ރައީސް ސޯލިހުގެ ރަނިން މޭޓަކީ ކޮން ބޭފުޅެއް؟

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި ގިނަ ބައެއްގެ ނަންތައް ކިޔަ އެވެ.

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ބޮޑުވަޒީރުކަމުން އަހުމަދު ޒަކީ ވަކިކޮށް ފުވައްމުލަކަށް އަރުވާލީ ބަގާވާތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. އެ މަގާމު އުވާލެއްވީ 'އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެ' ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ނާސިރުގެ ވެރިކަމުގައި ނޫނަސް، ދައުލަތުގެ ދެ ވަނަ އިސް މަގާމު، ނޫނީ ނައިބު ރައީސްގެ މަގާމު އަބަދުވެސް ގުޅިފައި އޮންނަނީ ބަގާވަތް ކުރުމާ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތަށިފުޅުގައި ވެސް އެ އިލްޒާމް އެޅުވި އެވެ. ހަގީގަތް އެނގިވަޑައިގަންނަވާނީ އެ ދެ ބޭފުޅުންނަށެވެ. އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ވަހީދުގެ އިސްތަށިފުޅުގައި އެ އެޅުވި "ބަގާވާތު"ގެ އިލްޒާމުން އެ މަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ބަރުބާދުކޮށްލި ކަމެވެ. އަދި އަދަށް ދާން ދެކަށް ވެސް އެ މަނިކުފާނު އެ އުޅުއްވަނީ އެ ކަމުން އަރައިނުގަނެވިގެންނެވެ.

އެ ލިސްޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތިން ނައިބު ރައީސުންގެ ތެރެއިން ދެ ބޭފުޅަކު ވެސް އިސްތިސްނާއެއް ނުވެ އެވެ. ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކި ކުރީ ވެސް އިތުބާރުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އަނެއް ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ބަގާވާތް ކުރެއްވުމުގެ ތުހުމަތުގެ އިތުރަށް، ޔާމީން ދަތުރު ކުރެއްވި ލޯންޗު ގޮއްވާލައި އެ މަނިކުފާނު އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތު ވެސް ކުރި އެވެ.

އަންނަ 9 ސެޕްޓެމްބަރުގައި ނަގާ ވޯޓުގައި، ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅަން ޖެހެ އެވެ. އެއާ އެކު، އެ ބޭފުޅުންގެ ރަނިން މޭޓް ނޫނީ ނާއިބު ރައީސްގެ ގޮތުގައި ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ބޭފުޅެއްގެ ނަން ވެސް ހިމަނަން ޖެހެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި ގިނަ ބައެއްގެ ނަންތައް ކިޔަ އެވެ. އެއް ބޭފުޅެއްގެ ގޮތުގައި ކިޔަނީ މިހާރުގެ ވެސް ނައިބު ރައީސް ފައިސަލް ނަސީމެވެ. އޭގެ އިތުރަށް އެ ލިސްޓްގައި ދެން ކިޔާ ބޭފުޅުންގެ ތެރޭގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ތިން ބޭފުޅުންގެ މެދުގައި ވެސް އެ މަގާމަށް ވާދަވެރިކަން އޮތް ކަމަށް ފެނެ އެވެ. އެހެންކަމުން، ރައީސް ސޯލިހަށް އެ ތަނުން ނަމެއް ކަނޑައެޅުން އެހާ ފަސޭހަ ނުވެދާނެ އެވެ.

ރައީސް ސޯލިހް ކެމްޕެއިން ދަތުރުފުޅެއްގައި. (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

ބައިވަރު ސަބަބުތަކާ ހެދި އެވެ. ފުރަތަމަ، ފޮރިން މިނިސްޓަރު ޝާހިދު ނަގަމާ ހިނގާށެވެ. އޭނާ އެ މަގާމަށް ގެނައުމަށް އިންޑިއާއިން ގަދައަށް ބާރު އަޅާ ކަމަށް އަޑުތައް އިވެ އެވެ. އަދި އެއީ ވަރަށް ގަބޫލު ކުރެވޭ ވެސް ކަމެކެވެ. އެހެނީ ރައީސް ސޯލިހަށް ފަހު، އެމްޑީޕީގެ މަތިފަޑިމަތިން ޖާގަ ހޯދުމަށް ޝާހިދު ބޭނުންފުޅުވާނެތީ، އެއީ އޭނާ އެ ކަމަށް އިންތިހާއަށް މަސައްކަތް ކުރައްވާނެ ކަމެއް ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕަސަން މޫސާ މަނިކު (ރީކޯ މޫސަ) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ދެމެދު ހިނގާ "ތަޅާފޮޅުމުން" ވެސް އެކަން ކަށަވަރުވެ އެވެ.

ނަމަވެސް، ސަރުކާރުގެ އިސް ސަފުގައި ރައީސް ސޯލިހާ އެކު މަސައްކަތް ކުރައްވާ އެ ނޫން ގިނަ ބޭފުޅުން ޝާހިދަށް އެ މަގާމު ދިނުމަކަށް ބޭނުމެއް ނޫނެވެ. އަނެއްކާވެސް ގިނަ ސަބަބުތަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ޝާހިދު އެ މަގާމު ހޯއްދަވައިފި ނަމަ، ވެރިއަކަށްވާނީ އޭނާ ކަމަށް އެ ބޭފުޅުންނަށް ގަބޫލުކުރެއްވޭތީ އެވެ. މިހާރު ވެސް ހާރިޖީ ދާއިރާ އެ އޮންނަނީ ޝާހިދަށް "ހިތަކަށް" ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އޭގެ އިތުރަށް ރައީސް ސޯލިހު ރައީސް ކަމަށް އިންތިހާބުވެ، އެތައް ދުވަހެއްވީ އިރު ވެސް ޝާހިދު ރައީސް އޮފީހުގައި، އޭނާގެ އޮފީސް ހައްދަވައިގެން އިންނެވުން ވެސް އެ ފަރާތްތަކަށް އެކަން އެ ގޮތަށް ގަބޫލު ކުރެވޭ އަނެއް ސަބަބެވެ. ރައީސް ސޯލިހަކީ މިޒާޖުގެ ގޮތުން މަޑުމައިތިރި ބޭފުޅަކަށް ވާތީ، ދެން ތިއްބެވި ބޭފުޅުންނަށް އެކަންކަން އެ ގޮތަށް ކުރައްވަން ފެންނަނީ އެހާ އުނދަގޫ ނޫން ގޮތަށެވެ.

ޝާހިދަށް ނައީބު ރައީސްކަން ދެއްވައިފި ނަމަ، އެމްޑީޕީގެ ލީޑާޝިޕްގައި ރެނދުލައި އެތެރެ ފެޅޭނެ އެވެ. އޭގެ ތެރެއިން އެއް ބަޔަކު ފާޅުގައި ދެކޮޅަށް ނުކުތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، އިންޑިއާއިން ކިތަންމެ ވަރަކަށް ބޭނުންވިއަސް، ޝާހިދަށް އެ މަގާމު ދިނުމަކީ ރައީސަށް އެހާ ފަސޭހަފުޅު ކަމަކަށް ނުވެދާނެ އެވެ.

ރައީސް ސޯލިހު (ކ) އާއި އަބްދުﷲ ޝާހިދު، ރަށަކަށް ވަޑައިގެން އާއްމުންގެ މީހަކާ ވާހަކަ ދައްކަވާލައްވަނީ. (ފައިލް ފޮޓޯ/އެމްޑީޕީ)

ދެން އޮތީ އަސްލަމެވެ. އޭނާ އާއި އޭނާގެ ސަޕޯޓަރުން އޭނާ އެ މަގާމަށް ގެނައުމަށް ބޭނުންވެ އެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީގެ ބޭފުޅަކަށް އެ މަގާމު ދެއްވުމަކީ ރައީސް ސޯލިހަށް ވޯޓްކޮޅެއް އިތުރު ވެސް ވެދާނެ ކަމެކެވެ. އެހެންކަމުން، ރައީސްގެ ނަޒަރު އޭނާއާ ދޭތެރޭ ހިނގާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އޭގެ އިތުރުން، އެމްޑީޕީ ފަޅާލާފައި ރިޔާސީ ރޭހަށް ނުކުންނަވާ، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގެ އިލްޔާސް ލަބީބާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަކީ ވެސް އައްޑުއަށް ނިސްބަތްވާ ބޭފުޅުން ކަމަށް ވާތީ، އެ ވޯޓާސް ބޭންކް ފަޅާލުމަށް އަސްލަމަކީ ރައީސް ސޯލިހު ވިސްނަވާނެ ނަމެކެވެ. އޭގެ އިތުރަށް އޭނާއަށް އެ މަގާމު ނުލިބިއްޖެ ނަމަ، އޭނާގެ ސަޕޯޓަރުން މާޔޫސް ވާނެ ކަމީ ޝައްކެއް ހިނގާނެ ކަމެެއް ނޫނެވެ. ނަމަވެސް، އަސްލަމުގެ ހަގީގީ ތާއީދު އެ ސަރައްހައްދުގައި އޮތީ ކިހާވަރަކަށްތޯ އެއީ ސުވާލެކެވެ.

ތިން ވަނަ ބޭފުޅަކީ މިހާރުގެ ވެސް ނައިބު ރައީސް ފައިސަލް ނަސީމެވެ. އޭނާ ވަނީ، ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުވެ، މިވީ 15 އަހަރުގެ ތެރޭގައި ނާއިބު ރައީސަކު ވެރިކަމާ ނުތޮޅި މަގާމު އަދާކުރައްވާ ފުރަތަމަ ބޭފުޅާއަށް ވެފަ އެވެ. އެގޮތުން ބަލާ އިރު އެއީ އޭނާއަށް އޮތް އެޑްވާންޓޭޖެކެވެ. އަދި އައްޑޫ ނަގާފައި ފުވައްމުލަކަކީ ވެސް ރާއްޖޭގެ ބޮޑު އާބާދީއަކަށް ވާތީ، އެއީ ވެސް ރައީސް އޭނާއާ ދޭތެރޭ ވެސް ވިސްނަވަވާނެ ސަބަބެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ 50 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފައިސަލް ވަނީ މި ފަހުން އޭނާގެ 50 ވަނަ އުފަންދުވަސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރައްވައިފަ އެވެ. އަޅުގަނޑަށް އެ ހަފުލާ ފާހަގަކުރެވުނީ ފައިސަލް އެ މަގާމަށް ނުސީދާކޮށް ކުރެއްވި ކެމްޕޭނެއްގެ ގޮތުގަ އެވެ. އޭގެ އިތުރަށް، އަޅުގަނޑަށް އެކަން ފާހަގަކުރެވުނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ މަގާމަށް ވަޑައިގަތުމަށް ލ. އަތޮޅުގައި ސައިކަލް ރޭހެއް ބޭއްވުން ފަދަ ގޮތަކަށެވެ.

އެކަންކަން އެއް ފަރާތުގައި ބަހައްޓާފައި، ރައީސްއަށް އެންމެ ފަސޭހަފުޅު ވާނީ ވެސް ފައިސަލް އެ މަގާމަށް ގެނައުމުން ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް، ފައިސަލަކީ ވެސް މިޒާޖުގެ ގޮތުން ރައީސް ފަދަ "ލޮނުމަޑު" ބޭފުޅަކަށްވާތީ އެއީ އެންމެ ރަނގަޅު ޗޮއިސްތޯ ނޫންތޯ އެއީ އަދި އެހެން ސުވާލެކެވެ.

ރައީސް ސޯލިހުގެ ނައިބު ރައިސެއް އިހުތިޔާރުކުރެއްވުމުގައި، ބޮޑަށް ބެލެވެނީ މި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު އިހުތިޔާރު ކުރައްވާނެ ކަމަށެވެ. އޭގެ ތެރެއިން ވެސް ފައިސަލް އިހުތިޔާރުކުރެއްވުމަކީ އެކަަށީގެންވާ ކަމެކެވެ.

ބަލަމާ ބަހީ ދެއްތޯ އެވެ.

ކޮމެންޓް (3)

ވާރޭ

30 ޖުލައި 2023
ޝާހިދު މާލެއިން ގިނަވޯޓް ހޯދާނެ ބޮޑުއާއިލާއެއް.
3 2

ޖިމް

30 ޖުލައި 2023
ކިޔާ ނިމުނުއިރު ރަނގަޅު އެކަކުވެސް ނެތް.
5 4

އެދުރު

30 ޖުލައި 2023
ޝާހިދު ރައީސް އޮފީހުގާ އޮފީހެއް ނުހައްދަވާ. ހަނޑައެޅިގެން ދޮގެއް.
7 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް