ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)

ކުރިން ބުނި އެތި ކެންސަލް ކުރައްވާށެވެ.

ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ އިސްކޮޅުން ދިގު، ހިތްހެޔޮ، މަޑުމައިތިރި، ހެޔޮ ލަފާ އަދި ސޯލިހު ބޭފުޅެކެވެ. އަޅުގަނޑުގެ މުނިކާފަމެންނާ ވެސް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ނަމަވެސް އެ ކިލެގެފާނަކީ 1857 ވަނަ އަހަރުން ފެށިގެން ދެމިގެން ދިޔަ ވޯރާ ވިޔަފާރިވެރިންގެ ބާރުގެ ދަށުގައި ރާއްޖޭގެ އިގްތިސާދު ބޭއްވުމަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އަދި އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތުމުގެ ސިޔާސަތު ދެމެހެއްޓެވުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ރުހުމަކާ ނުލައި އިނގިރޭސީންނަށް އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދެއްވި ލިޔުމުގައި ސޮއި ކުރެއްވީ ވެސް އެ ކިލެގެފާނެވެ. އެ ކިލެގެފާނު އެންމެ ފަހުން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ވެސް ގަން 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދެއްވި މައްސަލަ ހޫނުވެގެންނެވެ.

އިބްރާހީމް ފާމްލަދޭރި ކިލެގެފާނު މެދުތެރޭގައި ކަޅު ހެދުމެއް ތުރުކުރައްވައިގެން

މާ ބޮޑު ތާރީހަކަށް ދާކަށް ނެތީމެވެ. ނަމަވެސް އިނގިރޭސީން ރާއްޖެއަށް މިނިވަކަން ދިނީ، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ކަނޑައެޅުމަށް ފަހު ކަމަށް ބުނެވިދާނެ އެވެ. އެހެނީ އިނގިރޭސީން ރާއްޖެއަށް މިނިވަންކަން ދިންތާ ދެތިން މަހުގެ ތެރޭ، 8 ނޮވެމްބަރު 1965ގައި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އިއުލާނުކޮށް، ޗާގޯސްގެ ރަށްތަކަކީ އެ ޓެރިޓަރީގެ ރަށްތަކުގެ ގޮތުގައި ކަނޑައެޅި އެވެ. މާނައަކީ އިނގިރޭސީން ރާއްޖެ ދޫކޮށްލިއަސް އެ މީހުންގެ ބާރު އިންޑިއަން އޯޝަނުން ނުގެއްލުމެވެ. އަދި ދާދި ފަހުން، 1991 ވަނަ އަހަރު ކުރި ގަލްފު ހަނގުރާމާގައި އިރާގަށް ބޮން އެޅުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރި، ޔޫއެސް އެއާފޯސް ބީ- 52 މަރުކާގެ ބޯޓުތައް ދަތުރު ކުރީ ވެސް ޗާގޯސް މިލިޓަރީ ބޭސް އިންނެވެ.

އިނގިރޭސީންނާއި އެމެރިކާގެ މަސްލަހަތާ އެއްގޮތަށް އިންޑިއަން އޯޝަން ޓެރިޓަރީ ދަނީ ބޭނުން ކުރަމުންނެވެ.

އެއީ އެ ތާރީހެވެ. މީގެ ހައެއްކަ، އަށެއްކަ އަހަރު ފަހަތަށް ޖެހިލާ އިރު އިންޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާގެ ވަށައިގެން ހުރި ގައުމުތަކަށް ޗައިނާގެ ނުފޫޒު ވަރުގަދަކޮށް 'ހާރެއް'ގެ ތެރެއަށް އިންޑިއާ ކޯނާކޮށްލި މައްސަލަ އެވެ. ޕާކިސްތާނު، ސްރީ ލަންކާ، ދިވެހި ރާއްޖޭގައި ޗައިނާ އިން ބިޔަ އިންވެސްޓްމަންޓްތަކެއްކޮށް، ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރި ތަން ފެނުނެވެ. އޭގެ އިތުރުން، ރާއްޖޭގެ ހުޅަނގަށް ޖެހިލާ އިރު، އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކާ ހަމައަށް ޗައިނާގެ 'ބެލްޓް އެންޑް ރޯޑް'ގެ ސިލްކް ރޫޓް ދަމާލި އެވެ.

އިންޑިއާއަށް ހޭލެވުނު އިރު ގިނަ ތަންތަނެއްގައި ޗައިނާ އިން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. އެއާ އެކު، އިންޑިއާ އިން މަސައްކަތްތަކެއް ފެއްޓި އެވެ. އެގޮތުން، އެފްރިކާ ފަޅީގައި އޮތް މޮރިޝަސްގެ އަގަލަގަ ރަށުގައި މިލިޓަރީ ބޭހެއް ގާއިމުކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށެވެ. އަދި ދާދި ފަހުން ސްރީ ލަންކާއަށް ދިމާވި އިގްތިސާދީ ކާރިސާގައި ވެސް  އެތައް ބިލަން ޑޮލަރުގެ ލޯނާއި އެ ނޫން އެހީތައް ދީ، އެ ގައުމު އެ މީހުންގެ 'މުށު ތެރެއަށް' ލުމުގެ މަސައްކަތް ކުރި އެވެ. ބޭނުމަކީ ކުރިން ހިނގި ކަންކަމުގެ މައްޗަށް ފަސްއެޅުމަށް ފަހު އެ ކޮންޓްރޯލް އަލުން ހޯދުމެވެ. އަދި އެ ބީދައިން ރާއްޖެއާ ދޭތެރޭގައި ވެސް އޮތް 'ގުޅުން' އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ވަރަކަށް އެ ކުރަނީ ދެ ވަނަ ބޭނުމެއް އޮވެގެންނެއް ނޫނެވެ. ރާއްޖޭގެ އުތުރުން ހދ. ހަނިމާދޫ ނުބައްދަލު ވަރަކަށް ތަރައްގީ ކުރުމަށް ލޯން ދިނުމާއި އުތުރު ތިލަފަޅުގެ އަޑި ނޭނގޭ  މަޝްރޫއު އާއި އައްޑޫގައި ރާއްޖެއާ ނުބައްދަލު ބޮޑު ޕޮލިސް އެކަޑަމީއެއް ހެދުމަކީ ވެސް ރާއްޖޭގެ މައްޗަށް އިންޑިއާގެ އަތްގަދަ ކުރުމަށް ހިންގާހާ ކަންކަމެވެ.

އިންޑިއާ ގަބޫލުކުރާ ގޮތުގައި، އިންޑިއާ ކަނޑުގައި ދުނިޔޭގެ އިތުރު ބާރަކުން ގަދަވެ އޮތުމަކީ އެ މީހުންނަށް ގަބޫލު ކުރެވޭ، ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ، އެފްރިކާ ފަޅިން މޮރިޝަސްގެ އަގަލަގާގައި އެ މީހުންގެ ބޭހެއް ގާއިމެއް ނުކުރީހެވެ.

ފޯޅަވަހީގެ މައްސަލާގައި ރާއްޖެއިން ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ދަމަހައްޓަމުން އައި ސްޓޭންޑް ކުއްލިއަކަށް އަދި ބައިނަލްއަގުވާމީ ޓްރައިބިއުނަލްގެ އެޑުއެހުންތައް ކުރިއަށް އޮއްވައި، މިދިޔަ އޮގަސްޓް 22ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކުން ބަދަލު ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ އެވެ. ނުވިސްނެ އެވެ. އަދި ސްޓޭންޑް ބަދަލުކުރީ އިސްތިއުމާރާ ދެކޮޅުވުމަށް ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަ ދެކޮޅެއް ވެސް ނުޖެހެ އެވެ. ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ކަމަށް ބުނާ ބުނުމަކީ ބައިންޑިން އެއްޗެއް ނޫނެވެ. އެއީ އިސްތިޝާރީ ލަފައެކެވެ. އެއަށް އަމަލު ކުރުމާއި ނުކުރުމުކީ އިހުތިޔާރީ ކަމެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނާއި ބައިނަލްއަގުވާމީ ގާނޫނު ބުނާ ގޮތުން ވަކި ގޮތެއް ކަނޑަނޭޅި ހުރި، ބޭސް ލައިނުން ފެށިގެން 200 މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދެވެ. އެގޮތުން، ރާއްޖޭގެ ދެކުނުން ގަން ކަނޑު ނޫނީ ފޯޅަވަހި ކަނޑަކީ ވަކި ގޮތެއް ނުނިމި އޮތް ކަނޑެކެވެ. އެ ކަނޑުގެ އިން ވަކި ކުރުމުގެ މަރުހަލާ އެ ދަނީ ކުރިއަށެވެ. ކުރީގެ ބަންޑާރަ ނައިބު އަދި ކަނޑުތަކުގެ ގާނޫނުގެ މާހިރު، ޑރ. މުހަންމަދު މުނައްވަރާއި ކުރީގެ  ބަންޑާރަނާއިބުން ކަމަށްވާ ދިޔާނާ ސައީދާއި އާޒިމާ ޝުކޫރު ވެސް ވިދާޅުވެފައިވާ ގޮތަށް އެ ކަނޑުން ބޮޑު ބައެއް ލިބެން ޖެހޭނީ ދިވެހިންނަށެވެ. އެހެނީ އެ ކަނޑު މިހާތަނަށް ބޭނުން ކުރަމުން އައި ބަޔަކީ ދިވެހިން ކަމަށްވުމުގެ އިތުރަށް ފޯޅަވައްސަކީ ފަޅުތަނަކަށް ވުމެވެ. ބައިނަލްއަގުވާމީ ގާނޫނުގެ ބައެއް މާހިރުން ގަބޫލު ކުރާ ގޮތުގައި ވެސް ރާއްޖެއަށް އެ ކަނޑުން ފޯޅަވައްސަށް ވުރެ ބޮޑު ބައެއް ލިބެން ޖެހެ އެވެ. އަދި އެއީ ވަކާލާތު ނުކޮށް ދޫކޮށްލަން ޖެހޭ ކަމެއް ނޫނެވެ.

ފޯޅަވައްސަކީ ދިވެހިންގެ ތަނެކޭ ބުނާކަށް އަޅުގަނޑު ނެތީމެވެ. އެކަމު ތާރީހު ރަނގަޅަށް ދިރާސާކޮށްފި ނަމަ، މަލިކެކޭ އެއްގޮތަށް ފޯޅަވައްސަކީ ވެސް ދިވެހިންނާ ގުޅުން އޮތް ތަނަކަށް ނުވާނެ ވާހަކައެއް ވެސް ނުމެ ނޫންމެ އެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ދައުވާއަކީ މައްސަލަ ނިމުމުގެ ކުރިން، 1991 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ދަމަހައްޓަމުން އައި 200 މޭލަށް ކްލެއިމް ކުރުމުގެ އުސޫލު ދޫކޮށްލި މައްސަލަ އެވެ. ރާއްޖޭގެ ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަންގެ ވާހަކައިން ވެސް އެކަން ޔަގީންވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެ ގައުމު ދެ މެދުގައި އެއްބަސް ނުވެވޭ ހަމަ އެކަނި ނުކުތާއަކީ ބައިކުރުމަށް ކަޑަ ޖަހާ ހިސާބެވެ. އެ ނޫން ހުރިހާ ކަމަކަށް އޮތީ އެއްބަސްވެފަ އެވެ. މާނައަކީ، ދެ ބައި ހަމަހަމަކޮށް ބެހުމަކަށް ދެ ފަރާތުގެ ދެ ބަސްވުމެއް ނެތުމެވެ.

ޗާގޯސްގެ ރަށްތަކަކީ ރާއްޖޭގެ ރަށްތަކާ ވަރަށް އެއްގޮތް ރަށްތަކެކެވެ. އެ ރަށްތައް އިނގިރޭސީންގެ އަތުން ވީއްލެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ފޫނުބެއްދޭ ވަރުގެ ބޮޑު ދެ ގެއްލުމެއް ކުރިމަތިވެދާނެ އެވެ؛ އަޅުގަނޑުމެންނަކަށް ނޫނެވެ. މުސްތަގުބަލުގެ ޖީލުތަކަށެވެ. އެއް ގެއްލުމަކީ މޮރިޝަސް މީހުން، އާންމު އުސޫލުން އެ ކަނޑުގައި ދާ އެޅުމަށް ބޭރުގެ ބަޔަކަށް ވިއްކާލައިފި ނަމަ، ދިވެހި މަސްވެރިންނަށް ލިބޭނެ ގެއްލުމެވެ. އަނެއް ގެއްލުމަކީ އެ ތަނުގައި ރާއްޖެއާ އެއްގޮތް ޓޫރިޒަމެއް ތަރައްގީކޮށްފި ނަމަ، ރާއްޖެއަށް އެކަމުން ލިބޭނެ އިގްތިސާދީ ގެއްލުމެވެ. އެ ދެ ކަމަށް ބަލާ އިރު ރާއްޖޭގެ ސްޓޭންޑް ގޯހެވެ. ރާއްޖެއަށް ފޯޅަވަހި ނުލިބޭ ނަމަ ރާއްޖެއަށް އެންމެ މަސްލަހަތު އޮތް ގޮތަކީ އިނގިރޭސީންގެ އަތުގައި އެތަން އޮތުމެވެ.

ޗާގޯސިއަން ވޮއިސެސް (ފޮޓޯ/ ފޭސްބުކް)

އިނގިރޭސީންނަށް އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދިން މައްސަލައަށް ފަހު، އަދި އައްޑޫ މައްސަލަ އެންމެ ހޫނުވި ދުވަސްވަރު ކުރީގެ ބޮޑުވަޒީރުގެ ނިންމުން ކުށްވެރި ކުރައްވައި 1959 ވަނަ އަހަރު އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު އިބްރާހިމް ޝިހާބު ވިދާޅުވީ ބޮޑުވަޒީރު އެކަން ކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއެއް ނެތި އަދި ރައްޔިތުންގެ މަޖިލީހާއި ރަދުންނަށް ވެސް އެނގިވަޑައިނުގެން ކަމަށެވެ. އިބްރާހިމް ޝިހާބު ވިދާޅުވީ އެ ނިންމުން ބަލައިނުގަންނަވާ ކަމަށާއި އެއީ ރަމްޒީ ސޮއެއް ކަމަށެވެ.

އަޅުގަނޑު ދަންނަވާނީ މިއަދު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަން އެ ކުރެއްވީ ކުރީގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ކަން ކުރެއްވި ގޮތަށެވެ. ސިއްރު ސިއްރުން، މުނާސަބަތު ނޫން ވަގުތެއްގައި އެފަދަ ސިޓީއެއް މޮރިޝަަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވުމުގެ ސިއްރެއް އޮންނާނެ އެވެ. އަދި ހާއްސަކޮށް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިން ބުނެ ބުނެ ތިއްބަ އެވެ. އަޅުގަނޑު ތުހުމަތު ކުރާނީ، ކުރީގެ ބަންޑާރަނައިބު މުނައްވަރު ވިދާޅުވި ގޮތަށް، ރައީސް އެފަދަ ކަމެއް ނޫން ވަގުތެއްގައި ހަމަ އެ ކުރެއްވީ އިންޑިއާގެ މަސްލަހަތާ ހެދި އެވެ. އަޅުގަނޑު ގޮވާލަން ބޭނުންވަނީ އެ ނިންމުން އަނބުރާ ގެނެސް، ކުރިން ވެސް ރާއްޖެއިން ވަކާލާތު ކުރި ގޮތުގައި ދެމި ތިބުމަށެވެ. އެކަން ކާމިޔާބުވުމާއި ނުވުމަކީ އަދި ތަފާތު ކަމެކެވެ.

ކޮމެންޓް (4)

އަލީ އަނީސް

4 ނޮވެމްބަރު 2022
ދިވެހިން ވަކިގޮތެއް ނިންމިއަސް ނުނިންމިއަސް ކޮންމެ ވެސް ދުވަހަކުން އިނގިރޭސީން އެތަން ދޫކޮށްލާނެއެވެ. މިހާރު ވެސް އެކޮޅުމަތި ދަނީ ފެންނަމުންނެވެ. އެ ދުވަހުން ބައިނަލް އަޤްވާމީ ނިޒާމުގެ ތެރެއިން ޗާގޯސް ވާނީ މޮރިޝަސްގެ ތަނަކަށެވެ. ޗާގޯސް ދިވެހިރާއްޖޭގެ ބަޔަކަށްވާނެ އެއްވެސް ހަމައެއް ނެތެވެ. އަދި އެކަމަށް ބަޔަކު ވަކާލާތެއް ވެސް ނުކުރެއެވެ. ޗާގޯސް މައްސަލައިގައި ސަރުކާރުން ސިއްރުންކުރާ ކަމެއް ނުފެނެއެވެ. ރައީސް ސިޓީފުޅެއް ފޮނުވިއަސް އެކަމަކީ ބައިނަލްއަޤްވާމީ ކޯޓްތަކާއި ޓްރިބިއުނަލްތަކު ބަލައިގަންނާނެ އަދި ދެ ޤައުމުގެ ދެމެދުގައި ވެފައި އޮތް އެއްބަސްވުމަކަށްވާނެ އެއްޗެއް ވެސް ނޫނެވެ. ކޮންމެ މީހަކު ވެސް ބޮޑުބައި ބޭނުންވާނެއެވެ. އެކަމަކު އިންސާފަށް ލޯބިކުރުމާއި ޙައްޤު މިންވަރަށް ވާހަކަ ދެއްކުމުގެ ހިތްވަރު ހުންނަންވާނެއެވެ.
0 3

ނަޝީދު

3 ނޮވެމްބަރު 2022
ތަންދޮރު އެނގިހުރެގެން ލިޔޭ! ތިމާމެންގެކިބައިގައި ނެތް ފެންވަރުގެ ވާހަކަދައްކައި ގައުމުގައި ފިތުނަ ނުއުފައްދާ!
1 0

ނިޒާރު

1 ނޮވެމްބަރު 2022
ރަނގަޅަށް ދެކޮޅު ހޯދާބަލާފަ ލިޔައްޗޭ! ފިތުުނަވެރިންގެ ޢާއިލާވެސް ނިމިިދާނީ ފިތުނައިގަ ފިތިގެން. ހރގ
2 0

ސުލޭމާނު

1 ނޮވެމްބަރު 2022
ވަތަށް ރަގަޅު!!! ހަމަވަތަނީ އިލްތިމާސެއް ތީ. މޒ އަށް ހެޔޮ ދުޢާ.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް