ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް (ފޮޓޯ/ ރައީސް އޮފީސް)

އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ވާން ވަޒީރުންގެ މަޖިލީހުން ލަފާދީފި

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންގެ މެމްބަރު ގައުމަކަށް ވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީ ލިބުން ހިމެނޭ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެންބަރު ގައުމަކަށް ރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ލަފާ އަރުވައިފި އެވެ.

އެނގުން މުހިއްމު - އައިޓީއެފްސީއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރުންގެ ލަފާއާ އެއްގޮތަށް ރައީސް ސޯލިހު ވަނީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަން ނިންމަވާފަ އެވެ. 

"ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި،" ރައީސް އޮފީހުގެ ބަޔާނެއްގައި ބުންޏެވެ.

ތަފްސީލް - އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެ ވުމުން ލިބޭނެ ފައިދާތަކާ ބެހޭގޮތުން ރައީސް އޮފީހުން ބުނީ

  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީ ލިބުން

  • އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުސަތުތައް ތަނަވަސްވުން

  • އާއްމު އަދި އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބުން

  • މެމްބަރު ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރި މުއާމަލާތްތަކުގައި ލެޓާ އޮފް ކްރެޑިޓް ފޯރުކޮށްދިނުން

  • އާންމު ރޭޓްތަކަށް ވުރެ އަގުހެޔޮކޮށް މުދާ އިމްޕޯޓްކުރަން މަގުފަހިވުން

  • އާއްމު އަދި އަމިއްލަ ވިޔަފާރިތަކަށް އާންމު އަގުތަކަށް ވުރެ ހެޔޮ އަގުގައި ފައިނޭންސް ލިބުން

ރާއްޖެއަކީ އައިޓީއެފްސީގެ މެމްބަރެއް ނޫން ނަމަވެސް، އެ ކޯޕަރޭޝަންގެ އެހީ ރާއްޖެއަށް ލިބިފައިވެ އެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން އެ ކޯޕަރޭޝަނުން އެހީ ދިނެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް