
އެއާ ޓްރެފިކް ކޮންޓްރޯލާއެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އަހުމަދު ރަޝީދު. އޭނާ މިހާރު ވަނީ ރިޓަޔާ ކުރައްވާފައި
ކުޑަދޮރުން، ބަހަކުން ފެށި އެއާ ކޮންޓްރޯލާގެ ދަތުރު 46 އަހަރު ފަހުން ނިންމާލައިފި
އެއާ ކޮންޓްރޯލާގެ ވަޒީފާއަށް، އަހުމަދު ރަޝީދު އެންމެ ފުރަތަމަ ހުޅުލެއަށް ވަޑައިގެން އިރު އުމުރުން އެންމެ 19 އަހަރެވެ. ތަޖުރިބާއެއް، ކަމާ ގުޅޭ މާ ބޮޑު އިލްމެއް ނެތެވެ. އެކަމަކު ވަރަށް ދަތި ހާލުގައި އޭރު ފެށި މަސައްކަތުން ކާމިޔާބީތަކެއް ހޯއްދަވައި 46 އަހަރު ވާންދެން އެ މަސައްކަތުގައި ދެމިހުންނެވި އެވެ. އުމުރުން 65 އަހަރު ވުމުން މިއަދު އެ ރިޓަޔާކުރެއްވީ، އެއާ ކޮންޓްރޯލާގެ ވަޒީފާގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާގެ ލަގަބާ އެކު އެވެ.
"ވަރަށް ލޯބިން، ކުރާ ހިތުން ކުރި މަސައްކަތެއް އެއީ. އެހެންވެ، ރިޓަޔާކުރަން ޖެހުނީމާ ދެރަވޭ،" 'ދައުރު'އާ ވާހަކަ ދައްކަވަމުން، ރަޝީދު ވިދާޅުވި އެވެ.

އެއާ ކޮންޓްރޯލާއެއްގެ ވަޒީފާގައި އެންމެ ފުރަތަމަ ދުވަސްތައް އޭނާ ހަނދާން ކުރެއްވި އެވެ. އޭރު ޓާމިނަލެއް ނުހުރެ އެވެ. ކޮންޓްރޯލަރުން ތިބެން ޓަވަރެއް ވެސް ނުހުރެ އެވެ. ރަޝީދުމެން ތިއްބެވީ، ރަންވޭއަށް ޖައްސަން އަންނަ ބޯޓުތައް ފެންނާނެ ގޮތަށް، އޮފީސް އިމާރާތުގެ ކުޑަދޮރު ކައިރީގަ އެވެ. ބޯޓާ މުއާމަލާތު ކުރައްވަމުން ގެންދެވީ، ފަސް ފޫޓުގެ ވީއެޗް ސެޓެއް މެދުވެރިކޮށެވެ.
އެކަމުގައި ދެން އައި ކުރިއެރުމަކީ އޮފީސް ދޮރުމައްޗަށް ބަހެއް ގެނައުމެެވެ. ސ. ގަމުން ގެނައި އެ ބަހުގައި ތިއްބަވައިގެން، ހަމަ އެއްކަލަ ފަސް ފޫޓުގެ ސެޓާއި އިތުރު މުއާސަލާތީ ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރިއަށް ގެންދެވީ އެވެ. އޭރު އެއާޕޯޓުގެ ވެރިއަކަށް ހުންނެވީ ގައުމީ ހިދުމަތްތެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޓޯލްސް މިނިސްޓަރުކަމާއި އެޑިޔުކޭޝަން މިނިސްޓަރުކަން ކުރެއްވި މަރްހޫމް އަބްދުﷲ ހަމީދެވެ.
ރަޝީދު ވިދާޅުވި ގޮތުގައި އެއީ ރާއްޖެއަށް ޓޫރިޒަމް އެންމެ ފުރަތަމަ ތައާރަފްވި ދުވަސްކޮޅެވެ. އެހެންވެ، މާ ގިނަ ބޯޓުތަކެއް ވެސް ހުޅުލޭ އެއާޕޯޓަކަށް ނުޖައްސަ އެވެ. އަންނަނީ އިންޑިއާ އާއި ސްރީ ލަންކާގެ ބޯޓުތަކެވެ.
އާއްމު ގޮތެއްގައި ރާއްޖެ އަންނާނީ، ރަޝީދުގެ ބަހުން ނަމަ، 'ހަތަރު އިންޖީނުލީ، ވަރަށް މަޑުން ދުވާ' ލަންކާ އެއާ ފޯސްގެ ބޯޓަކާއި އެވްރޯ އެއާ ސިލޯން އަދި އިންޑިއާގެ ބޯޓެކެވެ. އެއާ މޯލްޑިވްސްގައި، އެއްދުވަސްވަރެއްގައި، ތިން ބޯޓު އޮތެވެ.
ރަޝީދުމެން ހުޅުލެއަށް ވަޑައިގަންނަވާނީ، ބޯޓު އަންނަ ގަޑި ކައިރިވުމުންނެވެ. މާލެއިން ފުރައިގެން ހުޅުލެއަށް، ކުޑަ ލޯންޗެއްގައި ވަޑައިގަންނަވާއިރު ގިނަ ފަހަރަށް ތިއްބަވާނީ ލޮނާ ތެމިފޯވެފަ އެވެ. އެކަމަކު އެހާ ހާލުން ވަޑައިގަންނަވާއިރު ވެސް ބައެއް ބޯޓުތައް ވަގުތަކަށް ނާދެ އެވެ.

"އެއާ ސިލޯން އެގޮތަށް އެންމެ ގަޑިއަށް ނާންނާނީ. ހެނދުނު މި އަންނަނީ ކަމަށް ބުނެފައި އަނެއް ދުވަހުގެ ހެނދުނު ވެސް އައިސްދާނެ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ވެރިކަމުގައި ހުންނެވި އިބްރާހިމް ނާސިރު އެއާޕޯޓު ތަރައްގީ ކުރައްވައި، ޓަވަރެއް ގާއިމު ކުރެއްވުމުން މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވި އެެވެ. ޓޫރިޒަމް ފައްކާވެ، ޔޫރަޕާއި ސިންގަޕޫރުން ގިނަ ބޯޓުތަކެއް އަންނަން ފެށި އެވެ.
އަވަސް ކުރިއެރުމާ އެކު ވަޒީފާގެ ބުރަކަން ކުރިމަތިވެވަޑައިގެންނެވި އެވެ. އެކަމަކު ރަޝީދު އެ މަސައްކަތް ކުރެއްވީ، ފަރުވާތެރިކަމާ އެކު ލޯބިންނެވެ. ޒިންމާދާރުކަމާއި ޝައުގުވެރިކަމާ އެކު އެވެ. ފޫހިނުވެ، ދެ 20 އަހަރު ވަންދެން ވަޒީފާގައި ދެމިހުންނެވުނު ސަބަބަކީ އެއީ އެވެ.
ރަޝީދުއާ އެކު އޭރު ވަޒީފާގައި އުޅުނު އެކަކު ވެސް މިހާރު އެ މަސައްކަތަކު ނޫޅެ އެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދާއިރާ ބަދަލުކުރައްވަނީ އެވެ. ނަމަވެސް ދެ ގޮތެއް ނުވެ ހުންނެވި ރަޝީދު އޭނާގެ ވަޒީީފާ ނިންމަވާލެއްވީ، އޭޓީސީ މެނޭޖަރެއްގެ މަގާމުން، އައްޑޫގެ ގަމުންނެވެ.
ރަޝީދު ވިދާޅުވި ގޮތުގައި މިހާރު ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ރާއްޖޭގެ އޭޓީސީ ނުވަތަ އެއާ ޓްރެފިކް ކޮންޓްރޯލަށް ފެހި މުސްތަގްބަލެއް އެބަ އޮތެވެ. އެއީ ޒުވާނުން ކުރިއަށް ދާން ރަނގަޅު މަސައްކަތެކެވެ. އެކަމަކު ގިނަ ބައެއްގެ ފުރާނައާ ގުޅުން ހުރި އެ މަސައްކަތުގައި ދެމިހުރުމަށް، ޒިންމާދާރުކަމާއި ފަރުވާތެރިކަން އިންތިހާއަށް މުހިއްމެވެ.
"ވަރަށް ދެރަވޭ ރިޓަޔާކުރަން. އެކަމަކު އަޅުގަނޑަށް މި މަސައްކަތް ވެސް ކުރެވިއްޖެ،" ރަޝީދު ވިދާޅުވި އެވެ.
"މިއީ ޒިންމާދާރުކަމާއި ފަރުވާތެރިކަމާ އެކު ޒުވާނުން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް."
ކޮމެންޓް