސް، ހިތާމައިގެ އެ ވަގުތުގައި އޮތް ކުޑަ ނަމަވެސް އުފާވެރިކަމުގެ ނަގިލި ނުނެގުމުގެ މަގުސަދުގަ އެވެ. ހަމައެހެންމެ، އެ އަޑިގުޑަން ހިނދުކޮޅުތަކުގައި ހިނިތުންވުން ފެތުރުމުގެ މުހިއްމުކަން، އަދި އެހެން މީހުންެ ވެސް އެއަށް ބޭނުން ޖެހޭ ވަރު އަމީނާގެ ހިތަށް އިހުސާސް ކުރެވުމުންނެވެ.

އެ ދުުވަސްކޮޅުގައި އަމީނާއަށް ފެނުނީ މަޝްހޫރު، އެހާމެ މަޖާ، ސަމާސާ ޓިވީ ސިލްސިލާ 'ދަ އޮފީސް' އެވެ. މިއީ ދުނިޔޭގެ ކިތައް މީހުންގެ ފޭވަރިޓް ޝޯ ބާވައޭ އަހަންނަށް ސުވާލު ކުރެވެ އެވެ. އެއީ އެހާ ވެސް އެ ޝޯ މަގުބޫލް ވީމަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

"ހޮސްޕިޓަލުގައި މަންމަ ކައިރީގައި އުޅުނު އިރު ވެސް 'ދަ އޮފީސް' ބެލީ. އޭގެ ނުވަ ސީޒަން އިނދޭ. އެ ޝޯ ވެގެން ދިޔައީ ވަރަށް ސިގްނިފިކަންޓް ޝޯއަކަށް. އަދިވެސް ހަމަޖެހިލަން އެ ޝޯ ބަލަނީ. ވަރަށް ފުރިހަމަ، މަޖާ ޝޯއެއް،" އަހަރެން ދަންނަ އެތައް ބައެއްގެ ހިތް ވެސް އެއަށް ޖެހިފައި އޮތް މަޖާ، ނަމަވެސް ބައެއް ފަހަރު ހަޔާތުގެ މާނަވީ ކަންކަމާ ގުޅޭ ސިލްސިލާގެ ވާހަކަ ދައްކަމުން، ހިނިތުންވުމާ އެކީގައި އަމީނާ ބުންޏެވެ.

'މާ ގަދަޔަށް ނުވިސްނާ ކުރަންވީ'

އަމީނާ (މ)އާ އެކު ބައިސްކޯފުގައި މަސައްކަތްކުރާ އިގްބާލް (ކ) އާއި ނާއިޝާ

ކުރާ ކޮންމެ ކަމެއް ވެސް ފުރިހަމައަށް ކުރުމަށް ހިތުގެ އަޑިން އެދެވެ އެވެ. ދެވޭ އެންމެ އުހަކަށް ދިއުމަކީ ކެނޑިނޭޅި ކަމެއްގައި އުޅޭ މީހެއްގެ އަމާޒެކެވެ. އެންމެ މޮޅުވާން ބޭނުމިއްޔާ އެއީ އެކަން އޮންނަން ވެސް ޖެހޭ ގޮތެވެ. އެކަމަކު އެއް ކަމެއްގެ ފުރިހަމަކަން އެކި މީހުންނަށް ވިސްނިފައި އޮންނަނީ ތަފާތުކޮށެވެ. ފަހަރެއްގައި ތިމާ ވިސްނާފައި އޮންނަ ފުރިހަމަކަމުގެ ހިޔާލު އަނެކާގެ ވިސްނުމާ، އުޑާއި ބިންހާ ތަފާތު ވެދާނެ އެވެ. ނަމަވެސް އެންމެންނަށް ކަމުދާ ކަމެއް ކުރުމަކީ، ނުވަތަ އެންމެންގެ ޝައުގުވެރިކަން ދަމައިގަނެވޭ ވަރުގެ އެއްޗެއް ހެދުމަކީ ނާދިރު ކަމެކެވެ.

"ޕާފެކްޓް ކުރުމަކީ އަހަރެންގެ އަމާޒެެއް ނޫން. ކަންކަން ކުރަން އަހަރެން ވިސްނަނީ. އެކަންތައް ކުރަންވެގެން ކުރަނީ، ކޮންމެ ގޮތަކުން ވިޔަސް. އެއީ އެހެން ކުދިންނަށް ވެސް ދޭން އޮތް އިރުޝާދަކީ،" އަމީނާ ބުންޏެވެ.

ކަމެއް ކުރަން ބޭނުންވެ ހުރެ، އެހެން މީހުން އެއަށް ފާޑުކިޔާފާނެތީ ނުކޮށް ދޫކޮށްނުލަން، އިންޓަވިއުގެ ފަހު ސުވާލުގެ ޖަވާބުގައި، އަމީނާ ހިތްވަރުދިނެވެ. އެއީ އޭނާގެ ހަޔާތުގެ ގިނަ ކަންކަން ކުރުމުގައި ގެންގުޅޭ އުސޫލެވެ.

"މީހުންގެ ފާޑުކިޔުމަކީ ތިމާއަށް ކުރިއެރުމަށް އޮތް ފުރުސަތެއް،" އަމީނާ ބުންޏެވެ. އޭނާގެ ނަސޭހަތަކީ އެކަމުން، ތިމާއަށް ނުފެންނަ މައްސަލަތައް ދެނެގަނެ، އަބަދުވެސް އަމިއްލަ ފަންނު ކުރިއަރުވަން މަސައްކަތްކުރުމެވެ.

"އެންމެ ފުރަތަމަ ހަދާ އެއްޗަކީ އެންމެ ރަނގަޅު، އެންމެ ފުރިހަމަ އެއްޗަކަށް ހަދަން ހަދައިގެން ނުވާނެ. ހަމަ ފަށަންވީ ކޮންމެވެސް ގޮތަކުން. އެ ގަޑީގައި ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެން ފެށީމަ އެކަމެއް ވާނީ،" އަމީނާ ބުންޏެވެ.

އަމީނާ މީޑިއާނެޓްގައި އުޅުނު ދުވަސްކޮޅު، އެކީގައި މަސައްކަތްކުރި ބައެއް މީހުންނާ އެކުގައި: އޭނާ މީޑިއާނެޓުން ވަކިވީ 2016 ގައި.

'މި މީހުންނާ ނުލާ މިކަން އެހާ ފަސޭހައެއް ނުވީސް'

އަމީނާ އެ އިޝާރާތްކުރީ ބައިސްކޯފުގެ ޓީމަށެވެ. ޝުކުރުގެ އެ ޝުއޫރު ފާޅުކުރީ އަހަރެން ކުރި ސުވާލެއްގެ ޖަވާބު ދޭކަށް ނޫނެވެ. އަމިއްލައަށެވެ.

ފުރަތަމަ ވެސް ގަތީ މިރުޝާންގެ ނަމެވެ. އޭނާ ބުނެގެން ފެށި މަސައްކަތުގައި އެހާ ފަސޭހަކަމާ އެކީގައި އަމިއްލަ ވަގުތު އެކަމުގެ ތެރެއަށް ހުސްކޮށްލެވުމުގައި ވެސް މިރުޝާންއަކީ އެއް ސަބަބުކަން އަމީނާ ފާހަގަކުރި އެވެ. ދެން ޝުކުރު އަދާކުރީ އޭނާއާ އެކީގައި ޕްރޮޑަކްޝަނާއި ޝޫޓިންގައި ހަރަކާތްތެރިވާ، އޭނާ ވަރަށް ގަޔާވާ ޓީމަށެވެ.

"ކެމެރާގައި އައިމަން. މިހާތަނަށް އައިރު ވަރަށް ބޮޑު އިމްޕްރޫވްމެންޓެއް ފެނިއްޖެ. ވަރަށް ބޮޑަށް ގްރޯވެއްޖެ، ދަންނަތާ މިވީ ދުވަސްތަކުގެ ތެރޭގައި،" އަމީނާ ބުންޏެވެ.

"ދެން ދަބާ. ވަރަށް ގިނަ އަހަރުގެ ތަޖުރިބާ ހުރި މީހެއް. ވަރަށް ބޮޑު އެހީއެއް. ދެން މޭކަޕްގައި ހަސަން. ޕްރޮޑަކްޝަންގެ ގިނަ ބައި ހޭންޑަލްކުރަނީ ހަަސަން. ވަރަށް ފަސޭހަ ހަސަންއާ އެކީ މަސައްކަތް ކުރަން."

"ނާއިޝާ އާއި އިގްބާލް، އަމީގެ ޕްރޮޑަކްޝަންގައި ސީދާ ބައިވެރި ނުވިޔަސް، މެންޓަލް ސަޕޯޓް ދިނުމުގައި ވަރަށް ފާހަގަކުރަން ބޭނުން އެ ދެ މީހުން. ވަރަށް ލޯބިވާ ދެ ދަރިން ގޮތަށް ދެކޭ ދެ ކުދިން އެއީ."

އަމީނާ މިއިން ކޮންމެ މީހެއްގެ ވާހަކަ ވެސް ދެއްކީ ހިނިތުންވުމަކާ އެކީގަ އެވެ. ހީވީ އެމީހުންގެ ހަނދާނުން ވެސް ކުޑަ ފަސޭހަކަމެއް ލިބޭ ހެންނެވެ.

"އެޑިޓްކުރަނީ ރަފްހާން. ވަރަށް މަލްޓި ޓެލެންޓެޑް މީހެއް. ވަރަށް މޮޅު ވެސް ވާނެ،" ހަމަ އެ ވަގުތު ރަފްހާން މަސައްކަތުގައި އިނދެފައި އަހަރެމެން ތިބި ތަނަށް ނުކުތުމާ އެކު އަމީނާ ފާޅުކޮށްލީ އޭނާގެ އާއްމު ސަމާސާ މިޒާޖެވެ. "ދެން ހުންނާނެ މިތާނގައި އުޅޭ ބައެއް މީީހުންގެ ވަރަށް ފީކަޅާ ގޮތެއް ވެސް."

އެހެން ބުނުމާ އެކު އެންމެންނަށް އެއްފަހަރާ ހީގަނެވުނެވެ.

އަމީނާ އިންޓަވިއު އެ ނިންމާލީ ވެސް އޭނާގެ ޝަހުސިއްޔަތާ ގުޅޭ ގޮތަށް، އުފާވެރިކަން ގެނެސްދެމުންނެވެ.

ކޮމެންޓް (5)

އިއްސޭ

20 ޖުލައި 2023
ވަރަށް ޤާބިލް ބޭކަބަލެއް. ބާއްޖަވެރި ދުވަސްތަކަށް އެދެން
4 0

ފ.ހ.

19 ޖުލައި 2023
ސާބަހޭ އަމީ
4 0

ަމުހައްމަދު

19 ޖުލައި 2023
ވަރަށް ގަދަ!
4 0

އައިންތު

19 ޖުލައި 2023
ވަރަށް ޓެލެންޓެޑް ކުއްޖެ. ހީވާގި މުރާލި ކުއްޖެ.👌👌👌😊👏
5 0

މަރީ

19 ޖުލައި 2023
ހަމަ ޖަވާހިރެއް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް