މާލޭގައި ބޭއްވި ޝޯއެއްގައި ޝިފާޒު ޕާފޯމްކުރަނީ. (ފޮޓޯ/މަސްރަހް)
ގަތައި މި ތައުރީފެއް ހުސްނުވާނެ، އަހައި ފޫއްސެއް ވެސް ނުވާނެ
"ތުއްތު ކީއްވެ މާ ގަދަޔަށް އިރަނީ؟"
"ތުއްތު ކުޑަކޮށް ހަމަޖެހިލާ މިގަޑީގަ"
ނޫނެކެވެ. ތުއްތު ހަމައެއް ނުޖެހޭނެ އެވެ. ތުއްތު ދެނެއް މައިތިރިއެއް ނުވާނެ އެވެ. ތުއްތު މައިތިރިކުރަން ނުވެސް އުޅޭށެވެ. ވަކިން ހާއްސަކޮށް އޭނާގެ ހުނަރެވެ.
އެކަމަކު ތުއްތު މިއީ ކާކު ހެއްޔެވެ؟
ޖަވާބަކީ، ތުއްތު ޕާކެވެ.
މުހައްމަދު ޝިފާޒުގެ ތައާރަފެއް ދޭނީ ކިހިނެތްތޯ ސުވާލުކޮށްފި ނަމަ މިއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނަށް ވެސް ޖަވާބުދޭން އުނދަގޫވާނެ ސުވާލެކެވެ. ސަބަބަކީ އުމުރުން 32 އަހަރުގެ މި ޒުވާނާގެ ހުނަރުވެރިކަމުގެ ވާހަކަ ފަށައިގަންނާނެ ދިމާލެއް ހަމަ އެކަކަށް ވެސް ނޭނގޭތީ އެވެ. އަދި އެ ފެށުމަކުން ފަށައިގަނެވިއްޖެ ނަމަ ދެން އެ ވާހަކަ ނިންމާނޭ ގޮތެއް އިންސާނެއްގެ ހިޔާލަށް ވެސް ގެންނަން އުނދަގޫވާނެތީ އެވެ.
އެކަމަކު އޭނާ 2020 ވަނަ އަހަރު ނެރުނު އަލަތު ހިޕްހޮޕް ރެޕް އަލްބަމް، 'މީމާލެ' އަށް ކުޅަދާނަ ލަވަކިޔުންތެރިޔާ އަޒޫބެއާ އެކު ރިކޯޑްކޮށްފައިވާ ލަވަ 'އިރާ މީހުން' ގައި އެ ވަނީ އެ ތައާރަފް ވަރަށް ކުރުކޮށް، ވަރަށް ފޮނިކޮށް ދީ ނިންމައިފަ އެވެ.
"ތުއްތު ކާކު؟ ތުއްތު ޕާކު."
ޝިފާޒުގެ ހުރިހާ ރައްޓެހިން އަދި ރާއްޖޭގެ ހިޕްހޮޕް/ރެޕް އާއިލާ ތެރޭގަ އާއި ރެޕްގެ މުޅި މި ޕާކުގައި ވެސް އެންމެން އޭނާ ދަންނަ ނަމަކީ މި އެވެ. – ތުއްތު ޕާކަކީ ހަމަ އަސްލަށް ވެސް ނަމުގައި އެ ބުނާ ގޮތަށް، ދިވެހި ހިޕްހޮޕް ރެޕް ލަވައިގެ ދުނިޔޭގައި އޮތް އެންމެ ބޮޑު ޕާކެވެ. އަދި ހުނަރާއި ޖޯޝާއި ފޯރީގައި އިމެއް ކަނޑައެޅިފައި ނެތް ޕާކެކެވެ.
ޖުމްލަ ނުވަ ލަވަ ހިމެނޭ މި އަލްބަމް ވަރަށް ރަނގަޅަށް މިކަމަށް ހެކިވެ އެވެ. 'މީމާލެ' އަކީ އާންމުކޮށް އަޑުއަހާލަން ލިބޭ ދިވެހި ރެޕް ލަވަތަކަށް ވުރެން ހުރިހާ ގޮތަކުން ވެސް ތަފާތު އޮއިވަރެއް، ރަހައެއް އަދި ވާހަކަތަކެއް އޭގައި ދެމެމުންދާ، މާ ބޮޑަށް ވެސް މުއްސަނދި މަސައްކަތެކެވެ. އެކަމަކު މި ވާހަކަ މިގޮތަށް ދައްކަން އަސްލު މާ ބޮޑަށް ލަސް ވެސް ވެއްޖެ އެވެ. އަލްބަމާއި އޭގައިވީ ލަވަތަކަށް ތައުރީފު އެއްލައި ހުސްނުވާނެކަން ޔަގީނެވެ. އަދި އަޑުއަހައި ފޫހި ވެސް ކޮށްނުލެވޭނެކަން ޔަގީނެވެ.
ވަކިން ހާއްސަކޮށް 'އިރާ މީހުން' ، 'އައިމިނަ' އަދި ޓައިޓްލް ލަވަ 'މީމާލެ' އަކީ މުޅިން އެހެން ލެވެލްއެއްގައި ގަތައި ފައްކާކޮށްފައިވާ ތިން ލަވަ އެވެ. މިހެން ބުންޏަސް އަޅުގަނޑަކީ ލަވަ އާއި މިއުޒިކްގެ އިސް ފަނޑިޔާރެއް ނޫނެވެ. އެކަމަކު ދިވެހި ހިޕްހޮޕް/ރެޕް ގަވާއިދުން ފޮލޯކުރާ އެހުންތެރިއެއްގެ ހައިސިއްޔަތުން ބުނާނީ މި ތިން ލަވަ އަށް ގެނބި، އާޝޯހުވެ، އަޅުދާސްތުވެގެން ދިޔަހާ ފަސޭހައިން ދިވެހި އެހެން އެއްވެސް ރެޕް ލަވައެއްގެ ޖާދޫގައި ކުރިއަކުން ނުޖެހެ އެވެ. މި އާޓިކަލް ލިޔަމުންދާއިރު ވެސް 'އައިމިނަ' އެހެރީ ޕްލޭކޮށްފަ އެވެ.
'މީމާލެ' އަލްބަމުން އެއް ލަވަ ހޮވާ ނަމަ އަޅުގަނޑުގެ ހޮވުމަކީ، 'އައިމިނަ' އެވެ. ޓްރެފިކް ޖޭމްގެ ލަވަކިޔުންތެރިޔާ ކަޔާނޯއާ އެކު ރިކޯޑްކޮށް 'ތުއްތު ޕާކު'ގެ ދުލާއި ސިކުނޑިން ވިރުވައިއަޅާފައިވާ މި ލަވަ އަކީ ޔަގީނަށް ވެސް މީގައި ހިމެނޭ އެންމެ ބޮޑު ޝައުގުވެރިކަމެވެ.
އެކަމަކު މިހައި ހިސާބުން 'މީމާލެ'ގެ ދެވިހިފާ ބީޓާއި ފްލޯ ދޫކޮށްލާފައި އެހެން ދިމާލަކަށް މި އާޓިކަލްގެ ބީޓުތައް ގަތައި އެނބުރިގަންނަމާ ހިނގާށެވެ. އެކަމަކު ކޮން ދިމާލަކަށް ހެއްޔެވެ؟ ކިންގް އޮފް ޕޮޕް، މައިކަލް ޖެކްސަންގެ ޕޮޕް ދުނިޔެއަށެވެ.
މައިކަލް ޖެކްސަންގެ ދުނިޔެއިން ފެނުނީ ޓޫޕަކް
މި އިންޓަވިއު އަށް ވަގުތު ހުސްކޮށްގެން އައިސް، ސްޓޫޑިއޯގައި ޝިފާޒު ރެޕްކުރަން ފަށައިގަތެވެ. އޭނާ އެންމެ ފުރަތަމަ ގަތައި ފުރިހަމަކުރި ރެޕު ލަވަ އެވެ. އިނގިރޭސި ބަހުންނެވެ. ފަރިތަކޮށެވެ. އަދި ލަކި ޖަހަމުން ދަމައިގެން ގެންދިޔައީ މާކުރީގެ 'ޕޮޕް' ހަނދާންތަކެއްގެ ތެރެއަށެވެ.
"އޭރު މީހަކީ މައިކަލް ޖެކްސަން. އޭރު އަޅުގަނޑުމެންގެ ގޭގައި ވަރަށް ލަވަޖަހާނެ. ކެސެޓު ޕްލޭޔަރެއް ހުންނާނެ. ދެން އެއް ދުވަހަކު މި ފެންނަނީ މައިކަލްގެ ބައިވަރު ލަވަރޯލުތަކެއް. ދެން މި ރޯލުތައް ހާވަމުން ދަނިކޮށް ފެނުނީ ޓޫޕަކް ކިޔާ އާޓިސްޓެއްގެ ލަވަރޯލެއް،" ކިންގް އޮފް ޕޮޕްގެ ލަވަތައް ޖަހައި ނަށަމުން ދަނިކޮށް ލަވަ ރޯލު ކަލެކްޝަންގެ ތެރެއިން އެމެރިކާގެ ކުޅަދާނަ ރެޕް އާޓިސްޓް ޓޫޕަކް ޝަކޯގެ ހުނަރުވެރިކަމާ އަލަށް ބައްދަލުވި ދުވަސް ހަނދާންކޮށް ޝިފާޒު ކިޔައިދިނެވެ.
ޓޫޕަކް އަށް ފަހު އޭނާ ގޮސް ޖެހުނީ ހިޕްހޮޕް އަދި މުޅި މިއުޒިކް އިންޑަސްޓްރީ އަށް ވެސް އިންގިލާބެއް ގެނެސްދިން އެމެރިކާގެ މަޝްހޫރު ހިޕްހޮޕް ގްރޫޕް، އެން.ޑަބްލިއު.އޭ ގެ ޖާދޫގަ އެވެ. ކުޅަދާނަ ރެޕާ އަދި ޕްރޮޑިއުސަރު، ޑޮކްޓަ ޑްރޭ އާއި އައިސް ކިއުބް އަދި އީޒީ-އީ އާއި އެރޭބިއަން ޕްރިންސް ފަދަ ހުނަރުވެރިން ނިސްބަތްވި ގްރޫޕެކެވެ. ޓޫޕަކް އާއި އެން.ޑަބްލިއު.އޭ އަކީ ވެސް ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކާއި ތަޅާފޮޅުމާއި ބޭއިންސާފާއި ތަފާތުކުރުމުގެ ސަގާފަތާއި ވާހަކަ އެމީހުންގެ ލަވަތަކުން އެހުންތެރިންނާ ހަމަ އަށް ގެނެސްދިން އާޓިސްޓުންނެވެ.
ޝިފާޒު ވެސް އޭނާގެ މިއުޒިކީ ހަޔާތުގައި އަޅާފައިވާ ބިންގަލަކީ މި އެވެ.
"ދެން ވަރަށް ކަމުގޮސްފި މި ލަވަތައް. އެ ރެޕް ލަވަތަކުގައި އެމީހުން ކިޔާ ނުކިޔާ އެއްޗެއް އަސްލު ރަނގަޅަކަށް ނުވެސް އެނގޭ އޭރަކު. އެކަމަކު ވެސް ހިތަށް އެރީ މިއީ އަދި މުޅިން ތަފާތު ބައެކޭ. މިއީ މުޅިން އެހެން ލެވެލްއެކޭ. ދެން އެމީހުންގެ އެ ލަވަ އާއި ލަވަތަކުގައި ކިޔައިދިން ވާހަކަތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީ،" އޭނާ ކިޔައިދިނެވެ.
"ދެން އަހަރެން ވެސް ބޭނުންވީ އެގޮތަށް ލިޔަން."
އެގޮތަށް ލިޔަން އެކަންޏެއް ނޫނެވެ. އެގޮތަށް ރެޕް ވެސް ކުރާށެވެ. ޝިފާޒު އޭނާގެ މި ދަތުރު ފެށިއިރު އުމުރުން ކިރިޔާ 8 އަހަރު ފުރުނީ އެވެ. އެކަމަކު ވެސް އޭނާ ހުރީ ގަދަފަދަ އަޒުމެއްގަ އެވެ. އަދި ވަރުގަދަ ގަބޫލުކުރުމަކުން ފުރިފަ އެވެ.
"އަހަރެން މިއީ އަބަދުވެސް ރިސްކީ ކަންކަމަށް ޝައުގުވެރިވި މީހެއް. ނުރައްކަލާ ދޯޅު މީހެއް. މީހުން ނުކުރާ ކަހަލަ ތަފާތު، ކްރިއޭޓިވް ކަންކަން ކުރަން ބޭނުންވި މީހެއް،" އޭނާ ކިޔައިދިނެވެ.
"ނަމަވެސް ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ރަނގަޅަށް، ވަރަށް ލޯބިން އެކަމަކާ ގަޔާވެގެން ކުރަން ބޭނުންވި މީހެއް. ކަމަކަށް ކަމެއް ކުރާ ހިތެއް ނުވޭ އެއްވެސް އިރަކު."
ވަރަށް ކުޑައިރުގައި ހިޕްހޮޕަށް އުފެދުނު ޝައުގުވެރިކަމުގައި އަމިއްލަ އަށް ހޯދައި ބަލައި އަޑުއަހައި ދަސްކުރަމުން ދިޔަ ހުނަރު ރިކޯޑްކުރަން ލިބުނު ފުރަތަމަ ފުރުސަތު އޭނާ އަށް ކަމުނުދިޔައީ ވެސް އެހެންވެގެންނެވެ. އޭނާ ބޭނުންވި ފެންވަރު އެ ފުރުސަތުން ނުފެނުމުންނެވެ. އަނެއްކޮޅުން ޝިފާޒު ކިޔަންދިން ގޮތުން ނަމަ އެއީ ހިތްމަރާލި ވެސް ތަޖުރިބާއެކެވެ.
"ސްކޫލްގައި ވަރަށް ގަދަ އަށް ކިޔެވިން އަޅުގަނޑު. މޮޅު ވެސް ވާނެ. މޮޅަށް ފާސް ވެސް ވާނެ. އެކަމަކު ކިޔަވައިދިނުމުގެ ސިސްޓަމް އަޅުގަނޑަކަށް އެއްވެސް އިރަކު ކަމަކުނުދޭ. ދެން އޭރު ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީ ސްކޭޓްކުރަން އަދި ރާޅަށް ދާން،" ޝިފާޒް ކިޔައިދިނެވެ.
"ދެން އެގޮތަށް އުޅެނިކޮށް ރައްޓެއްސަކު މެދުވެރިކޮށް މި ދިމާވަނީ ޔެސީ ކިޔާ މީހަކާ."
އެއީ މީގެ 14 ވަރަކަށް އަހަރު ކުރިން ދިވެހި ހިޕްހޮޕް މިއުޒިކީ އުދަރެހުން އަރައިގެން އައިއިރު 'ޕާޓޭ' ނަމަކަށް ކީ ލަވައަކާ އެކު މަޝްހޫރުކަން ހޯދި ޔާސިފް މުހައްމަދެވެ. އެކަމަކު އޭރު އަދި 'ޕާޓޭ'އެއް ވެސް ނުއުފެދެ އެވެ. ޔެސީ މަޝްހޫރެއް ވެސް ނުވެ އެވެ.
"ދެން ޔެސީ ދީފި ޓްރެކެއް. ބުނެފި ފަރިތަކޮށްގެން އަންނާށޭ. އޭރަކު އަދި ދުވަހަކު ވެސް އަޅުގަނޑު އެގޮތަށް ޓްރެކަކަށް ނުވަތަ ބީޓަކަށް ރެޕެއް ނުކުރަން. އެކަމަކު ބީޓަށް ކިޔަން ދަސްވީމަ އަދި އޭތި މާ ސަޅިވެއްޖެ،" ޝިފާޒް ކިޔައިދިނެވެ.
އަދި ދެންވީ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
"ދެން ގޮއްސިން ޓްރެކަށް ފަރިތަކޮށްގެން. ދެން މައިކް ސެޓުކޮށްފަ ޔެސީ ދީފި ރެޕްކުރަން. ދެން ތުއްތު ރެޕްކުރަން ފެށުމާ އެކު ގޭގައި ތިބި އެންމެން ކުއްލިއަކަށް މި ކޮޓަރިއަށް ޖަމާވެއްޖެ."
އެންމެން ވެސް އައީ ޝިފާޒުގެ ކުޅަދާނަކަން އިވިގެން، ގަބޫލުނުކުރެވިގެން ލޮލުން ބަލައި އެކަން ގަބޫލުކުރާށެވެ. އެކަމަކު ދެން އެ ފުރުސަތެއް ޝިފާޒަކަށް ނުލިބުނެވެ.
"ޔެސީ އަހަރެން ހުއްޓުވާފަ މައިކް ވެސް އަތުލާފަ ބުނެފި ދެން ތުއްތު ކިޔާނެ ކަމެއް ނެތޭ. ތުއްތު ދެން މާ ފްރީސްޓައިލީޔޯ ކިޔާފަ ނުދިން ދެން ފުރުސަތެއް. ދެން އަހަރެން ހިތަށް އަރައިފި އެހެންވީމަ ދެން އަހަރެން ދުވަހަކު ވެސް ރެޕެއް ނުކުރާނަމޭ އޭގެ ފަހަކުން."
އެ މާޔޫސްކަމުގެ ތެރޭގައި އުޅެނިކޮށް ދެން ޖެހުނީ އުދުއްސައިގަންނާށެވެ. އާއިލާއާ އެކު ޝިފާޒު ބަދަލުވީ ސްރީ ލަންކާއަށެވެ. ކިޔަވާށެވެ.
ކޮއްޕައި ބޭރުކޮށްލުމުން ރެޕް ހުވަފެނެއް ރަނަށް
ރެޕް ހުވަފެނެއްގައި ރެޕް ކެރިއަރެއް ފައްކާކުރަމުން އަންނައިރު ޝިފާޒު އަންނަނީ މައިކްރޯ އިލެކްޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން މިވަގުތު މަތީ ތައުލީމަށް ވެސް ކިޔަވަމުންނެވެ. އަދި މައިކްރޯ އިލެކްޓްރޯނިކްސް އަށް އުފެދިފައިވާ ޝައުގުވެރިކަމުގެ ތެރެއިން އޭނާ އެކަމަކަށް ހާއްސަ އަމިއްލަ ވޯކްޝޮޕެއް ވެސް ހިންގަ އެވެ.
އެކަމަކު ކިޔަވަން ގޮސް ލަންކާގައި އޭނާ އަށް ކުރެވުނީ މުޅިން އެހެން ތަޖުރިބާއެކެވެ. އެ ތަޖުރިބާ އޭނާ ކިޔައިދިނީ މިހެންނެވެ.
"އެންމެ ފުރަތަމަ ދިޔައީ އައިޓީ ކިޔަވަން. އެކަމަކު އައިޓީ ކަމަކުނުދިޔަ. ދެން ދިޔައީ ޓުއަރިޒަމް ކިޔަވަން. އެ ވެސް ކަމަކުނުދިޔަ. އިންގްލިޝް ލިޓްރޭޗާ ވެސް ކިޔެވިން، އެޔަކާ ވެސް ގަޔައެއްނުވި. ލަންކާ އަށް ގޮސް އަހަރެން ކިޔަވަން ދިޔަ ހުރިހާ ކޮލެޖަކުން އަހަރެން ބޭރުކޮށްލީ،" ހީގެންފައި ޝިފާޒް ކިޔައިދިނެވެ.
ނަމަވެސް އެއްވެސް މީހަކަށް އޭނާ ބޭރުނުކޮށްލެވުނީ އޭނާގެ ރެޕް ގޭމުގަ އެވެ.
"ދެން ލަންކާގައި އުޅެނިކޮށް ދިމާވަނީ އެކޮޅުގައި ހިޕްހޮޕް ޖައްސަމުން ދިޔަ އާޓިސްޓުންތަކަކާ. ދެން އެމީހުންނަށް އަޅުގަނޑުގެ ރެޕިން ފެނިގެން އެންމެފަހުން އެމީހުންނާ އެކު ގޮސް އުފެއްދީ 44 ކާލިޔާ ނަމަކަށް ކިޔާ ރެޕް ކްރޫއެއް. އެ ކްރޫ އެންމެފަހުން މަޑުމަޑުން ފުޅާވަމުން ބޮޑުވަމުން ގޮސް ސޮއިކުރީ ލަންކާގެ މަޝްހޫރު ހިޕްހޮޕް އާޓިސްޓް އަދި ޕްރޮޑިއުސަރު އިރާޖުގެ ލޭބަލަށް،" ޝިފާޒު ކިޔައިދިނެވެ.
އެކަމަކު އޭރު ވެސް އޭނާ ސްޓޭޖަށް އަރައި ރެޕެއް ނުކުރެ އެވެ. ނުވަތަ ކުރީ ސަފަށް ނުކުތުމުގެ ޝައުގުވެރިކަމެއް ވެސް ނެތެވެ. އެއަށް ވުރެ ބޮޑަށް އުޅުނީ އެ ކްރޫ މެނޭޖުކޮށް ޑައިރެކްޝަންގަ އެވެ.
ނަމަވެސް މިއަދު މި ފެންނަ ރެޕް ކެރިއަރުގެ އަސްލު ފެށުމަކީ ލަންކާގައި ޝިފާޒު ހޭދަކުރި އެ އަށް އަހަރެވެ.
"ލަންކާގައި އެގޮތަށް އުޅެމުން، 'މީމާލެ' ލަވަ ފުރަތަމަ ލިޔުނީ. ދެން އަހަރެން ގޮސް އޭތި ރެޕްކޮށްފަ އިއްވީ މަންމަ އަށް. ދެން މި ލަވަ މަންމަ އަށް ކިޔާލަދިނީމަ މަންމަ ބުނީ ތިމަންނައަކަށް ހީއެއް ނުވެއޭ އެއްވެސް މީހަކު ތައްޔާރުހެނެއް މިއަކަށް،" ޝިފާޒު ކިޔައިދިނެވެ.
"މަންމަ ދެން ބުނީ އަދި މަޑުކޮށްލާށޭ."
އެ ނަސޭހަތުގައި ޝިފާޒު މަޑުކޮށްލީ އެވެ. ނަމަވެސް އޭނާ ދިޔައީ އަލްބަމަށް ލާނެ އެހެން ލަވަތައް ވެސް މަޑުމަޑުން އުފައްދަމުންނެވެ. އެންމެފަހުން އޭގެ ތެރެއިން ނުވަ ލަވަ 'މީމާލެ'ގެ ގޮތުގައި ނެރުނީ ހަތް އަހަރުގެ މަޑުކުރުމަކަށް ފަހު އެވެ.
މިހައި ހިސާބުން އުފެދޭ ސުވާލަކީ މި އެވެ.
'ތުއްތު ޕާކަށް' ނުވަތަ ޝިފާޒުގެ މި ކުޅަދާނަކަމަށް ދިވެހި އޯޑިއަންސް ތައްޔާރުވެއްޖެތޯ އެވެ؟ އަލްބަމަށް އަދި ޝިފާޒުގެ ހުނަރަށް އެއްލަމުންދާ ތައުރީފުން އޭގެ ޖަވާބު ވަރަށް ވެސް ސާފެވެ.
"2019ގައި ނެތް އަޅުގަނޑުގެ ލަވައެއް އަޑުއަހާލާނެ ފޭންބޭސްއެއް. 2020ގައި އަލްބަމް ނެރުމާ އެކު އެ އޯޑިއެންސް ކުއްލިއަކަށް އުފެދި އިތުރުވެއްޖެ،" އޮންލައިން ޕްލެޓްފޯމުތަކުގައި 'މީމާލެ' އަލްބަމް އުފައްދަމުންދާ އަދަދުތަކަށް އިޝާރާތްކޮށް ޝިފާޒު ބުންޏެވެ.
"އަޅުގަނޑަށް އަބަދުވެސް އެނގޭ، އިހުސާސުވޭ، ޔަގީންކަން އޮތް އަޅުގަނޑު ކޮންމެވެސް ދުވަހަކުން ފާހަގަކުރެވޭ ވަރުގެ ބޮޑު ކަމެއް ކުރާނެކަން. މިއީ އެ ހުވަފެން."
ޔަގީނެވެ. ޝިފާޒު ނޭވާލަމުން އެ ގެންދަނީ އަބަދުވެސް ބެލި އެންމެ ބޮޑު ހުވަފެނުގަ އެވެ. އެހެންވީމަ ދެން މި އޮތީ ނިންމާލާ ސުވާލެވެ.
ރެޕް އާޓިސްޓެއްގެ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ހާސިލުކުރަން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟
"އައި ތިންކް އައި ވޯންޓް ޓު ޕުޓް މޯލްޑިވްސް އޮން ދަ މެޕް، ވިތު އަވާ މިއުޒިކް. އެއީ އަޅުގަނޑު ކުރަން ބޭނުންވާ ކަމަކީ. އެކަމަކު އެކަން ކުރަން ބޭނުންވަނީ އެކަންޏެއް ނޫން. މި އެންމެން، ހުރިހާ މިއުޒިޝަނުންނާ ވެސް އެކުގައި،" ދެވަނަ އަލްބަމަށް ތައްޔާރުވަމުން އަންނަ ޝިފާޒު ބުނެލި އެވެ.
"އެކަން އަޅުގަނޑު ކުރާނަން. އޭގައި ޝައްކެއް ވެސް ނެތް."
ކޮމެންޓް (1)
ހަސަނު