ލަންކާގައި މުޒާހަރާ ކުރާ މީހުން މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭޕީ)

ލަންކާގައި އުޅޭ ދިވެހިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަން ފަށައިފި

އެ މީހުން ދެކޭ ގޮތުގައި ލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިނުމަކީ ގޯހެއް

ސްރީ ލަންކާގެ އިގްތިސޯދު އަޑިއަޅާލުމާއި އެ ވަގުތު ފެންމަތިވި ގައުމުގެ ވެރިންގެ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ކުރަން ފެށި މުޒާހަރާތަކަށް، ފާތުމަތު ޔުމްނާގެ އަވަށްޓެރިން ގަވައިދުން ދާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. މީގެ ހަ އަހަރު ކުރިން ރާއްޖެ ދޫކޮށް، ލަންކާގައި ދިރިއުޅެމުން އަންނަ ޔުމްނާގެ އަވަށްޓެރިންގެ ހިތުގައި، އެ ގައުމުގެ ވެރިންނަށް އުފެދިފައިވާ ނަފުރަތާއި، އެ މީހުން އުޅެން ޖެހިފައިވާ ހާލުން ކުރިމަތިވެފައިވާ ނިކަމެތިކަން ބޮޑެވެ.

އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް މިއަދު ޔުމްނާ އާއި އޭނާގެ އާއިލާ ހުރީ ލަދުގަނެފަ އެވެ. އަދި ދެން ދިމާވެދާނެ ކަމަކާ މެދު އެމީހުންގެ ހިތުގައި އުފެދިފައިވާ ބިރު ވެސް ބޮޑެވެ.

"މިތާ އުޅޭއިރު އެ މީހުން އުޅޭ ހާލު ފެނޭ. ރާޖަޕަކްސަމެން ދެކެ އަންނަ ރުޅި އެނގޭ،" ތިން ދަރިންނާއި މަންމައާ އެކު، ލަންކާގައި އެކަނި ދިރިއުޅެމުން އަންނަ ޔުމްނާ ބުންޏެވެ.

"ދެން ކުއްލިއަކަށް މިއަދު އިރުއެރި ތަނުން މި އެނގުނީ [ރައީސް] ގޯތާބާޔައަށް ރާއްޖޭން ހިމާޔަތް ދިން އަޑު. ދެން ކީކޭތޯ އަޅުގަނޑުމެން އަވަށްޓެރިން ކައިރީ ބުނާނީ."

މިއަދު އިސްތިއުފާ ދެއްވަން ނިންމާފައިވާ ގޯތާބާޔަ ރާއްޖެ ވަޑައިގެންނެވީ، ރޭ ދަންވަރުގެ ވަގުތެއްގައި ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. ބައެއް މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ގޯތާބާޔަ ރާއްޖެ ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެގެންނެވެ. އަދި އެކަމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފަ އެވެ.

ލަންކާގައި މުޒާހަރާ ކުރާ މީހުން 9 ޖުލައި 2022 ވަނަ ދުވަހު ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭޕީ)

އެކަމާ ދެކޮޅަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި އަޑުއުފުލަމުން ދާއިރު، ލަންކާގެ މަސްލަހަތު އަނެއްކާ ވެސް ވަނީ ގޯސްވެފަ އެވެ. މި ފަހަރު ރާއްޖެއާ ގުޅުވައިގެންނެވެ.

ޔުމްނާ ބުނީ އަވަށްޓެރިންނާ އެކު އޮންނަ ގުޅުން ރަނގަޅުވުމުން، އެ މީހުންގެ ފަރާތުން އޭނާއަށް އަދި ބަދުބަހެއް ނީވޭ ކަމަށެވެ. އެކަމަކު އެހެން ހުރިހާ އެންމެން ނުދެކޭނެ ކަމަށާއި އެ މީހުން އެންމެ ރުޅި އަންނަ އެކަކަށް، ރާއްޖޭން ހިމާޔަތް ދިޔުމުން، އެ މީހުންގެ ފަރާތުން ނުރައްކަލެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ޔުމްނާ ގަބޫލު ކުރެ އެވެ. 

"އެ މީހުން ތިބީ ވަރަށް ވަރަށް ރުޅި އައިސްފައި. މި ފަދަ ހާލަތެއްގައި އަޅުގަނޑުމެންގެ ސަލާމަތާ މެދު ވެސް ކަންބޮޑުވޭ،" އޭނާ ބުންޏެވެ.

ސްރީ ލަންކާ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލައި އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެ ގައުމުގެ ރައީސްއަށް ރާއްޖެއަށް ހިމާޔަތް ދިނުމުން، އެ ކަމާ ދެކޮޅަށް ކޮލަމްބޯގައި މިހާރު އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި ލަންކާގައި އެތައް ހާސް ދިވެހިން އުޅޭއިރު، ރުޅި ގަދަވެފައިވާ އާއްމުންގެ ހަމަލާއެއް އެ އާއިލާތަކަށް އައިސްދާނެތީ، އެ މީހުން ކަންބޮޑުވެ އެވެ.

ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ. (ފޮޓޯ/އޭއެފްޕީ)

ލަންކާގައި ދިރިއުޅޭ ބައެއް އާއިލާތަކުގެ އަނެއް ކަންބޮޑުވުމަކީ، ގޯތާބާޔައަށް ހިމާޔަތް ދިނުން ދިފާއުކޮށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އެވެ. މިއީ ކުރިއްސުރެ ގާތް މި ދެ ގައުމުގެ ދެމެދުގައި ހުޅުރޯވެ، ދިވެހިންނާ މެދު ލަންކާ މީހުން ދެކޭ ގޮތް ބަދަލުވެދާނެ ކަމެއް ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އަދި ލަންކާގެ ސަރުކާރަށް ތާއީދުކޮށް ކުރާ މި ފަދަ ޓްވީޓްތަކުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް އައުން އެކަށީގެންވާ ކަމަށް ވެސް އެ މީހުން ގަބޫލު ކުރެ އެވެ.

ލަންކާގެ ރައީސް އިސްތިއުފާ ދެއްވުމުގެ ކުރިން އެ ގައުމުން ފިއްލެވީ އިސްތިއުފާއަށް ފަހު، ހައްޔަރުކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެ މަނިކުފާނު ރައީސް ކަމުގައި ހުންނަވަނިކޮށް ހައްޔަރެއް ނުކުރެވެނޭ އެވެ. އެހެންވެ އޭގެ ކުރިން ގައުމު ދޫކޮށް ވަޑައިގެންނެވީ ކަމަށް ބެލެވެ އެވެ.

އެކަމަކު އެކަމުގެ ތެރެއަށް ރާއްޖެއިން ވަނުމުން، ބައެއްގެ ސަލާމަތާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް