ޕިލާސް އޮފް ކްރިއޭޝަންގެ ޖޭމްސް ވެބް ޓެލެސްކޯޕުން ނަގާފައިވާ ފޮޓޯއެއް. މި ފޮޓޯއިން ފެންނަ އިރު ވިލާގަނޑު ދަނީ ރޫޅެމުން، ކުދިކުދި ވަމުން
މި ބިޔަ ގޭހުގެ ވިލާގަނޑު، ވެބް ޓެލެސްކޯޕުން މާ ސާފުކޮށް
'ޕިލާސް އޮފް ކްރިއޭޝަން'ގެ ނަމުން މަޝްހޫރު ގޭހުގެ ބިޔަ ވިލާގަނޑުގެ ފޮޓޯ ވަރަށް ގިނަ އެވެ. ހުރިހާ ޓެލެސްކޯޕުން ކަހަލަ ގޮތަކަށް އެ ވިލާގަނޑުގެ ފޮޓޯ ނަގައި، އާންމުކުރި އެވެ. އެންމެ ރީތި އަދި ސާފީ ނާސާގެ ޖައްވީ ޓެލެސްކޯޕް ހަބުލް ސްޕޭސް ޓެލެސްކޯޕުން 1995 އާއި 2014 ގައި ނެގި ފޮޓޯތަކެވެ.
ހަބުލްއަށް ވުރެ މާ ދުރުގައި އޮތް އަދި ހަބުލްއަށް ވުރެ މާ ބާރުގަދަ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ވެސް މިވަނީ އޭގެ އާ ފޮޓޯތަކެއް ނަގައިފަ އެވެ. މާ ސާފު، މާ ރީތި އަދި މާ ގިނަ މައުލޫމާތު ލިބޭ ގޮތަށެވެ.
ޕިލާސް އޮފް ކްރިއޭޝަން ނިސްބަތްވަނީ ދުނިޔެއާ 6،500 އަލި އަހަރު ދުރުގައި ދައުރުވަމުން އަންނަ ޝާޕެން ތަރިބޮނޑީގެ ތެރޭގަ އެވެ. މި ވިލާގަނޑު ބިނާވަނީ ފިނި ހައިޑްރޮޖަން ގޭހާއި ޖައްވީ ހިރަފުހުގެ މައްޗަށެވެ. ވިލާގަނޑުގެ ބޮޑުމިން އެތައް އަލި އަހަރަކަށް ދެމިގެންދެ އެވެ.
ވިލާގަނޑު އުފެދިފައި ވަނީ އަލަށް ތަރިތައް އުފަންވާ ސަރަހައްދެއްގެ ގޮތުގައި ފަލަކީ އިލްމުވެރިންގެ މެދުގައި މަޝްހޫރު މެސިއާ 16 (އެމް16) ނުވަތަ އީގަލް ނެބިއުލާގެ ވަރަށް މުހިންމު ހިސާބެއްގަ އެވެ.
ހަބްލް އިން ނެގި ފޮޓޯތަކުން ވިލާގަނޑުގެ 'ތަނބުތައް' ފެންނަނީ ވަރުގަދައަށް ލާމެހިފައި އޮތް ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ވެބް ޓެލެސްކޯޕްގެ ފޮޓޯ މާ ސާފުވެފައި، އެ ސަަރަހައްދުގެ އަސްލު ހަގީގަތް އެނގެ އެވެ.
"އަހަރެން މި ގެންދަނީ 1990ގެ އަހަރުތަކުން ފެށިގެން އީގަލް ނެބިއުލާ ދިރާސާކުރަމުން. އެއީ ހަބުލް އިން ގެނެސްދިން ފޮޓޯތަކުގައި އެ ވިލާގަނޑުގެ އެތެރޭގައި ޒުވާން ތަރިތަކެއް ހިމެނޭތޯ ބަލަން،" ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އިސް ސައިންސްވެރިއެއް ކަމަށްވާ ޕްރޮފެސަރު މާކް މެކޮގްރީން ވިދާޅުވި އެވެ.
"އަހަރެން އަބަދުވެސް ގަބޫލުކުރަން ޖޭމްސް ވެބުން އޭގެ ފޮޓޯ ނަގައިފި ނަމަ ހައިރާންވާވަރުގެ އެއްޗެއް ފެންނާނެކަން. އެކަން މިވީ ވެސް ހަމަ އެހެން."
އެމް16 އިން ފެންނަ ތަނބުތައް އެގޮތަށް ސިފަކުރެވި، އާދަޔާ ހިލާފަށް ދިއްލިފައި ހުންނަނީ ވިލާގަނޑާ ކައިރީގައި އުފެދިފައިވާ ބިޔަ ތަރިތަކުގެ ވަރުގަދަ އަލްޓްވައިލޮޓް ދޯދިތަކުންވެ. އެ ރޭޑިއޭޝަނުން އެހެން ކަމެއް ވެސް ކުރިމަތިވެ އެވެ؛ ތަނބުތައް ފުނޑުފުނޑުކޮށްލުމެވެ. ވެބްގެ ފޮޓޯތަކުން އެ މަންޒަރު ފެނެ އެވެ. ތަނބުތައް ގޮތަށް ފެންނަ ހިސާބުގަނޑު ރޫޅި، ނެތެމުން ދާ ކަމެވެ.
ޖާދުލެއްގެ ބާރުގައި ނަމަވެސް އަހަރެމެންނަށް އެ ހިސާބަށް މިވަގުތު ދެވިއްޖެ ނަމަ ފަހަރެއްގައި އެ ތަނބުތައް ނެތުން ވެސް އެކަށީގެންވެ އެވެ. ސަބަބަކީ އަހަރެމެންނަށް އެ ވިލާގަނޑު އަސްލު އެ ފެންނަނީ މާޒީގެ ތެރެއިން ކަމަށް ވާތީ އެވެ. ވެބް ޓެލެސްކޯޕަށް ފެނުނު އަލި އޭގެ ބިއްލޫރިގަނޑާ ހަމައަށް ވާސިލްވާން 6،500 އަލި އަހަރު ނެގި އެވެ. އަލި އަހަރަކީ ދުނިޔޭގައި އަލި ދަތުރުކުރާ ބާރުމިނުގައި އަހަރެއްގެ ތެރޭގައި އަލި ދަތުރުކުރާ ދުރުމިނެވެ. ކިލޯމީޓަރުން ބަލާ ނަމަ އެއީ 9 ޓްރިލިއަން ކިލޯމީޓަރެވެ.