އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން.(ދައުރު ފައިލް ފޮޓޯ/ އަނޫފް ޖުނައިދު)

ރިފަރެންޑަމުގައި ވޯޓުލުމުގެ ކުރިން ރައްޔިތުން ވިސްނާލަންވާނެ ބައެއް ކަންކަން

ތިޔަބޭފުޅުންގެ ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށް ނުހަނު މުހިންމު އަސަރުތަކެއް ކުރާނޭ ނިންމެވުމަކަށް ވާތީ، މި ނިންމެވުމަކީ މައުލޫމާތުގެ އަލީގައި ނިންމަވާ ނިންމެވުމެއް ކަމަށް ހައްދަވާށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު ކުރުކުރުމަށް ފެނޭތޯ ބެލުމަށް ބާއްވާ ދުސްތޫރީ ރިފަރެންޑަމްއާ ގާތްވަމުންދާއިރު، ވޯޓުލުމުގެ ކުރިން ތިރީގައިވާ ކަންކަމާ މެދު ފުންކޮށް ވިސްނާވަޑައިގަތުން އެދެވިގެންވެ އެވެ. ތިޔަބޭފުޅުންގެ ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށް ނުހަނު މުހިންމު އަސަރުތަކެއް ކުރާނޭ ނިންމެވުމަކަށް ވާތީ، މި ނިންމެވުމަކީ މައުލޫމާތުގެ އަލީގައި ނިންމަވާ ނިންމެވުމެއް ކަމަށް ހައްދަވާށެވެ.

ބާރުތައް ވަކިވެފައި އޮތުން

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައިވަނީ ވެރިކަން ހިންގުމުގެ ބާރާއި (ރައީސުލްޖުމްހޫރިއްޔާ)، ގާނޫނު ހެދުމުގެ ބާރާއި (ރައްޔިތުންގެ މަޖިލިސް) އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ކޯޓުތައް) ސާފުކޮށް ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމަކީ، މި ދެ ބާރަށް ދެވޭ ދަސްތޫރީ ދައުރު މަސްހުނިވެގެންދާނެ ކަމެކެވެ.

މީގެ ސަބަބުން ކޮންމެ ބާރަކަށް އޮންނަ ވަކިވަކި ގާނޫނީ ހައިސިއްޔަތާއި ބާރާއި މިނިވަންކަމަށް ބުރޫއަރައި، ހަމައެކަނި ދެ އިންތިހާބްގެ ފޯކަސް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފޯކަސްކުރެވުމުގެ ސަބަބުން މަޖިލިސް މެންބަރުންގެ ވަކިވަކި އިންތިހާބީ ދާއިރާތަކުގެ މަސްލަހަތުތައް ލޯމަތިން ގެއްލި މަޖިލީހުގެ ދާއިރާތަކުގެ ބާރާއި ނުފޫޒަށް އަދި ދާއިރާތަކުގެ ތަރައްގީއާއި ވަކިވަކި މެންބަރުންގެ ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، ރިޔާސީ ކެނޑިޑޭޓުންގެ ސަބަބުން އުފެދޭ ސިޔާސީ ރޯޅީގެ ކަނޑަށް މަޖިލީހުގެ މެންބަރުންގެ އިންތިހާބުގެ ނަޒަރު ގައަގުވެގެންދާނެ އެވެ.

ޒިންމާދާރުކުރުވުމުގެ ފުރުސަތު ގެއްލުން

ތަފާތު ތާރީހެއްގައި ހާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތައް ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖައާކޮށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެ އެވެ.

ނަމަވެސް އިންތިހާބުތައް އެއްކޮށްލުމުން މި ފުރުސަތު ހަނިވެ، ސަރުކާރު ޒިންމާދާރުކުރުވުމަށް އޮންނަ މަގުތައް މަދުވެ އެވެ. އަދި ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިހާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށް އަދި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެ އެވެ.

އިންތިހާބުގެ އިދާރީ ހިންގުން

ރިޔާސީ އަދި މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ވޯޓުލާ މީހުންގެ ދަފްތަރު ތަރުތީބުކުރުމާއި ދާއިރާތައް ކަނޑައެޅުމާއި އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ.

މިފަދަ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަކީ އިދާރީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތައް އިންތިހާއަށް އިތުރުވެ، އިދާރީ ކުށްތައް ހިނގުމާއި އާންމުންނާއި އޮފިޝަލުން އޮޅުންބޮޅުންވުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދުސްތޫރީ ހަމަތަކާއި ދެފުށް ފެންނަ އުސޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތެވެ.

އިލެކްޝަންސް ކޮމިޝަނަށް ނުތަކާވަރުގެ ބުރައެއް ކުރިމަތިވުން

އެއްފަހަރާ ދެ އިންތިހާބު ބޭއްވުމަކީ ވޯޓު ކަރުދާހުގެ ބާވަތްތަކާއި ތަމްރީނުތަކާއި ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތާއި ވޯޓު ގުނުމުގެ މަރުހަލާ ދެގުނަވުމެވެ. މީގެ ސަބަބުން އިދާރީ ގޯސްތައް ހިނގުމާއި ނަތީޖާ އިއުލާންކުރުން ލަސްވުމާއި ޝަކުވާތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އިންތިހާބީ މައްސަލަތައް ނިންމުމަށް ޝަރުއީ ނިޒާމަށް ވެސް އިތުރު ބުރައެއް އުފުލަންޖެހޭނެ އެވެ.

ރައްޔިތުން ތަމްސީލުކުރުން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ތަފާތު ދެ މަގްސަދެއްގައި ބާއްވާ ދެ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުން ކަނޑައަޅަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. މަޖިލިސް އިންތިހާބަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކޮށް، ޖަވާބުދާރީވުން ކަށަވަރުކޮށްދޭ އިންތިހާބެކެވެ.

މި ދެ އިންތިހާބު އެއްކޮށްލުމުން، ދާއިރާއެއްގެ މަސްލަހަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެ އެވެ. މީގެ ސަބަބުން މަޖިލިސް މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވެ، މަޖިލީހުގެ މިނިވަންކަން ގެއްލިގެންދެ އެވެ.

ދުސްތޫރީ އަދި ސިޔާސީ ފަލްސަފާއަށް ބަލާއިރު މި ގޮތަށް ހެދުމުން ނުކުންނަ ނަތީޖާއަކީ ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުވުން ކަމަށް ވެސް މާނަކުރެވިދާނެ އެވެ. އެގޮތަކީ މިހާރު މި އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ގޮތެކެވެ.

ވޯޓުލާ މީހުންނަށް އޮޅުން އެރުމާއި ނިންމުންތަކުގެ ފެންވަރު ދަށްވުން

ގިނަ އިންތިހާބުތަކެއް އެއް ދުވަހަކު ބޭއްވުމުން ވޯޓު ކަރުދާސް ދިގުވެ، ވޯޓުލާ މީހުން ވަރުބަލިވެ، ކެންޑިޑޭޓުންގެ ފެންވަރަށް ބަލައި ވަކިވަކިން ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ނުވަތަ ރިޔާސީ ކެންޑިޑޭޓަށް ބަލައި ވޯޓުލުން އިތުރުވެ އެވެ. މީގެ ސަބަބުން ރައްޔިތުންގެ ހަގީގީ ވިސްނުން ފާޅުކުރުމަށް ހުރަސްއެޅިގެންދެ އެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވުން

އިންތިހާބުތައް އެއްކޮށްލުމަކީ ވެރިކަމުގައި ހުންނަ ފަރާތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ހަރުދަނާ ބަހުސަކަށް ފަހު ކުރަންޖެހޭ ކަމަކަށް ވިޔަސް، އިންތިހާބާ ދިމާކޮށް މިފަދަ ބަދަލުތައް ގެނައުމަކީ ސިޔާސީ މަންފާއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮވެ އެވެ.

ގާނޫނީ ހަމަޖެހުމާއި ދުސްތޫރީ އުސޫލުތައް

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އަދި އަސާސީ ހައްގުތަކާއި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަންޖެހެ އެވެ.

މިފަދަ އަސާސީ ކަންކަމަށް ބަދަލު ގެނައުމަކީ ގާނޫނީ ހަމަޖެހުމަށް ބުރޫއަރައި، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ 'ޗެކް އެންޑް ބެލެންސް' ނުވަތަ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެދާނެ ކަމެކެވެ.

މިނިވަން މުއައްސަސާތަކާއި މީޑިއާއަށް ކުރާނެ އަސަރު

އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެ އެވެ. މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މިފަދަ ހާލަތެއްގައި ހަނިވެ، އިންތިހާބު އިންސާފުވެރިކަމާ އެކު މޮނިޓާ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ އެވެ.

ގާނޫނީ އަދި މުއައްސަސާވީ ދެމެހެއްޓެނިވިކަމަށް ކުރާނެ އަސަރު

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންގެ ދައުރާއި މަގާމުން ވަކިވުމުގެ އުސޫލުތައް ވަނީ ވަކިވަކިން ކަނޑައަޅާފަ އެވެ. އިންތިހާބުތައް އެއްކޮށްލުމަކީ މަގާމެއް ހުސްވެއްޖެ ހާލަތެއްގައި ނުވަތަ ގާނޫނީ ނިޒާމުގެ ދުވެލި ހިނގުމުގައި އޮޅުންބޮޅުންތަކެއް އުފެދި، ދައުލަތް ހިންގުމުގެ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެޑިޓަރުގެ ނޯޓް:

ހުސްނުއްސުއޫދަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ. އަދި ރާއްޖޭގެ ބަނޑާރަ ނާއިބުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. މީގެ އިތުރުން، ގާނޫނު ކިޔަވައިދިނުމަށް ގިނަ އަދަދެއްގެ ފޮތްތަކާއި މަޒްމޫނުތައް ލިޔުއްވާފައިވެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

25 މާރިޗު 2026
ގާނޫނީ މައްސަލައިގެ އިތުރުން ޕްރެކްޓިކަލް މައްސަލައެއްވެސް މީގެއިން އެބަ ނިކުމޭ. ޚިޔާލު ހޯދުމަށް އެދި ހުށައަޅާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މާނައަކީ ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު މި ބިލު ތަސްދީގުކޮށް ގާނޫނަކަށް ވާ ހިސާބުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަންޖެހޭނީ އެކުއެކީގައޭ. ދެން މިސާލަކަށް ރިޔާސީ ދައުރެއްގެ މެދުތެރެއިން ރައީސާއި ނައިބު ރައީސް އިސްތިއުފާދީގެން ނުވަތަ ޣަޒުލުކޮށްގެން ނުވަތަ އެނޫން ސަބަބަކާއިހުރެވިޔަސް އެ މަގާމު ހުސްވެގެން އަލުން ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭ ހާލަތެއްގައި އަނެއްކާވެސް މަޖިލިސް އިންތިޚާބުވެސް ބާއްވަން ޖެހޭނެއެއްނު؟ ސަބަބީ މި ދެ އިންތިޚާބު ބާއްވަންޖެހޭނީ އެކުއެކީގައި ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާތީ! މި ހުންނަނީ ބޮޑެތި ހޭޖެހޭ މީހުން ހާވާ ހަޑި.
0 0

އާސާފަތެ.

26 މާރިޗު 2026
@ތެފައާސާ. ތެފޭ. ރައީސް ނާއިބު އިސްތިއުފާ ދޭ ޙާލަތުގައި މަޖްލިސް ރައީސް ޤައުމާ ޙަވާލުވާނެ. އޭނާއަށް އިންތިހާބު ލަސްކޮށްލެވިދާނެ ޤާނޫނީ ކަންކަން ފުރިހަމަކުރުމަށް. މިއީ ޚާއްސަ ހާލަތެއް. މިޤައުމުގަ މާ އިންތިޚާބު ގިނަމިހާރުވެސް. އަބަދު އިންތިާޚާބާއިގެން އުޅެންޖެހެނީ. ނިކަން ބަލާބަލަ ވޯޓަށްޓަކައި ކުރާކަށް ނުކުރާކަށް ކަމެއް ނެތް. ފަސްއަހަރު އެކި އިންތިޚާބުތަކަށް ތައްޔާރުވުމުގަ. ރައްޔިތުންނަށް ޚިދުމަތެއް ދޭތަނެއް ނުފެނޭ. އިންތިޚާބުން މޮޅުވާނެ މޮޅެތި ސިހުރު ހަދާލަ ހަދާލަ ފަސް އަހަރު ދައުރެއް ނިމޭއިރު. މިއީ ޤާނޫނު އަސާސީން ހޯދަން ބޭނުންވާ ނަތީޖާތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް