ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސައާ ނަޝީދު މިދިޔަ ހަފްތާގައި ބައްދަލުކުރައްވަނީ. (ފޮޓޯ/މަޖިލިސް)

ރާއްޖެ-ލަންކާ

ރާޖަޕަކްސަ ރާއްޖެ ގެނެސް ސޮނޭވާގައި ބަހައްޓާ ވާހަކަ ސޮނޭވާ އާއި މަޖިލީހުން ދޮގުކޮށްފި

ސޮނޭވާ އިން ބުނީ އެ ރިސޯޓުގެ ވިލާއެއް ރާޖަޕަކްސަ އާއިލާއަށް ވިއްކުމުގެ އެއްވެސް މަޝްވަރާއެއް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ކޮށްފައި ނުވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިއަކަށްވެވަޑައިގެން، ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ރާއްޖޭން ހިމާޔަތްދިނުމުގެ އިތުރަށް، ސޮނޭވާ ފުށީގެ ވިލާއެއް އެ އާއިލާއަށް ވިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނާ ވާހަކަތައް ސޮނޭވާ ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުން މިއަދު ދޮގުކޮށްފި އެވެ. 

ގުޅުންހުރި ކަމެއް - ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް އެ ގައުމަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވަނީ ނަޝީދު ހަމަޖައްސަވާފަ އެވެ.

ވީ ކިހިނެއް؟ - މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ ނަޝީދު މެދުވެރިއަކަށްވެ، ރާޖަޕަކްސަގެ އާއިލާ އިން ސޮނޭވާ ފުށިން ވިލާއެއް ބައްލަވައިގަތުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ 'ދަ މޯލްޑިވްސް ޖާނަލް'ގައި އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނީ، 12 މިލިއަން ޑޮލަރު (185.1 މިލިއަން ރުފިޔާ)އަށް ރާޖަޕަކްސަގެ އާއިލާއަށް ވިލާއެއް ވިއްކަން، ނަޝީދާ ގާތްގުޅުމެއް އޮންނަ ސޮނެވާގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އެއްބަސްވެފައިވާ ކަމަށެވެ.

ސޮނޭވާގެ ބަސް - ސޮނޭވާ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ސޮނޭވާ އިން ބުނީ ރާޖަޕަކްސަ ވެސް އަދި އެ އާއިލާގެ އެހެން އެއްވެސް މެމްބަރަކާ އެކު ވެސް އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

ބ. ސޮނޭވާ ފުށި ރިސޯޓް. (ފޮޓޯ/ސޮނޭވާ)

އެ ބަޔާނުގައި ބުނީ، ސޯނޫ އާއި ރާޖަޕަކްސައާ ބައްދަލުކޮށްފައި ނުވާ ކަމަށާއި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ދެ ބޭފުޅުންގެ ދެމެދު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

ސޮނޭވާ އިން ބުނީ އެފަދަ ހަގީގަތެއް ނެތް، ސާބިތު ނުހިފޭ ވާހަކަތައް ރިޕޯޓުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މަޖިލީހުގެ ބަސް - އެ ވާހަކަތައް ދޮގުކޮށް މަޖިލީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ލަންކާގައި ނަޝީދު ކުރައްވާ މަސައްކަތަކީ އެ ގައުމަށް އެހީ ހޯދައިދިނުން ކަމަށާއި، އިތުރު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. މަޖިލީހުން ބުނީ އެ ގައުމަށް އެހީ ހޯދައިދިނުމަށް ނަޝީދަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

"ލަންކާގެ އެތެރޭގެ ކަންކަން ހައްލުކުރާނީ ލަންކާގެ ރައްޔިތުން،" މަޖިލީހުން ބުންޏެވެ.

އެނގުން މުހިންމު - ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އަށް ރަނިލް އާއި މަހިންދަ ވެސް ވަނީ މީގެ ކުރިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. ރާއްޖޭގައި ކުރެވެން ނެތިގެން އެމްޑީޕީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރީ ވެސް ލަންކާގަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމުން އެ ޕާޓީގެ ބައެއް ބޭފުޅުން ލަންކާގައި އަމިއްލަ އަށް އަރުވާލެއްވިގެން ވެސް ތިއްބަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް