ޓެކްސީ ޑްރައިވަރު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ އަދުހަމް މުހައްމަދު: އޭނާ ބުނަނީ ގާސިމް މަރާލީ ގަސްތުގައި ނޫން ކަމަށް.

ޑްރައިވަރު ގާސިމް މަރާލުން: ކްރިމިނަލް ކޯޓުން ހެކިބަސް ނަގައި ނިންމާލައިފި

ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރާ އަދުހަމް މުހައްމަދުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ހެކިބަސް ނަގައި ނިންމާލައިފި އެވެ.

މައްސަލައިގެ ފެށުން - ދައުލަތުން ބުނާ ގޮތުގައި، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ 4 ޑިސެމްބަރު 2019ގެ ރޭ ގާސިމްގެ ކާރުގެ ތެރޭގައި، އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ޅ. ހިންނަވަރުު/ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ގާސިމް ހަސަނަށް ބިރުދައްކަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުުމުގެ ދައުވާކޮށްފަ އެވެ. 

މި މައްސަލައިގައި:

  • އެންމެ ފުރަތަމަ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އަދުހަމް ކްރިމިނަލް ކޯޓުގައި ގާސިމް މަރާލި ކަމަށް އެއްބަސްވެ، މައާފަށް އެދުނު

  • އެ ފަހުން ކުށަށް އިންކާރު ކުރުމަށް ފަހު މިހާރު އަނެއްކާ ވެސް އޭނާ ވަނީ އިއުތިރާފުވެފައި

  • އަދުހަމް ބުނަނީ އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ އޭނާ އަތުން "ވީ ކަމެއް" ކަމަށް

އިއުތިރާފު ވިޔަސް، އެ މަރުގައި ގަސްތެއް ނެތް ކަމަށް އަދުހަމް ބުނާއިރު، ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން އެ މައްސަލަ ސާބިތު ކުރަން ހުށަހެޅި ހެކިން ކޯޓަށް ގެނެސްގެން އެ މީހުންގެ ހެކިބަސް ނަގަން މަސައްކަތް ކޮށްފަ އެވެ.

ވީ ކިހިނެއް؟ - އަދުހަމްގެ ފަރާތުން ދިފާއީ އެއްވެސް ހެކިވެރިއަކު ހުށަހަޅާފައި ނުވާއިރު، މިއަދު ދައުލަތުގެ އެންމެ ފަހު ހެކިވެރިޔާގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ދައުލަތުން ސުވާލުކޮށް ނިމުމުން އަދުހަމްއަށް ދައުލަތުން ހަމަޖައްސާފައިވާ ވަކީލު އައިމިނަތު ރުކްޝާނާ ވެސް ހެކިވެރިޔާއާ ސުވާލު ކުރެއްވި އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދަައުވާ ލިބޭ އަދުހަމް މުހައްމަދުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން.

ހެކިބަސް ނަގައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ. އަދި ގާޒީ ވަނީ އެ ކަމަށް ޖޫން 23 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރައްވައިފަ އެވެ.

ތަފްސީލު - ގާސިމްގެ ހަށިގަނޑު ބަލައި ރިޕޯޓު އެކުލަވާލި ޑޮކްޓަރު މިހާރު ރާއްޖޭގައި ނޫޅޭތީ، މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ގެނައީ އެފަދަ ރިޕޯޓުތައް އެކުލަވާލުމުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވަނީ ގާސިމްގެ މަރުގެ ރިޕޯޓުގައި ކުރި ކަންތައްތައް ކިޔައިދެއްވައިފަ އެވެ.

ރިޕޯޓުގެ އަލީގައި ޑޮކްޓަރު ވިދާޅުވި ގޮތުގައި، ގާސިމްގެ ހަށިގަނޑުގެ ތިން ތަނެއްގައި ކަނޑައިގެން ގޮސްފައި ހުއްޓެވެ. އެއީ އޭނާގެ ކަރާއި ދެ އަތުގައި ކަނޑައިގެން ގޮސްފައި ހުރި ދެ ތަނެވެ. އެގޮތުން:

  • ކަރުގެ ވައަތް ފަރާތުގައި ފުންމިނުން 2 ސެންޓިމީޓަރު ހުރި ތަނެއް

  • ވައަތުގެ ތިން އިނގިއްޔެއްގައި ކަނޑައިގެން ގޮސްފައި ހުރި

  • ކަނާއަތުގެ އަތްތިލައިގައި ވެސް ކަނޑައިގެން ގޮސްފައި ހުރި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން: އޭނާ މަރުވީ އޭނާ ދުއްވި ކާރު ތެރޭގައި ކަރަށް ވަޅިއަކުން ލިބުނު ޒަހަމެއްގެ ސަބަބުން.

ގާސިމް މަރުވީ، އޭނާއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ހަށިގަނޑުގައި ދައުރު ކުރެވޭނެ ވަރަށް ލޭ ނެތިގެން ހަށިގަނޑު ޝޮކަކަށް ގޮސްގެން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރު ވެސް ހަށިގަނޑުގައި ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް، ލިޔުމާ ހަވާލާދެއްވައި ޑޮކްޓަރު ވިދާޅުވި އެވެ.

ދެ ފަރާތުން ވެސް ޑޮކްޓަރާ ސުވާލުކޮށް ނިމުމުން ގާޒީ ނަދީމް ވެސް ސުވާލެއް ކުރެއްވި އެވެ. އޭނާ އެއްސެވީ ގާސިމްއަށް ލިބުނު ފަދަ ޒަހަމެއް ލިބޭތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފަރުވާ ދެވިއްޖެ ނަމަ ފުރާނަ ސަލާމަތް ކުރެވިދާނެތޯ އެވެ. ޑޮކްޓަރު ވިދާޅުވީ، އައިސީޔޫ ފަރުވާ ދެވޭނެ ވަސީލަތްތައް އަދި ކަމާ ބެހޭ ހާއްސަ ޑޮކްޓަރެއް ހުރި ހޮސްޕިޓަލަކަށް ގެންދެވިއްޖެ ނަމަ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތެއް އޮންނާނެ ކަމަށެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ދައުލަތުން ހުށަހެޅި ދެ ހެކިވެރިއަކު ހާޒިރުކުރެވިފައެއް ނުވެ އެވެ. އެހެންވެ، އެ މީހުންގެ ހެކިބަސް ނުނަގަން ވަނީ ނިންމައިފަ އެވެ.

ގާސިމްގެ މަރުގެ ހާދިސާ ހިނގި ކަމަށް އަދުހަމް ކުރިން ކިޔައިދީފައިވާ ގޮތް:

  • ގާސިމް މަރާލި ދުވަހު މާލޭގައި ހުރެފައި، ޕިކަޕެއްގައި ހުޅުމާލެއަށް ގޮސް މަސް ކަނޑަން ކަމަށް ބުނެ ކެފޭއަކުން ވަޅިއެއް ހޯދީ

  • އެ ދުވަހު ވަޅި ފޮރުވައިގެން ހުޅުމާލޭގައި ފޭރޭނެ މީހެއް ހޯދަން އުޅުނު ކަމަށް އޭނާ ބުނި

  • ހުޅުމާލެ އިން ފޭރެން ފުރުސަތެއް ނުލިބުމުން، އެއާޕޯޓަށް ގޮސް އެ ތަނުން ގާސިިމް ޓެކްސީ ކިއުގައި އިންދާ އަދުހަމް އޭނާގެ ކާރަށް އެރި

  • ކާރުގައި ހުޅުމާލޭ ހާފްވޭ ހައުސްއަށް ގެންދަން އެދުމުން ގާސިމް އޭނާ ގޮވައިގެން ހުޅުމާލެއަށް ދިޔަ

  • ހުޅުމާލެއަށް ގޮސް ވަކި ހިސާބަކުން އޭނާ ގާސިމް ކުރިމައްޗަށް ވަޅި ދިއްކޮށް، ބިރުދައްކަން ފެށި

  • އަދުހަމް ހުރީ ގާސިމްގެ ކަރުގައި ކާރުގެ ހެޑް ރެސްޓާ އެކު ލޮކު އަޅުވައިގެން، އަނެއް އަތުން ގާސިމްގެ ކަރުގައި ވަޅި ޖައްސައިގެން

  • އެގޮތަށް ޖައްސައިގެން ހުއްޓާ ގާސިމް ހާސްވެގެން ސަލާމަތްވާން ތެޅިގަތުމުން ކަރަށް ވަޅި ހެރުނީ ކަމަށް އޭނާ ބުނޭ

  • ވަޅި ހެރުމުން ޝޮކެއްގައި ހުރެފައި ކާރުން ނުކުމެ ފިލަން ދުވެފައި ދަނިކޮށް ކޮންސްޓްރަކްޝަން ސައިޓެއްގައި ފައުންޑޭޝަން އަޅަން ކޮނެފައި ހުރި ވަޅުގަނޑަކަށް ވަޅި ވެއްޓުނު

  • ކުރިން ލައިގެން ހުރި ގަމީސް، ގާ އަޅާފައި ހުރި ގޯންޏެއްގެ ތެރެއަށް ލައި، އެ ގޯނި މަތީގައި ބަސްތާއެއް ބަހައްޓާފައި އޭނާ ރައްޓެއްސެއްގެ އަތުން ގަމީހެއް ހޯދައިގެން އެ ގަމީސް ލައިގެން ބަހުގައި މާލެއަށް ދިޔައީ ކަމަށް ބުނި









އިތުރު އާޓިކަލް

އިތުރު އާޓިކަލް