'ހަމަ އެންމެ މީހެކޭ'ގެ ތަރިން ކަމަށްވާ ރަވީ ފާރޫގާއި ދީނާ އަހުމަދު: އެ ސިލްސިލާ ދައުރުވަނީ ދީނާގެ ކެރެކްޓާ ޝާހީންގެ ހަޔާތް ވަށާ

'ހަމަ އެންމެ މީހެކޭ': ލޯބީގެ ކުރު ޑްރާމާ ބަލާ މީހުންނަށް ހާއްސަ

އެ ސިލްސިލާގެ ފުރަތަމަ ބައިގެ ފަހު އެޕިސޯޑް ނިމުނު ގޮތުން ދެވަނަ ބަޔަށް އިންތިޒާރުކުރުން ހައްގު

ބައިސްކޯފުގެ 'ހަމަ އެންމެ މީހެކޭ' ސިލްސިލާގެ ފުރަތަމަ ބައި ނިމިގެން ދިޔައިރު، އެފަދަ ކުރު، ރިލޭޓަބަލް ލޯބީގެ ޑްރާމާ ސިލްސިލާ ބަލަން ޝައުގުވެރިވާ އެންމެން ވެސް ތިބީ އޭގެ ދެވަނަ ބައެއްގެ އިންތިޒާރުގައިކަން ޔަގީނެވެ. 

ހިޓް ސިލްސިލާ 'އޮފީސް ލޯބި' އުފެއްދި ޑައިރެކްޓަރު އަމީނާ މުހައްމަދުގެ 'ހަމަ އެންމެ މީހެކޭ' ދައުރުވަނީ ވަރިއަކުން ސީރީސް ފަށައިގަތް ޝާހީންގެ (ދީނާ އަހުމަދު) ހިތާމަ އާއި ހަޔާތުގެ ވަށަ އެވެ. އޭނާގެ ކުރީގެ ފިރިމީހާ ހަސަންގެ ބައި ކުޅެނީ ދިވެހިންގެ ތެރެއިން ޑްރާމާ ބަލާ އޯޑިއަންސްއަށް މަގުބޫލް އަހުމަދު އާސިމް އެވެ.

ދީނާ އަހުމަދު އަދި އަހުމަދު އާސިމް 'ހަމަ އެންމެ މީހެކޭ' ސިލްސިލާގައި: އާސިމް ކުޅެނީ ދީނާގެ ކެރެކްޓާ ޝާހީންގެ ކުރީގެ ފިރިމީހާ ހަސަންގެ ބައި

ދީނާގެ މުނިފޫހިފިލުވުމުގެ ހަޔާތް 'އޮފީސް ލޯބި' އިން ފަށައިގަތްއިރުގައި އޭނާއާ އެކު އެ ސިލްސިލާއިން ގިނަ ބައެއްގެ ތެރޭގައި މަގުބޫލްވި މަރިޔަމް ވަހީދާ ވެސް 'ހަމަ އެންމެ މީހެކޭ' ގައި އިސް ރޯލެއް އަދާކުރެ އެވެ. އެއީ އޭގެ މައި ކެރެކްޓާ ޝާހީންގެ އެކުވެރިއެއް ގޮތުގަ އެވެ.

ޑްރާމާގެ ފުރަތަމަ ފަސް އެޕިސޯޑުން ދެން ފެންނަނީ ޝާހީންގެ ވަރިއަށް ފަހުގައި އޭނާ ހިތްކީ މީހާ އަމީން އެވެ. އެއީ އަހަރެމެން އެކަކަށް ވެސް ބީރައްޓެހި މޫނަކަށް ނުވާނެ، މަޝްހޫރު ފަންނާނު ރަވީ ފާރޫގެވެ.

ރަވީ ފާރޫގް 'ހަމަ އެންމެ މީހެކޭ' ސިލްސިލާގެ މަންޒަރެއްގައި

މައިގަނޑު ގޮތެއްގައި އެ ހަތަރު އެކްޓަރުން އުޅޭ 'ހަމަ އެންމެ މީހެކޭ'ގެ ވާހަކަ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލާ، މަންޒަރުތައް ޝޫޓްކުރުމުގެ ބޮޑު ބައި ނިންމާލީ، އަމީނާ ބުނިގޮތުގައި، މިދިޔަ ރޯދަމަހު އެވެ.

"ރޯދައަށް ތިބި ނަމަވެސް ހުރިހާ އެކްޓަރުންގެ މަސައްކަތް ވަރަށް ސަޅި،" އެއީ ދީނާ އާއި މަރިޔަމް ވަހީދާގެ ހަމަ އެންމެ ދެވަނަ ސިލްސިލާކަން ފާހަގަކޮށް، ތަރުރީފާ އެކު އަމީނާ ކިޔައިދިނެވެ.

މަރިޔަމް ވަހީދާ 'ހަމަ އެންމެ މީހެކޭ'ގެ މަންޒަރެއްގައި: އޭނާގެ ފިލްމީ ހަޔާތް ފެށީ، ބޮޑު ތަރުހީބަކާ އެކީގައި، ބައިސްކޯފުގެ 'އޮފީސް ލޯބި' ސިލްސިލާ އިން

"ދީނާއަށް ދިނީ ވަރަށް ޗެލެންޖިން ރޯލެއް މި ސިލްސިލާގައި. އެކަމު ވެސް ވަރަށް މޮޅު އެކްޓިން. އަދި ނަދީގެ ކެރެކްޓާ ވެސް ވަރަށް ގިނަ މީހުންނަށް ކަމުދިޔަ، އޭނާގެ މިޒާޖު ވެސް، އެކްޓިން ވެސް ވަރަށް ރަނގަޅު،" ޖުމްލަކޮށް ހުރިހާ އެކްޓަރުންގެ މަސައްކަތާ މެދު ހިތްހަމަޖެހޭކަން ހާމަކުރަމުން އަމީނާ ބުންޏެވެ.

މިހާރު 'ހަމަ އެންމެ މީހެކޭ'ގެ ޝޫޓިން އޮތީ ބްރޭކްއެއްގަ އެވެ. ނަމަވެސް، ފުރަތަމަ ބައިގެ ފަހު އެޕިސޯޑް ނިމުނު ގޮތުން އެ ސިލްސިލާގެ ދެވަނަ ބަޔަށް އިންތިޒާރުކުރުން ހައްގެވެ.

'ހަމަ އެންމެ މީހެކޭ'ގެ ސައުންޑް ޓެރެކްގެ ނަމަކީ ވެސް ސިލްސިލާގެ ނަމެވެ. އެއީ ބައިސްކޯފުގެ ބޭންޑް ހަމްބަލް ބަކަރީގެ އުފެއްދުމެކެވެ.

އަދި ނުނިމޭ

ދީނާ އަހުމަދު 'ހަމަ އެންމެ މީހެކޭ' ސިލްސިލާގެ މަންޒަރެއްގައި

އަމީނާ އެންމެ މުހިއްމު ސުވާލުގެ ޖަވާބު ވެސް ދިނެވެ — 'ހަމަ އެންމެ މީހެކޭ'ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ ހަފްތާގައި ފަށަން ތާވަލުކޮށްފައިވުމުގެ އިތުރުން، އެ ނިންމާފައި 'އޮފީސް ލޯބި'ގެ ދެވަނަ ބައި ޝޫޓް ކުރަން ފަށާނެކަމަށް ބުންޏެވެ.  

މިއީ މި ދެ ސިލްސިލާ ބަލާ، އަދި ބަލަން ޝައުގުވެރިވާ މީހުންނަށް އުފާވެރި ދެ ހަބަރުކަން ގައިމެވެ.

ކޮމެންޓް (1)

ށަމީން

16 ޖުލައި 2023
ކުރު ލޯތްބޭ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް