އިދިކޮޅުން ބޭއްވި އެއްވުމެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ބަލިކަށި އިދިކޮޅު: ޑިމޮކްރަސީއަށް ދެރައެއް
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ގާނޫނުއަސާސީ ހެދުމުގެ މަސައްކަތަށް ލަފާދޭން އައިކަމަށް ބުނެވޭ، އައިވާ ޖެނިންގްސް ބުނެފައިވެ އެވެ: އިދިކޮޅެއް ނެތް ނަމަ، އެތަނެއްގައި ޑިމޮކްރަސީއެއް ނުވެ އެވެ. އެ ބުނުމުން ލިއްބައިދޭ މުހިންމު މެސެޖަކީ، ޑިމޮކްރަސީއެއްގައި، ސަރުކާރެއް އެކަނި އޮތުމަކުން ނުފުދޭ ކަމެވެ. ރަނގަޅަށް ހަރަކާތްތެރިވާ އިދިކޮޅެއް ވެސް ބޭނުންކަމެވެ. މި ލިޔުމުގައި މި ބަލައިލަނީ، ބަލިކަށި އިދިކޮޅެއް އޮތުމުން ޑިމޮކްރަސީއަށްވާ ގެއްލުމުގެ މައްޗަށެވެ.
އިދިކޮޅު ފަރާތްތަކުގެ ދައުރު
ޑިމޮކްރަސީއެއްގައި އެންމެ މުހިންމު އެއް ކަމަކީ، ރައްޔިތުން ހޮވާފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އެކަން ކުރުމުގައި، ރައްޔިތުންނާއި، މީޑިއާ އާއި އިދިކޮޅު ސިޔާސީންނާއި، އިދިކޮޅު ޕާޓީތައް ހިމެނެ އެވެ. މީގެ ތެރޭން، އިދިކޮޅު އަޑު އިއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ބަޔަކީ، އިދިކޮޅު ޕާޓީތަކެވެ. ހާއްސަކޮށް، މައި އިދިކޮޅު ޕާޓީ އެވެ.
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތެރިކަން ކުޑަވެ ބަލިކަށިވެއްޖެ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިންމު މަސައްކަތް ހުއްޓެ އެވެ. ސަރުކާރުގެ ނިންމުންތަކަށް އެއްޗެއް ބުނާނެ ބަޔަކު ނުވެ އެވެ. ކޮރަޕްޝަން ހިންގުމާއި، ގޯސްތައް ހެދުމުގައި ފިކުރެއް ހިޔާލެއް ނެތި ސަރުކާރު ބޭނުން ގޮތަކަށް ކަންކަން ކުރަމުން ގެންދިއުމުގެ ފުރުސަތު ލިބެ އެވެ.
ސަރުކާރާއި ސިޔާސަތުތަކަށް ބިނާކުރަނިވި ފާޑުކިޔުމަކީ ވެސް އިދިކޮޅު ފަރާތްތަކުގެ މުހިންމު ޒިންމާއެކެވެ. ރައްޔިތުންގެ މަޖިލީހާއި، ސިޔާސީ އެހެނިހެން ފޯރަމްތަކުގެ ޒަރީއާއިންނެވެ. އާންމު މަސްލަހަތާ ގުޅުން ހުރި މުހިންމު ކަންކަމުގައި، އަޑުއުފުލުމުގެ ގޮތުން، އެއްވުންތަކާއި، މުޒާހަރާތައް ކޮށްގެން ވެސް ސަރުކާރަށް ޕްރެޝަރު ކުރުމަކީ އިދިކޮޅުގެ މަސްއޫލިއްޔަތެކެވެ.
ސަރުކާރުގެ ސިޔާސަތުތައް ހެދެނީ، ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވިސްނައިގެންތޯ ބެލުމާއި، ވަކި ބަޔެއްގެ މަންފާއަށް ހެދޭ ސިޔާސަތުތަކެއް ފާހަގަކުރެވިއްޖެ ނަމަ، އެކަން، ރައްޔިތުންނާ ހިސާބަށް ގެނައުމުގައި، އިދިކޮޅު ފަރާތްތަކުން އިސް ދައުރެއް އަދާކުރާން ޖެހެ އެވެ. ސިޔާސަތުތަކަށް ރައްޔިތުންގެ ޝުއޫރާއި އިހުސާސް އިއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ، އިދިކޮޅު ފަރާތްތަކެވެ. ސަބަބަކީ، ގިނަ ބަޔަކަށް މެސެޖު ފޯރުކޮށްދެވޭ، ނުވަތަ އަޑުއިއްވައިދެވޭ ފޯރަމްތަކަށް، އެރުމުގެ ފުރުސަތު އިދިކޮޅު ފަރާތްކަށް ލިބެ އެވެ. އެފަދަ ފޯރަމްތަކާއި، އެއްވުންތަކާއި، ޖަލްސާތައް ރޭވުމާއި، ބޭއްވުމުގައި، އާންމުންނަށް ވުރެ، އިދިކޮޅު ޕާޓީތަކަށް ލިބިގެންވާ ވަސީލަތްތަކާއި، ގާބިލްކަން މާ ބޮޑެވެ.
ދިވެހިރާއްޖޭގައި ބަލިކަށި އިދިކޮޅެއް ފެންނަނީ ކީއްވެ؟
ރާއްޖޭގައި ގިނަ ޕާޓީތަކަކަށް ފުރުސަތުދޭން ފެށުނީ 2005 ގަ އެވެ. އަދި ޕާޓީތަކުގެ ވާހަކަ ބަޔާންކުރެވިފައިވާ މަޝްހޫރު ފެހި ގާނޫނުއަސާސީއަށް އަމަލުކުރަމުން އަންނަތާ 17 އަހަރު ވެއްޖެ އެވެ. ނަމަވެސް މި މުއްދަތުގައި، ސިޔާސީ ޕާޓީތަކަށް ވުރެ ފެންނަނީ، ވަކި ސިޔާސީއެއްގެ ވަށައިގެން އެނބުރޭ ބައެކެވެ. ޕާޓީއަށް ވުރެ، ޕާޓީގެ އިސް ލީޑަރު ބޮޑުވާ މަންޒަރެވެ. ޕާޓީގެ ދިދަ އާއި ޚިޔާލުތަކާއި، ސްލޯގަންތަކަށް ވުރެ، ވަކި ލީޑަރެއްގެ ފޮޓޯ އާއި ބުނުންތަކާއި، ޝަހުސިއްޔަތު ދިރުވުމުގެ ޕްރޮޕެގެންޑާތަކެކެވެ. ބައެއް ފަހަރު، އާއިލާއަށް، ނުވަތަ ގާތް މީހުންނަށް ޕާޓީގެ އިސް މަގާމުތައް ވާރުތަވާތަނެވެ.
ކޮންމެ ދެތިން އަހަރަކުން، ޕާޓީތަކުގެ އެތެރޭގެ ކޯޅުންތައް ފެނެ އެވެ. އެފަދަ ކޯޅުންތައް ނިމެނީ ހައްލުވެގެންނެއް ނޫނެވެ. ހައްލުގެ ބަދަލުގައި، އިސްކޮށް އުޅޭ ބައެއް ލީޑަރުން ޕާޓީން ވަކިވެގެންނެވެ. އަނެއްބައި ފަހަރު، އައު ޕާޓީ އުފައްދައިގެންނެވެ. އަނެއްބައި ފަހަރު، ޕާޓީން ވަކިނުވެ، ޕާޓީގައި ތިބެ، އެދެވޭ ގޮތުގައި ޕާޓީ ކުރިޔަށް ދިއުމަށް ހުރަސްއެޅޭ ހާލަތެއްގައި ޕާޓީ ތާށިވެގެންނެވެ. މިކަން މިހެން ދިމާވުމުގެ އެއް ސަބަބަކީ، ޕާޓީ ވަރުގަދަ ކުރުމުގެ ބަދަލުގައި، ލީޑަރުން، އެމީހުންގެ ސިޔާސީ ޝަހުސިއްޔަތު ކުރިއެރުވުމަށް، ނުވަތަ މަގުބޫލުކަން ހޯދުމަށް މަސައްކަތް ކުރުމެވެ.
ގާބިލު މީހުންނަށް ޕާޓީގެ ކަންކަން ހަވާލުކުރުމުގެ ބަދަލުގައި، ލީޑަރުންނާ ގާތް މީހުންނާއި އެކްޓިވިސްޓުންނަށް ޕާޓީ ތެރޭން ފުރުސަތު ދެވިގެން ދިއުމަކީ ވެސް ގޯހެކެވެ. އޭގެތެރޭން ބައެއް މީހުން ޕާޓީއަށް މަސައްކަތް ކޮށްދެނީ، ޕާޓީން ވަޒީފާއެއް ނުވަތަ ޕްރޮޖެކްޓެއް ނުވަތަ ނުއަތު އެހީތެރިކަމެއް ލިބޭނެ ކަމުގެ ބޭނުމުގަ އެވެ. ވެރިކަން ލިބުނީމާ އެކްޓިވިސްޓުންނާއި ގާތް މީހުންނަށް ކަންކަން ފަހިވަނީ، މި އުސޫލުގެ ދަށުންނެވެ. ތަހުޒީބު ޑިމޮކްރަސީއަކުން ފެންނާނީ، ޕާޓީއަށް މަސައްކަތްކޮށްދޭ ވޮލަންޓިއަރުންނެވެ. ވަޒީފާގެ ނިޔަތުގައި، އަމިއްލަ މަންފާގެ ނިޔަތުގައި އުޅޭ، ނުވަތަ ނަސީބު ޝިކާރަކުރަން ނުކުމެ އުޅޭ މީހުންނެއް ނޫނެވެ.
ދެން ފާހަގަކުރެވޭ ކަމަކީ، ރާއްޖެއަށް ކަމުދާ ސިޔާސަތުތަކެއް ހަދައި، ތައާރަފުކޮށް، ރައްޔިތުންނަށް ހުށައަޅައިދޭނެ ގާބިލުކަމެއް ޕާޓީތަކުގައި ނެތުމެވެ. އެންމެ އަޑުހަރުކޮށް އިއްވާ ސިޔާސަތުތަކަކީ، ރާއްޖޭގެ އިގުތިސާދީ މައިބަދައަށް ކުޅަދާނަނުވާ ވަރުގެ، އެކަމަކު ވޯޓު ކަމާލުކުރަން ފަސޭހަ ސިޔާސަތުތަކެވެ. އެފަދަ ސިޔާސަތުގެ ނާރަހެކީ ރައްޔިތުންނެއް ނޫނެވެ. ވެރިކަން ހޯދުމެވެ. ހަމައެކަނި ޕާޓީގެ މަންފާ ބޮޑުކުރުމެވެ. ނުފުއްދޭވަރުގެ ނުވަތަ އިގުތިސާދީ ގޮތުން ދެކޮޅުނުޖެހޭ ސިޔާސަތުތައް ފެންނަނީ މި ސަބަބުތަކާ ހުރެ އެވެ.
ސަރުކާރުގެ ހަރަދުބަރަދާއި، ކަންކަމަށް ކުރާ ހޭދަތަކަށް ރަނގަޅަށް ފާރަވެރިވުމަކީ ވެސް އިދިކޮޅުގެ ޒިންމާއެކެވެ. ސަރުކާރުގެ ހޭދަކުރުންތަކުގެ ތެރެއިން އިސްރާފު ފާހަގަކުރުމާއި، ދަރަނީގެ މަސްއޫލިއްޔަތުތަކަށް ފާރަވެރިވާން ޖެހެ އެވެ. ފާހަގަކުރެވޭ ނޭދެވޭ ކަންކަން، ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ޖެހެ އެވެ.
ސިޔާސަތުތަކަށް ފާޑުކިޔުމުގެ ބަދަލުގައި، ސިޔާސީ ފަރާތްތަކުގެ ބެހޭން ނުޖެހޭހާ ޒާތީ ކަންކަމަށް ކިޔާ ފާޑު ވެސް އަޑުއިވެ އެވެ. ބޭނުންކުރާ ބަހުރުވަޔާއި، ގެންގުޅޭ ބޭއަދަބީ ނުވަތަ ދެރަވަރު ބަހުރުވައިގެ ސަބަބުން، އުފެދެނީ ޒާތީ އަރައިރުންތަކެވެ. ނަތީޖާއަކަށް ވެގެންދަނީ، ސިޔާސަތުތަކަށް ދޭންވާ ސަމާލުކަން މުޅިން އެހެން ދިމާލަކަށް މިސްރާބު ބަދަލުވުމެވެ.
ހިޔަނި ކެބިނެޓެއް އޮވެގެން ސަރުކާރުގެ ދާއިރާތަކަށް ފާރަވެރިވުމުގެ ބަދަލުގައި ފެންނަނީ، ދިރާސާއެއް ނެތި ދެތިން އިސް މީހަކު ބުނާ އެއްޗެއް، އެންމެން ތަކުރާރުކުރަމުންދާ މަންޒަރެވެ.
ރާއްޖޭގެ އެކި ރައީސުންގެ ދައުރުތަކުގައި ދެން ފެނިފައިވަނީ، އިދިކޮޅު ފަރާތްތަކުން، ހަމައެކަނި ދެކޮޅު ހެދުމުގެ ބޭނުމުގައި ކަންކަމަށް ދެކޮޅު ހަދާ މަންޒަރެވެ. ބައެއް ސިޔާސަތުތައް ނުވަތަ ގާނޫނުތައް ރަނގަޅުކަމަށް ފެނުނަސް، ސަރުކާރާ ހަމަ އިދިކޮޅުވެލުމުގެ ބޭނުމުގައި އިދިކޮޅުވެލަނީ އެވެ. ކުރިން ނޫނެކޭ ބުނި ކަންކަމަށް، ތިމާމެން ސަރުކާރާ ހަވާލުވެ އާނއެކޭ ބުނާން ޖެހުނަސް މެއެވެ.
މިކަންކަމުގެ ސަބަބުން، އިދިކޮޅު ފަރާތްތަކަށް އަދި ޖުމްލަކޮށް ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ނިންމުން
މި ބަޔާންކުރެވުނީ ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކުން އަދާކުރެވިދާނެ މުހިންމު ދައުރެވެ. އެކަން އެގޮތަށް ކުރެވޭނީ، ދެއިރަށް ސިޔާސަތުތައް ނުވަތަ ފިކުރުތައް ބަދަލުކުރާން ނުޖެހޭ ވަރުގަދަ ވިސްނުމެއްގައި ޕާޓީތައް ހިންގައިގެންނެވެ. ވަކި މީހެއްގެ މިލްކެއްގެ ގޮތުގައި ނުދެކި، ވަކި ފިކުރެއްގެ ބަޔަކު ހިންގާ ޕާޓީއަކަށް ޕާޓީ ހަދައިގެންނެވެ. ސިޔާސީ އުކުޅުތަކާއި ވައްޓަފާޅީގައި، ތަހުޒީބު ގޮތްތަކާއި ބަސްމަގު ބޭނުންކޮށްގެންނެވެ. އެފަދަ ޕާޓީއެއް، ސަރުކާރު ހިންގިޔަސް، ނުވަތަ އިދިކޮޅުގައި އޮތަސް ގައުމަށް ކުރާނީ ފައިދާ އެވެ. އެކަމަކު، ހިތާމަޔަކީ، ރާއްޖޭން ފެންނަނީ، ޕާޓީތަކެއްގެ ބަދަލުގައި، މީހެއްގެ ވަށައިގެން އެނބުރޭ ފިދާއީ ތާއީދުވެރިންގެ ބައިގަނޑުގަނޑެވެ.
ރާއްޖޭން ފެންނަނީ، ރައްޔިތުންގެ އިތުބާރު ހޯދަން ޖެހިފައިވާ ޕާޓީތަކެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ބަރުހެލި އިދިކޮޅެކެވެ. އެމީހުންގެ އެތެރޭގެ ކޯޅުންތަކުން ސަލާމަތްވެގެން ސަރުކާރު ޖަވާބުދާރީ ކުރަން ވަގުތާއި ވިސްނުން ނުދެވޭ ބަލިކަށި އިދިކޮޅެކެވެ. އިންތިހާބަށް ކައިރިވާއިރު ވެސް ރަނގަޅަށް ތައްޔާރުނުވެވޭ، ރިޔާސީ ޓިކެޓާ ހެދި ކޯޅޭ އިދިކޮޅެކެވެ. މީގެ އެންމެ ދެރަ ނަތީޖާއަކަށް ވާނީ، ހިތުހުރިހާ ގޮތަކަށް ވެރިކަން ހިންގާ ހުދުމުހުތާރުކަން އިތުރުކުރާ ވެރިކަމަކާއި، ވޯޓުލާން ދާން ބޭނުންނުވާ އިންތިހާބީ ޔަތީމުން ފެންނަ ގައުމެކެވެ.
އެޑިޓަރުގެ ނޯޓް:
ޑރ. ޝަމްސުލް ފަލާހަކީ ދުސްތޫރީ އަދި ގާނޫނީ ދާއިރާގެ ލިޔުންތައް ލިޔުއްވާ ދިރާސާވެރިއެކެވެ. އިލްމީ ޖާނަލްތަކާއި ފޮތްތަކަށާއި، ނޫސްތަކަށް ވެސް އޭނާ ގެންދަވަނީ ލިއުއްވަމުންނެވެ.