މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއިން ގަލްފް ގައުމުތަކަށް ފުރަން އޮތް އެތައް ފްލައިޓެއް ކެންސަލްވުމުން ފަތުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތާށިވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ރާއްޖޭގެ އިގްތިސާދީ ރޭވުންތެރިކަމަށް އިޖުތިމާއީ-އިގްތިސާދީ ވިސްނުމެއް ގެންގުޅެންޖެހެނީ ކީއްވެ؟
ދިވެހިރާއްޖޭގައި ވޭތުވެދިޔަ އެތަކެއް އަހަރެއްގައި އިގްތިސާދީ ހާލަތު މިނަމުން އައި މިންގަނޑުތައް ބިނާވެފައި އޮތީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ ކުރިއެރުމާއި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދާއި ދައުލަތުގެ އާމްދަނީ އަދި އުމްރާނީ ތަރައްގީ ފަދަ ތަފާސްހިސާބުތަކުގެ މައްޗަށެވެ. މި މިންގަނޑުތަކަކީ ބައިނަލްއަގްވާމީ އާއްމު އުސޫލެއް ނަމަވެސް، ހަމައެކަނި މި ހިސާބުތަކުން ރާއްޖޭގެ މުޅި އިގްތިސާދީ ހާލަތު ވަޒަން ނުކުރެވިދެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގަ އާއި އޭގެ ފަހުން ދިވެހިރާއްޖެއަށް ކުރިމަތިވި ތަޖުރިބާތަކުން އެނގިގެންދަނީ، އިގްތިސާދީ ސިޔާސަތުތަކަކީ ހަމައެކަނި އިދާރީ ހަމަތަކަކުން ނަގާ ކުރިއެރުމުގެ ތަފާސްހިސާބުތަކުން އެކަނި މިނެކިރޭނެ އެއްޗެއް ނޫން ކަމެވެ. ސަބަބަކީ، ގައުމެއްގެ އުފެއްދުންތެރިކަން އިއާދަވަމުންދާ ކަމަށް ދެއްކިޔަސް، އެއާ އެކު ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވުމާއި ބޭރު ފައިސާގެ ފިއްތުންތަކާއި މުދަލުގެ އަގުބޮޑުވުން (އިންފްލޭޝަން) އަދި ދިގުމުއްދަތުގެ މާލީ ނުރައްކާތަކާ ގައުމަކުން ކުރިމަތިލާން ޖެހިދާނެތީ އެވެ.
މިއީ ދައުލަތުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރުމާއި ބަޖެޓް އެކަށަހެޅުމުގައި އިޖުތިމާއީ-އިގްތިސާދީ (ސޯޝިއޯ-އިކޮނޮމިކް) ވިސްނުމެއް ބޭނުންވާ އެންމެ މުހިންމު ސަބަބެވެ. އިޖުތިމާއީ-އިގްތިސާދީ ވިސްނުމުން ބަލަނީ ހަމައެކަނި އިގްތިސާދީ ކުރިއެރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެކުލަވާލެވޭ ސިޔާސަތުތަކުގެ ސަބަބުން ފަރުދުންނަށާއި މުޖުތަމައުތަކަށް، މުއައްސަސާތަކަށް، ދައުލަތުގެ މާލިއްޔަތަށާއި އަންނާން އޮތް ޖީލުތަކަށް ކުރާނެ އަސަރުތަކަށް ވެސް ރިއާޔަތްކުރެ އެވެ.
އެހެންކަމުން، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް، ގައުމީ ޕްލޭންތައް އެކުލަވާލުމާއި ބަޖެޓް ތައްޔާރުކުރުމާ އަދި ތަރައްގީގެ ސިޔާސަތުތައް އެކަށަހެޅުމުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނީ އިޖުތިމާއީ-އިގްތިސާދީ ދިރާސާތަކެވެ.
އިގްތިސާދީ ދާއިރާގެ މައިގަނޑު ތިއަރީތައް އުފެދިފައިވަނީ ދުނިޔޭގައި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ހާލަތަށް ބަލައި ވަޒަންކުރެވިގެންނެވެ. 'ކްލެސިކަލް އިކޮނޮމިކްސް' އުފެދުނީ ސިނާއީ އިންގިލާބުގެ ތެރޭގަ އެވެ. 'ކޭންސިއަން އިކޮނޮމިކްސް' އުފެދުނީ އިނގިރޭސިވިލާތާއި އެމެރިކާއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ކާރިސާއާ (ގްރޭޓް ޑިޕްރެޝަން)އާ ގުޅިގެންނެވެ. އޭގެ ފަހުން އައި 'މޮނިޓަރިޒަމް' އަދި 'ސަޕްލައި-ސައިޑް އިކޮނޮމިކްސް' ފަދަ ތިއަރީތަކަކީ ވެސް، ބިމުގެ ޖާގަ ބޮޑު، ޖަޒީރާ ނޫން، ތަފާތު އިގްތިސާދީ ސިނާއަތްތައް ހިމެނޭ ބޮޑެތި އިގްތިސާދުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވުނު ތިއަރީތަކެކެވެ.
މި ތިއަރީތަކުން މުހިންމު އިރުޝާދުތަކެއް ލިބުނު ނަމަވެސް، މިއީ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ވިސްނައިގެން އުފެއްދި އެއްޗެއް ނޫނެވެ. ދިވެހިރާއްޖެއަކީ ކުޑަ އާބާދީއެއް އޮތް، އިގްތިސާދުން އާމްދަނީ ހޯދޭނެ ދާއިރާތައް މަދު، އިމްޕޯޓަށް މުޅިން ބަރޯސާވާ، އަމިއްލަ އުފެއްދުންތެރިކަން ހަނި، ދަތުރުފަތުރުގެ ހަރަދު ބޮޑު އަދި ބޭރުގެ ލޮޅުންތަކަށް ނާޒުކު ގައުމެކެވެ. ދައުލަތުގެ އާމްދަނީ އާއި ވަޒީފާގެ ފުރުސަތުތަކާއި ބޭރު ފައިސާގެ އާމްދަނީ އަދި މުޅި އިގްތިސާދީ ހަރަކާތްތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދޭދޭ ގައުމުތަކުގައި އުފެދޭ ހަނގުރާމައަކުން ނުވަތަ ބައިނަލްއަގުވާމީ ދަތުރުފަތުރަށް އަންނަ ބަދަލެއް ނުވަތަ ހީނަރުކަމެއްގެ އަސަރު، ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ދާދި އަވަހަށް ފެތުރިގެންދެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަކީ މީގެ ސާފު މިސާލެކެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ބައިނަލްއަގުވާމީ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން، ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށަށް ގޮސް، އަމިއްލަ ވިޔަފާރިތަކުގެ ހަރަކާތްތައް މަޑުޖެހުނެވެ. މިއަށް އިޖާބަދިނުމުގެ ގޮތުން، ސަރުކާރުން އެޅި ފިޔަވަޅުތަކުން 'ކޭންސިއަން އިކޮނޮމިކްސް' އުސޫލުތަކުގެ ކުލަވަރު ފެނިގެންދިޔަ އެވެ.
އެގޮތުން، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ އެވެ. ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ލޯނު އެހީތައް ތައާރަފުކުރި އެވެ. މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރި އެވެ. އިގްތިސާދުގެ ތެރެއަށް ދައުރުވާ ފައިސާ އިތުރުކުރި އެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އެތައް ގުނައެއް ހަރަދު ބޮޑުވެގެން ދިޔަ ނަމަވެސް، އިގްތިސާދީ ހަރަކާތްތައް ހިފެހެއްޓުމުގެ ނިޔަތުގައި ބަޖެޓް ޑެފިސިޓް ބޮޑުކުރި އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، ކުރިމަތިވި ބޮޑު ކާރިސާގެ ތެރޭގައި ދައުލަތުގެ ބޮޑެތި މަޝްރޫއުތައް ހުއްޓުނަނުދީ، ވިޔަފާރިތަކުގެ ހަރަކާތާއި އިގްތިސާދުގެ ތެރޭގައި ފައިސާގެ ދައުރުވުން ހިފެހެއްޓުނެވެ.
ކުރު މުއްދަތެއްގެ ވިސްނުމަކުން ބަލާއިރު، މި ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދު ހަމައަކަށް އެޅުމަށް އެހީތެރިވެދިނެވެ. ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ އަވަހަށް ފަތުރުވެރިކަން އިއާދަވެ، ދައުލަތުގެ އާމްދަނީ ރަނގަޅުވެ، އިގްތިސާދީ ހަރަކާތްތައް އަލުން ފެށުނެވެ. ނަމަވެސް، ރާއްޖޭގެ ތަޖުރިބާއިން ހާމަވަނީ ސިޔާސަތުތައް އެކުލަވާލާ މަޝްވަރާތަކުގައި ގިނަ ފަހަރަށް ހަނދާނުން ކައްސާލާ މުހިންމު ފިލާވަޅެކެވެ.
ކޭންސިއަން އިކޮނޮމިކްސްއަކީ ދާއިމީ ގޮތެއްގައި ބަޖެޓް ޑެފިސިޓްކޮށް ހަރަދުކުރުމަށް އޮތް ސިޔާސަތެއް ނޫނެވެ. އެ ތިއަރީ ލަފާދެނީ އިގްތިސާދީ ހީނަރުކަމުގެ ވަގުތުގައި މާލިއްޔަތުން ކުރާ ހަރަދު އިތުރުކުރުމަށާއި (ފިސްކަލް އެކްސްޕޭންޝަން)، އިގްތިސާދު ރަނގަޅުވާ ވަގުތުތަކުގައި ހަރަދުތައް ކުޑަކޮށް ޑެފިސިޓް ހަނިކުރުން (ފިސްކަލް ކޮންސޮލިޑޭޝަން) އަށެވެ.
ކާރިސާގެ ވަގުތުތަކުގައި ސަރުކާރުތަކުން ދަރަނި ނަގައިގެން ހަރަދުކުރި ނަމަވެސް، އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަކުން ބަޖެޓް ޑެފިސިޓް މަޑުމަޑުން ކުޑަކުރަންޖެހެ އެވެ.
މިއީ މި ލިޔުމުގައި އިޝާރާތްކުރާ އިޖުތިމާއީ-އިގްތިސާދީ ވިސްނުން އުފެދި، މި ބަހުސްގެ ބޭނުންތެރިކަން ގަބޫލުކުރެވޭ މައިގަނޑު ސަބަބެވެ. ބަލިމަޑުކަމަށް ފަހު ފަތުރުވެރިކަން އިއާދަވެ، ޓެކްސް އާމްދަނީ ރަނގަޅުވި ދަނޑިވަޅުގައި ވެސް، ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ މާ ބޮޑުތަނުން އަހަރީ ހަރަދުތައް އިތުރުކުރަމުން ދިޔުމުގެ ސަބަބުން ބަޖެޓް ޑެފިސިޓް ފުޅާވެ، ދަރަނި ދިޔައީ ބޮޑުވަމުންނެވެ. ވިދިވިދިގެން އައި އަހަރުތަކުގައި ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަންޖެހި ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަންޖެހުމާއި ދައުލަތް ހިންގުމަށް ހިނގާ ރިކަރަންޓް ހަރަދުތައް މަތިވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރަންޖެހުމާއި ބޭރު ފައިސާގެ ދަތިކަމުގެ އިތުރުން އިންފްލޭޝަން މަތިވަމުން އައުމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް އުފެދުނެވެ.
ނަތީޖާއެއްގެ ގޮތުން، ކާރިސާއެއް މެނޭޖްކުރުމުގެ މަރުހަލާއިން މާލީ ދެމެހެއްޓެނިވިކަމުގެ (ފިސްކަލް ސަސްޓެއިނަބިލިޓީ) މަރުހަލާއަކަށް ބަދަލުވުމަށް ހުރަސްއެޅެމުންދާ ސަބަބުތަކާ މެދު ސަރުކާރުގެ ސިޔާސަތުތަކަށް ބިނާވާ ސުވާލުތަކެއް އުފެދެ އެވެ.
މިއިން އުފަންކުރާ ހަގީގީ ސުވާލަކީ، ކާރިސާގެ ވަގުތުގައި ފިޔަވަޅު އެޅުން މުހިންމުވިތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ގިނަ އިގްތިސާދީ މާހިރުން އެއްބަސްވާ ގޮތުގައި ހާއްސަ ހާލަތްތަކުގައި ހާއްސަ ފިޔަވަޅުތަކެއް ބޭނުންވެ އެވެ. ނަމަވެސް، މިއަށްވުރެ މުހިންމު ސުވާލަކީ، ބޮޑެތި އިގްތިސާދުތަކަށް ހެދިފައިވާ ތިއަރީތައް، ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ އުފެދުމުގެ ސޫރައަށް ފެތޭ ގޮތަށް ބަދަލުތަކެއް ނުގެނެސް ބޭނުންކުރެވިދާނެތޯ އެވެ؟ އަދި އެފަދަ ހާލަތްތަކަށް ފަހު، އިގްތިސާދީ އަދި މާލީ ގޮތުން އަމަލުކުރާނެ ގާނޫނީ ނުވަތަ އިދާރީ އޮނިގަނޑެއް ކަނޑަނާޅައި މިފަދަ ސިޔާސަތުތައް ދަމަހައްޓަން އުޅުމުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ އެވެ؟
ދިވެހިރާއްޖެއަކީ ހަމައެކަނި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާ ތަފާތު ގައުމެއް ނޫނެވެ. އެހެން ކުދި ޖަޒީރާ ގައުމުތަކާ ވެސް ރާއްޖެ ތަފާތެވެ.
ސީޝެލްސް، މޮރިޝަސް، ފީޖީ، ބާބަޑޮސް، އަދި ޖަމެއިކާ ފަދަ ގައުމުތަކަކީ އެ ގައުމުތަކުގެ އަމިއްލަ އިގްތިސާދީ އޮނިގަނޑުތަކާއި ވިޔަފާރީގެ ވައްޓަފާޅި އާއި މާލީ ގާބިލުކަމާއި ދައުލަތް ހިންގާ ގޮތާއި ދޭދޭ ގައުމުތަކާ އެކު އޮންނަ ސިޔާސީ، އިގްތިސާދީ އަދި މާލީ ގުޅުންތަކުގެ އިތުރުން މުއައްސަސާތަކުގެ އިންތިޒާމުތައް ވެސް މުޅިން ތަފާތު ގައުމުތަކެކެވެ. އެހެންކަމުން، ހުރިހާ ޖަޒީރާ އިގްތިސާދުތަކަކަށް އެއް އުސޫލަކުން ފެތޭނެ ވަކި އިގްތިސާދީ އޮނިގަނޑެއް ނޯންނާނެ އެވެ.
ވީމާ، ގައުމީ ފެންވަރުގައި ނިންމުންތައް ނިންމުމުގައި އިޖުތިމާއީ-އިގްތިސާދީ ދިރާސާތަކަށް މަރުކަޒީ ދައުރެއް ދޭންޖެހެ އެވެ. އިގްތިސާދީ ސިޔާސަތުތައް މިނެކިރަންޖެހެނީ ހަމައެކަނި ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ކުރިއެރުމަށް ކުރާ އަސަރުތަކުން އެކަންޏެއް ނޫނެވެ.
އޭގެ ބަދަލުގައި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށާއި ބޭރު ފައިސާ ލިބެން ހުރި މިންވަރަށާއި ވަޒީފާގެ ފެންވަރަށާއި އިޖުތިމާއީ ރައްކާތެރިކަމަށާއި ސަރަހައްދީ ތަރައްގީގެ އިތުރުން އަންނާން އޮތް ޖީލުތަކުގެ ހަމަހަމަކަމަށް (އިންޓަ-ޖެނެރޭޝަނަލް އިކުއިޓީ) ކުރާނެ އަސަރުތަކަށް ވެސް ފުންކޮށް ބަލަންޖެހެ އެވެ.
ދައުލަތުގެ ބުއްދިވެރި މާލީ ރޭވުންތެރިކަމާއި އިސްތިރާޖީ މާލިއްޔަތަކީ، މި ދެންނެވި ހުރިހާ ކަންކަމެއް އެންމެ ބޮޑަށް ގުޅިފައިވާ ދާއިރާ އެވެ. ދައުލަތުގެ ބަޖެޓަކީ ހަމައެކަނި ހިސާބުތަކެއް ލިޔެފައިވާ ލިޔުމެއް ނޫނެވެ. އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ އިސްކަންދޭ ކަންކަން ހާމަކޮށްދޭ ބަޔާނެކެވެ.
މިއަދު ނިންމާ ދަރަންޏާއި އާމްދަނީ ހޯދުމުގެ ނިޔަތެއްގައި ހިންގާ ވިޔަފާރި ނިންމުންތަކުގެ އަސަރު މާދަމާގެ ޖީލުތަކަށް ކުރާނެ އެވެ. އުމްރާނީ ތަރައްގީ އާއި ރައުސުލްމާލު އިތުރުކުރުމަށް ދިގު މުއްދަތަށް ދޫކުރާ ދައުލަތުގެ ބިމުގެ މުއާމަލާތްތަކާއި ކުރެވޭ އިންވެސްޓްމަންޓްތައް މިނެކިރަންޖެހެނީ ހަމައެކަނި އޭގެއިން އެ ވަގުތަކަށް ލިބޭނެ އިގްތިސާދީ ފައިދާއަށް ބަލައިގެންނެއް ނޫނެވެ. އޭގެ އިޖުތިމާއީ އަގަށާއި ދިގު މުއްދަތުގެ މާލީ ނަތީޖާތަކަށް ވެސް ބަލަންޖެހެ އެވެ.
ދިވެހިރާއްޖެއިން އިގްތިސާދީ ތިއަރީތައް މުޅިން ދޫކޮށްލާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި، އިގްތިސާދީ ތިއަރީތަކަކީ ހުރިހާ ކަމަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމާއި އެއީ ހަމައެކަނި ބޭނުންކުރާނެ ހަތިޔާރެއްކަން ގަބޫލުކުރަންޖެހެ އެވެ. ކާމިޔާބު ސިޔާސަތެއް އެކުލަވާލެވޭނީ އެ ގައުމެއްގެ އިގްތިސާދީ ފަންނުވެރިން، އެ ތިއަރީތައް ގައުމުގެ ހަގީގީ ހާލަތަށް ފެތޭ ގޮތަށް ބަދަލުކޮށްގެންނެވެ.
އިޖުތިމާއީ-އިގްތިސާދީ (ސޯޝިއޯ-އިކޮނޮމިކް) ވިސްނުމެއް، ގައުމީ ތަރައްގީގެ ޕްލޭންތަކާއި އިގްތިސާދީ ރޭވުންތަކާއި ނިންމުންތައް އެކުލަވައިލުމުގައި އިސްކުރާ ނަމަ، އިގްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ދިރިއުޅުމާއި މާލީ ދެމެހެއްޓެނިވިކަމުގެ އިތުރުން ގައުމީ ދިފާއީ ގާބިލުކަން އެއް އޮނިގަނޑެއްގެ ތެރެއިން ގުޅުވާލުމުގެ ހަގީގީ ފުރުސަތު ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ބަދަލުވެގެން އައި ގޮތުން، ރައްޔިތުންގެ ދިރިއުޅުމަށާއި ހަރަދުތަކަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފަ އެވެ. ހާއްސަކޮށް، ދައުލަތުގެ މާލީ އިންތިޒާމުތައް ހުރި ގޮތުން ދަރަނީގެ ދަންތުރައިން ނެއްޓި، ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ގާބިލުކަން އިންތިހާއަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ތަޖުރިބާއިން ލިބޭ ފިލާވަޅު ވަރަށް ސާފެވެ.
ދެމެހެއްޓެނިވި ތަރައްގީއަކީ ހަމައެކަނި އިގްތިސާދީ ކުރިއެރުމަކުން އެކަނި ހާސިލުކުރެވޭނެ އެއްޗެއް ނޫނެވެ. އެއަށްޓަކައި ރައްޔިތުންގެ ދެކޮޅުޖެހޭ ދިރިއުޅުމަކަށް ބައްޓަންވާނޭ އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ހާލަތެއްގެ އިތުރުން، އިގްތިސާދު ސިންދަފާތުކުރެވޭނޭ އާ ސިނާއަތްތަކާއި ވިޔަފާރިތަކަށާއި ފުރިހަމަ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބާރުވެރިކުރެވޭ އަމިއްލަ ވިޔަފާރިތަކާއި އަދި ދައުލަތުގެ ފަންނުވެރި އިދާރީ އިންތިޒާމުތަކުގެ ތެރެއިން، އިޖުތިމާއީ ވަށާޖެހޭ ހުރިހާ ހާލަތަކަށް ފުންކޮށް ވިސްނަންޖެހެ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މުސްތަގުބަލު ބިނާވެފައިވަނީ ބޮޑެތި ގައުމުތަކުގެ އިގްތިސާދީ އަދި އިދާރީ މޮޑެލްތައް ހަމައެކަނި ކޮޕީކުރުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ގައުމެއްގެ އަމިއްލަ ހާއްސަ ހާލަތްތަކާއި ނާޒުކު ކަމަށް ރިއާޔަތްކޮށް، އަމިއްލަ ސިޔާސަތުތަކެއް ފަރުމާކުރުމުގެ މައްޗަށެވެ.
އެޑިޓަރުގެ ނޯޓް:
އިސްމާއިލް ޒަރިޔަންދަކީ ދައުލަތުގެ މާލީ ސިޔާސަތު، އޮޑިޓް އަދި ގަވަނަންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ސިވިލް ސާވަންޓެކެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނޭޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަން އަދި އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ ވެރިޔާގެ މަގާމުގެ އިތުރުން، ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަންކަން އޭނާ ވަނީ ފުރުއްވާފަ އެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދު އެކުލަވާލުމާއި ބަޖެޓް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން އެމްބީއޭ ހާސިލުކުރައްވާފައިވާ އޭނާގެ ލިޔުންތައް ހާއްސަވަނީ ދައުލަތުގެ މާލީ ނިޒާމާއި ލާމަރުކަޒީ ހިންގުން ހަރުދަނާކުރުމުގެ މައްޗަށެވެ.
ކޮމެންޓް