އިމާދު އިސްމާއީލް 'ދައުރު' އަށް ދިން އިންޓަވިއުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
އެދިގެން މިރޭ ދާނަމޭ: އިމާދު އިސްމާއީލްގެ އެންމެ ފުން ޒަހަމް
ތައާރަފެއް ބޭނުންނުވާ ހިންދީ ފިލްމު 'ކުޗް ކުޗް ހޯތާ ހޭ'ގެ ޝޮޓަކަށް-ޝޮޓެއް ހަދައިގެން ފަރިވާ ފިލްމްސް އިން 2000 ވަނަ އަހަރު ގެނެސްދިން 'ހިތް ހަލާކު'ގެ ޓިކެޓް ވިކި، ހައުސްފުލް ޝޯއަކަށް މާލޭގެ ސްޓާ ސިނަމާ އޮތީ ތައްޔާރުވެފަ އެވެ. ފޮތި ގަނެގެން، ނަލަ ކުލަކުލައިން ހެދުން ފަހައިގެން ގޮސް ފިލްމަށް މަރުދޭ ދިވެހިންގެ ބޮޑު ފައުޖެއް، އެކަކު އަނެކަކާ ފިތެމުން އެމީހުންގެ ސީޓުތަކުގައި ހަމަޖެހެމުން ދިޔައީ ޝާހު ރުކް ހާން އާއި ކާޖޮލް އަދި ރާނީ މުކަރްޖީގެ 'ސިފައިގައި' ތިބި ދިވެހިންގެ އެންމެ ބޮޑު ސްޓާރުން ކަމުގައިވީ ޔޫސުފް ޝަފީއު އާއި ނިއުމާ މުހައްމަދު އަދި ޝީލާ ނަޖީބު ރިހި އިސްކިރީނުން ބަލައި ހިތްފުރައިލުމަށެވެ. ފިލްމު ފެށި ގޮތަށް ތިން ގަޑިއިރުގެ އެ ފިލްމު ނިމެންދެން އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.
އެއްގޮތަކަށް ވެސް އެމީހުން ބެލި ފިލްމުގައި ތިބި ތަރިންގެ ހުނަރާއި ހިތު ދަސް ޕްލޮޓާ އެކު މޭގަނޑު އަނގަޔަށް އައިސްގެނެއް ނޫނެވެ. އެކަމަކު އެ ފިލްމުގެ ބެކް މިއުޒިކުގައިވީ އާދަޔާހިލާފު ކަމަކުންނެވެ. ފިލްމު ބެލި ވަރަށް ގިނަ ބަޔަކު އަޖާއިބުކޮށްލީ އޭގެ ބެކް މިއުޒިކެވެ. – ވަރަށް ގިނަ މީހުން ހީކުރީ އެމީހުންގެ ކަންފަތްބުޑުގައި ކޮމްޕޯޒަރު ހުރެގެން ލައިވްކޮށް އެ ހުރިހާ މިއުޒިކެއް ތިން ގަޑިއިރު ވަންދެން ކުޅުނީ ކަމަށެވެ.
ޖެހިގެން އައި ރޭ ވެސް ބެލުންތެރިންގެ ހަތަރެސްފައިން ހީބިހި ނަގައި އަޖާއިބުން އަޖާއިބުކޮށްލީ ފިލްމުގެ މި އާދަޔާހިލާފު ސިފައެވެ. އަދި ތިންވަނަ ރޭ ވެސް ބެލުންތެރިންނަށް ކުރެވުނީ ހަމަ އެއް އިހުސާސެކެވެ. އެކަމަކު އެ އާދަޔާހިލާފު ތަޖުރިބާ އަށް 23 އަހަރު ފުރޭއިރު ވެސް ހިތް ހަލާކުކޮށް ރޮއްވާލި އެ ފިލްމުގެ ބެކް މިއުޒިކުގައިވީ ސިއްރެއް އެނގޭ ބެލުންތެރިއެއް ނެތްކަން ޔަގީނެވެ.
މިހައި ހިސާބަށް ދިއުމުން ބަޑި ފަޅައިގެން ގޮސް އިމާދު އިސްމާއީލް ޗަކަޗަކަލާފައި ހީގަތެވެ.
"މީހުން އޭރު ވެސް ބުންޏޭ ހާދަ ބެކް މިއުޒިކް ރީއްޗޭ ތިޔަ ފިލްމުގެ. ވަރަށް ވަރަށް މަސައްކަތުން ދޯއޭ ތިކަންތައް ކޮށްލާފައި ތި އޮތީ،" އިމާދަށް ދެން ވެސް އެ ހިނިގަނޑު ހިފެހެއްޓޭ ގޮތެއް ނުވި އެވެ.
އަހަރެމެން ދެ މީހުން ޖައްސާލައިގެން ތިބީ 'ދައުރު'ގެ 'ސްޓޫޑިއޯ' ތެރޭގަ އެވެ. 'ހިތް ހަލާކު'ގެ ބެކް މިއުޒިކް ކޮމްޕޯޒަރުގެ ގޮތުގައި އެ ފުރަތަމަ ތިން ޝޯގައި އިމާދު ހެދި ރިކޯޑުން ހިތް ހަލާކުކޮށް އިރާލި އެވެ. ރިކޯޑަކަށް ވަނީ މިހެންވެގެންނެވެ. – އިމާދުގެ ބެކް މިއުޒިކު ބެލުންތެރިންގެ ހިތުގެ އެންމެ ހިމަނާރުތަކާ ކުޅެމުންދިޔައިރު ވެސް އޭނާ އެ ތިން ރޭ ތިންދުވާ ވަންދެން އުޅުނު ހާލެއް އެއްވެސް ބެލުންތެރިއެއްގެ ހިތަކަށް ވެސް ނާރާނެތީ އެވެ.
"އެ ތިން ރޭ ވެސް ފިލްމަށް އަޅުގަނޑު އޭގެ ބެކް މިއުޒިކް ކުޅުނީ ޖެހިގެން ހުރި ކޮޓަރިއެއްގައި އެކަނި އިނދެ ލައިވްކޮށް،" އިމާދު ބުނެލި އެވެ.
"ފިލްމު އަޅުވާ ގަޑީގައި ވަކި އެހެން ކޮޓަރިއެއްގައި އަޅުގަނޑުގެ ކީބޯޑްތައް ބަހައްޓައިގެން، ސިމަނާގައި ދައްކާ ފިލްމުގެ ލައިވް ފީޑެއް އަޅުގަނޑަށް ވަގުތުން ފެންނަ ގޮތަށް އިތުރު ސްކްރީނެއް މި ކޮޓަރި ތެރޭގައި ބަހައްޓައިގެން އަޅުގަނޑު ބެކް މިއުޒިކް ކުޅުނީ ލައިވްކޮށް، ސީދާ ސިނަމާ ތެރެއަށް އެ އަޑު ދާ ގޮތަށް"
"ފިލްމުގެ އެ ތިން ޝޯ ބެލި އެއްވެސް ބަޔަކަށް ހީއެއް ނުވޭ މިކަން އެނގޭނެ ހެނެއް."
މީހުން ނަލަ ހެދިގެން ފިލްމު ބަލަން ގޮސް ޖައްސާލިއިރު ވެސް ބެކް މިއުޒިކް އެއްވެސް ވަރަކަށް ނިމިފައި ނެތް 'ހިތް ހަލާކު' ބެލި އެންމެންގެ ހިތް، ހަލާކުވުމަކުން އޭނާ ސަލާމަތްކުރި ގޮތަކީ މި އެވެ. މިއީ 80ގެ ކުރީކޮޅުން ފެށިގެން 2000ގެ ކުރީކޮޅާ ހަމަ އަށް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި، މިހާރު އުމުރުން 59 އަހަރުވެފައިވާ އިމާދު ކުޅުނު ރޯލާއި އެ ރޯލު އޭނާ ކުޅެލި 'ސްމޫތުކަން' ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ރިކޯޑެކެވެ.
ދިވެހި ސިނަމާގައި، ރިހި އިސްކިރީނުގެ ފަހަތުން އެފަދަ އެތައް އެހެން ތަޖުރިބާތަކެއް ވެސް އޭނާ ކިޔައިދިނެވެ. ޑަބިންގެ މައްސަލަ ޖެހިފައި އޮތް ފިލްމެއް ދައްކަމުން ދިޔައިރު، އެއްކަހަލަ ކުޑަކުޑަ ޖާދޫގެ ކޮޓަރިއެއްގައި އިނދެ، ފިލްމުގައި އަޑު ނެތް އެކްޓަރުންގެ އަނގަޔަށް 'ލައިވްކޮށް' އަޑުއަޅައި ހިނިގަނޑުތަކަށް ބިނދުނު އެތައް ތަޖުރިބާއެއް ވެސް ކިޔައިދިނެވެ.
އެކަމަކު ދިވެހި ސިނަމާގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކަކީ އޭނާގެ އެންމެ އަގުބޮޑު ހިދުމަތްތަކެއް ނޫނެވެ. އޭނާގެ ލެގަސީއެއް ވެސް ނޫނެވެ.
"އަޅުގަނޑަކީ ދުވަހަކު ވެސް މީހަކު ކަމެއް ހަވާލުކޮށްފިއްޔާމު ނުވާނަމެކޭ ބުނާ މީހެއް ނޫން. ކޮންމެ ކަމެއް ދިމާވިޔަސް، އަބަދުވެސް ޔަގީންކަން އޮވޭ ކޮންމެ ކަމަކާ ވެސް ކުރިމަތިލައިފި ނަމަ އެކަމެއް އަޅުގަނޑަށް ކުރެވޭނެ ކަމުގެ، ހާސިލުކުރެވޭނެ ކަމުގެ،" މުޅި ދިވެހިރާއްޖެ ބިރުގަންނަވާލި ބިރުވެރި ފިލްމު 'ފަތިސްހަނދުވަރު'ގެ އާދަޔާހިލާފު ބެކް މިއުޒިކް ވެސް އުފެއްދި އިމާދު ބުނެލި އެވެ.
އެހެންވީމަ ދިވެހި މިއުޒިކީ އުދަރެހުން އަރައިގެން ގޮސް ރިހި އިސްކިރީނުގައި ވެސް އެންމެ އުހަށް އަރައިގެން ދިޔަ މި ހުނަރުވެރިޔާގެ ލެގަސީއަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އޭނާގެ ވާހަކަ މިގޮތަށް ލިޔެ، ތާރީހަށްޓަކައި ފައިލުކުރަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟
ހަގީގަތަކަށް ބުނަނީ ނަމަ، އިމާދު އިސްމާއިލަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ކިޔައިދޭން އޮތް 'އެންމެ ސަޅި' ވާހަކައެއް ނޫނެވެ. އެކަން އެނގެ އެވެ. ނަމަވެސް އޭނާގެ ވާހަކައަކަށް އައު ފެށުމަކާއި އަދި އެ ހުނަރުގެ އަގުވަޒަންކުރުމަށް އެއަށްވުރެން އައު ހުށަހެޅުމެއް ބޭނުންވާކަން ޔަގީނެވެ. – އެހެންވީމަ މިހައި ހިސާބުން، 'އެދިގެން މިރޭ ދާނަމޭ'ގެ ޑިސްކޯ ކުލަ ބޮކީގެ ހަލުވިކަމާއި ފަރިކަމާ ހަމަށް ފަހަތަށް ނަށައިގަންނަމާ ހިނގާށެވެ.
'އެދިގެން މިރޭ ދާނަމޭ'އާ ހަމައިން ހަނދަށް
'އެދިގެން މިރޭ ދާނަމޭ' އަކީ ޔަގީނަށް ވެސް އިމާދުގެ މިއުޒިކީ ހަޔާތުގެ ވާހަކަ ރަން އަކުރުން ފަވާލާދޭ އޭނާގެ އެންމެ ކުލަގަދަ ޕާފޯމަންސެވެ. ލަވަކިޔުންތެރިޔާ އަދި އޭރުގެ އަންހެނުން، ޝަފީގާއާ އެކު ދިވެހިރާއްޖޭގެ އަޑުގެ ބޭންޑުގައި 'ގެލެކްސީ' ޝޯތައް ފަޅުފިލުވައިދިން މި ލަވައަކީ އަދިވެސް، މިހާރު ވެސް އަދި މިރޭ ވެސް ހުރިހާ ދިވެހިން އެ ލަވައަކާ ދިމާލަށް އެދިގެން ދުއްވައިގަންނަވަރުގެ ފޯރި އަކާއި ދަމާބާރެކެވެ.
ނަމަވެސް އިމާދަކީ ހަގީގަތުގައި ލަވަކިޔުންތެރިއެއް ނޫނެވެ. ރައްޓެހިންތަކަކާ އެކު މިއުޒިކް ބޭންޑެއް ހަދައިގެން އެ ބޭންޑުގައި ލަވަކިޔާނެ ލަވަކިޔުންތެރިއެއް ހޯދަން އުޅުނު މިއުޒިކީ ހިތެކެވެ. ކާށިދޫ އަށް އުފަން މި ކުޅަދާނަ ކީބޯޑިސްޓްގެ މިއުޒިކީ ހަޔާތާއި ދަތުރު ފެށިގެން އަންނަ ގޮތަކީ މި އެވެ. ޝަފީގާއާ އެކުގައި ހުށަހަޅައިދިން 'އެދިގެން މިރޭ' އާއި 'ފުން ޒަހަމްކުރުވި ރަމްޒުން' ފަދަ ލަވަތަކަކީ އެންމެ ފަހު ޗެޕްޓަރުގެ ގަނޑުތަކެވެ. ނުވަތަ އޭނާ ދުވަހަކު ވެސް އުއްމީދުކޮށްގެން ހުރި ކާމިޔާބީއެއް ނޫނެވެ.
އިމާދު ކިޔައިދިން ގޮތުން ނަމަ އޭނާގެ އާއިލާގައި ތިބި އަސްލު ލަވަކިޔުންތެރިންނަކީ އޭނާގެ ބައްޕަ، އިސްމާއީލް މޫސާ އާއި އޭނާގެ ބޭބެ އެވެ. ސަގާފަތާއި މިއުޒިކާއި ފަންނު ހިފައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ފެތުރިގެން ދިޔަ މިއުޒިކް ގްރޫޕް، 'ކާށިދޫ މުސްތަރީ ކްލަބު'ގެ އެންމެ މަޝްހޫރު އަޑަކީ ވެސް އިމާދުގެ ބައްޕަ އިސްމާއީލް މޫސާ އެވެ.
އޭނާގެ އަޑުން ރިކޯޑްކޮށްފައިވާ މަދަހަ 'އިތުރު ރަސޫލާ' އަކީ ދިވެހި އެއްވެސް އެހުންތެރިޔަކަށް ތައާރަފެއް ވެސް ބޭނުންވާނެ ރިކޯޑިންއެއް ނޫނެވެ.
"އަޅުގަނޑު މިއީ ލަވަކިޔައި އުޅުނު މީހެއް ނޫން އޭރު. އަޅުގަނޑަށް ފެނުނީ އަޑުގަނޑުގެ ބައްޕަ ލަވަކިޔައި މިއުޒިކް ކުޅެ އުޅުނު ގޮތް. ބައްޕަ އާއި ބޭބެމެން މިއުޒިކް ގްރޫޕު ހަދައިގެން މާލޭގެ ކާނިވާތަކުގައި ޝޯތައް ކުޅެން ގޮސް އުޅުނު އުޅުން،" ކުޑައިރުގެ ހަނދާންތައް އާކުރަމުން އިމާދު ކިޔައިދިނެވެ.
"އަޅުގަނޑަށް ހީވަނީ އުމުރުން 12 ވަރަކަށް އަހަރުގައިހެން އަޅުގަނޑަށް މިއުޒިކްގެ ތެރެއަށް ވަދެވުނީ. ބައްޕަ މިއުޒިކް ކުޅޭތަން ފެނިގެން އަޅުގަނޑު އެންމެ ފުރަތަމަ ދަސްކުރި އިންސްޓްރުމެންޓަކީ ހަރުމުނިޔާ"
"އެންމެ ފުރަތަމަ ކުޅެން ދަސްކުރި ރާގަކީ، 'ޒިންދަގީ އެކް ސަފަރު، ހޭ ސުހާނާ."
މިހެން ބުނެފައި، މޭޒުމަތީގައި ދެ އަތުން ތަޅައި ޓެމްޕޯ ހެޔޮވަރުކޮށް ކިޝޯރު ކުމާރުގެ އެ ލަވައިން އޭނާ ފަށައިގަތެވެ.
ބައްޕައާ އެކު މާލެ އައިސް، ކިޔެވުން ނިމުނުއިރު އިމާދަކީ މާލެ ތެރެއަށް މަޝްހޫރު ކީބޯޑް ކުޅުންތެރިޔެކެވެ. މިއުޒިކުގައި އޭނާގެ ހުނަރު އޮތީ އޭރު ވެސް މަޝްހޫރުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ގޮސް ގުޅުނީ ދިވެހިރާއްޖޭގެ އަޑުން އެތަނުގެ ނަމަށް ނިސްބަތްކޮށް އުފައްދާފައި އޮތް ބޭންޑް، ޑީއޯބީއާ އެވެ.
"އޭގެ ފަހުން އަޅުގަނޑު އުޅުނީ ކޯބްރާސް ނަމަކަށް ކިޔާ ބޭންޑެއްގައި. ކްރީމް މުހައްމަދު [މެޒޯ މުހައްމަދު] އާއި [ގިޓަރިސްޓް] ހަސަން ރައޫފާ އެކު. އޭރު ރިސޯޓް މިއުޒިކް ކޮންމެވެސް ވަރަކަށް އޮންނާނެ. ރިސޯޓު މިއުޒިކް ނެތް ނަމަ ދަމާގާޑިޔަލަށް އެއްޗެހި އަރުވައިގެން ގޮސް މާލޭގެ ގޭގޭގައި ލަވަ ކުޅޭނީ،" އިމާދު ކިޔައިދިނެވެ.
"ކޯބްރާސްގައި އުޅެފައި ޓުވެންޓިއަތު ސެންޗުއަރީ ބީސީ ބޭންޑުގައި ވެސް ކުޅުނިން. ދެން ދިޔައީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އޭރު އިސްކޮށް ހުންނަވައިގެން އުފެއްދި މިއުޒިކް ބޭންޑަކަށް"
"އެއީ ސަމާ ގްރޫޕް. ދެން މި ބޭންޑްގައި ލަވަކިޔާނެ އަންހެންކުއްޖަކު ހޯދަމުން ދަނިކޮށް އަޅުގަނޑާ އެންމެ ފުރަތަމަ ޝަފީގާއާ ބައްދަލުވީ."
އުނޫޝާ އާއި ޝަފީގާ އަދި ފުން ޒަހަމް
ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރިޔަމް އުނޫޝާ އަކީ ޝަފީގާއާ އެކު އިމާދަށް ލިބުނު ތިން ކުދިންގެ ތެރެއިން ދެވަނަ ކުއްޖާ އެވެ. އުނޫޝާ އަށް ޝަފީގާ ބަލިވެއިން ދުވަސްތަކުން ފަށައިގެން ގޮސް އުނޫޝާ އުފަންވި ދުވަހުގެ ހަނދާންތަކެއް ވެސް އިމާދު ކިޔައިދިނެވެ.
"އެ ދުވަހަކީ އަޅުގަނޑު ރިސޯޓް ގިގަކަށް ދާންވެގެން ބޭންޑާއެކު ޕްރެކްޓިހުގައި އުޅުނު ދުވަހެއް. ޖޯޖް މައިކަލްގެ 'ކެއާލެސް ވިސްޕާ'ގެ ސެކްސެފޯން އިންޓްރޯ ކީބޯޑުން ކުޅެ ފަރިތަކުރަން އަޅުގަނޑު އިންދައި މީހަކު އައިސް ބުނީ ޝަފީގާގެ ބަނޑުގައި ރިއްސައިގަތޭ،" އިމާދު ކިޔައިދިނެވެ.
"އަޅުގަނޑު ޕްރެކްޓިސް ހުއްޓާލާފައި ދިޔައިރު ވިހައިފި. އެއީ ދެވަނަ ދަރިފުޅު، ކިޑީ [އުނޫޝާ]. އެކަމަކު އެ ދުވަހު ވެސް ފުރައިގެންދާން ޖެހުނީ ރިސޯޓަށް، ކުޑަ އިރުކޮޅަކަށް އެމީހުންނާ އެކުގައި އުޅެފައި."
އިމާދުގެ މުޅި މި އިންޓަވިއުގައި ވެސް އޭނާ އެންމެ ތިލަކޮށް ނުވަތަ އެއްވެސް ވަރަކަށް ކިޔައިދޭން ޝައުގުވެރިނުވި ދިމާލަކީ އޭނާގެ ހުނަރުވެރި ކުދިންނާ ބެހޭ ވާހަކަތަކެވެ. އެކަމަކު އުނޫޝާ ރާއްޖޭގައި ނެތް ވަރުގެ ލަވަކިޔުންތެރިޔަކަށް ވާނެކަން އަބަދުވެސް އެނގޭ ކަމަށް އަދި އެ އިހުސާސް އަބަދުވެސް ކުރެވުނު ކަމަށް ބުންޏެވެ.
"އަޅުގަނޑު ހަނދާންވޭ 'ކެއާލެސް ވިސްޕާ'ގެ ރާގަށް ކިޑީ ސްކޫލްގައި ލަވަކީ ހަނދާން. އެފަހަރު ލިބުނީ ދެވަނަ. އެކަމަކު އޭރު ވެސް އެނގޭ މިހާރު އޭނަ އެހެރަ ހިސާބަށް ދާނެކަން،" އިމާދު ބުންޏެވެ.
އިމާދު އާއި ޝަފީގާގެ ކައިވެނި ދެމިގެން ދިޔައީ އޭނާ ބުނި ގޮތުން ނަމަ ގާތްގަނޑަކަށް 10 ވަރަކަށް އަހަރަށެވެ. އަދި އެ ދިރިއުޅުމާއި މިއުޒިކީ ހަޔާތުގެ މިސްރާބު ބަދަލުކޮށްލީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށް 12 އަހަރަށް އަރުވާލަން ހުކުމް ކުރި ހިސާބުންނެވެ.
"ޝަފީގާއާ ބައްދަލުވީ ސަމާ ބޭންޑަށް އަންހެން ލަވަކިޔުންތެރިޔަކު ހޯދަން އުޅުމުގެ ތެރޭގައި. އޮޑިޝަނުގައި އޭނާ އެންމެ ފުރަތަމަ ކީ ލަވަ ކަމަކުނުދިޔަ. ދެން އޭނާ ލައްވައި ކިޔުއްވީ އެ ދުވަސްވަރު ވަރަށް މަޝްހޫރުވި ލަވައެއް ކަމަށްވާ، 'ދިލްކެ އަރުމާން އާސޯމެ ބެހްގަޔީ'،" އިމާދު ކިޔައިދިނެވެ.
ސަމާ ބޭންޑާއެކު، މާލޭގައި އޭރު ބޭއްވި ގަދަނޫ ކާނިވަލުގެ ޝޯގައި އެ ރާގަށް ޝަފީގާ ހުށަހަޅައިދިނީ 'ދެއްވި ފަރުވާއާ ޝިފާވީ މޭގައޭ' އެވެ. އެހިސާބުން ތަރިއަކު އުފަންވީ އެވެ. އަދި ޝަފީގާ އާއި އިމާދުގެ ކެމިސްޓްރީ އުފެއްދި ލޯބީގައި މާތައް ފޮޅި ދެ މީހުން އެކުގައި ޒަވާޖީ ހަޔާތެއް ފަށައި ޑުއެޓުކުރި ފުރަތަމަ ލަވަ 'ފުން ޒަހަމްކުރުވި ރަމްޒުން' ވެގެން ދިޔައީ އެއަށް ވުރެ މާ ބޮޑު ހިޓަކަށެވެ.
'ހަމް ސަފަރު ބަންކެ ހަމްދަމް'ގެ ހިންދީ ރާގަށް ޝަފީގާ އާއި އިމާދު ކީ ދިވެހި ލަވަ ރީތިވެގެން އިތުރު ތިން ހައުސްފުލް ޝޯ އެފަހަރު ބާއްވަން ޖެހުނެވެ. އަދި އަޑުއަހަން ގޮސް ތިބި މީހުންނާއި މި ޖޯޑުގެ ޕާފޯމަންސް ބަލަން ގޮސް ތިބި މީހުން ހީކުރީ އެ ދެ ހިތް ދުވަހަކު ވެސް ވަތްކެއް ނުވާނެ ކަމަށެވެ.
އެކަމަކު އިމާދު އިސްމާއިލްގެ ޒާތީ ދިރިއުޅުމާއި އޭނާގެ މިއުޒިކީ ހަޔާތަކީ ހަމަ އަސްލަށް ވެސް 'ފުން ޒަހަމްކުރުވި ރަމްޒުން' ފަވައިދޭ، އެތައް ޖަޒުބާތެއް އޭގައިވީ ދަތުރެކެވެ.
"އަޅުގަނޑު ހައްޔަރުކޮށް ބަންދުކުރީ މަސްތުވާތަކެތީގެ ކުށުގައި ކަމަށް ބުނެ. އެކަމަކު އެއީ އަސްލު އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އިލްޔާސް އިބްރާހީމުގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް އަޅުގަނޑު ވަދެ އިލްޔާސަށް ކެމްޕޭންކުރީމަ ދިން އަދަބެއް،" އިމާދުގެ ނިންމުމަކީ މި އެވެ.
"ޖަލުގައި އަޅުގަނޑު އޮތިން 75 ދުވަސް ވަންދެން. ދެން އަރުވާލީ މާނއެބޫދުއަށް. އެ ރަށުގައިވީ ދެ އަހަރު. އެކަމަކު އެކަންތައްގަނޑާ ގުޅިގެން އަޅުގަނޑުގެ މިއުޒިކީ ހަޔާތާއި ޒަވާޖީ ހަޔާތް ވަރަށް ބޮޑަށް ރޫޅި ހަލާކުވެގެން ދިޔައީ."
އިމާދު އިސްމާއިލް މިހާރު ވެސް އެބަ އުޅެ އެވެ. ސްޓޭޖުމަތިން ނުފެންނަނީ އެވެ. ވަރުގަދަ ޝޯއަކުން މިހާރު ނުފެންނަނީ އެވެ. އެކަމަކު ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ނަޒަރު ހިންގާލާއިރު އޭނާގެ ހުނަރުން ތަމްރީނުކޮށް ތަރިންނަށް ހަދައިދިން ލަވަކިޔުންތެރިންނާއި މިއުޒިޝަނުންގެ ލިސްޓު ވަރަށް ވެސް ދިގެވެ.
ކޮމެންޓް (1)
ޒުހުރީ