ޑިމޮކްރެޓްސްގެ އިސް މެންބަރުން އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާގައި މަޑުކޮށްގެން.

ނަޝީދު ބޭނުންވި ފޮޓޯ މި ފަހަރު ވެސް ހޯދައިފި

ޑިމޮކްރެޓްސް ރަޖިސްޓްރީވިޔަނުދިނުމަށް ހުރަސްއަޅާ ކޮންމެ ދުވަހަކީ ސަރުކާރަށް އެކަމުގެ ގެއްލުން އިންތިހާއަށް ކުރިމަތިވާނެ ކަމެކެވެ. އަދި އެއީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށް ވެސް ނުވާނެ އެވެ.

ހަނދާންވާ ގޮތުގައި އެއީ 12 ނުވަތަ 13 އޯގަސްޓް 2005 އެވެ. އޭރުގެ އިދިކޮޅު ލީޑަރު މުހަންމަދު ނަޝީދު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، ވިދިގެން އައި ހުކުރު ދުވަހުގެ ހުކުރަށް ފަހު ޖުމްހޫރީ މައިދާނަށް ވަޑައިގަންނަވާ ކަމުގެ އަޑުތައް ކުރިން ފެތުރުނެވެ. ސެކިއުރިޓީ ވެސް އޮތީ އެލާޓްގަ އެވެ. ނަޝީދަކީ އޭރު އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. ރޭވިފައިވާ ގޮތަށް އެ ދުވަހުގެ ހަވީރު އަތަށް އެޅި ތަނާ ނަޝީދު އެ ތަނަށް ވަޑައިގަތެވެ. އޭރު ޝަހީދު ހުސައިން އާދަމް ބިލްޑިންގް ނޫނީ ފުލުސް އޮފީހާވީ ކޮޅުގައި، ޖުމްހޫރީ މައިދާނުގައި ފުލުހުން ތިބީ ސަފު ހަދައި ޝީލްޑްކޮށްގެންނެވެ. އޯގަސްޓް 12، 13 ތަކުރާރު ވިޔަ ނުދިނުމަށެވެ.

ނަޝީދު ޖުމުހޫރީ މައިދާނަށް ވަޑައިގަތުމަށް ފަހު، އެ މައިދާނުގެ މެދުގައި ފައިވައްކުރައްވައިގެން އިށީނދެވަޑައިގަތެވެ. އެ މަނިކުފާނާ އެކު ދެތިން މީހަކު ވެސް އެ ތަނުގައި ތިއްބެވެ. އާންމުންގެ މާ ބޮޑު ތަރުހީބެއް ނޫނީ ބައިވެރިވުމެއް ބޭރަށް ފެންނާކަށް ނެތެވެ. ނަޝީދު އެ ތަނުން ދުރަށް ވަޑައިގަތުމަށް ފުލުހުން ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ. ނަމަވެސް، ނަޝީދު ކަހާ ތަން ހިރުވާލާ ކަމަށް ވެސް ނުހެއްދިވެ އެވެ. އިންނެވި ތާނގައި އިންނެވީ އެވެ. އެންމެ ފަހުން ފުލުހުންނަށް އެކަން ހަޖަމު ނުކުރެވިގެން ގޮސް ނަޝީދު އުރާލައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ކުރިން މާލޭގައި ހިންގި އިދިކޮޅު ހަރަކާތްތައް ލީޑް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލެވެ. ޑިމޮކްރެސީގެ އެއް ބާނީ އަކީ އޭރު އޭނާ އެވެ. އޭނާގެ ލީޑަޝިޕްގައި، ގިޔާސުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްތިއުފާއަށް ގޮވާލައި ބެނާއެއް ނެގުންވީ ޒަލްޒަލާއެއް އައުން ފަދަ ކަމަކަށެވެ. އެ ޒަމާނުގައި އިސްތިއުފާ ކީއްކުރަން 'އިސް' އެހެން ބުނުމަކީ ވެސް ބޮޑު ކުށެކެވެ.

މައުމޫންގެ 22 ސިކުންތުގެ އިސްލާހީ ތަގުރީރު ދެއްވައި، 1997ގައި ތަސްދީގުކުރި ނޫ ގާނޫނުއަސާސީއަށް އަށް އަހަރު ނުވަނީސް އެ ގާނޫނުއަސާސީ އަލުން ބަދަލުކުރުމަށް މަޖުބޫރުވީ ވެސް އޭރު އެ ހިންގި ޑިމޮކްރެސީ ހަރަކާތުގެ މަސައްކަތުންނެވެ.

ނަޝީދު މަންޒަރަށް އައީ ކުރިން މިދެންނެވި، ޖުމުހޫރީ މައިދާނުގެ ހާދިސާއަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ އުފެއްދުމަށް ފޯމުލުމަށްޓަކައި އެ ޕާޓީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

އަޅުގަނޑު އެ ތާރީހުގެ ވާހަކަ މި ތަނުގައި ނަކަލު މި ކުރީ އެމްޑީޕީގެ 'އަސްލު ޓީމް' އެ ޕާޓީން ވަކިވެ، 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ކުރާ މަސައްކަތަށް، އިލެކްޝަންސް ކޮމިޝަނުން އެކިއެކި ބަހަނާ ދައްކައިގެން، އެ ޕާޓީ އުފެއްދުމަށް އެ އަޅާ ހުރަސްތަކަށް އިޝާރާތްކޮށެވެ. ހަގީގަތުގައި އެ އަޅާ ފިޔަވަޅަކީ ފަހަތަށް އަޅާ ފިޔަވަޅެކެވެ. އެކަމުގެ ސަބަބުން ދަ ޑިމޮކްރެޓިކްސްގެ އަގު އަރައި އެ ޕާޓީގެ މަގުބޫލުކަން އިތުރުވުން ނޫން ކަމެއް ވެސް ނުވާނެ އެވެ.

އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް އަޅުގަނޑު އެންމެ ގިނައިން ފާޑުކީ އެއް ބޭފުޅަކަށް ނަޝީދު ވާނެ އެވެ. އެ މަނިކުފާނުގެ ޒާތަކަށް ނޫނެވެ. ސިޔާސަތުތަކަށެވެ. އަދިވެސް ކޮންމެހެން އަޅުގަނޑުގެ ލިސްޓްގެ ކުރީގައި ނަޝީދު ހިމެނޭ ވާހަކައެއް ނޫނެވެ. ނަމަވެސް، އެއް ކަމަކަށް، ނަޝީދު ޑިމޮކްރެސީއަށް ކުރައްވާ މަސައްކަތާއި ދެ ފުށް ފެންނަ ގޮތަކަށް ދައުލަތުގެ ކަންކަން ކުރުމަށް ބާރުއެޅުއްވުމާއި ގުޑް ގަވަނަންސަށް ކުރައްވާ މަސައްކަތް އަޅުގަނޑު އަބަދުވެސް ބަލައިގަންނަމެވެ. އެ މަނިކުފާނާ އެއްވަރަށް އެކަން ކުރައްވާ ދެވަނަ ސިޔާސީ ބޭފުޅަކު ހުންނެވި ކަމަކަށް ގަބޫލެއް ވެސް ނުކުރަމެވެ. ނަމަވެސް، އަޅުގަނޑަށް ނަޝީދުގެ މައްސަލައަކީ ކުއްލި ކުއްލިއަށް ކަންކަން ކުރެއްވުމާއި ބައެއް ފަހަރު ވިސްނުންތެރިކަމާ އެކު ނުވަތަ ރޭޝަނަލްކޮށް ކަންކަން ނުނިންމާ މައްސަލަ އެވެ. 

އެއީ އެ ވާހަކަ އެވެ.

ނަޝީދު ފަހަތުގައި ހުންނަވައިގެން 'ޑިމޮކްރެޓްސް' އުފެއްދުމަކީ އެމްޑީޕީގެ ލީޑަޝިޕްގެ އިތުރަށް ސަރުކާރަށް ވެސް ބަލައިގަތުމަށް ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށް ގަބޫލުކުރަމެވެ. އެއް ނަޒަރަކުން ބަލާ އިރު، އެއީ ބޮޑު ޕާޓީއެއް ފުނޑާލުމޭ ވެސް ބުނެވިދާނެ އެވެ.

ނަމަވެސް، އެ ޕާޓީ އުފެއްދިޔަ ނުދިނުމަށް، އިލެކްޝަންގެ ތެރެއިން އެ ކުރައްވާ މަސައްކަތަކީ ކުރެވިގެންވާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރަމެވެ. އެހެނީ އެ ޕާޓީން ހުށަހެޅި ފޯމްތަކުގައި މައްސަލަ ނެތް ކަމަށް ހުދު އިލެކްޝަންސް ކޮމިޝަނުން ވެސް އެއްބަސްވާ އިރު، ޕާޓީ ރަޖިސްޓްރީވިޔަނުދިނުމަށް އެ ދައްކަނީ ކޮން ބަހަނާއެއްތޯ އެވެ؟ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ވާހަކައިން ވެސް އެނގޭ ގޮތުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރުމަށް ކޮމިޝަންގެ ރައީސް އާއި ނާއިބު ރައީސް ވޯޓް ދެއްވި އެވެ. ހަތަރު ބޭފުޅުން ތިއްބެވި ތަނަކުން ވޯޓު ނުދެއްވީ އަނެއް ދެ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ވެސް މައިގަނޑު ޝަކުވާއަކީ މާ އަވަހަށް ޕާޓީ އުފައްދަން ހުއްދަ ދޭ މައްސަލަ އެވެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ 'ދަ ޑިމޮކްރެޓްސް'ގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގާނޫނުގައި، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމްތަކުގައި، މައްސަލައެއް ނެތް ނަމަ ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި އެ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދޭން ޖެހޭނެ ކަމަށް ބުނާ ބަހުގެ މާނައަކީ ކޮންމެހެން އެ މަތީގައި ތިން މަސްދުވަސް ދުއްވާލުމެއް ނޫނެވެ. ވީ އެންމެ އަވަހަކަށް އެކަން ކޮށްދިނުމެވެ. ތިން މަހުގެ ވާހަކަ ބަޔާންކޮށްފައި އޮންނަނީ ވެސް އެ ކޮމިޝަނަށް އެއަށް ވުރެ ލަސް ނުކުރެވޭނެ ކަމަށް ބާރު ދިނުމުގެ ގޮތުންނެވެ.

ޑިމޮކްރެޓްސްގެ ފޯމްތައް ލީކްވެ، މެންބަރުންގެ އަތަށް އެ ލިސްޓް އެރުމުން ވެސް އިލެކްޝަންސްގެ ތެރޭގައި އެ ޕާޓީ އުފެއްދިޔަ ނުދިނުމަށް ސަރުކާރުގެ ވިސްނުން ހާމަވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރު ވެސް އެނގެ އެވެ.

އެ ހުރިހާ ވާހަކައެއް ވެސް އެއްފަރާތް ކުރާށެވެ. އަޅުގަނޑުގެ ނަޒަރުގައި އެ ޕާޓީ ރަޖިސްޓްރީކޮށް ނުދިނުމަށް އެ ކުރާ މަސައްކަތަކީ އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެކެވެ. ނަޝީދަކީ އެހާ ފަސޭހައިން ގޮތް ދޫކުރައްވާނެ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު ގަބޫލުކުރައްވާ ކަމެއްގައި އެ ގޮތުގައި އެކަނި ވިޔަސް ހިފަހައްޓަވާނެ އެވެ. ނަޝީދުގެ މާޒީއަށް ނަޒަރު ހިންގާލިއަސް އެކަން ވަރަށް ރަނގަޅަށް އޮތީ ފެންނާށެވެ.

އޭގެ އެއް މިސާލަކީ ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުމަށް ކޯޓަށް ހާޒިރުކުރި އެއް ދުވަހެވެ. އެ ދުވަހު ވެސް ފުލުހުންނާ ކުރިމަތިލައްވައި ކޯޓު ކުރިމަތީގައި އެ ކުޅުއްވި ކުޅިވަރުން ނަޝީދު ބޭނުންފުޅުވި ފޮޓޯ ހޯއްދެވި އެވެ. އަދި މުޅި ދުނިޔޭގެ މީޑިއާގެ ހެޑްލައިން ހެއްދެވި އެވެ.

ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓު ކައިރިން ނަޝީދަށް ހުރަސް އަޅަނީ. (ފައިލް ފޮޓޯ/އޭޕީ)

އަޅުގަނޑަށް މި ފަހަރު ވެސް ވަކި އިތުރު މަންޒަރެއް ނުފެނެ އެވެ. ނަޝީދު ބޭނުންފުޅުވި ފޮޓޯ ކުރީ ރޭ ޑިމޮކްރެޓްސް އިން އެ ވަނީ ހޯދައިފަ އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ކޮމިޝަންގެ ރައީސް އެ ހުރިހާ ވާހަކައެއް ހާމަ ކުރުމަކީ ގޯސް ކަމެކެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި ޓެކްސް ޕޭޔަރުންގެ ފައިސާ އިން ހިންގާ މުއައްސަސާތަކުގެ ނިންމުތަކުގެ ދެ ފުށް ފެންނަން ވާނެ އެވެ. އެއަކު މައްސަލައެއް ނެތެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީވިޔަނުދިނުމަށް ހުރަސްއަޅާ ކޮންމެ ދުވަހަކީ ސަރުކާރަށް އެކަމުގެ ގެއްލުން އިންތިހާއަށް ކުރިމަތިވާނެ ކަމެކެވެ. އަދި އެއީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށް ވެސް ނުވާނެ އެވެ. އެކަންކަމުގެ އިތުރަށް ޖަޒުބާތުގައި އެ ކުރާ ކަންކަމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އިލެކްޝަންސް ކޮމިޝަންގެ އަގު ވެއްޓި، އެ މުއްސަސާގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލުން ނޫން ކަމެއް ވެސް ނުވާނެ އެވެ. އޭގެ ގެއްލުން ސަރުކާރަށް ވެސް، ހީނުކުރާ ވަރަށް ކުރާނެ އެވެ.

ޑިމޮކްރެޓްސް ބޭނުންވި ފޮޓޯ ނަގައިފި އެވެ. ރަނގަޅަށް އިލެކްޝަންސް ކޮމިޝަން ވަނީ ގުއި ރޯނުގައި ޖައްސައިފަ އެވެ. ދެން ވެސް ކުރަންވީ ކަމަކީ އެ ޕާޓީއަށް އަވަހަށް ހުއްދަ ދިނުމެވެ. ޑިމޮކްރެސީއެއްގައި އެ ހުންނަނީ ހިފެހެއްޓޭނެ ކަންކަން ނޫންކަން ގަބޫލު ކުރައްވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް