ކުޅުދުއްފުށި: މިރަށުގެ ކުޅި ބޭނުންކޮށްގެން އެތައް ބަޔަކު ކުރިން ހޯދަމުން ދިޔަ އާމްދަނީ މިހާރު ވަނީ ހުއްޓިފައި

އިންސާނީ ހައްގުތަކުގެ ދުވަހު ނުދައްކާނެ ވާހަކަ

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެތައް ހައްގަކުން މަހުރޫމްވެފައި ތިބި ނިކަމެތި އެތައް ބައެއްގެ ހައްގުގައި އަޑުއުފުލާނެ ބަޔަކު ނެތް

ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ވަނީ 2008 ގެ ގާނޫނު އަސާސީގެ ހަތް ވަނަ ބާބުގެ 189 ވަނަ މާއްދާގެ ދަށުން އެކަމަށް ޚާއްސަ 'މުސްތަގިއްލު މުއައްސަސާއެއް' އުފައްދައިފަ އެވެ: ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނެވެ. އާ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން ވެސް 'ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު'ގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނެއް އައީ ހިންގަމުންނެވެ. އެތައް މުވައްޒަފުންނެއް ލައިގެން ގާނޫނުން މަތިކުރާ މަސްއޫލިއްޔަތާއި ޒިންމާތަކާ ހަވާލުވެގެންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަން 2021ގައި ދައުލަތުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެ މުއައްސަސާގެ 71 މުވައްޒަފުންގެ މުސާރައަށް 18 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އޮފީސް ހިންގަން 5 މިލިއަން ރުފިޔާ، ތަން މަރާމާތުކޮށް ބަލަހައްޓަން 1.7 މިލިއަން ރުފިޔާ އަދި ފަރުނީޗަރު ފަދަ ތަކެތި ހޯދަން 1.9 މިލިއަން ރުފިޔާ ހޭދަވި އެވެ.

ކޮމިޝަނުގެ 2021ގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފައިވާ މި ހުރިހާ އަދަދުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެހެން އަދަދެއް އެބަ އޮތެވެ: މުވައްޒަފުން ތަމްރީންކުރަން ހޭދަކުރި ވަރެވެ. އެންމެ 4،048ރ އެވެ. މިއީ އަހަރު ނިމުނު އިރު ޚަރަދުނުވެ ބާކީ އޮތް 13،000ރ.ގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަ އެވެ.

މިއިން ދޭހަވާ ފުން މާނައެއް ވާ ކަމަށް ބެލެެވެ އެވެ. މުއައްސަސާގައި 71 މުވައްޒަފުން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން އެކަށީގެންވާ ތަމްރީން ލިބެނީ ކިތައް މީހުންނަށްތޯ ސުވާލު ކުރަން ޖެހެ އެވެ. މީގެ އަސަރު ކޮމިޝަނުގެ މަސައްކަތަށް ނުކޮށް އޮތުމަކީ ނުވާނެ ކަމެކެވެ.

ކޮމިޝަނުގެ މަސައްކަތްތައް ނިންމާފައިވާ މިންވަރަށް ބަލާއިރު 2021ގައި ޖުމްލަ 672 ޝަކުވާ ހުށަހެޅި އިރު އެ އަހަރު ނިންމީ ކުރީ އަހަރުތަކުގެ މައްސަލަތައް ވެސް ހިމެނޭ ގޮތަށް 347 މައްސަލަ އެވެ. މި ތަފާސްހިސާބުން މުޅިން ސާފުނުވަނީ 2021ހައި ހުށަހެޅި 672 މައްސަލައިގެ ތެރެއިން އަހަރު ނިމުނުއިރު ކޮމިޝަނަށް ބަލާ ނިންމީ ކިތައް މައްސަލަކަމެވެ.

ރާއްޖޭގެ ރަށެއްގެ ކުޅި: މިފަދަ ގުދުރަތީ ވަސީލަތްތަކުން ޒަމާނުއްސުރެ އެތައް ބަޔަކު ގެންދިޔައީ އާމްދަނީ ހޯދަމުން 

ކޮމިޝަނުގެ ހޭދަތަކަށް ނަޒަރުކުރާއިރު ކޮމިޝަނަށް ކުރާ ޚަރަދުތަކާއި ކުރާ މަސައްކަތް ނިންމުމުގައި ހުރި ފަރަގާއި ކޮމިޝަނުން މުވައްޒަފުން ތައްޔާރުކުރަން ދޭ އަހަންމިއްޔަތު، މަތީގައި ހިމެނި މައުލޫމާތުން ކިއުންތެރިޔާއަށް ސާފުވާނެ ކަމަށް ގަބޫލުކުރަމެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި ކަނޑައަޅާފައިވާ އިންސާނީ ހައްގުތައް ރާއްޖޭގައި ކުރިއަރުވާ، ދަމަހައްޓާ، ކަށަވަރުކުރުމުގެ ގޮތުން އެ ހައްގުތަކަށް ވަކާލާތުކުރަން ދައުލަތުގެ މާލިއްޔާއިން ހޭދަކޮށް ހިންގާ ކޮމިޝަނުގެ ރާޑަރުން އުސޫލެއްގެ ގޮތުން ކައްސާލައިފައިވާ އަސާސީ ހައްގުތަކެއް އޮންނަ ކަމަށް ފާހަގަކުރެވެ އެވެ. އެއީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ދައުލަތުގެ 'އަސާސީ ވާޖިބެއް' ކަމަށް ބުނާ މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކުރަން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމާއި މިއާ ލާމެހިފައިވާ 23 ވަނަ މާއްދާގައި ބުނާ 'އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތަކާ'އި، އެ މާއްދާގެ (ރ) ގައި ކަށަވަރުކުރަން ބުނާ 'ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް" ލިބުމުގެ ހައްގުތަކެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް ކޮމިޝަނުން ސިލްސިލާކޮށް ހަދާ ދިރާސާ ކަމުގައިވާ 'ދަ ރައިޓްސް ސައިޑް އޮފް ލައިފް' (ނުވަތަ 'ހަޔާތުގެ ހައްގުތަކުގެ ފަޅި') ރިޕޯޓުގައި ވެސް މިހާތަނަށް މި ހައްގުތަކުގެ ވާހަކަ އޮންނަނީ އިންތިހާއަށް ފަނޑުވެފައި ނުވަތަ މުޅިން އުނިވެފަަ އެވެ. ނަމަވެސް އަދު ދިވެހިރާއްޖެ ދެމިއޮތުމަށާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މި ރާއްޖޭގައި ދިވެހިން ދެމިތިބުމާއި ދިރިއުޅުމެއް ދަމަހައްޓަން އެންމެ ބޮޑު ނުރައްކަލެއް ދިމާވެފައިވާ އަސާސީ ހައްގުތަކަކީ ވެށީގެ ދުޅަހެޔޮކަމާ ރައްކާތެރިކަމުގެ ހައްގުތަކެވެ. މިއީ 30 އަހަރުގެ ދިގު ތާރީޙެއް އޮތް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރަން އެކި ސަރުކާރުތަކުން ބައިނަލްއަގުވާމީ މަޝްރަހުގައި ކުރަމުން އަންނަ އާދޭސްތަކާ ގުޅިފައިވާ ހައްގުތަކެކެވެ. މިއީ މިއަދުގެ ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވެސް ރާއްޖޭގެ ވެއްޓަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަމުގެ ބަހުރުވަ 7 ފެބްރުވަރީ 2019ގެ ރިޔާސީ ބަޔާނުގައި ހިމަނުއްވައި، ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ހިއްސާކުރެއްވި ވާހަކަތަކާ ގުޅިފައިވާ ހައްގުތަކެއް ވެސް މެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށަކަށް ކުރެއްވި ޒިޔާރަތެއްގައި: ޖަޒީރާވަންތަކަން ދަމަހައްޓަން ތިމާވެށި ހިމާޔަތްކުރައްވާނެ ކަމަށް ވިދާޅުވިޔަސް ފެންނަނީ އެ މަންޒަރެއް ނޫން (ފޮޓޯ/ރައީސް އޮފީސް)

އެ ހައްގުތައް ގުޅިފައި ވަނީ މި ސަރުކާރުން 'ޚާއްސަ އިސްކަމެއް' ދޭނެ ކަމަށް ބުނާ ވާހަކަތަކާ އެވެ. އެ ދުވަހު އެމަނިކުފާނު ރާއްޖޭގެ ރައްޔިތުން ގާތު ވިދާޅުވީ 'މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މި ގައުމުގެ ނާޒުކު ތިމާވެށި' ކަމަށެވެ.

"މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން ރަށްރަށުގެ ޤުދުރަތީ ވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން މި ސަރުކާރުން ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިއީ މި ސަރުކާރުން އަދި ކިއެއްތަ، މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރަމުން ނުދާ ކަމެއް ކަން އެންމެންނަށް ފެންނަ ހަގީގަތްތަކުން އެނގެ އެވެ. ގުދުރަތީ ސާފު ވެއްޓެއްގައި 'ޖަޒީރާ ވަންތަ' ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ރާއްޖޭގެ އެކި ރަށްތަކުން ދަނީ ދާއިމަށް ނަގާލަމުންނެވެ. އޭގެ ދެވަނައެއް ނެތް، އަރާހުރި ނަމޫނާ މިސާލަކީ މާލެ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކުގެ ފަސްގަނޑުންނާއި ހޭޅިފަށުންނާއި އަތިރިމަތިންނާއި ފަރުފަޅުތަކުން އޮތީ ހާމަކަން ބޮޑުކޮށް މި މަންޒަރު ފެންނާށެވެ. ރަށްރަށުގެ އެންމެނަށް ފެންނ މަލަމައްޗާއި މަދު ބަޔަކަށް ނޫނީ ފެންނާން ނެތް ކަނޑު އަޑީގެ ގުދުރަތީ މާހައުލީ ނިޒާމުތަކާއި އެ ނިޒާމުތައް ދެމިއޮތުމުގެ އަސާސް ކަމުގައިވާ ތަފާތު އަދި ގިނަގުނަ ދިރުންތަކުގެ ޚަޒާނާ ދަނީ މަދު ބައެއްގެ ވަގުތީ މަންފާގެ ބޭނުމުގައި ބެލުމެއް ނެތި ދާއިމަށް މަރަމުންނެވެ.

ރައްކާތެރި، ސާފުތާހިރު އަދި ގުދުރަތީ ފުރިހަމަކަމާއި މުއްސަނދިކަން އޮތް ވެއްޓެއް ރާއްޖޭގެ ރަށެއްގައި އޮތުމަށް ހުރި ގޮންޖެހުންތައް ގާތުން ފެންނާނީ މިކަންކަން ލޮލުން ބަލައި ކެނޑިނޭޅި ދެމުންދާ ބޮޑެތި ގެއްލުންތަކާ ބެހޭ ގޮތުން ވިސްނާ، ފިކުރު ހިންގާ ރައްޔިތުންނަށެވެ. އޭގެ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރަމުން ދަނީ ވެސް ހަމަ ރައްޔިތުންނެވެ. މި ނޭދެވޭ އަސަރުތަކަކީ ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ދިރާސާކޮށް، މި އިޔާދަނުކުރެވޭނެ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތައް ހީނަރުވާ މިންވަރު ބަލާ މިނެކިރާ އެއްޗެއް ނޫނެވެ. ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބިދީފައިވާ މި ހައްގުތައް ބީވެގެން ދާތަން ދެކެން ތިބެނީ ރައްޔިތުންނެވެ. އެމީހުންގެ ކުރިމަތީގައި ދާއިމަށް ފަނާކުރަމުންދާ މާހައުލީ ނިޒާމުތައް ނެތިދިއުމުން ވަލުންނާއި ފަރުފަޅުން ލިބޭ ނަފާ ނެތިގެން ދިއުމުގެ ތަކުލީފު ތަހައްމަލު ކުރަނީ ވެސް ދިރިއުޅުމުގެ މި އަސާސީ ވަސީލަތްތަކަށް ބަރޯސާވާ ރައްޔިތުންނެވެ.

ރާއްޖޭގެ މަސްވެރިން މަސްވެރިކަމުގައި: ދިވެހިން ކުރިންސުރެ ކުރަމުން އަންނަ ބައެއް ކަހަލަ މަސްވެރިކަމަށް ތިމާވެށީގެ ގެއްލުންތަކުގެ އަސަރު ކުރޭ (ފޮޓޯ/ އަލީ ރަފީގު)

އެކަމަކު އެ ރައްޔިތުންނަކީ ސަރުކާރުގެ ފިނި ކޮޓަރިތަކުން ނަފާ ލިބޭ ބައެއް ނޫނެވެ.

އެމީހުންނަކީ ހދ. ކުޅުދުއްފުށީގެ ކުޅިން އެތައް ޖީލުތަކަކަށް ލިބެމުންދިޔަ ނަފާއިން މަހުރޫމު ކޮށްފައިވާ 400 އެތައް އާއިލާއެއްގެ މީހުންނެވެ.

އެ މީހުންނަކީ މަހުޖަނުންގެ ރިސޯޓުތައް ފެހިކުރަން ރަށުން ބޭރުކުރަމުން ދާ އާންމު ރައްޔިތުންގެ ރުއްގަހުގެ ވަސީލަތުން ފަންގިވިނދެގެންނާއި ކާށި ހޮވައިގެން އާމްދަނީ ހޯދަމުން ދިޔަ، ދ. ބަނޑިދު އާއި އެފަދަ އެތައް ރަށެއްގެ އާއިލާތަކެވެ.

އެމީހުންނަކީ އެގޮތަށް ރަށަށް އަރައިގެން އާމުދަނީގެ ވަސީލަތްތައް ރަށުން ބޭރުކޮށް، ރަށް ހީނަރުކުރާ ފަރާތްތަކުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލެން ނެތް ނިކަމެތިންނެވެ.

އެމީހުންނަކީ ފަޅު ހިއްކުމުގެ ސަބަބުން ފަރުން ލިބެމުންދިޔަ ފަރުމަސްކޮޅު ނުލިބިގެން ހިތާމަކުރާ އާދައިގެ މީހުންނެވެ.

އެމީހުންނަކީ ކުޑަ ފައިސާކޮޅަކަށް ރައްޔިތުންގެ ހައްގުތައް ވިޔަފާރިވެރިންގެ މަންފާއަށް ދޫކޮށްލާ ސަރުކާރަކުން ޖެހިގެން އޮތް ރަށާ، އެރަށުން ލިބޭ ކާބޯތަކެއްޗާއި އާމުދަނީ ހޯދުމުގެ ވަސީލަތްތަކުން މަހުރޫމުކޮށްފައިވާ ރައްޔިތުންނެވެ.

ރާއްޖޭގެ ވެށިން ނަފާ ހޯދައިގެން ކައިބޮއެ އަދި އާމުދަނީ ހޯދާ މީހުންނަކީ ބޮޑު ސަރުކާރާއި ނުފޫޒު ގަދަ ސިޔާސީ ވިޔަފާރިވެރިންގެ ވަކިތަކުގެ ސަބަބުން ވެށީގެ ޚަޒާނާއިން މަހުރޫމުކޮށްފައިވާ ރައްޔިތުންނެވެ. އެމީހުންގެ ކަންބޮޑުވުންތައް ގެންދާނެ ތަނެއް ނެތެވެ. އެމީހުންގެ ހައްގުތަކަކީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާއިން ކަށަވަރު ކުރަން ޖެހޭ ހައްގުތަކަކަށް ވީ ނަމަވެސް، އެ ހައްގުތަކުގެ ވާހަކަ ދައްކާނެ، ހައްގުތަކާ ބެހޭ މުއައްސަސާއެއް ވެސް ރާއްޖެއަކު ނެތެވެ.

ކޮންމެ އަހަރެއްގެ 10 ޑިސެމްބަރުގައި ސަރުކާރުންނާއި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކޮށް އަޑުގަދަ ކުރާނެ އެވެ. ނަމަވެސް ބަހެއް ބުނާނެ ފުރުސަތު ނެތް، އަޑެއްއުފުލާނެ ގޮތެއް ނެތް، 'ޖަޒީރާވަންތަ'، 'ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް"ގެ އިތުރުން 'އިގްތިސާދީ އަދި އިޖްތިމާއީ ހައްގު' އެ ބަޔަކަށް ހައްގުވާ އަދި ކަށަވަރު ކޮށްދޭން ޖެހޭ ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. ގަސްތުގައި ދެނެތިބެ އެމީހުންގެ ކިބައިން ނިގުޅައިގަންނަ ހައްގުތަކެއްގެ ހިމާޔަތުގައި ވާހަކަ ދައްކާނެ ދައުލަތުގެ ކަމާ ބެހޭ ފަރާތެއް ނެތުމަކީ، 'ނާޒުކު ތިމާވެށި' ފަނާކުރުމުގައި ޖޯޝާ އެކީ ކުރިއަށް ދާ އަދުގެ ސަރުކާރާއި މުއައްސަސާތަކެއްގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާއިން ބަރީއަވެ އިހުމާލުވެފައިވާ މިންވަރު ދައްކުވައިދޭ ހަގީގަތެވެ.

ދިރިއުޅުމާއި ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ގުދުރަތީ ސާފު ވެއްޓާއި ވަސީލަތްތަކުގެ އަސާސީ ހައްގުތަކުން ރައްޔިތުންގެ އެތައް ބައެއް މަހުރޫމު ކުރަމުންދާތަން ހާމަކޮށް ފެންނަން އޮތަސް އެއީ މިއަދު ނުދައްކާނެ ވާހަކަތަކެކެވެ.

އެޑިޓަރުގެ ނޯޓު

ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތްކުރައްވާ ރިސާޗަރެކެވެ. އޭނާ ގެންދަވަނީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން އެކި މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އޭނާއަކީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެކެވެ. އޭނާ ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ދެ ޔުނިވަސިޓީއަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް