އިސްލާމީ މަރުކަޒުގައި ހުތުބާއެއް ކިޔަނީ: ދީނީ ހުތުބާތައް ވެސް ތަފާތު ސްޓައިލްއަށް، މޮޅަށް ލިއެވިދާނެ (ފޮޓޯ/ރައީސް އޮފީސް

ހުކުރު ނަމާދު

މިދިއަ ހުކުރުދުވަހުގެ ހުކުރު ހުތުބާ މުޅިން ތަފާތު

އިންސާނުންގެ އިހުސާސްތަކާ ކުޅެލަން ބޮޑަށް ބޭނުންވަނީ އިންސާނުންގެ ވާހަކަ. އިންސާނުންގެ ތަޖުރިބާތައް ރީތިކޮށް ކިޔައިދިނުމުގައި ހުރި އަސަރުތައް ތަފާތު
20 މާރިޗު 2023

ހުތުބާގެ މައިގަނޑު ފަށައިގެން ކުރިއަށް ދިޔައީ އެ ބުނަން އުޅެނީ ކޮން ވާހަކައެއްކަން ނޭނގޭ ގޮތަކަށެވެ. 'ކިޔަން މި އުޅެނީ އަނެއްކާ ކޮން އެއްޗެއް'ހޭ ހިތަށްއެރި އެވެ. އެކަމަކު މަޑުމަޑުން، އެހާމެ އަަޑުއަހާ ހިތްވާ އަދި ގަޔާވާ ގޮތަކަށް، ކުރިއަށް ގެންދިޔަ އެވެ.

ކިޔައިދެމުން އައި ވާހަކަ ބިނާކުރީ، ހަތަރު ބޭކަލެއްގެ މައްޗަށެވެ. ފުރަތަމަ ކީރިތި ރަސޫލާ އެވެ. ދެން އެކަލޭނގެފާނުގެ އަރިހަށް ވަޑައިގެންނެވި އަދި އެކުގައި ކަހަލަ ގޮތަކަށް އިސްލާމްވެވަޑައިގެންނެވި ދެ ބޭކަލެކެވެ. އޭގެ ފަހުން، އެ ދެ ބޭކަލުންނާ ބެހޭ ގޮތުން ފެނިވަޑައިގެންނެވި އާދަޔާ ހިލާފު ހުވަފެނެއްގެ ވާހަކައިން، ހުތުބާ ކުރިއަށް ގެންދިޔައީ، ތަލްހަތުގެފާނުގެ ބަސްފުޅުންނެވެ.

ރަސޫލާގެ އަރިހަށް ވަޑައިގެންނެވި ދެ ބޭކަލުންގެ ތެރެއިން އެއް ބޭކަލަކު ހެޔޮ ކަންކަމުގައި މުރާލިވުމުގެ އިތުރުން އަވަހާރަވީ ހަނގުރާމައިގެ ތެރޭގައި ޝަހީދެއްގެ ގޮތުގަ އެވެ. އަނެއް ބޭކަލަކު އޭގެ ފަހުން އަހަރެއްހާ ދުވަހު ދުނިޔޭގައި ހުންނެވި އެވެ. އަވަހާރަވީ އެ އަހަރުގެ ރޯދަމަސް ވެސް ނިމުނު ފަހުންނެވެ.

ދެން ހުތުބާގައި އަންނަނީ ތަލްހަތުގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެނެވެ. އެ ހުވަފެންފުޅުގައި ވަނީ މިހެންނެވެ: ތަލްހަތުގެފާނާއި ތަގުވާވެރި އެ ދެ ބޭކަލުން ތިއްބަވަނީ ސުވަރުގޭގެ ދޮރުކޮޅު މަތީގަ އެވެ. ސުވަރުގެއިން ބޭކަލަކު ބޭރަށް ނުކުމެވަޑައިގެން، ފަހުން އަވަހާރަވި ބޭކަލަށް އިޒުނަ ދެއްވަނީ ސުވަރުގެއަށް ވެންނެވުމަށެވެ. އޭގެ ފަހުން އެ އިޒުނަ ލިބިވަޑައިގަންނަވަނީ، ހެޔޮ އަމަލްތައް ކުރެއްވުމުގައި މުރާލި އަދި ޝަހީދުވެވަޑައިގެންނެވި ބޭކަލަށެވެ.

އީދު ނަމާދަކަށް މީހުން ހާޒިރުވެ، ހުތުބާ އަޑުއަހަނީ: ދީނީ ވާހަކަތަކުގެ ތެރެއަށް މީހުން ވައްދަން ގިނަ މިސާލުތަކެއް ދައްކާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ ހުވަފެނުގައި ތަލްހަތުގެފާނަށް ސުވަރުގެއަށް ވެންނެވުނު ތަނެއް ފެނިވަޑައެއް ނުގަތެވެ. އޭގެ ބަދަލުގައި އެކަލޭގެ ފާނަށް ދަންނަވަނީ "އެނބުރި ވަޑައިގަންނަވާށެވެ. ހަމަކަށަވަރު ކަލޭގެފާނުގެ ވަގުތު އަދި ކުޑަތަނެއް ނުވެ އެވެ."

އެހެން ގޮތަކަށް ބުނާ ނަމަ، ހުތުބާގެ އެ ބައިން ދޭހަވާ މާނައަކީ، ކަލޭގެފާނު އަދި އަވަހާރައެއް ނުވެ އެވެ. ދުނިޔޭގައި ހެޔޮ އަމަލްތަކައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

މިހާ ހިސާބުން ވެސް، އެ ހާދިސާ ކުރިން ނޭނގޭ މީހުންނަށް، ހުތުބާ ބިނާކުރަމުން އެ އަންނަ މަގުސަދު ވިސްނޭ ވަރެއް ނުވެ އެވެ. އެކަމަކު އޭރު އެ ރީތި ވާހަކައިގެ ތެރެއަށް ވަދެވިއްޖެ އެވެ.

ދެން އަންނަނީ ތަލްހަތުގެފާނުގެ އެ ހުވަފެންފުޅު އެހެން މީހުންނަށް ކިޔައިދެއްވުމުން އާންމުންގެ ތެރޭގައި ދެކެވެން ފެށުނު ވާހަކަ އެވެ. ހެޔޮ ކަންތަކަށް މުރާލި، އަދި ޝަހީދުވެވަޑައިގެންނެވި ބޭކަލުގެ ކުރިން، ސުވަރުގެއަށް ވެންނެވުމުގެ ފުރުސަތު، އާންމު މަރަކުން އަވަހާރަވި ބޭކަލަކަށް ލިބިވަޑައިގެންނެވި ސަބަބެވެ. އެ ސަބަބު، ހުތުބާގައި ކިޔައިދެނީ، ކީރިތި ރަސޫލާ މެދުވެރިކޮށެވެ.

ކީރިތި ރަސޫލާގެ އަރިހުގައި އެ ސަބަބާ މެދު ސުވާލު ދެންނެވުމުން އެކަލޭނގެފާނު ވެސް ފުރަތަމަ ކުރެއްވީ ސުވާލެކެވެ: "ތިޔަބައި މީހުން އަޖައިބު ވަނީ ކޮން ކަމަކާ ހެއްޔެވެ؟"

ދެން ދެ ވަނަ ސުވާލެއްކުރެއްވި އެވެ: "އޭނާއަށް ވުރެ އިތުރު އެއް އަހަރު އެ ބޭކަލަކު ދުނިޔޭގައި ހުރި ނޫން ހެއްޔެވެ؟" އެ ސުވާލުގެ ޖަވާބަކީ އާއެނކޭ އެވެ. އެއަށް ފަހު ކީރިތި ރަސޫލާ އޭގެ ހަގީގަތް، ނުވަތަ ފަހުން އަވަހާރަވި އަޅުވެރިޔާއަށް ކުރިން ސުވަރުގެއަށް ވަދެވަޑައިގެންނެވުނު ސަބަބު ކިޔައިދެއްވި އެވެ. 

"އޭނާއާ ރަމަޟާން މަސް ބައްދަލުވެ، އެ މަހުގައި ރޯދަ ހިފި އެވެ. އަދި މިވެނި އެވެނި ނަމާދުތަކެއް އެ އަހަރުގެ ތެރޭގައި ކުރި ނޫން ހެއްޔެވެ؟"

އެ ސުވާލުގެ ޖަވާބަކީ ވެސް އާއެނކޭ އެވެ. ރަސޫލާ ހަދީސްކުރެއްވި އެވެ: " އެ ދެ މީހުންގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގެ ފަރަގުވެ އެވެ."

ހުތުބާގެ އަސްލު މައުލޫއު އެ އައީ އެހާ ހިސާބުންނެވެ. ރޯދަމަހުގެ މާތްކަމެވެ. ރޯދަމަހުގެ އަޅުކަންތަކުން ލިބިދޭ ސަބާވާއި ދަރުމަ އެވެ. ހަޔާތުގައި ރޯދަމަހަކާ ދިމާވެއްޖެ ނަމަ، އެ މަހުގެ ރަހުމަތުން ކުޑަކޮށް ވެސް ދުރުނުވުމުގެ މަގުސަދު ބޭއްވުމެވެ.

ރޯދަމަހުގެ ރޯދަ ހިފުމުގެ ނަސީބު ލިބުނު އިންސާނާއަށް ހެޔޮކަމުގެ ތެރެއަށް ވަންނަން ހުޅުވިފައި އެ އޮތީ ކުޑަ ފުރުސަތެއް ނޫނެވެ. އުޑާއި ބިމާ ދެމެދުގެ ރާސްތާއެކެވެ.

ހުތުބާ އެ ހިސާބަށް ގެންގޮސް ދެން ލިއުނެވެ: "މުސްލިމް އަޚުންނޭވެ! އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މެހެމާނެކެވެ. ބަރަކާތުން ފުރިގެންވާ މެހެމާނެކެވެ. މި މަތިވެރި މެހުމާނަށް އަހަރެމެން އެކަށީގެންވާ އިސްތިޤުބާލަކުން އިސްތިޤުބާލް ކުރަން ޖެހެ އެވެ. އަދި މެހުމާންދާރީ އަދާކުރަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި މެހުމާންދާރީ އަދާކުރަން ޖެހެ އެވެ."

އެހާމެ ސާފު މެސެޖެކެވެ. އެކަމަކު ހުތުބާގައި އެހާ ހިސާބަށް ގެންގޮސްދޭން ވާހަކައެއްގެ ގޮތުގައި ހުށައެޅި ގޮތް ފުރިހަމަ އެވެ.

ހުކުރު ނަމާދަށް ހާޒިރުވެ، ގުރުއާން ކިޔެވުމުގައި: ގުރުއާނާއި ހަދީސްތަކުގައި އިބުރަތްތެރި އެތައް ވާހަކައެއް ކިޔައިދޭ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)

ލިއުންތެރިއެއްގެ ގޮތުން އަޅުގަނޑަށް އެނގުނު އެއްޗަކީ އެއްވެސް މައްސަލައެއް، އެއްވެސް ކަމެއް، އާންމު މީހާއަށް ކިޔައިދޭ އިރު އެންމެ އަސަރު ހުރި ގޮތަކީ އިންސާނެއްގެ ތަޖުރިބާގެ ތެރެއިން ގަތާލުމެވެ. މިސާލަކަށް ބައްޔެއްގެ ވާހަކަ ދައްކާ އިރު، އެ ބަލީގެ ނުރައްކަލާއި ބަލިމީހުންނަށް ދިމާވެދާނެ ކަންކަން ހަމައެކަނި ބުނެލުމުން އޭގެ އަސްލު މެސެޖް ރައްދުވުން ކުޑަވެދެ އެވެ. އެކަމަކު އެ ބަލި ތަހައްމަލްކުރި މީހަކު، ނުވަތަ ތަހައްމަލްކުރާ މީހެއްގެ ވާހަކައިން ފަށައި، އޭނާގެ އިހުސާސްތައް އޭގައި ދަމަހައްޓައިފި ނަމަ، އާންމު މީހާ ވެސް އެ ލިއުމުގެ ތެރެއަށް، ނުވަތަ ވާހަކަ ދައްކާ ނަމަ އެ ވާހަކައިގެ ތެރެއަށް، މާ ފަސޭހައިން ވަދެވެ އެވެ.

ނަމަވެސް އާންމު ހުތުބާތައް ބިނާކުރަނީ އެގޮތަކަށް ނޫނެވެ. ބައެއް ހުތުބާތަކުގައި ލިއުންތެރިކަމުގެ ފެންވަރު ވަރަށް މައްޗެވެ. މަދު ހުތުބާތަކެއްގައި އޭގެ އަސްލު ވާހަކަ ގެނެސްދީފައި ހުންނަލެއް ވެސް ވަރަށް ހިތްގައިމެވެ. އެކަމަކު މިދިއަ ހުކުރުދުވަހު އެ އިވުނީ ވަރަށް މަދުން ނޫނީ އަޑުނީވޭ ފެންވަރަށް ލިއުންތެރިކަން ހިމެނިފައި އޮތް، މޮޅު ހުތުބާއެކެވެ.

ދީނީ ނަސޭހަތަކީ ވެސް އޭގެ ޒާތުގައި ވާހަކައެކެވެ. ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އަލުން ކިޔައިދޭ ވާހަކައެކެވެ. މާޒީގެ ކަމެއް އަލުން ހުށައަޅާއިރު އޭގައި އިންސާނުންގެ ހިތަށް އެންމެ ބޮޑަށް އަސަރުކުރާނެ އުކުޅުތައް ބޭނުންކުރުން ރަނގަޅެވެ. ހުތުބާއެއްގައި ނަމަ އެ އަޑުއަހާ މީހާއަށް އެންމެ އަސަރު ހުރި ގޮތަކަށް އިއްވާލެވޭނެ ބަސްމަގުގެ އެތުރުންތަކެވެ. 

ހުތުބާ ލިއަން ވެސް އާ ސްޓައިލްތައް ބޭނުންވެ އެވެ. މިދިއަ ހުކުރުދުވަހުގެ ހުތުބާއަކީ އޭގެ މިސާލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް