މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: މި އެކްސިޑެންޓްގައި އަންހެނަކު މަރުވެ، ޒުވާން ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެކްސިޑެންޓްތަކާއި މަރުތައް: މާލޭގެ ހާސް ބޮޑު 'ތަރައްގީ'އަށް ހައްލެއް ބޭނުންވޭ
ރާއްޖޭގެ އެންމެހާ ރައްޔިތުން ތާއަބަދު ފެންބޮވައިގެންފައިވަނީ 'ތަރައްގީ' އަށެވެ.
ނަމަވެސް މިއީ ކިހިނެއް އޮންނަ ކޮން އެއްޗެއްކަން މާ ސާފެއް ނޫނެވެ.
ގިނަ ބަޔަކަށް ތަރައްގީ ރަމްޒުކޮށްދޭ މިސާލަކީ މާލެ އެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ބޭނުންވަނީ މާލެ ފަދަ ތާކަށް އެބައެއްގެ ރަށް ބަދަލުކުރަން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މީގެ އެއް މިސާލަކީ ރަށްރަށުގެ މަގުތަކަށް ގެންނަން ބޭނުންވާ ތާރު އެޅުމާއި ހޭޅިފަށުގައިވާ ގަސްތައް ކަނޑާފައި މާލެއާ އެއްގޮތަށް 'ރިންގް ރޯޑް' ހެދުމާ މި ވިސްނުމާ ގުޅިފައިވާ 'މަގު ހެދުން' ކަމަށް ވެއެވެ. ނަމަވެސް މާލޭގެ މަގުތަކަށް އައިސްފައި މިވާ ބަދަލަކީ މާލޭގެ ރަށްވެހިން ބޭނުންވެގެން ގެނެސްފައިވާ 'ތަރައްގީއެއްތޯ' ވެސް ސުވާލު ކުރެވެ އެވެ.
އަހުރެން ދެކޭ ގޮތުގައި މާލެއަކީ ރާއްޖޭގެ ރަށެއްގެ ސިފަ ގެއްލި، މުޅިން ހަލާކުވެފައިވާ ތަނެކެވެ. ބައެއް މީހުންނަށް މި ހާލަތު ފެންނަނީ 'ތަރައްގީ'ގެ ގޮތުގައި ކަމަށް ވެދާނެ އެވެ. ނަމަވެސް މާލޭގައި އުޅެބޮޑުވެ އަދި ދިރިއުޅެމުންދާ ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެންގެ ހިތުގައި އުފެދޭ ސުވާލަކީ މާލެއަށް އައިސްފައި މިއޮތީ ތަރައްގީތޯ އެވެ؟
މާލޭގައި އަބަދުވެސް މަގު އޮވެ އެވެ. އަދި އެ މަގުތަކުގައި މީހުނަށް ހިނގާބިނގާވެ އުޅެ، ކުދިން ކުޅެހަދާ، ރަށްޓެހިންނާ ބައްދަލުވީމާ ވާހަކަދައްކާލަން މަޑުކުރެވި، މަރާ ކުރިމަތިނުލާ ބައިސްކަލު ދުއްވުމުގެ އިތުރުން އެހެން އުޅަނދުތަކަށް ވެސް ދުއްވާ އުޅެވުނު ޒަމާނެއް ދުށީމެވެ. އެ މަގުތަކުގައި އިންސާނުންގެ އިތުރުން ގަސްގަހާގެއްސަށް ވެސް ޖާގަ އޮތް ދުވަހެއް ތާރީހު ދުށްޓެވެ. ނަމަވެސް އަދު މާލެ އޮތީ 'ތަރައްގީވެފަ' އެވެ. މާލޭގެ މަގުތަކަށް އައިސްފައިވާ 'ތަރައްގީ'ގެ ސަބަބުން މިއީ އަންދަމުންދާ ގެނދަބުޅީގެ ސަބަބުން ނޭވާލާނެ ސާފުވައި ލިބެން ނެތް ތަނެކެވެ. އެ ވައި ސާފުކުރާނެ ގަހެއް ހުރި ނަމަ ނައްތާލަމުންދާ އިރެއްގައި އޭގެ ހިޔާވައްސެއް، ފިނިކަމެއް ވެސް ލިބެން ނެތް ތަނެކެވެ. އަދި އެ މަގުތަކަށް ނުކުތުމަކީ ކުދިބޮޑު އެންމެނަށް ނުތަނަވަސްކަން އިހުސާސުކުރުވާ ކަމެކެވެ. ދޭހާ އަތްވެއްގެ ގަދަ ހޫނާއި ވެހޭ ވާރޭއެއްގެ ފެންބޮޑުވުންތަކުގެ ތަކުލީފު އަބަދުމެ އުފުލަން ޖެހޭ ކަމެކެވެ. މި ހިސާބުން މި ތަރައްގީގެ އަސަރުތައް ނިމުނީކީ ނޫނެވެ. މާލޭގެ މަގުތަކަށް އައިސްފައިވާ ތަރައްގީގެ ސަބަބުން އެތައް ބައެއްގެ ހަށްޓާއި ފުރާނައަށް ވަނީ އަދު ނުރައްކަލާ ކުރިމަތިލާން ޖެހިފަ އެވެ. މި ހަގީގަތަކީ މިފަދަ ކަމެއް ދިމާވެފައިވާ މީހެއްގެ، އަދި އޭނާގެ މުޅި އާއިލާގެ ވެސް ހާލަތާއި، ހަމަޖެހުމާއި، ނަފްސާނީ ދުޅަހެއުކަން ޚަރާބުވެގެންދާ ފަދަ ބޮޑެތި ކާރިސާތަކެވެ. އަދި މި ގެއްލުމުގެ ފުންމިން އިހުސާސް ކުރެވޭނީ މަގުތަކުގައި އަނިޔާވާ ފަރާތްތަކަށް އެކަންޏެވެ.
ނޮވެމްބަރު 2023ގައި އަޅުގަނޑަށް ފެނުނު ހަބަރެއްގައި ބުނާ ގޮތުން ރާއްޖޭގެ އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވިކަމަށް ވަނީ އޭނާގެ ފަސް އަހަރުގެ ދައުރުގެ އެންމެ ބޮޑު ހިތާމައަކަށް ވެފައިވަނީ ރާއްޖޭގެ މަގުތަކުގައި ކޮންމެ ދުވަހަކު ހިނގާ އެކްސިޑެންޓްތައް ކަމަށެވެ. ކުރީގެ ނައިބު ރައީސްގެ މި ހިތާމައަކީ މިފަދަ އެކްސިޑެންޓްތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ ހިތާމައާ އަޅާބެލޭނެ އެއްޗެއް ނޫނެވެ. އެމީހުންގެ ހަޔާތާއި ދުނިޔެ މި ކާރިސާތަކުގެ ސަބަބުން ބަދަލުވެގެންދަނީ ދާއިމަށެވެ. އެކަށީގެންވާ މިންވަރާ ގާތަށް ވެސް ފިކުރެއް ފަރުވާލެއް ނެތި އުޅަނދުފަހަރު ދުއްވާ މީހާގެ ސަބަބުން އަނެކާއަށް ލިބޭ މިފަދަ ބޮޑެތި ގެއްލުންތަކަކީ އިޔާދަނުކުރެވޭނެ، އެމީހެއްގެ ހައްޓާ މުޅި ހަޔާތަށް ބޮޑެތި އަނިޔާ ލިބޭ ގެއްލުންތަކެވެ. މިފަދަ އެކްސިޑެންޓްތަކުގެ މިސާލުތައް ގިނަވެ އާންމު ވެއްޖެ އެވެ. ބޮޑެތި އަނިޔާތަކާއި މަރުތަކުގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ފުލުހުންގެ މުއައްސަސާގެ ތަފާސްހިސާބުން ހާމަވަނީ 2022ގައި ރާއްޖޭގައި ޖުމްލަ 1،615 ޓްރެފިކް އެކްސިޑެންޓް ރިޕޯޓުކޮށްފައިވާ ކަމާއި، 2023ގައި މި އަދަދު 2،300 އަށް އެރި ކަމެވެ. އަދި 2024ގެ މިހާތަނަށް މި އަދަދު 1،955 އަށް އަރާފައިވާ ކަމެވެ. ފުލުހުންގެ މުއައްސަސާއިން 2023ގައި 2،308 އެކްސިޑެންޓް ތަހުގީގުކުރިއިރު މީގެ ތެރެއިން %96 އަކީ މާލެސިޓީގައި ހިނގި އެކްސިޑެންޓުތަކެވެ. މަރުވި މީހުންގެ އަދަދަށް ބަލާއިރު 2022ގައި ފަސް މީހުން އަދި މިދިއަ އަހަރު ހަ މީހުން ހިމެނެ އެވެ. މި އަހަރުގެ މިހާތަނަށް އައިއިރު، ނޫސްތަކުގެ ސުރުހީތަކުން އެނގޭ ގޮތުގައި، ފަސް މީހަކު ވަނީ މަރުވެފަ އެވެ.
އަނިޔާވި މީހުންނަށް ބަލާ ނަމަ 2023ގައި އެ އަދަދު އުޅެނީ 223ގަ އެވެ.
މި ތަފާސްހިސާބުތަކުން އަހަރެމެންނަށް ފެންނަން ނެތީ މި އެކްސިޑެންޓުތަކުގެ ޝިކާރައަށްވި މީހުންނަށް ލިބުނީ ކޮން ފަދަ އަނިޔާތަކެއް ކަމާއި އެމީހުންނާއި އާއިލާތަކުގެ ދިރިއުޅުމާއި ހަޔާތަށް އައީ ކޮން ފަދަ ހިތްދަތިކަމެއް ކަމެވެ. އުފުލަންޖެހިފައި ވަނީ ކޮން ފަދަ ވޭނާއި ތަކުލީފުތަކެއް ކަމެވެ. މިއީ ހަމައެކަނި ނަމްބަރުތަކެއް ނޫނެވެ. މިއީ އަހަރެމެންގެ އަވަށްޓެރި އަނެކާއަށާއި އެމީހުންގެ އާއިލާތަކަށް ލިބިގެންދާ ބޮޑެތި ގެއްލުންތަކެއް ރަމްޒު ކޮށްދޭ އަދަދުތަކެކެވެ. މި އަދަދުތަކަކީ އޭގެ ފަހަތަށްވެސް ފިކުރު ހިންގަންޖެހޭ އަދަދުތަކެކެވެ.
ކޮންމެ އެކްސިޑެންޓަކުން ވެސް މީހަކަށް ލިބޭ އަނިޔާގެ ވާހަކަ ކިއުމަކީ ހިތަށް އަސަރުކުރާ ކަމެކެވެ. އާދައިގެ ދުވަހެއްގައި، އާދައިގެ ދުއްވުމެއްގައި، އާދައިގެ މަގެއްގައި ދަތުރުކޮށްފައި ދާ މީހާއަށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދިމާވަނީ މުޅި ދިރިއުޅުމާއި ދިރިހުރުމުގެ ދުޅަހެޔޮކަން ގެއްލިގެންދާ ފަދަ އަނިޔާތަކާ އެވެ.
ފެބްރުއަރީ 2024ގައި 'ދައުރު'ގެ ނޫސްވެރިޔާ އަލީ ނާފިޒް ސައިކަލުގައި ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓުން ނެއްޓިގެން ހުޅުމާލެއާ ދިމާއަށް ދިޔަ ވަގުތު ފަހަތުން ދިޔަ ސައިކަލް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މަސައްކަތްތެރި ޒުވާނެއްގެ ދުނިޔެ އަނިޔާވެރި ގޮތަކަށް ބަދަލުވެގެން އެ ދިޔައީ އެންމެން ބޭނުންކުރަން ހަދާފައިވާ މަގެއްގައި ފަހަތުން އައި މީހާގެ އިހުމާލުގެ ސަބަބުންނެވެ. މި ލިޔުން އަހަރެން ލިޔަން ބޭނުންވި އެއް ސަބަބަކީ އެ ހަބަރެވެ. މިފަދަ އަނިޔާތައް ގިނަވަމުންދާ މިންވަރުގެ ބޮޑުކަމާއި ސީރިއަސް ކަމުންނެވެ.
ނަމަވެސް އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ، އެކްސިޑެންޓުގެ އަނިޔާގެ ޝިކާރައަކަށް ވީ އަހަރެންގެ ކޮއްކޮ އެވެ. އީދު ދުވަހު އެހެން ކޮއްކޮއަކު ގެއަށް ލާން ސައިކަލުގައި ގޮސް އެނބުރި ގެއަށް އައި މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކާ ޖެހި ދިމާވި އެކްސިޑެންޓެކެވެ. މުޅި އާއިލާއަށް އޭގެ ސަބަބުން އައި ސިހުމާއި، ހާސްކަމާއި ލޮޅުންތައް އެތައް ދުވަހެއް ވަންދެން ސީދާ އިހުސާސްކުރަން ޖެހުނެވެ. ބާރު ސްޕީޑުގައި ދިޔަ ސައިކަލު ދުއްވަން އިން މީހާ އަތަކު ލައިސަންސެއް ނެތެވެ. މިއީ ރާއްޖޭގެ މަގުތަކުގައި ވަރަށް އާންމު ކަމެއްކަން ފުލުހުންގެ ތަފާސްހިސާބުން ހާމަވެ އެވެ. ލައިސަންސް ނެތި ދުއްވުމުގެ 4،683 ކުށް 2023ގައި ފުލުހުން ރިކޯޑުކޮށްފައިވެ އެވެ. ޓްރެފިކް ކުށްތަކަށް ޖުމްލަކޮށް ބަލާއިރު މިއީ ނިސްބަތުން އާދަޔާ ޚިލާފަށް ގިނައިން ކުރާ ކުށެއްކަން ސާފުވެ އެވެ. ނަމަވެސް މިކަމަށް އޮތީ ކޮން ހައްލެއްކަމެއް އެއްގޮތަކަށް ވެސް ސާފުވާކަށް ނެތެވެ.
ކޮންމެ ދުވަހަކުމެ ތަކުރާރުވަމުން ދާ މި ނުތަނަވަސް ހަބަރުތައް ކިޔާ ކިޔުންތެރިން މި ބޮޑު މައްސަލައާ ބެހޭ ގޮތުން ކުރާނީ ކީއް ހެއްޔެވެ؟ ނުރައްކާތެރި އެކްސިޑެންޓްތަކުގައި މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭކަން ކޮންމެ މީހަކަށް ވެސް ވިސްނާލީމާ ފަހުމް ވާނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ. މިފަދަ ޒާތީ ކާރިސާތަކުގެ ވާހަކަ އެނގުމަކުން އަދި ހައްލެއް ލިބޭކަށް ވެސް ނެތެވެ. މިފަދަ ކަންކަމާ ގުޅޭ ގޮތުން ގޮތް ހުސްވުމުގެ ބަދަލުގައި ތިމާއަށް ކުރެވޭނީ ކީއްތޯ ވެސް ބަލަން ޖެހެ އެވެ. ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއް ސާފުވާނީ އެމީހަކު ހުރި ހާލަތެއްގައި ކުރެވޭނެ ކަމަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް ފިޔަވަޅެއް އަޅައިގެންނެވެ. މިއީ މުޖުތަމައު ޒިންމާވާން ޖެހޭ، އެންމެނާ ބެހޭ ބޮޑެތި ކަންކަމެވެ. ސަބަބަކީ މިއީ އަހަރެމެން އެންމެންގެ ވެސް މުޖުތަމައު ކަމަށް ވާތީ އެވެ.
ނާފިޒްގެ އެކްސިޑެންޓުގެ ހަބަރާ އެކު އަހުރެންގެ ހަނދާނަށް އަންނާން ފެށީ އެހެން އެފަދަ އެކްސިޑެންޓްތަކުގެ ވާހަކަތަކެވެ. އާދައިގެ ދުވަހެއްގައި، އާދައިގެ ދިރިއުޅުމުގައި، އާދައިގެ ކަމެއްގައި ސައިކަލުގައި މަގުމަތިން ދިޔަ ދިޔުމުގައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ފައިތިލައިގެ ކަށިތައް ފުނޑުފުނޑުވެ ދިރިއުޅުމުގެ ހާލަތު ބަދަލުވި މަންމައެއްގެ ވާހަކަ އެވެ. އާދައިގެ ދުވަހެއްގައި، އާދައިގެ ދިރިއުޅުމުގައި، މަގުމަތީ ހިނގާފައި ދަނިކޮށް ދިމާވި އެކްސިޑެންޓުގައި ފަޔަށް ވީ އަނިޔާގެ ސަބަބުން ފައި ބުރިކުރަން ޖެހި އޭނާގެ މުޅި ދުނިޔެ ފުށުން ޖެހިގެން ދިޔަ ޒާތީ ކާރިސާއެއްގެ ވާހަކަ އެވެ. އާދައިގެ ދިރިއުޅުމުގަ،އި އާދައިގެ މަތިން މަގުމައްޗަށް ދުވަން ނުކުމެ އުޅުމުގައި ދިމާވި އެކްސިޑެންޓުގެ ސަބަބުން މުޅި ދިރިއުޅުމާއި އާއިލީ ހާލަތު ބަދަލުވެގެން ދިޔަ ކާރިސާގެ ވާހަކަ އެވެ. އީދު ދުވަހު އާއިލާއާ އެކު ދުވަސް ހޭދަކޮށްފައި ދައްތައަކު ގެއަށް ލާން ނުކުމެފައި ދެން ވަންނަން ޖެހުނީ އަނިޔާވެރި އެކްސިޑެންޓުގެ ސަބަބުން ބިނދުނު ފަޔަށް ފަރުވާ ހޯދަން އިމަޖެންސީ ސާޖަރީއަށެވެ. މިފަދަ ވާހަކަތަކަކީ ތަފާސްހިސާބުން ފާޅުވާން އޮންނަ ވާހަކަތަކެއް ނޫނެވެ. މިއިން ކޮންމެ ޒާތީ އަދި އާއިލީ ކާރިސާއަކީ މާލޭގެ މަގުތަކަށް އައިސްފައިވާ 'ތަރައްގީ'ގެ ނަތީޖާކަމަށް އަހުރެން ދެކެމެވެ.
ދުނިޔޭގައި މަގުތަކުގެ އަމާންކަމާއި ދުއްވާތަކެތީގެ ވަނަވަރު ނަކަލުކުރާ ވެބްސައިޓެއް ކަމުގައިވާ 'ރޯޑް ސޭޕްޓީ ފެސިލިޓީ' ބުނާ ގޮތުގައި ރާއްޖޭގައި 2016އާ ހިސާބަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ އަދަދަކީ 92،983 އެވެ. މީގެ ތެރެއިން %81 އަކީ ދެ ފުރޮޅާއި ތިން ފުރޮޅުލީ އުޅަނދު ކަމަށްވެ އެވެ. ރާއްޖެއަކީ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ބަލާއިރު ބައިނަލްއަގުވާމީ މިންގަނޑުތައް ގެންގުޅޭ ތަނެއް ނޫންކަން އެ ވެބްސައިޓުގައިވާ މައުލޫމާތުން ދޭހަވެ އެވެ. ކަންމިހެން އޮތުމާއި، މާލޭގެ މަގުތަކުގައި އުޅަނދު ފަހަރު ދުއްވުމުގެ ހަގީގަތަކީ ހަމައެއް ލަމައެއް ނެތް ވައްޓަފާޅިއެއްކަން ގުޅުވާ އިހުސާސް ކުރެވޭނީ އެ މަގުތަކުގެ ބޭނުން ކުރާ މީހަކަށެވެ. ބޭރުން ޒިޔާރަތްކުރާ ދަތުރުވެރިން މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވާ ގޮތް ފެނުމުން ހައިރާންވެ ބިރުގަނެ އެވެ. އެމީހުންނަށް އެކަން އިހުސާސްވަނީ ކަމުގެ ނުރައްކާތެރިކަން ދެނެގަނެވިފައި ވާތީ އެވެ. މަގުމަތީގައި އުޅަނދެއް ދުއްވުމަކީ އިންތިހާއަށް ޒިންމާދާރު ކަމެކެވެ. ނަމަވެސް ޓެސްޓެއް ހަދައިގެން ލައިސަންސެއް ލިބިފައިވާ ބަޔަކު މާލޭގެ މަގުތަކުގައި އުޅޭކަމެއް މަންޒަރު ބަލާ މީހަކު ގަބޫލުކުރާނެ ޖާގައެއް ނެތެވެ.
ހާލަތު މިހާ ހިސާބަށް އައިސްފައިވަނީ ދުއްވާތަކެއްޗާއި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަމުގައި ކަން ނިންމުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަށް އެ މަސްއޫލިއްޔަތު އެކަށީގެންވާ ފެންވަރަށް އަދާނުކުރެވިގެން ކަމުގައި ޝައްކެއް ނުކުރަމެވެ. މާލެއަކީ ހަ އަކަ ކިލޯމީޓަރުގެ ކުޑަ ރަށެކެވެ. ނަމަވެސް މި ކުޑަ ތަންކޮޅުގައި މަގުތައް ތަރުތީބުކޮށް، ދުއްވާ އެއްޗެތި އެތެރެކުރެވޭނެ އަދަދާއި މި ރަށުގައި އެތަކެތި ގެންގުޅެވޭނެ މިންވަރާއި، ދުއްވާ އުޅުމުގެ ހަމައެއް ގާއިމްކުރެވިފައެއް ނެތެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ޖަނަވަރީ 2024ގައި ނެރުނު ތަފާސްހިސާބު ބުނާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މީގެ ތެރެއިން 42،000 އުޅަނދު ރަޖިސްޓަރީ ކޮށްފައިވަނީ މާލެއަށެވެ.
ކޮންމެ އެއްޗެއް އެތެރެކުރުމުގައި ވެސް މާލެއަކީ ފުލެއް ނެތް އަދި ނުފުރޭނެ އެއްޗަކަށް ވަނީ ވެފަ އެވެ. އެއްވެސް ހައްދެއްނެތި މާލެއަށް މީހުން ތޮއްޖައްސަމުން ގޮސް މިހާރު އޮތީ ދުނިޔޭގެ ރެކޯޑު ލިބޭ ހިސާބުގަ އެވެ. މިއީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ހާލަތެއްގައި އޮތް ތަނަކަށް ވެ ނިމިއްޖެ އެވެ. މާލޭގައި ހިނގަމުންދާ އެކްސިޑެންޓްތަކަކީ އެ ދަތި ދިރިއުޅުމުގެ ތަކުލީފު އެތައް ގުނައެއް ބޮޑުކުރުވާ ނުރައްކަލެކެވެ.
މާލެއަށް އައިސްފައި މިވާ 'ތަރައްގީ'އަށް ހައްލެއް ބޭނުންވާކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އަދި މާލެއަށް އައިސްފައި މިވަނީ 'ތަރައްގީ' ކަމަކަށް އަހުރެންނެއް ގަބޫލެއް ނުކުރަމެވެ. މާލެއަށް އައިސްފައި މިއޮތީ މުސީބާތެކެވެ. ތޮއްޖެހުމާއި ތަކުލީފާއި ދަތިކަމާއި ނުރައްކަލާއި ބަލިމަޑުކަމުގެ މުސީބާތެކެވެ. މި 'ތަރައްގީ'އަކީ ދިރިއުޅުމުގެ ފެންވަރު ދަށަށް ގެންދިއުމަށް ފަހިކުރާ ތަރައްގީއެކެވެ. މި ތަރައްގީއަކީ ކުޑަ ރަށެއްގައި އާންމުންނަށް ދިރިއުޅުން ބޮޑު ތަކުލީފަކަށް ވެފައިވާ ތަރައްގީއެކެވެ. މަގެއްގައި ހަމަޖެހިގެން ދަތުރުކުރުމުގެ އަސާސީ ބޭނުން ފުދޭނެ ގޮތް ނެތް ތަރައްގީއެކެވެ. އަދި ހަށްޓާއި ފުރާނައިގެ ރައްކާތެރިކަން ލިބެން ނެތް ތަރައްގީއެކެވެ. ކުރަން ޖެހޭ މުހިންމު ކަންކަން ނުކޮށް ދޫކޮށްލައި، ކުރަންނުޖެހޭ ބޭކާރު ކަންކަން އިސްކޮށްފައިވާ ތަރައްގީއެކެވެ.
ނަމަވެސް މިއީ ބަދަލުކުރެވޭނެ ހާލަތެކެވެ. މާލެއަށް ދުވާލެއްގެ މައްޗަށް ރަޖިސްޓަރީކުރާ އުޅަނދުގެ އަދަދު 200 އިން 25 އަށް މި ސަރުކާރުން ބަދަލުކުރި ވާހަކަ ޖަނަވަރީ 2024ގެ ޚަބަރެއްގައި ވެއެވެ. އިފްތިތާހީ ޖަލްސާތަކުގައި ސަރުކާރުގެ ވަޒީރުން މިފަދަ ވާހަކަތައް ދައްކާ، ނޫސްތަކުގައި ސުރުހީތައް ލިޔެވުމަކީ ކަމެއް ބަދަލުވާނެކަމުގެ ފާލެއް ނޫނެވެ. މި ބަދަލު ގެންނަން ވިސްނުމުގެ ދުވަހަކީ މިއަދެއް ވެސް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް ނުކޮށް ދޫކޮށްލާފައިވާ ކަމެކެވެ.
މާލޭގެ މަގުތަކަކީ އާންމުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ތަންތަނަށް ހަދަން ބޮޑު ތަނުން އުޅަނދުފަހަރު މަދުކުރަން ޖެހެ އެވެ. މިއީ ބަހުސެއް އޮތް ކަމެއް ނޫނެވެ. އާންމު ސިއްހަތަށް އިސްކަންދީ އެކްސިޑެންޓުގެ އަނިޔާވެރިކަމުން މިންޖުވެ، ވައިނުސާފުވުމުގެ ބަލިމަޑުކަން ކުޑަކުރަން އެންމެން ނޭވާލާން ޖެހޭ ވައި ސާފުކުރަން އުޅަނދުފަހަރު ބޮޑު ތަނުން މަދުކޮށް، ގެނދަބުޅި އެންދުން ހުއްޓުމަކަށް ގެނެސް ސާފު ހަކަތަ ބޭނުންކުރާ އުޅަނދަށް ބަދަލުކުރެވިދާނެ އެވެ. އާންމު ދަތުރުފަތުރުގެ ނިޒާމު ބޮޑު ތަނުން ފުޅާކޮށް، ހަރުދަނާކޮށް، ފައްކާކޮށް، އެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަކީ ތަނަށް އެކަށީގެންވާ، ފަސޭހަކަމާ އެކު މަގުތަކުގައި ދަތުރުކުރެވޭ އުޅަނދުތަކަކަށް، ނުވަތަ ނިޒާމަކަށް ހެދިދާނެ އެވެ. މިއީ ދުނިޔޭގައި މިސާލު ނެތް ކަންކަމެއް ނޫނެވެ. އާ ކަމެއް ނޫނެވެ.
ކުރެވިދާނެ އަދި ކުރަން ޖެހޭ ކަންކަން ސާފެވެ. ޖެހިގެން އުޅޭ މައްސަލައަކީ މިކަން ކުރާނެ ޒިންމާދާރު ބަޔަކު ނެތުމެވެ. މާލޭގެ ރައްޔިތުން އަދު އުފުއްލަން ޖެހިފައިވާ ތަކުލީފަކީ މި އުނިކަމުގެ ނަތީޖާ އެވެ.
އެޑިޓަރުގެ ނޯޓް:
ހުމައިދާ އަބްދުލްޢަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރައްވާ ބޭފުޅެކެވެ. ޖަމިއްޔާތަކާ އެކު އެކި މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެއްގެ ގޮތުން ވެސް އޭނާ ހަރަކާތްތެރިވެވަޑައިގަނެ އެވެ. އިނގިރޭސިވިލާތުގެ ތިން ޔުނިވަސިޓީއަކުން އެކި ދާއިރާއިން އޭނާ ވަނީ މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ.
ކޮމެންޓް (1)
އަލީބެ