ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދިފާއީ ވަކީލުން ޓީމު އަދި ޕީޖީ އޮފީހުގެ ވަކީލުން

އާރަށް ދޭން ޔާމީން ކުރެއްވި ކަމެއް ލިޔެކިޔުންތަކުން ނޭނގޭ: ވަކީލުން

އާރަށް ދޫކުރީ ޔާމީން އަންގަވައިގެން ކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން، އެކަން އެނގޭ ހެކިތަކެއް ނެތް ކަމަށް ދިފާއީ ވަކީލުން ބުނި
21 ނޮވެމްބަރު 2022

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ދޫކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި މައްސަލައިގައި އެ ރަށް ދޭން ޔާމީން ކުރެއްވި ކަމެއް ސާބިތުވާ ވަރުގެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އާރަށް މައްސަލައިގައި މިހާރު ކުރިޔަށް ދަނީ ހެކި ބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މިހާތަނަށް ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކާ ނިމުނީ ދައުލަތުންނެވެ. އޭގެ ފަހުން ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުންގެ ޓީމުން އަންނަނީ ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެއްކަކާ ބެހޭ ގޮތުން ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަމުންނެވެ.

ތިން ދަންފަޅިއަކަށް ދެމިގެން ދިޔަ މިއަދުގެ އަޑުއެހުމުގައި ވެސް، މީގެ ކުރިން ދެ އަޑުއެހުމެކޭ އެއް ފަދައިން، ޔާމީންގެ ވަކީލުން ވަކާލާތުކުރެއްވީ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބޭނުން ނުކުރެވޭނެ ކަމަށެވެ. 

ތަފްސީލް - މި މައްސަލައިގައި ދައުލަތުން ވަނީ ޔާމީނާ ދެކޮޅަށް ގިނަ އަދަދެއްގެ ލިޔެކިޔުން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެ ރަށް ދޫކުރީ ޔާމީންއަށް އެނގިވަޑައިގެން ކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިތައް ވެސް ހިމެނެ އެވެ. މިއަދު ގިނަ ވާހަކަ ދެކެވުނީ އެ ހެކިިތަކާ ގުޅޭ ގޮތުންނެވެ.

އާރަށް ދިނުމުގައި ޔާމީންގެ ދައުރު އޮތް ކަން ސާބިތުކުރަން ހުށަހަޅާފައިވާ އެއް ލިޔުމަކީ، އޭރު ޔާމީން ޗެއާކުރެއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް [އީވައިސީ]އިން 2 އޮގަސްޓު 2015 ގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ އެވެ. އެހާތަނަށް ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް އާރަށް ޓޫރިޒަމްގެ ދަށަށް ބަދަލުކުރަން ނިންމި ކަމަށް ވަނީ މި ޔައުމިއްޔާ ނިސްބަތްވާ ބައްދަލުވުމުގަ އެވެ.

ނަމަވެސް މިއީ ޔާމީން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވި އެވެ. މި ޔައުމިއްޔާގައި ސޮއިކޮށްފައި ނެތުމުން އެއީ ސައްހަ ނޫން ޔަައުމިއްޔާއެއް ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ. ވަކީލުގެ އެ ވާހަކަތަކުގައި ޔައުމިއްޔާ ކަމަށް ބުނަނީ ދައުވާއާ އެކީ ހުށަހެޅި ޔައުމިއްޔާކަން ފާހަގަކުރެއްވި އެވެ.

މިހެން ޝަމީމް ފާހަގަކުރެއްވީ މައްސަލައިގައި ހެކި ބަސް ނަގާ ނިމިފައި ވަނިކޮށް، ޔާމީން ސޮއިކުރައްވާފައިވާ ޔައުމިއްޔާ ޕީޖީ އޮފީހުން އާ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައި އޮތީމަ އެވެ. އެ ހެކިތައް ބަލައިގަންނަން ޔާމީންގެ ވަކީލުން ދެކޮޅު ހަދަމުން ދަނިކޮށް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ، އެ ހެކިތައް ޝަރީއަތަށް ބަލައިގަންނަން ނިންމަވައިފަ އެވެ.

ސޮއިނުކުރާ ޔައުމިއްޔާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވި ގޮތުގައި، އާރަށާ ބެހޭ ނިންމުންތަކުުގައި ޔާމީން ބައިވެރިވެވަޑައިގެންނެވި ކަން އަންގައިދޭ އެއްވެސް ހެއްކެއް ނެތެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • އީވައިސީގެ އެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި އާރަށާ ގުޅޭ ކަމެއް ނެތް، ނިންމީ އެޖެންޑާގެ ބޭރުން

  • އީވައިސީގެ އާރަށާ ގުޅޭ ނިންމުން ޔާމީން އެންޑޯސް ކުރެއްވިކަން އެނގޭނެ ލިޔުމެއް ނެތް

  • ޔާމީން އެންޑޯސް ކުރެއްވި ކަމަށް ބުނެ ހުށަހެޅި ނޯޓުގައި، އާރަށާ ގުޅޭ ދިމާލުގައި އެއްވެސް ފާހަގައެއް ނެތް

  • އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ޔާމީންގެ އިރުޝާދެއް ލިބިފައި ނުވާ ކަމަށް ބައެއް ހެކިވެރިން ބުނުން

އާރަށް މުއާމަލާތުގައި ޔާމީންގެ ބައިވެރިވުން އޮތް ކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ އަނެއް ހެއްކަކީ ރައީސް އޮފީހުން ފޮނުވާފައިވާ ތިން ސިޓީއެކެވެ. މިއީ ޓޫރިޒަމްގެ ބޭނުންތަކަށް އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފިޝަރީޒް މިނިސްޓްރީއަާ ކުރި މުއާމަލާތްތައް އަންގައިދޭ ސިޓީތަކެވެ.

އެކަމަކު އެ ސިޓީތަކަކީ ރައީސް ޔާމީން ސޮއިކުރައްވާފައިވާ ސިޓީތަކެއް ނޫން ކަމުން، އާރަށް ދޫކުރަން ޔާމީންގެ އިރުޝާދު ދެއްވި ކަމަށް ބުނެވޭނެ ހަމައެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ވަކީލު ވިދާޅުވި ގޮތުގައި އެ ސިޓީތަކުގައި "ރައީސް ވިދާޅުވި ކަމަށް" އިބާރާތް އޮތް ނަމަވެސް، ރައީސް ވިދާޅުވެގެން ކަމަށް ބުނެ ރައީސަށް އެނގިވަޑައިނުގެން ވެސް ބައެއް ފަހަރު ސިޓީ ފޮނުވާ ކަމަށް ހެކިވެރިޔަކު ބުނެފައިވެ އެވެ. ހަމަ އެހެންމެ މި ސިޓީގައި ސޮއިކުރައްވާފައިވާ އޭރުގެ ރައީސް އޮފީހުުގެ އަންޑާސެކެޓްރީ މޫސާ ފަތުހީއަކީ، އެ ސޮއެ ކުރުމުގެ ބާރު ލިބިފައިވާ ބޭފުޅރެއް ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހެއްކެއްގެ ގޮތުގައި ސިޓީތަކަށް ބުރަދަން ނުދެވޭނެ އިތުރު ސަބަބެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ ޔައުމިއްޔާގެ ސައްހަކަމާ މެދު ސުވާލު އުފެދިފައި ވުމެވެ. އަދި ސައްހަަކަމާ މެދު ސުވާލު އުފެދިފައިވާ ލިޔުމެއްގައި ހުރި އެއްޗެއް ތަންފީޒުކުރަން ފޮނުވާ އެއްޗެއްގެ ސައްހަކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ޔާމީންގެ ފަރާތުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކާ މިއަދު ވަނީ ނިމިފަ އެވެ. ދެން މި މައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުމެވެ. ހުލާސާ ބަޔާން ހުށަހަޅަން ގާޒީ ޝަކީލް ތާވަލުކުރެއްވީ އަންނަ ހަފުތާގެ ބުދަދުވަހަށެވެ.

މި މައްސަލައިގައި ދެން ހިމެނޭ، ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން މާދަމާ އަޑުއެހުމެއް އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް