ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: އެ ކޯޓުގެ ކުރީގެ ބެންޗުން ކުރި ހުކުމެއް ކޮށްފައި ވަނީ "ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް" ކަމަށް މިހާރުގެ ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
'ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް' ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތަކެއް ކުރި ހުކުމެއް ބާތިލުކޮށްފި
ސުޕްރީމް ކޯޓުުގެ ކުރީގެ ބެންޗުން ބެލި މައްސަލައެއްގައި އޭރުގެ ފަނޑިޔާރުން ކުރި ހުކުމަކީ "ކަނޑައެޅިގެން ގާނޫނު އެއްފަރާތްކުރުމަށް ފަހު ކުރި ހުކުމެއް ކަމަށް" ކަނޑައަޅައި އެ ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ވިލަމެންދޫ އައިލެންޑް ރިސޯޓާއި އެރިޔަދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރި ލޯންޗެއްގެ މިލްކުވެރިކަމާއި އެ ލޯންޗާއި ދޯނީގެ ކުއްޔަށް 14 އަހަރަށް ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ހޯދަން އެ ދެ ރިސޯޓުގެ މިލްކުވެރިކަން އޮތް އަދި ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. ވާލީވިލާ ގޭގެ އަށް މީހެއްގެ މައްޗަށް ލޯންޗުގެ ވެރިފަރާތް މުހައްމަދު އަނީސް 2008 ގައި އޭރުގެ މަދަނީ ކޯޓުގައި ދައުވާ ކުރި އެވެ.
މި މައްސަލަ ފެންމަތިވީ، ވިޔަފާރިވެރިޔާ މުހައްމަދު ފަހީމް މަރުވުމުން އޭނާ އާއި އަބްދުﷲ އަލީ ކިޔާ މީހެއް ހިއްސާވާ ވިޔަފާރިތަކުގެ ތެރެއިން ފަހީމްގެ ވާރިސުންނަށްވާ ބައި ބެހުމުގެ ތެރޭގައި ލޯންޗަކީ ފަހީމްގެ ވާރިސުންނަށް ހައްގު މުދަލުގެ ތެރޭގައި އަނީސް ކުއްޔަށް ދިން ލޯންޗު ހިމެނޭ ކަމަށް މަދަނީ ކޯޓުން ކުރިން ނިންމި ނިންމުމަކަށް ފަހު އެވެ. މި މައްސަލައިގައި ހިމެނޭ ވާލިވިލާ ގޭގެ މީހުންނަކީ ފަހީމްގެ ވާރިސުންނެވެ.
ކޯޓުތަކުގައި ވީ ގޮތް ކުރުކޮށް:
-
މަދަނީ ކޯޓަށް އަނީސް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ހުކުމް ކުރީ އޭނާއާ އެއްކޮޅަށް
-
އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި
-
2015 ގައި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ފަހީމްގެ ވާރިސުންނާ އެއްކޮޅަށް
-
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ނިންމި އެ ނިންމުން އެ ކޯޓުން އަލުން ބަލައި މުރާޖައާކޮށްދޭން އަނީސްގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތް
އެ މައްސަލަ އަލުން ބަލައި، އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ހިމެނޭ ލޯންޗަކީ އަނީސްގެ ލޯންޗެއް ނޫން ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރުން ނިންމި ނިންމުމަކީ "ކަނޑައެޅިގެން ގާނޫނު އެއްފަރާތްކުރުމަށް ފަހު" ނިންމި ނިންމުމެއް ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ އެ ބައި ބާތިލު ކުރި އެވެ.
އޭގެ އިތުރުން، އޭނާގެ ނަން މަތީގައި އޮތް ދޯންޏަށް ކުއްޔެއް ދޭން ޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ވެސް ބާތިލު ކަމަށް ކަނޑައެޅި އެވެ. އެ ދެ އުޅަަނދަކީ ވެސް އަނީސް ކުއްޔަށް ދިން އުޅަނޑުތައް ކަމަށް ބަލައި، މަދަނީ ކޯޓުންނާއި ހައި ކޯޓުން ކުލީގެ ގޮތުގައި ކަނޑައެޅި އަދަދަކީ ގާނޫނާ އެއްގޮތަށް ކަނޑައެޅި އަދަދުތަކެއް ކަމަށް ވެސް ނިންމި އެވެ.
ހުކުމުގައި ވަނީ އެ ލޯންޗާއި ދޯނި އަނިސްއާ ހަވާލުކުރުމަކީ މަދަނީ ކޯޓުގެ ކުރީގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހަޅައިގެން ކުރިއަށްގެންދެވިދާނެ މައްސަލައެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގައި މި މައްސަލަ އަލުން ބެލި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ކުރީގެ ބެންޗުގައި ތިއްބެވީ އޭރުގެ ފަނޑިޔާރުން އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފް އަދި އަލީ ހަމީދު އެވެ.
މި މައްސަލަ މިހާރުގެ ބެންޗުން ބަލަން ފެށި ފަހުން ބޭއްވި އަޑުއެހުމުގައި އަނީސް ވަނީ ކުރީގެ ބެންޗުން މައްސަލަ ބެލި އިރު އެ ބެންޗުގެ ފަނޑިޔާރެއްގެ ފަރާތުން މީހަކު އޭނާއާ ބައްދަލުކޮށް ދެ މިލިއަން ރުފިޔާގެ ރިޝްވަތަކަށް އެދުނު ކަމަށް ބުނެފަ އެވެ. އެކަމަކު، ގާނޫނީ އިމުގެ ތެރެއިން މައްސަލަ އިންސާފުން ކުރިއަށް ގެންގޮސްފި ނަމަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން އެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށް އަނީސް ބުންޏެވެ.
އޭނާ އެ ހުށަހެޅުން ގަބޫލު ނުކުރިޔަސް، މި މައްސަލައިގައި އިސްތިއުނާފު ރައްދުވި މީހުންގެ ފަރާތުން އެ ފަނޑިޔާރާ ބައްދަލުކުރި ކަމަށް އަނީސް ތުހުމަތު ކުރި އެވެ. އަދި އެ ފަނޑިޔާރަށް އެ މީހުންގެ މަސްލަހަތު އޮންނަ ޕްލެޓިނަމް ކެޕިޓަލް ކުންފުނިން އެޅި އެޕާޓްމެންޓުތަކުގެ ތެރެއިން އެޕާޓްމެންޓެއް ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ. އަދި 1 މިލިއަން ޑޮލަރު ދޭން ވެސް ވާހަކަ ދެކެވުނު ކަމަށް ބުންޏެވެ.