ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އާބިދު. އޭނާގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް އިންކާރުކުރާ ކަމަށް ބުނެފައިވޭ
މަރުގެ ދައުވާއަށް ކައްކާ އާބިދު އިންކާރު؛ އޭނާ ބުނީ ގަސްތުގައި ޝަމީމް މަރާނުލާ ކަމަށް
މިދިޔަ ރޯދަ މަހު ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ ހިންގި މާރާމާރީއެއްގައި ވެއިޓަރު މަރުވި މައްސަލައިގައި އެ ރެސްޓޯރެންޓްގެ ކައްކާ، ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިންކާރުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި 16 އޭޕްރިލްގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝް ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުގައި އާބިދު، 26، ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް އެ ދުވަހުގެ ރޭ ދަންވަރު، ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތީގައި ހުއްޓަ އެވެ. އެގޮތުން:
-
އެ މައްސަލައިގައި އާބިދުގެ މައްޗަށް ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހު
-
ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ
ވީ ކިހިނެއް؟ - އާބިދުގެ މައްސަލައިގައި މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ތަރުޖަމާނެއްގެ އެހީއާއެކު އޭނާއަށް ހައްގުތައް ކިޔައިދިނުމަށްފަހު ދައުލަތުން ދައުވާ އިއްވަން ފުރުސަތު ދިނެވެ.
ދައުލަތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 16 އޭޕްރިލް ވަނަ ދުވަހު ހާންޖީ ރެސްޓޯރެންޓު ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އޭނާ އަތުގައި އޮތް ވަޅިއަކުން ޝަމީމްގެ މޫނުގެ ވައަތް ފަރާތު ކޮލަށާއި މެއަށް ހަމަލާދީ މަރާލާފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ކުށުގެ އަދަބަކީ މަރަށް މަރު ހިފުން ކަމަށެވެ. އެ ކުށް ކުރަން އުޅުމާއި އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުން ފަދަ އެއްވެސް ކަމެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ބުނެފައިވެ އެވެ.
ތަފްސީލް - އާބިދުއާ ހަވާލާދީ އޭނާގެ ވަކީލު މިއަދު ކޯޓުގައި ވިދާޅުވީ:
-
ހަމަނުޖެހުމުގެ ތެރޭގައި ބޮލަށް ހަމަލާއެއް ލިބުމުން އާބިދު ހުރީ "ބުރާންތި"ވެފައި
-
އާބިދު މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ދިފާއުގައި ކަމަށް ބުނި
-
ހަމަނުޖެހުމުގެ ތެރޭގައި ވަޅި ހޫރި އިރު އެއީ ވަޅިއެއް ކަމެއް ވެސް އޭނާއަށް ޔަގީން ނުވާ ކަމަށް ބުނި
-
އެހެންވެ، ގަސްތުގައި ޝަމީމް މަރާލާފައި ނުވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރުކުރި
އެނގުން މުހިންމު - މީގެ ކުރިން އާބިދު ވަނީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގައި ބޭއްވި ބަންދު އަޑުއެހުމެއްގައި ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ބުނާ ގޮތުން ނަމަ އެއީ ޝަމީމް މަރާލަން ދިން ހަމަލާއެއް ނޫނެވެ. ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިޔަ ނުދިނުމަށް، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމަވާފައި ވަނީ ދައުލަތުގެ ހެކިތައް އެއްފަހަރާ ނެގުމަށެވެ. އެގޮތުން، އަންނަ ހޮނިހިރު ދުވަހު އެކަމަށް އަޑުއެހުމެއް ބާއްވައި ދައުލަތުގެ 11 ހެކިވެރިއެއްގެ ހެކިބަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް މަރުވި ހާދިސާ ހިނގީ ރޯދަމަހުގެ ރޯދަވީއްލުމަށް ތައްޔާރުވަމުން ދަނިކޮށް، ހަވީރު 5 ޖަހާކަން ހާއިރެވެ. ޝަމީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.