
ކުޑަގިރި ޕިކްނިކް އައިލެންޑް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ދިވެހިންނަށް ހައްގު މިންވަރަކީ މިއީތޯ؟
ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މުރާޖައާ ކުރާ މާސްޓާޕްލޭނެއް ކުރިމަތީގައި ބާއްވައިގެންނެވެ. ޓޫރިޒަމް ދެން ކުރިއަށް ގެންދާނެ ސަރަހައްދާއި އިތުރަށް އިންވެސްޓްމަންޓްތަކަށް ހުޅުވާލާނެ ޒޯންތައް އެ މާސްޓާޕްލޭންގެ ދަށުން ދިޔައީ އިއުލާން ކުރަމުންނެވެ. މާލެ އަތޮޅާއި އަރިއަތޮޅުގެ ދެ ބުރީގެ ޓޫރިޒަމަށް ފަހު، އިތުރަށް ޓޫރިޒަމް ފުޅާ ކުރަން ނިންމީ މާލެއާ 60 މޭލު ދުރުމިނުގައި ހުރި ރަށްތަކަށް ކަމަށް، އަޅުގަނޑު ހަނދާންވެ އެވެ. ތެދެކެވެ؛ އެއް އުސޫލަކުން ބަލާ އިރު، އަވަސް، ހަލުވި މިނެއްގައި ކުރިއަރަން ބޭނުން ނަމަ، އެއީ މާ ލަސް ދުވެއްޔެއް ކަމަށް އެއް ބަޔަކަށް ބުނެވިދާނެ އެވެ.
އެކަމަކު އެ ޕްލޭންގެ ދަށުން ދިވެހިން ދަތުރުދިއުމަށާއި އެ ނޫން ވެސް ބޭނުންތަކަށް ވެސް ފިނޮޅާއި ރަށްތައް ހުއްޓެވެ. އެކަމަކު މިހާރު ވެރި ރަށް މާލެއާ ކައިރީގައި ހުރި ފަޅުރަށްތަކާއި ފަޅާއި ގިރިތައް ހުސްވެއްޖެ އެވެ. އޭގެ އިތުރަށް ޓޫރިޒަމްގެ ދެވަނަ ޒޯން، އަރިތޮޅުގެ ދެ ބުރީގައި ހުރި ފަޅުރަށްތަކާއި ގިރިތައް ވެސް ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ.
މި ދެ އަތޮޅުގައި ވެސް އާންމު މީހަކު ހިތްހަމަޖައްސާލުމަށް ހުރީ މަދު ފުރުސަތުތަކެވެ. އަރިއަތޮޅު ދެކުނު ބުރިން ވެސް ހުސްކޮށް އޮތީ، މާމިގިލީ ކައިރީގައި އޮންނަ އަރިޔަދޫ އެކަންޏެވެ. އެ ރަށް ވެސް އެ ގޮތުގައި އޮންނާނީ ކިހާ ދުވަހަކު ކަމެއް ނޭނގެ އެވެ. ބާޒުތަކުގެ ލޯތައް އަބަދު އޮންނަނީ އަޅައަޅަ އެވެ.
ކުޑަބަނޑޮހުގެ މާޒީއަށް ފަހު، މާލެ ސަރަހައްދު ނުވަތަ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ މީހުން ދަތުރުދިއުމަށް ތިލަފުށި ނޫނީ ގިރާވަރު ކައިރިން ވަނީ 8 ހެކްޓަރުގެ ރަށެއް ހިއްކައި ދަތުރު ދޭވޭ ގޮތަށް އިންތިޒާމުކޮށްފަ އެވެ. އެއީ އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވި ވަރަށް ވެސް ރަނގަޅު ކަމެކެވެ. އެހެނީ މާލެ ފަދަ ތޮއްޖެހިފައިވާ މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ސާފު ވަޔާއި ސާފު މާހައުލެއްގެ ހިތްހަމަޖެހުން ލިބޭނެ ތަނެއް، އެއީ އާޓިފިޝަލް ރަށަކަށް ވިޔަސް މާލެ ކައިރީގައި އޮތުމަކީ ވަރަށް ވެސް ބޭނުންތެރި ކަމަކަށް ވާތީ އެވެ. ކޮންމެ ކޮންމެ މީހަކީ ރީތީ މާހައުލުތައް އޮންނަ ޓޫރިސްޓް ރިސޯޓްތަކާއި ހިތްގައިމު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަ ކުރެވޭނެ ބަޔަކަށް ނުވާނެތީ، އެކަމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވަނީ އެހެންވެ އެވެ. އަދި އަޅުގަނޑު ވެސް މިދިޔަ ހުކުރު ދުވަހު އެ ރަށަށް ގޮސް، އެ ރަށުގެ މާހައުލުގައި ވަގުތު ހޭދަ ކުރުމުގެ އިތުރަށް، ގޮނޑުދޮށުގައި ބާބެކިއު ހަދައިގެން އެއަށް އިންސާފު ކުރުމުގެ ފުރުސަތު ލިބުމުން، 11 އަހަރަށް ފަހު ކުޑަބަނޑޮސް އަނބުރާ ލިބުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެކަމަށްޓަކައި ރައީސް ސޯލިހަށް މަރުހަބާ އެވެ.

ކުޑަގިރިއަކީ އެ ރަށުގެ ސައިޒުގެ ގޮތުން ބަލާ އިރު މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް ހަމަ އެކަށީގެންވާ ސައިޒެއްގެ ރަށެވެ. އޭގައި ސުވާލެއް ނެތެވެ. ނަމަވެސް، އެ ރަށުގެ ބައެއް ހިދުމަތްތަކާ ގުޅޭ ގޮތުން އަޅުގަނޑުގެ ބައެއް ކަންބޮޑުވުންތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް އެ ރަށް އާންމުންނަށް ހުޅުވާލި އިރު އެކަށީގެންވާ ވަރަށް ރުއްގަސް ވަކި ވަރަކަށް އުސްކޮށް ނެހެދެނީސް ހުޅުވާލުމަކީ އަޅުގަނޑަށް މައްސަލަ އެކެވެ.
ތެދެކެވެ؛ ފަޅެއްގެ ތެރެއިން ޖައްރާފުން މުޅިން އަލަށް ހިއްކި ރަށެއް، ރަށެއްގެ ސިފަ ޖެހުމަށް ވަގުތު ނަގާނެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް، އެއް ފަހަރާ 1،200 މީހުންނަށް އެރޭ ގޮތަށް އިންތިޒާމުކޮށްފައިވާ ރަށަކީ ހަނަފަސް ތަނެއްގެ ގޮތުގައި އޮވެ، އެ ރަށުގައި އެއްފަހަރާ އެހާ ގިނަ އަދަކަށް މީހުން އެރުން އަޅުގަނޑަކަށް ކަމަކު ނުދިޔަ އެވެ.
އޭގެ އިތުރަށް، ހިޔާ ލިބޭ ގަހެއް ނުވަތަ ރުކެއް ނެތް ތަނެއްގައި، މި އޮތް ހޫނުގައި، ހަޓެއް ނުލިބޭ ގޮތަށް އެ ރަށުގައި ތުއްތު ތުއްތު ކުދިންނާ އެކު މުޅި ދުވަސް ހޭދަ ކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެ އެވެ. އެހެނީ އެ ރަށުގައި މުޅި އެކު ހުރި ކުދި ބޮޑު 17 އަށީގައި ގިނަވެގެން 435 ވަރަކަށް މީހުންނަށް އެކޮމަޑޭޓް ކުރެވޭ ނަމަ، ބާކީ ތިބި 765 މީހުން ތިބެން ޖެހޭނީ ކަނޑު އަވީގަ އެވެ. އެއީ އިންސާނާ ޑީހައިޑްރޭޑް ވުމާއި އެ ނޫނަސް ސިއްހީ ބައިވަރު ސަބުބުތަކަށް ބަލާ އިރު ރަނގަޅު ކަމެއް ކަމަށް ދެންނެވޭކަށް ނެތެވެ.
އެ ހުރިހާ ކަމަކަށް ވުރެ އަޅުގަނޑަށް އެންމެ ކަމުނުދިޔަ ކަމަކީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމެވެ. މާލެއިން ފުރައިގެން 11 ކިލޯމީޓަރު ދުރު ހިސާބެއްގައި އޮންނަ ރަށަކަށް ދިއުމަށް ޓޫޓީ ވަރުގެ އިންޖީނެއް އަޅާފައި، ޓޮއްޓޮއް ޖައްސާ ގޮތަށް ދޮޅުގަޑިއެއްހާއިރުން ދިއުން އަޅުގަނޑަކަށް ބަލައެއް ނުގަނެވުނެވެ.
ތެދެކެވެ؛ އޭރު އަޅުގަނޑުމެން ކުޑަބަނޑޮހަށް ދާން އެހާ އިރު ނަގަ އެވެ. ނަމަވެސް، އެއީ މީގެ 20 ނޫނީ 30 އަހަރު ކުރި އެވެ. އެހެންކަމުން، 'ޒަމާނެއްގެ ތެރެއިން އައި ޒަމާނެއްގައި' އެއީ ދިވެހިންނަށް ހައްގު މިންވަރު ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
އޮޅުވާ ނުލައްވާށެވެ. އަޅުގަނޑު މި ދަންނަވަނީ ސްޕީޑް ލޯންޗު އޮންނަން ޖެހޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް، އެންމެ ކުޑަމިނުން 20އަކަށް މިނިޓުން ދަތުރު ކުރެވޭ 'ކުޑަގިރި ފެރީ' ވަރުގެ އުޅަނދު އެ ދޭތެރެ ބައްދަން އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާ ވާހަކަ އެވެ.
އެ ރަށުގައި ބައެއް ހިދުމަތްތައް ދިނުމަށް ޕާޓީތައް ކަނޑައެޅި ގޮތާ ބެހޭ ގޮތުން ވެސް އަޅުގަނޑުގެ ސުވާލުތައް އެބަހުއްޓެވެ. ނަމަވެސް، އެ ވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ.
އަޅުގަނޑުގެ ކޮލަމް ނިންމާލަމުން ވެސް ދަންނަވާނީ އެ ރަށުގައި ހަޓް ނެތް ވަރަށް، އެންމެ ކުޑަ މިނުން އެ ރަށުގެ ގަސްތައް ހިޔާ ލިބޭ ވަރަށް ބޮޑު ނުވަނީސް، އެ ވަރަށް މީހުން ގެންދިއުމަށް ރަށް ހުޅުވާލުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ނުފެންނަ ވާހަކަ އެވެ.
އޭގެ އިތުރަށް، ދަތުރުފަތުރުގެ ކަންކަން ވެސް 20އަކަށް މިނިޓުގެ ތެރޭގައި އެ ދޭތެރެ ނުބެއްދޭ ވަރުގެ ފެރީތައް ބޭއްވުމަކީ އެއީ ދިވެހިންނަށް ހައްގު މިންވަރު ކަމަށް އަޅުގަނޑު ނުދެކޭ ވާހަކަ އެވެ. އަޅުގަނޑު ހިތުން އެންމެ ކުޑަމިނުން އެ ވަރުގެ ކަމަށް އެދުމަކީ ދިވެހިންނަށް ހައްގު ނޫން މިންވަރެެއް ކަމަށް ނުބުނެވޭނެ އެވެ. ޓްރާސްޕޯޓް ހިލޭ ވާކަށް ނުޖެހެ އެވެ. ބަންދު ދުވަސްތަކުގައި ވެސް ކޮޅަކަށް 25ރ. ފީއެއް ނެގުމަކީ މައްސަލައެއް ވެސް ނޫނެވެ. ކޮންމެހެން ހުރިހާ އެއްޗެެއް ހިލޭ ވާކަށް ނުޖެހެ އެވެ. ނަމަވެސް، އަށިތަކުގެ އަގު، އެޗުޑީސީން ކަނޑައަޅާފައިވާ އަގުތައް ބޮޑުކަމަށް ގަބޫލު ކުރެވެ އެވެ. އެ އަށިތަކަށް ފީއެއް ނަގާ ނަމަ، އެ ވާން ޖެހޭނީ ތަންކޮޅެއް ލުއި އަގަކަށް ކަމުގައި ދެކެމެވެ.

ކުޑަބަނޑޮހުގެ މާޒީއަށް ފަހު މާލޭ ސަރަހައްދުގެ މީހުން ދަތުރުދާނެ ރަށެއް ރައީސް ސޯލިހުގެ ސަރުކާރުން އިންތިޒާމުކޮށްދެއްވީތީ އެ މަނިކުފާނަށް ޝުކުރު ދަންނަވަމެވެ. މަރުހަބާ އެވެ. ނަމަވެސް، ދަތުރުފަތުރަށް ހޭދަވާ ވަގުތާއި އަށި ނެތް ވަރަށް އެ ރަށަށް މީހުން އެރުވުމީ އެއީ ދިވެހިންނަށް ހައްގު މިންވަރު ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ދިވިހިންނަށް ހައްގު މިންވަރަކީ އެއީތޯ އެވެ؟
ކޮމެންޓް (7)
އަހްމަދު
ހަސަން
މަންޒިލް
ބޭކާރު އަނގަ
އިންމަ
މުހިންމު އަނގަ
ސަލީމްބެ