ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި: ޓޫރިޒަމްގެ ސަބަބުން ބޮލަކަށް ޖެހޭ މިންވަރު ރާއްޖޭގައި މަތި ނަމަވެސް ހިންގުމުގެ ދާއިރާގައި ރާއްޖޭގެ ހާލަތު ދަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިގްތިސާދު

ރާއްޖެ އާއި އިންޑިއާ ކަނޑުގެ އެހެން ގައުމުތަކާ އަޅާބަލައިލުން، ފެންނަނީ ބޮޑެތި ތަފާތުތަކެއް

ރާއްޖެ ފަދަ އިންޑިއާ ކަނޑުގެ ބައެއް ގައުމުތަކުގެ އެތެރޭގެ މުއައްސަސާތައް ވަރުގަދަވުމުން ސިޔާސީ ބަދަލުތަކުން މުޅި ގައުމުގެ ހިންގުމަށް ނުބައި އަސަރުތަކެއް ނުކުރޭ

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަކީ އިގުތިސާދާއި ވިޔަފާރީގެ ގޮތުން އެއްގޮތް ސިފަތަކެއް ހިއްސާކުރާ ގައުމުތަކެކެވެ. މީގެ ތެރޭގައި، އެތެރޭގެ ބާޒާރު ކުޑަވުމާއި، ޖޯގްރަފީ ގޮތުން އެކަހެރިވެފައިވުމާއި، ބޭރުގެ ވިޔަފާރިއަށް ބަރޯސާވާ މިންވަރު ބޮޑުވުމާއި، ބޭރުގެ ލޮޅުންތަކުން ކުރާ އަސަރު ބޮޑުވުމުގެ އިތުރުން، އިގުތިސާދީ ގޮތުން އާމްދަނީ ހޯދާ ވަސީލަތްތައް މަދުވުން ހިމެނެ އެވެ. މިފަދަ އެއްގޮތް ހުރަސްތަކެއް ހުރި ނަމަވެސް، އެ ގައުމުތަކުގެ އިގުތިސާދުގައި ސަރުކާރުތަކުން އަދާކުރާ ދައުރުގެ ނަތީޖާގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. ސްރީ ލަންކާ، މަޑަގަސްކަރަ، މޮރިޝަސް، ދިވެހިރާއްޖެ، ސީޝެލްސް އަދި ކޮމޮރޮސްގެ ހާލަތު އަޅާބެލުމުން ހާމަވަނީ، ދިގު މުއްދަތުގެ އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމުގައި މުއައްސަސާތަކުގެ ފެންވަރާއި، މާލީ އަދަބުވެރިކަމާއި، ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެވެ.

މި ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފާހަގަކުރެވެނީ މައިގަނޑު ދެ ސިފައެއް އެކުލެވޭ ތަފާތު ހާލަތެއްގައި އޮތް ގައުމެއްގެ ގޮތުގަ އެވެ. މިގޮތުން، ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީގައި އުޅުނު ނަމަވެސް، ރާއްޖެއަކީ ދަރަނި އެންމެ ބޮޑު، ރިޒާވްގެ ރައްކާތެރިކަން އެންމެ ކުޑަ، ވަޒީފާގެ ބާޒާރާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނާޒުކުކަން އެންމެ ބޮޑު އެއް ގައުމެވެ. ދައުލަތުގެ ޅަކަމާއި، އިސްތިއުމާރީ އަސަރުތަކުގެ ނުފޫޒުތައް ބޮޑު ނަމަވެސް ވަރުގަދަ މުއައްސަސާތަކެއް ބިނާކޮށްފައިވާ މޮރިޝަސް އާއި ސީޝެލްސް ފަދަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މައިގަނޑު ގޮތެއްގައި ސަރުކާރުތަކުގެ ސިޔާސަތުތަކާއި، މުއައްސަސާތަކުގެ ގާބިލުކަމާ ގުޅިފައިވާ ކަންކަން ކަމަށް ފެނެ އެވެ.

މެކްރޯ-އިކޮނޮމިކް ހާލަތު

ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ގައުމުތަކުގެ މެދުގައި ހުރި ބޮޑެތި ތަފާތުތައް ސާފުކޮށް ފެންނަން އެބަ ހުއްޓެވެ:

ދިވެހިރާއްޖެ

  • ޖީޑީޕީ: ގާތްގަނޑަކަށް 7.1 ބިލިއަން ޑޮލަރު (2024)

  • އާބާދީ: ގާތްގަނޑަކަށް 0.53 މިލިއަން

  • ދަރަނި ޖީޑީޕީގެ ނިސްބަތުން: ގާތްގަނޑަކަށް %133

  • ރިޒާވް: ގާތްގަނޑަކަށް 0.62 ބިލިއަން ޑޮލަރު

  • އިގުތިސާދީ ކުރިއެރުން: ގާތްގަނޑަކަށް %3.5

މޮރިޝަސް

  • ޖީޑީޕީ: ގާތްގަނޑަކަށް 14.6 ބިލިއަން ޑޮލަރު (2023)

  • އާބާދީ: ގާތްގަނޑަކަށް 1.27 މިލިއަން

  • ދަރަނި ޖީޑީޕީގެ ނިސްބަތުން: ގާތްގަނޑަކަށް %82

  • ރިޒާވް: ގާތްގަނޑަކަށް 7.1 ބިލިއަން ޑޮލަރު

  • އިގުތިސާދީ ކުރިއެރުން: ގާތްގަނޑަކަށް %4.9

ސީޝެލްސް

  • ޖީޑީޕީ: ގާތްގަނޑަކަށް 2.1 ބިލިއަން ޑޮލަރު (2024)

  • އާބާދީ: ގާތްގަނޑަކަށް 0.13 މިލިއަން

  • ދަރަނި ޖީޑީޕީގެ ނިސްބަތުން: %58 އާއި %61 އާ ދެމެދު

  • ރިޒާވް: ގާތްގަނޑަކަށް 0.7 އާއި 0.8 ބިލިއަން ޑޮލަރާ ދެމެދު

  • އިޤްތިޞާދީ ކުރިއެރުން: ގާތްގަނޑަކަށް %3.5

މަތީގައިވާ ތަފާސްހިސާބުތަކަށް ބަލައިލުމުން، ފަތުރުވެރިކަމަށް ބިނާވެފައިވާ، އެއްގޮތް އިގުތިސާދީ މޮޑެލްތަކެއް ގެންގުޅުނު ނަމަވެސް، މޮރިޝަސް އާއި ސީޝެލްސްއިން ދައުލަތުގެ މާލީ ފުދުންތެރިކަމާއި ހާލަތު މާ ވަރުގަދަކޮށް ދަމަހައްޓަ އެވެ. މިއާ ޚިލާފަށް، ދިވެހިރާއްޖޭގައި ފޮރިން ރިޒާވެއް ދެމެހެއްޓުމާއި، މެނޭޖްކުރުމަށް ނުކުޅެދިފައިވާތީ ބޭރު ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ބާރު އޮޔާއި، މާލީ ލޮޅުންތަކުގެ ކުރިމަތީގައި ރާއްޖޭގެ ނާޒުކުކަން އިންތިހާއަށް ބޮޑެ ވެ އެވެ.          

އިމްޕޯޓާއި ބޭރުގެ މަސައްކަތްތެރިން

ޖަޒީރާ ގައުމުތަކުގެ އިގުތިސާދު ވަރަށް ބޮޑަށް އިމްޕޯޓަށް ބަރޯސާވި ނަމަވެސް، ދިވެހިރާއްޖޭގެ ހާލަތު އޮތީ ވަރަށް ތަފާތު އަދި ނާޒުކު ފައްތަރެއްގަ އެވެ. އެގޮތުން:

  •  ކާބޯތަކެތީގެ ގާތްގަނޑަކަށް ހުރިހާ ބާވަތެއް ބޭރުން އެތެރެކުރަން ޖެހުން

  • ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ޚިދުމަތްތަކުގެ ދާއިރާގައި ބޭރުގެ މަސައްކަތްތެރިންނަށް އިންތިހާއަށް ބަރޯސާވާން ޖެހުން.\

  • އަމިއްލަ އުފެއްދުންތެރިކަމުގެ ނިސްބަތް 'ވެލިއު ޗެއިން' މަދުވުން.[

ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ ކަންކަމަކީ:

  • ކަރަންޓް އެކައުންޓް ޑެފިސިޓް (ހަރަދާއި އާމްދަނީގެ ފަރަގު) ބޮޑުވުން

  • އިގުތިސާދުގެ ތެރޭގައި ދައުރުވާ ފައިސާގެ މިންވަރު ނުވަތަ 'ޑޮމެސްޓިކް އިންކަމް މަލްޓިޕްލަޔާ' ދަށްވުން

  • ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ވިޔަފާރިން އުފެދޭ ކެޕިޓަލް، ރާއްޖޭގައި ނުހިފެހެއްޓި ބޭރަށް ދިއުން

  • ދިވެހި ފައިސާގެ އަގު ދަށްވެ، ފަހަށް ރައްކާކުރުމުގެ މަންފާ ކުޑަވުން

  • ފަތުރުވެރިކަމުގެ ދާއިރާ އާއި ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަމާ ދެމެދު އޮންނަން ޖެހޭ ގުޅުން ކުޑަވުން

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ: ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ނިސްބަތުން ދަށް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއާ ޚިލާފަށް، މަޑަގަސްކަރަ އާއި ކޮމޮރޮސް ފަދަ ގައުމުތަކުގައި ބޮލަކަށް ޖެހޭ އާމްދަނީ، ރާއްޖެއަށް ވުރެ ދަށްވި ނަމަވެސް، އެ ގައުމުތަކުގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުމުގެ ވަރުގަދަ ނިޒާމެއް އޮވެ އެވެ. އަދި މޮރިޝަސްއިން ވަނީ ފަތުރުވެރިކަމުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި މާލީ ހިދުމަތްތައް ބޭރުގެ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ.

ދައުލަތުގެ މާލީ ހިންގުން ބަލިކަށިވުން

ރާއްޖެއާ އެއްބާވަތެއްގެ އިގުތިސާދީ ހިރާސްތައް ހުރި ނަމަވެސް، މެކްރޯ-އިކޮނޮމިކް މެނޭޖްމަންޓް މެނޭޖްކުރުމުގައި ރަނގަޅު ނަތީޖާ ހޯދާ އެހެން ގައުމުތަކާ ދެމެދު ހުރި އެންމެ ބޮޑު ތަފާތަކީ މުއައްސަސާތަކުގެ ހަރުދަނާކަމެވެ. ރާއްޖޭގައި ފާހަގަކުރެވޭ ކަންކަމަކީ:

  • ބަޖެޓް ހިފެހެއްޓުމުގައި ނުވަތަ 'ބަޖެޓް ޑިސިޕްލިން' ކުޑަވުން

  • ސިޔާސަތުތައް އަވަސް އަވަހަށް ބަދަލުވުން

  • ވިޔަފާރީގެ މުއާމަލާތްތަކުގައި އިންސާފުވެރި ހުކުމެއް ކުރެވޭނެ ނިޒާމެއް ނެތުން

  • އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ސިޔާސީ ނުފޫޒުގެ ދަށަށް ދިއުން

  • ދައުލަތުގެ ކުންފުނިތައް (SOEs) ސުޕަވައިޒްކޮށް ބެލެހެއްޓުން ބަލިކަށިވުން

މެކްރޯ-އިކޮނޮމިކް މެނޭޖްކުރުމުގައި، ރާއްޖެއާ ހިލާފަށް، މޮރިޝަސް އާއި ސީޝެލްސްއިން ވަނީ މާ ކުރިން ފެށިގެން އަންނަނިވި ކަންކަމަށް އިސްކަންދީފަ އެވެ:

  • މިނިވަން މަރުކަޒީ ބޭންކުތަކެއް ގާއިމުކުރުން

  • އޮޑިޓްކުރާ މުއައްސަސާތައް ވަރުގަދަކުރުން

  • ޕްރޮކިއުމަންޓް ނުވަތަ މުދަލާއި ޚިދުމަތް ހޯދުމުގެ ނިޒާމު ދެ ފުށް ފެންނަ ގޮތަށް ބައްޓަންކުރުން

  • ގަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ މާލީ އޮނިގަނޑެއް އެކުލަވައިލުން

މިފަދަ ހަރުދަނާ މުއައްސަސާތަކެއްގެ ސަބަބުން، ސިޔާސީ ގޮތުން އަންނަ ބަދަލުތަކާ އެކު ވެސް، އެ ގައުމުތަކުގެ އިގުތިސާދީ ހަމަޖެހުން ދިގު މުއްދަތަކަށް ދެމެހެއްޓުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.                       

ސަރުކާރުގެ ސިޔާސަތު ބިނާކުރުމާއި އިގުތިސާދު

މި މައުލޫއުގައި، ފާހަގަކޮށްލަން ބޭނުންވާ މުހިންމު އެއް ނުކުތާއަކީ، ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ދަށުގައި މަދު ދުވަސްކޮޅަކު އޮތް، އަދި އެންމެ ދިގު މުއްދަތަކަށް އަމިއްލަ މިނިވަންކަންމަތީ ދެމިއޮތް ޖަޒީރާ ގައުމަކަށް ރާއްޖެ ވީ ނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފައިގެން މުއައްސަސާތައް ހަރުދަނާކުރުމުގައި ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމެވެ. ދިވެހި ރާއްޖޭގެ މިޒަމާނުގެ ތާރީހުގައި، ސިޔަސީ ގޮތުން ލިބުނު މިނިވަންކަމުގައި، ރައްޔިތުންގެ އާއްމު ދުޅަހެޔޮކަމާއި، ގައުމުގެ ދެމެހެއްޓެނިވި ތަރައްގީ އާއި ހަމަހަމަކަމާއި، އިންސާފު ހޯދައި ދިނުމުގައި ގައުމުގައި ހަރުދަނާ މުއައްސަސާތަކެއް ނެތުމުން ފެންނަން ހުރި ބައެއް ނަތީޖާތައް ތިރީގައި މިވަނީ އެވެ.

  • ޢާންމުންގެ ތަރުހީބު ހޯދުމަށް ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުކުރުން

  • ދަރަނި ނަގައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ސިޔާސަތު އިސްކުރުން

  • މެކްރޯ-އިކޮނޮމިކް ނަތީޖާތަކާ މެދު ޒިންމާދާރުކުރުވުން ކުޑަވުން

މިއާ ހިލާފަށް، ޒަމާނީ ދައުލަތްތަކެއްގެ ގޮތުގައި ފަހުން އުފެދުނު މޮރިޝަސް އާއި ސީޝެލްސްއަށް، އެ ގައުމުތަކުގައި ގާއިމުކުރި މުއައްސަސާތަކާއި ސިޔާސަތުތައް ހަރުދަނާ އަދި ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފައިދާ ވަނީ ލިބިފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާލީ އަދަބުވެރިކަމާއި އިގުތިސާދީ ރޭވުންތެރިކަން އެ ގައުމުތަކުގެ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރޭގައި ވަނީ އަށަގެންފަ އެވެ.

ލިބޭ ފިލާވަޅުތައް

މި އަޅާބެލުމުން ފެންނަން އޮތް ގޮތުގައި، ރާއްޖޭގެ ނާޒުކުކަމުގެ އަސްލަކީ ހަމައެކަނި ގައުމުގެ ކުޑަކަމެއް، ނުވަތަ ޖޯގްރަފީ ހާލަތެއް ނުވަތަ ފަތުރުވެރިކަމަށް ބަރޯސާވުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި، އިގުތިސާދީ ނަތީޖާތައް ބިނާވަނީ ހަރުދަނާ މުއައްސަސާތަކުގެ މައްޗަށް ކަމެވެ.

ގައުމުގެ ކުރިމަގަށްޓަކައި ރަނގަޅުކުރަންވީ އެ ކަންކަމެވެ.    

އެޑިޓަރުގެ ނޯޓް:

އަބްދުލް ހަލީމަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. މިދިއަ 20 އަހަރު އޭނާ ވަނީ މާލީ ދާއިރާގަ އާއި ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާއަކީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ އެއް ބާނީ އެވެ. އެތަނުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރެވެ. އަމަލީ މަސައްކަތުގެ އިތުރުން މާލީ ދާއިރާގެ ކަންކަން ދިރާސާކުރަން ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް