އިހުޒަމާނުގައި ވަޅުލާފައި ހުއްޓާ ހޮޅުދޫން ފެނުނު ބޮލިވަޅެއް: ކުރީ ޒަމާނުގައި ދިވެހި ބޮއްޔަކީ ދުނިޔޭގެ ވިިޔަފާރީގެ ނުފޫޒު ގަދަ އެއްޗެއް

އިގްތިސާދު

މައުލޫމާތުގެ ފަރަގާއި އިގްތިސާދީ ކުރިއެރުން: ދިވެހިރާއްޖެއިން ލިބޭ ފިލާވަޅުތައް

އެއް ޒަމާނެއްގައި ރާއްޖޭގެ ބޮއްޔަކީ ދުނިޔޭގެ ވިޔަފާރީގެ މައިގަނޑު ފައިސާ އެވެ. ދުނިޔޭގައި އެހާ ނުފޫޒު ގަދަ ބަޔަކަށް ރާއްޖެ ވިޔަސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ފައިދާގެ ބޮޑު ބައެއް އަބަދުވެސް ދަނީ ބޭރަށް

ދިވެހިރާއްޖޭގެ އިގްތިސާދީ އޮނިގަނޑު ބައްޓަންވެފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފުޅާވަމުން އައި ވިޔަފާރި އާއި މުއާމަލާތްތަކުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިގެންނެވެ. ކުރީ ޒަމާނުގައި ރާއްޖެއަކީ ކަނޑު ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްގެ އިތުރުން، ދުނިޔޭގެ އިގްތިސާދުގައި އެންމެ ފުޅާކޮށް ދައުރުވި އެއް މުދާ އުފައްދާ މައިގަނޑު މަސްދަރު ވެސް މެއެވެ.

އިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި، މައިގަނޑު ގޮތެއްގައި ރާއްޖެއިން އުފައްދާ ބޮލި، ފުރަތަމަ މިލޭނިއަމްގެ ފަހުކޮޅުން ފެށިގެން ދެވަނަ މިލޭނިއަމްގެ ކުރީކޮޅާ ހަމައަށް ފައިސާގެ ގޮތުގައި ބޭނުންކުރި އެވެ. މި ބޮލީގެ ބޭނުން އިންޑިއާ ކަނޑުގެ ސަރަހައްދުން ބޭރުވެ، ހުޅަނގު އެފްރިކާގެ ބާޒާރުތަކަށާއި، އުތުރު އެމެރިކާގެ ވާޖީނިއަން ކޮލޮނީތަކާ ހަމައަށް ވެސް ފޯރާފައިވެ އެވެ. ދުނިޔޭގެ މާލީ ނިޒާމުގައި މިހާ ބޮޑު ނުފޫޒެއް ފޯރުވި މުދަލެއް އުފެއްދި ކުދި ޖަޒީރާ ގައުމުތައް މަދެވެ.

ބޮލީގެ އިތުރުން، ރާއްޖެއަކީ އޭރު ކަނޑު އުޅަނދުފަހަރު ބަނުމަށް ބޭނުންކުރި ރޯނު އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިން ގައުމެވެ. އިންޑިއާގެ ނާ ބަނުމުގެ ސިނާއަތުގައި ބޭނުންކުރި މި އުފެއްދުންތެރިކަން، ފަހުން އަރަބިންގެ ނުފޫޒާ އެކު އިތުރަށް ފުޅާވެގެން ދިޔަ އެވެ. ސޯޅަ ވަނަ ގަރުނުގައި ޔޫރަޕްގެ ބާރުތައް އައުމުގެ ކުރިން، އަރަބި ވިޔަފާރިވެރިން އިންޑިއާ ކަނޑުގެ ވިޔަފާރި ކޮންޓްރޯލް ކުރިއިރު، ރާއްޖޭގެ އުފެއްދުންތަކަކީ ދުނިޔޭގެ އެންމެ ހަލުވި ވިޔަފާރި ނެޓްވޯކްތަކުގެ މުހިންމު ބަޔެކެވެ.

ރާއްޖޭގެ ރިސޯޓެއް: ރާއްޖޭގައި އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޓޫރިޒަމް

ދުނިޔޭގެ ބާޒާރުގައި ބޭނުންޖެހިފައިވާ މިފަދަ މުދާ އުފެއްދި ނަމަވެސް، ރާއްޖޭގެ އިގްތިސާދު އަސާސީ މަރުހަލާއަކުން މައްޗަކަށް ނުދިޔަ އެވެ. މިކަމުން އުފެދޭ ސުވާލަކީ، މިފަދަ އިސްތިރާތީޖީ އަދި ވިޔަފާރީގެ މުހިންމު ކަމެއް އޮތް އިގްތިސާދަކުން ބޮޑު މުއްސަނދިކަމެއް އުފައްދައި، އިގްތިސާދީ އޮނިގަނޑަށް އިންގިލާބީ ބަދަލެއް ނުގެނެވުނީ ކީއްވެގެންތޯ އެވެ؟

މީގެ އެއް ސަބެއް ކަމަށް ބެލެވެނީ ގައުމުގެ އެތެރޭގެ އިގްތިސާދީ ހާލަތެވެ. ރަށްތަކުގެ ގުދުރަތީ މާހައުލުން އާންމު ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބެން ހުރުމުން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޓެކްނޮލޮޖީ ކުރިއެރުވުމަށް ނުވަތަ ސިނާއީ މަސައްކަތްތަކަށް އޮތް ބޭނުންތެރިކަން ކުޑަވި އެވެ.

ދެވަނަ ސަބަބެއް ކަމަށް ބެލެވެނީ ބޮއްޔަކީ ދުރު ބާޒާރުތަކުގައި އަގުބޮޑު އެއްޗަކަށް ވިޔަސް، އެ އުފައްދާ ތަނުގައި ތިޔާގިކޮށް ހުރުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އޭގެ އަގު ދަށްވުމެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މުދަލުގެ ބަދަލުގައި ރާއްޖެއަށް ލިބުނީ ވަރަށް ކުޑަ މިންވަރެކެވެ.

ތިންވަނަ ސަބަބެއް ކަމަށް ދެކެވެނީ، ދައުލަތުގެ ބާރުވެރިކަން ބޮޑުވެ، ފިއުޑަލް ނިޒާމު ވަރުގަދަވަމުން ދިޔަ ވަރަކަށް، ދިވެހިންގެ މެދުގައި އޮތް އަމިއްލަ މަސައްކަތުން ކުރިއަރައި ދިއުމުގެ ރޫހު ބަލިކަށިވުމެވެ.

ނަމަވެސް އެންމެ މުހިންމު ސަބަބެއް ކަމަށް ފެންނަނީ ވިޔަފާރި ރޭވިފައި އޮތް ގޮތެވެ. ރާއްޖޭގެ އުފެއްދުންތެރިން ތިބީ ބައިނަލްއަގުވާމީ ބާޒާރުތަކާ ވަކިވެފަ އެވެ. ދުރު ރާސްތާގެ ދަތުރުތަކާއި، އަގު ކަނޑައެޅުމާއި، މުދާ ބެހުމުގެ ނިޒާމު އޮތީ ބޭރުގެ ވިޔަފާރިވެރިންގެ އަތްމަތީގަ އެވެ. މީގެ ސަބަބުން 'މައުލޫމާތުގެ ފަރަގެއް' (information asymmetry) އުފެދި، ބޭރުގެ ބާޒާރުތަކުގެ އަގުތަކާއި ފައިދާގެ މިންވަރު ދިވެހި އުފެއްދުންތެރިންނަށް ނޭނގި އޮތެވެ. ނަތީޖާއެއްގެ ގޮތުން، އިގްތިސާދީ މަންފާގެ ބޮޑު ބައެއް ހޯދީ ބޭރުގެ މެދުވެރިންނެވެ.

ވޭތުވެދިޔަ 50 އަހަރު ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތާ އެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. މިއަދު ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ، އަދި ކޮޓަރިއަކުން ލިބޭ އާމްދަނީ (RevPAR) އެންމެ މަތީ އެއް ގައުމެވެ. ނަމަވެސް އަދިވެސް އޮތީ ހަމަ އެއް ސުވާލެކެވެ: ފަތުރުވެރިކަމުން އުފައްދާ މަންފާގެ ތެރެއިން ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓެނީ ކިހާ މިންވަރެއް ހެއްޔެވެ؟

ރާއްޖޭގެ އިގުތިސާދު ފުޅާވިޔަސް ބޭރުން މުދާ އެތެރެކުރަން ބޭނުންވާ މިންވަރަށް އަދިވެސް ފަސޭހަކޮށް ބޭރު ފައިސާއެއް ނުލިބޭ: ރަސްމީ ރިޒާވް ދަށް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުން ބަލިކަށިވުމުގެ ސަބަބުން، ގައުމީ ހިސާބުތަކުގެ މައްޗަށް ބަލާ، ރާއްޖޭގެ މުއްސަނދިކަން ހުރި މިންވަރާ މެދު އެއްޗެއް ބުނަން ދަތިވެ އެވެ. ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކިން ދާއިރާގެ އެސެޓް ހުރީ ގާތްގަނޑަކަށް 6 އާއި 6.2 ބިލިއަން ޑޮލަރާ ދެމެދުގަ އެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ފާއިތުވި 10 އަހަރު ހުރީ އެވްރެޖްކޮށް 0.75 ބިލިއަން ޑޮލަރުގަ އެވެ. މި މިންވަރުގައި އެވްރެޖް ހިފެހެއްޓިފައި ވިޔަސް، ބައެއް އަހަރުތަކަށް ބަލައިލުމުން، އެ މިންވަރަށް ވެސް ދެމެހެއްޓިފައެއް ނުވެ އެވެ.

ހަމައެއާ އެކު، ބޭރުގެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ބޭރަށް ގެންދިއުމާއި، ބޭރު މީހުން ބޭރަށް ފޮނުވާ ފައިސާ (remittances) ފާއިތުވި 10 އަހަރު ހުރީ ޖީޑީޕީގެ %15 އާއި %20އާ ދެމެދުގަ އެވެ.

މި ހަގީގަތްތަކުން ދޭހަވަނީ، ބޮލީގެ ވިޔަފާރިން ފެށިގެން މަތީ ފަންތީގެ ފަތުރުވެރިކަމަށް ބަދަލުވީ ނަމަވެސް، ރާއްޖޭގެ މައިގަނޑު އިގްތިސާދީ ހަރަކާތްތަކުން އުފައްދާ މަންފާގެ ބޮޑު ބައެއް އަދިވެސް ހޯދަނީ ބޭރުގެ ފަރާތްތަކުން ކަމެވެ. މާނައަކީ، ތާރީހީ ގޮތުން ފެންނަން އޮތް 'ފައިދާ ބޭރުވުމު'ގެ އުސޫލު، އައު ސިފައެއްގައި އަދިވެސް ދެމިއޮތީ އެވެ.

އިގްތިސާދީ އޮނިގަނޑުގައި ހުރި މި މައްސަލަތަކަށް، ހާއްސަކޮށް މައުލޫމާތުގެ ފަރަގު ކުޑަކުރުމަށާއި ބައިނަލްއަގުވާމީ ވިޔަފާރީގެ މަރުހަލާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ނުކޮށްފި ނަމަ، ރާއްޖޭގެ އިގްތިސާދު އަބަދުވެސް އޮންނާނީ އަސާސީ ހަރުފަތެއްގައި ހިފެހެއްޓިފަ އެވެ. އެހެންކަމުން، ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމާއި، މާލީ ނިޒާމު ފުޅާކުރުމާއި، ތައުލީމާއި އިންސާނީ ވަސީލަތްތަކަށް އިންވެސްޓްކުރުން ފަދަ އިސްލާހީ ފިޔަވަޅުތައް ބޭނުންވެ އެވެ. ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމެއް ލިބޭނީ، ގައުމުގައި އުފައްދާ މަންފާ ގައުމުގައި ހިފެހެއްޓުމާއި، އެ ފައިސާ އަލުން އިންވެސްޓްކުރުމުގެ ގާބިލްކަން މަތިކޮށްގެންނެވެ.

އެޑިޓަރުގެ ނޯޓް:

އަބްދުލް ހަލީމަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. މިދިއަ 20 އަހަރު އޭނާ ވަނީ މާލީ ދާއިރާގަ އާއި ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާއަކީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ އެއް ބާނީ އެވެ. އެތަނުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރެވެ. އަމަލީ މަސައްކަތުގެ އިތުރުން މާލީ ދާއިރާގެ ކަންކަން ދިރާސާކުރަން ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.

ކޮމެންޓް (2)

ކޮސް

3 ޖޫން 2026
ލިޔުންތެރިޔާގެ ޕޮއިންޓުތައް ވަރުގަދަ.އެކަމަކު މިއަދުގެ ދުނިޔޭގައި ރާއްޖޭގެ ޙަޤީޤީ ފެންވަރު ދައްކުވާ ނުލެވެނީ ސަރުކާރުތަކުގެ ވިސްނުންކޮށިކަމާއި ދިވެހިރާއްޖޭގެ ޖަޒީރާ ދިރިއުޅުމާއި އިދިކީލި ސިޔާސަތުތަކަށް ، ތަރައްޤީގެ ނަމުގައި ކަންކަން ކުރާތީ. ވެރިކަމަށް ފައިނަގާ މީހުން ދައްކާ ވާހަކަތައް ޤަބޫލުކޮށް އެބަޔަކަށް ދީލާލާތީ....
5 0

ސިކުނޑި

3 ޖޫން 2026
ރަނގަޅު! އެކަމަކު މިހާރު ދިވެހިންނަކީ އާރެއް ބާރެއްނެތް ނިކަމެތި ބައެއް! ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ކަނޑައަޅަނީ ރާއްޖޭން ބޭރުން! އެހަގީގަތް ގަބޫލު ކުރަންޖެހޭ! އިގްތިސާދީ ވަސީލަތެއް އޮވެގެން މުއްސަނދި ވާނަމަ، އެފްރިކާގެ ގައުމުތައް ތިބީހީ ލިސްޓުގެ އެއްވަނައިގައި!!! ދިވެހީންނަށް އިގްތިސާދީ ފުރިހަމަ މަންފާއެއް ލިބޭނީ މުސްތަގިލު ވެރިކަމެއް ރާއްޖޭގައި ކުރެވުނު ދުވަހަކުން!
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް