ނާސާގެ އެޕޯލޯ 17ގައި ހަނދަށް ދިޔަ އެސްޓްރޮނޯޓު ހެރިސަން ސްމިޓް، ހަނދުން ހިރަފުސް ނަގަނީ: މިއީ އެންމެ ފަހުން ހަނދުގައި ހިނގި ދެ އިންސާނުންގެ ތެރެއިން އެކަކު (ފޮޓޯ/ނާސާ)

އާޓީމިސް

ހަނދާއި އިންސާނުން: މިއީ ގުޅިފައި އޮތް ލޯތްބެއް

12 ޑިސެމްބަރު 2022
1
ނާސާގެ އޮރާޔަން އުޅަނދު ކާމިޔާބުކަމާ އެކު ދުނިޔެއަށް އައުމަކީ 2025-2026 ގައި އަލުން އިންސާނުން ހަނދަށް ފޮނުވުމުގެ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް

ލޯބިވެރިޔާ ސިފަކުރަން އޭގެ ހިތްގައިމުކަމުގެ ވާހަކަ އެވެ؛ ސާދަ ވިލޭރޭގެ ހަނދެއް ފަދަ އެވެ. ރޭގަނޑުގެ ހިމޭންކަމުގައި އެއަށް ނަޒަރު ހުއްޓާލައިގެން ތިބެވެ އެވެ. 

އެ ހުރިހާ ކަމަކާ އެކު ދުނިޔޭގެ ހަނދު އިންސާނުންނާ ގުޅިފައި އޮތް ގުޅުން ބޮޑެވެ. އަދި އިލްމީ ގޮތުން އިންސާނާ ކުރިއަރައި ދިޔަ ވަރަކަށް ހަނދާ ބެހޭ ހޯދުންތައް ވެސް އެހާމެ ގިނަ އެވެ. އެންމެ ފަހުން 'ސާދަ ވިލޭރޭގެ އެ އަލި ގަދަ ރީތި ހަނދު'ގެ ފަސްގަނޑުގައި އިންސާނުންގެ ފައި ބީއްސާލި ދުވަސްތައް ވެސް ދެކެފި އެވެ.

ހަނދުގެ މި ރީތިކަމުން އިންސާނުންނަށް ވަރަށް ބޮޑު އުފަލެއް ލިބޭ

މިއަދަކީ އެ ތާރީހީ ދަތުރުތަކުގައި އެންމެ ފަހު އިންސާނުން ހަނދުގައި ވަގުތު ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. މީގެ 50 އަހަރު ކުރިން 11-14 ޑިސެމްބަރު 1972 ގައި، އެމެރިކާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ އީޖިން އެންޑްރޫ ކާނަން އާއި ހެރިސަން ހާގަން ސުމިޓް، ތިން ބުރެއްގެ މަތިން ހަނދުގައި 22 ގަޑިއިރާއި ތިން މިނިޓް ހޭދަކުރި އެވެ.

އޭގެ ފަހުން އިންސާނުން އަދި ހަނދަކަށް ނުދެ އެވެ. އެކަމަކު އިއްޔެއަކީ އަލުން އެ ދަތުރު ފަށަން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ކުރިއަށް ގެންދާ އަގުބޮޑު ޕްރޮގްރާމްގައި މުހިންމު ފިޔަވަޅެއް އެޅި ދުވަހެވެ. އެޕޯލޯ 17ގެ ދެ އެސްޓްރޮނޯޓުން ހަނދަށް ފޭބި ދުވަސް، 11 ޑިސެމްބަރާ ދިމާކޮށް އިއްޔެ ޕެސިފިކް ކަނޑަށް އެ ތިރިކުރީ އަލުން އިންސާނުން ހަނދަށް ގެންދަން ބޭނުންކުރާ އުޅަނދު، އޮރާޔަން އެވެ.

މީގެ 50 އަހަރު ކުރިން، 11 ޑިސެމްބަރު 1972ގައި އެޕޯލޯ 17ގެ ދެ އެސްޓްރޮނޯޓުން ހަނދުގައި ހިނގާފައިވާ ތަނުގެ ނިޝާން: މިއީ އެންމެ ފަހުން އިންސާނުން ހަނދުގައި ހިނގި ހިނގުން (ފޮޓޯ/ނާސާ)
އެމެރިކާގެ އެސްޓްރޮނޯޓް އީޖިން އެޑްވަޑް ކާނަން، ހަނދުގައި އެމެރިކާގެ ދިދަޔަށް ސެލިއުޓް ނަގަނީ

އިއްޔެއަކީ އަނެއްކާވެސް ތާރީހީ ދުވަހެކެވެ. އިންސާނުން އަލުން ހަނދަށް ފޮނުވަން ނާސާއިން ކުރިއަށް ގެންދާ އާޓީމިސް ޕްރޮގްރާމްގައި ބޭނުންކުރާ އުޅަނދު އޮރާޔަންގެ ޓެސްޓް ފުރަތަމަ ދަތުރުގައި ހަނދު ވަށައި ތިން ހަފުތާ ހޭދަކުރުމަށް ފަހު ރޭ ވަނީ އެނބުރި ދުނިޔެއަށް އައިސްފަ އެވެ. ހަނދަށް އިންސާނުން އުފުލަން ބޭނުންކުރާ މި އުޅަނދު ޕެސިފިކް ކަނޑަށް ވެއްޓިގަތީ ސަލާމަތުންނެވެ. ދުނިޔޭގެ އެޓްފޮސްފިއާގެ ތެރެއަށް ވަދެގަންނަ އިރު ކުރިމަތިވާ ގަދަ ހޫނުން، ގާތްގަނޑަކަށް 3،000 ޑިގްރީ، ރައްކާތެރިވާން އޭގައި ހަރުކޮށްފައި ހުރި ހީޓްޝީލްޑް ވަރުގަދަ ކަމަށް ވެސް ބެލެވެ އެވެ.

ނަމަވެސް ނާސާއިން އެއާ ބެހޭ ގޮތުން އެއްޗެކޭ ރަނގަޅަށް ބަލައި، ދިރާސާކޮށްފަ އެވެ.

އޮރާޔަން އުޅަނދު އެނބުރި ދުނިޔެއަށް އައިސް ޕެސިފިކް ކަނޑުގައި: އެމެރިކާގެ ސިފައިންނާއި ނާސާގެ އިންޖިނިއަރުން އެ އުޅެނީ ޔޫއެސްއެސް ޕޯޓްލޭންޑް މަނަވަރަށް އެ ނެގުމުގެ ކުރިން ޗެކްކުރުމުގެ މަސައްކަތުގައި
ނާސާގެ އޮރާޔަން އުޅަނދު، ޖައްވަށް ފޮނުވުމުގެ ކުރިން ތައްޔާރުކޮށްފައި: މި އުޅަނދު ވަނީ ތިން ހަފުތާ ހަނދު ވަށައިގެން ހޭދަކޮށްފައި

އޮރާޔަން ހަނދު ވަށައި ހޭދަކުރި ދުވަސްތަކުގައި ހަނދާއި ދުނިޔޭގެ އެތައް ފޮޓޯއެއް ނެގި އެވެ. އަދި އޭގައި ހިމެނޭ އެކި އާލާތްތައް ޓެސްޓްކުރި އެވެ. މިއީ ޓެސްޓް ފުރަތަމަ ދަތުރަށް ވާތީ އޭގައި އެއްވެސް މީހަކު ނުދެ އެވެ. އުޅަނދުގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރީ ދުނިޔޭގައި ތިބި ތަޖުރިބާކާރުންނާއި ފަންނީ މީހުންނެވެ. އެ މީހުން ބުނާ ގޮތުގައި އެ ދަތުރުގެ ހުރިހާ ކަމެއް ވެސް ދިޔައީ ބަރާބރަށެވެ.

ދެން އޮންނާނީ އިންސާނުންނާ އެކު އޮރާޔަންގެ ދެ ވަނަ ދަތުރު ހަނދާ ކައިރިއަށް ކުރުމެވެ. އެކަން އެންމެ އަވަހަށް ވެސް ވާނީ2024 ގައި ކަމަށް ލަފާކުރެ އެވެ. އިންސާނުން ހަނދަށް ފައިބަން، އާޓިމިސްގެ ތިން ވަނަ ދަތުރު ކުރެވޭވަރުވާނީ މިހަރު ބެލެވޭ ގޮތުގައި،2025-2026 ހިސާބުގަ އެވެ.

އޮރާޔަން ހިފައިގެން އާޓީމިސް މިޝަންގެ ފުރަތަމަ ރޮކެޓް ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން 16 ނޮވެމްބަރު 2022 ގައި ނައްޓާލަނީ. 
އޮރާޔަން ހަނދާ ކައިރިއަށް ދަމުން އޭގެ ބޭރު ކެމެރާއިން ނެގި ދުނިޔޭގެ ފޮޓޯއެއް
ހަނދު ވަށައި ތިން ހަފުތާ ހޭދަކޮށް އެނބުރި ދުނިޔެއަށް އަންނަމުން އޮރާޔަން އިން ނެގި ހަނދުގެ ފޮޓޯއެއް (ފޮޓޯ/ނާސާ)
ހަނދު ކައިރީގައި ދައުރުވަމުން ދިޔަ ދުވަސްވަރު އޮރާޔަންގެ ކެމެރާއަކަށް ދުނިޔެ ފެނުނު ގޮތް: މިއީ ކަޅާއި ހުދުގެ ފޮޓޯއެއް 
 ހަނދުގެ އޯބިޓްގައި އޮރާޔަން އޮތް އިރު ހަނދުގެ ދުރު ފަރާތުން ނުކުތް ވަގުތު ނެގި ދުނިޔޭގެ ފޮޓޯއެއް

އެމެރިކާ އިން ހަނދަށް އިންސާނުން ފޮނުވީ އޭރުގެ ރޫސީ ވިލާތާއި އެމެރިކާއާ ދެމެދު ކުރިއަށް ދިޔަ ފިނި ހަނގުރާމައިގައި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ، ޖައްވީ ކަންކަމުގައި ވެސް ކުރިއަރާފައި އޮތް ވަރު ދުނިޔެއަށް ދެއްކުމުގެ ގޮތުންނެވެ. އެ ވާދަ ކާމިޔާބުކުރީ އެމެރިކާ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެހެން އެއްވެސް ގައުމަކަށް އިންސާނުން ހަނދަށް ފޮނުވޭ ވަރުގެ ކުރިއެރުމެއް އަދި ނުލިބެ އެވެ.

އެޕޯލޯ މަޝްރޫއުގެ އަގު މިހާރަށް ބެއްޔަސް ވަރަށް ބޮޑެވެ. އަދި ހަނދާ ބެހޭ ގޮތުން ހޯދިފައި ހުރި މައުލޫމާތު މަދުކަމުން ލިބެން އޮތް ފައިދާ ނޭނގޭތީ، އިންސާނުން ފޮނުވުމުގެ ބުރަ މސައްކަތަށް އޮތީ ދިރުމެއް ނައިހެވެ. އެކަމަކު ހަނދަށް ފޮނުވި ރޮބަޓް މިޝަންތަކާއި ހަނދު ކައިރިއަށް ފޮނުވި ޖައްވީ އެހެން އުޅަނދުތަކުން ލިބުނު މައުލޫމާތުން ހަނދަށް އަލުން ދިއުމުގެ ފައިދާ މިހާރު އޮތީ ބޮޑުވެފަ އެވެ.

އާޓީމިޝް މަޝްރޫއުއަކީ އެ ފައިދާ ހޯދުމުގެ ފެށުމެވެ. މި މަޝްރޫއުގައި އިންސާނުން ހަނދުގައި ތިބޭ ގޮތަށް ވެސް ހަދާނެ އެވެ. އަދި ހަނދު ބޭނުންކޮށްގެން މާސްއަށް އިންސާނުން ފޮނުވުމަކީ ވެސް، އެމެރިކާގެ އެންމެ ބޮޑު އުއްމީދެވެ.

ހަނދާއި އިންސާނުންމާ ދެމެދު އޮތް ލޯބި ހަމަ ވަރަށް ބޮޑެވެ.

އޮރާޔަން އިން ނެގި ހަނދުގެ ކައިރި މި ފޮޓޯ އިން އެ ފެންނަނީ ހަނދުގެ ވަޅުގަނޑުތައް: އިންސާނުން އަލުން ހަނދަށް ފޮނުވަން ނާސާއިން އަންނަނީ މަސައްކަތްކުރަމުން (ފޮޓޯ/ނާސާ)

ކޮމެންޓް (1)

ހަސަން

14 ޑިސެމްބަރު 2022
މިމީހުން އަސްލު ހަނދަށް ދިޔަތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް