
މިދިއަ އަހަރު އޮތް އެމްޑީޕީގެ ގައުމީ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު . ދައުރު ފޮޓޯ/ޕީއެސްއެމް
މި ފެންނަނީ އެމްޑީޕީގެ އަހުލާގީ މިންގަނޑުން މަނާކުރާ ފިތުނަ
އެމްޑީޕީގެ އަސާސީ ގަވާއިދުގައި މެމްބަރުންގެ އަހުލާގީ މިންގަނޑުގެ އަކުރުތަކަށް ނަޒަރު ހިންގާލުން ހުއްޓެވެ. އެ ޕާޓީގެ މެމްބަރުން ބައިވެރިވެގެން ނުވާނެ 'ބޭއަދަބީ އަމަލުތަކު'ގެ ތެރޭގައި ހިމެނޭ ބ. ގައި ބުނަނީ "މީހުންގެ މެދުގައި ޕާޓީގެ މައްޗަށް ފިތުނަ އުފެއްދުން" މިހެންނެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މިހާރުގެ އަމަލުތައް އެހުރީ އަމިއްލަފުޅު ޕާޓީއާ މެދު، މެމްބަރުންނާއި އާންމުންގެ ފިތުނަ އުފެދޭ ގޮތަކަށެއް ނޫނޭ ބުނެވޭކަށް ނެތެވެ. ރިޔާސީ ޕްރައިމަރީގެ ކުރިންސުރެ އަދި އެ ޕްރައިމަރީން ބަލިވެވަޑައިގަތް ފަހުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނަނީ، ދެ ފިތުނައެއް، ބަލިވެވަޑައިގަތުމުގެ ފިތުނަ އާއި ޕާޓީގެ އެހެން ބޭފުޅަކަށް ބާރު ލިބިވަޑައިގަތުމުގެ ފިތުނަ، އެހެން މީހުންނާ ހަމައަށް ގެންދަވާ ތަނެވެ.
މި ފިތުނައިގެ ބޮޑުކަމަކީ، ދެން އެމްޑީޕީގެ ކުރިއަށް ހުރި ޕްރައިމަރީތަކުގައި ބަލިވާ މީހުން، ޕާޓީއާ ދެކޮޅަށް، ނުވަތަ މޮޅުވާ މެމްބަރާ ދެކޮޅަށް ނުކުތުމާއި ވާހަކަ ދެއްކުމާއި ޕާޓީގެ އެކި ދާއިރާތައް ރޫޅާލުމުގެ އާދައެއް ފެށުމުގެ ބިރެވެ. މިސާލަކަށް އަންނަ އަހަރުގެ ކުރީކޮޅު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި، 80 އަށް ވުރެ ގިނަ ދާއިރާގައި އެމްޑީޕީ ވާދަކުރާނެ އެވެ. އެ ޕްރައިމަރީތަކަށް އެތައް ސަތޭކަ މެމްބަރުން ނުކުންނަ އިރު، ނަޝީދު ކަންތައްކުރެއްވި ގޮތް ނަކަލު ކުރަން ނުޖެހޭ ސަބަބެއް ނެތެވެ.
"ރާއްޖޭގައި މިވަގުތު ނެތީ ހަމަ ގަބޫލުކުރާ ސިޔާސީ ވެރިން، ދެން އެ މީހުންގެ ސަޕޯޓަރުން،" ހުންނެވި މަގާމުގެ ގޮތުން ނަން ނުޖަހަން ޝަރުތުކުރައްވާ ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

"ނަޝީދު ވެސް، ނަޝީދުގެ ސަޕޯޓަރުން ވެސް އެ ހަމަ ގަބޫލެއްނުކުރޭ. [ކުރީގެ ރައީސް އަބްދުﷲ] ޔާމީން އާއި، ސަޕޯޓަރުން ވެސް ހަމަ އެހެން."
ނަޝީދުގެ 'ފިކުރެއްގެ ދިރުން' ޕްރައިމަރީ ކެމްޕޭންގެ މައިގަނޑު މައުލޫއުއަށް ހެއްދެވީ ވެސް، އޭގެ ފަހުން ކުރިއަށް ގެންދަވަން ބޭނުންފުޅުވި ހަރަކާތަށްޓަކައި ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ތިބި އެތައް ބަޔަކު ގަބޫލުކުރެ އެވެ. މިހާރު އެމްޑީޕީގެ ތެރޭގައި އެ އޮތީ އެ ހަރަކާތް ފަށައި، އެއީ އެހެން ގައުމުތަކުގައި ވެސް ސިޔާސީ ޕާޓީތަކަށް ދިވާމާ ހާލަތެއް ކަމަށް، ވިދާޅުވެފަ އެވެ.
އެކަމަކު ބޭނުންވާ އިރެއްގައި އެހެން ގައުމުތަކުގެ ނުބައި ނަމޫނާ ނަންގަވާފައި، އެ ގައުމުތަކުގެ ރަނގަޅު ނަމޫނާ ހަނދާން ނައްތާލައްވަނީ ކީއްވެގެން ބާވަ އެވެ؟ އިނގިރޭސި ވިލާތަކީ ނަޝީދުގެ 'ކޮޕީ މެޝިނެ'ވެ. ބަރުލަމާނީ ނިޒާމަށްޓަކައި މުޅި ސިޔާސީ ހަރަކާތް ގަޑުބަޑުކުރަމުން އެ ގެންދަވަނީ ވެސް، މަތީ ތައުލީމު ހާސިލްކުރެއްވި ގައުމުގެ ވެރިކަމުގެ ނިޒާމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.
ރައީސް ސޯލިހުގެ ރިޔާސީ ދައުރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން ބޮޑުވަޒީރަކު އިސްތިއުފާ ދެއްވައިފި އެވެ. މުޅިން ވެސް ޕާޓީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނަކްއަކީ ތިން އަހަރުގެ ތެރޭގައި އެ ޕާޓީން ވެރިކަމަށް ގެނައި ހަތަރު ވަނަ ބޮޑުވަޒީރެވެ.
އިސްތިއުފާ ދެއްވި އެއްވެސް ބޭފުޅަކު 'ފިކުރެއްގެ ދިރުން' ފަދަ ކެމްޕޭނެއް ޕާޓީގެ އެތެރޭގައި ކުރިއަކަށް ނުގެންދަވަ އެވެ. ބަލިގަބޫލުކަރައްވައިގެން މަޑުން ތިއްބަވަނީ އެވެ.

އެކަމަކު އެއީ އެމްޑީޕީއަށާއި ރާއްޖެއަށް ބޭނުންވާ ނަމޫނާއެއްގެ ގޮތުގައި 'ފިކުރެއްގެ ދިރުން' ފެކްޝަނަކުން ނުނަގަ އެވެ. އެހާ ހިސާބުން ޕާޓީގެ ތެރޭގައި އުފެދިގެން މި އުޅެނީ ފިތުނަ އެވެ. އެމްޑީޕީގެ މެމްބަރުން ނޫން އެތައް ބަޔަކަށް ވެސް ފެންނަނީ އެ ފިތުނަ އެވެ. އެހެންކަމުން އެއީ 'މީހުންގެ މެދުގައި ޕާޓީއާ މެދު ފިތުނަ އުފެއްދުމެ'ވެ. އެމްޑީޕީގެ މެމްބަރުން ތަބާއަވާން ޖެހޭ އަހުލާގީ މިންގަނޑުގައި ބުނާ، އެ މެމްބަރުން ދުރުވާން ޖެހޭ ބޭއަދަބީ އަމަލެކެވެ.
ބަލިވުމުގެ ފިތުނައިގެ އިތުރުން އެހެން ފިތުނައެއް ވެސް އެބަ އުޅެ އެވެ. ރައީސް ސޯލިހުގެ އަރިސް އެއް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވީ، ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވައި، ދެވަނަ ދައުރަކަށް ރައީސް ސޯލިހު ނުކުންނެވުމަކީ ވެސް ނަޝީދުގެ ހިތްޕުޅުގައި އޮތް 'ހަސަދައެއް' ކަމަށެވެ.

"ނަޝީދަށް ގަބޫލުކުރެވޭ ކަމެއް ނޫން އެއީ، އިބޫ [ރައީސް ސޯލިހު] ދެވަނަ ދައުރަކަށް ދިއުން. އެއީ މީގައި އޮތް އެންމެ ބޮޑު ރުޅިއަކީ،" އޭނާ ވިދާޅުވި އެވެ.
އެއަށް ކިޔަން ޖެހެނީ ސިޔާސީ ހަސަދަ އެވެ. ސިޔާސީ ފިތުނަ އެވެ.
ނަޝީދު ވިދާޅުވާ ގޮތުގައި "ރާއްޖެއަށް އަދި އެމްޑީޕީއަށް ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ،" އެވެ. އެކަމަކު އެއީ ރައީސް އެއްކައިރިކޮށްގެންނެވެ. ރައީސް ސޯލިހާ އެކު ތިބެގެން ރާއްޖެ އާއި އެމްޑީޕީއަށް ވެސް ހެޔޮ ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވެ އެވެ.
އެމްޑީޕީގެ ތެރެއިން އެގޮތަށް ނިންމާނީ ކޮން ބައެއް ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތެވެ. ޕާޓީގެ މެމްބަރުންނެވެ. އެ މެމްބަރުން، އެމްޑީޕީގެ ޕްރައިމަރީގައި ބުނީ ތިމަންނަމެންނަށް ހެޔޮ ގޮތާއި ގައުމަށް ހެޔޮ ގޮތް އޮތީ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދީގެން ކަމަށެވެ.
އެ ޓިކެޓް އެމަނިކުފާނަށް މިހާރު ވަނީ އަރުވައިފަ އެވެ. ރައްޔިތުންނަށް އެތަން ފެނިއްޖެ އެވެ. ސްޓޭޖް މަތީގައި ރައީސް ސޯލިހެވެ. ކުރިމަތީގައި އެމަނިކުފާނުގެ ސަޕޯޓަރުންނެވެ.
'ފިކުރެއްގެ ދިރުން' ފެކްޝަނުން އަމިއްލަ ޕާޓީ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އެ ދެނީ ހަމަލާ އެވެ. ތާއީދުކުރަމުން އެ ގެންދަނީ އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނަވާނެ ކެންޑިޑޭޓުންނަށެވެ. އެމްޑީޕީގައި ތިބެގެންނެވެ. އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދައި، އެ ފެކްޝަނަށް މީހުން ވައްދަން ވެސް މަސައްކަތްކުރަމުންނެވެ.
މިއަށް ވުރެ ބޮޑު ފިތުނައެއް، އެމްޑީޕީގެ ރައީސް އާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބި މެމްބަރުން، ޕާޓީއާ ދެކޮޅަކަށް ނުއުފެއްދޭނެ އެވެ. ޕާޓީގެ މެމްބަރުންގެ އަހުލާގީ މިންގަނޑުން ބޭރުވެވޭނެ އެއަށް ވުރެ ބޮޑު އަމަލެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ތެރޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ފިތުނަކަމާ މެދު ޝައްކެއް ނެތެވެ.
ކޮމެންޓް (1)
އިބުރާ