ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު: އެ ކޯޓުން މިއަދު ނިންމާފައި ވަނީ ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)
'ހަވީރު'ގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ހުކުމްކޮށްފި
ރާއްޖޭގެ އެންމެ ދުވަސް ވީ ނޫސް 'ހަވީރު'ގެ މިލްކުވެރިކަމާ މެދު ހައި ކޯޓުން ނިންމި ނިންމުން ކުރީގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލުކޮށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދޭން މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ހަވީރު'ގައި އެ ބޭފުޅުންގެ ހިއްސާއެއް އޮތް ކަމަށް ވިދާޅުވެ، އަބްދުﷲ ފާރޫގު ހަސަން އާއި އިބްރާހިމް ރަޝީދު މޫސާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ މީހުންނާ ދެކޮޅަށް ނިމުނު ނަމަވެސް، ހައި ކޯޓުން ނިންމީ އެ ބޭފުޅުންގެ ކޮޅަށެވެ. 'ހަވީރު'ގެ ކުރީގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ފަރާތްޕުޅުން ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އޭރުގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ތަފްސީލް - ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވުމާއެކު ޒާހިރުގެ ފަރާތުން ވަނީީ އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމެވުން މުރާޖައާކޮށް އެ މައްސަލަ ބަލައިނުގަތުމަށް ކުރިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް މިހާރުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ރަޝީދު އާއި ފާރޫގުގެ ފަރާތުން ޖަވާބުދެމުން ސުޕްރީމް ކޯޓުގައި އެދުނީ އެއީ އަލުން މުރާޖައާކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށް ނިންމައިދޭށެވެ.
އެ މައްސަލައިގައި މިއަދު އޮތީ ހުކުމް ކުރުމެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ، ހަވީރު ނިއުސް އެޖެންސީއާއި ޒާހިރު ހުސެއިންއާ އޮތް ގާނޫނީ ގުޅުމަކީ ކޮބައިކަމާ މެދު އުފައްދާފައިވާ ސުވާލަކީ ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުހަލާއިން ބެލި، އެއަށް ޖަވާބު ލިބެން ޖެހޭ ފަދަ ގާނޫނީ ބަހުސެއް އޮތް މައްސަލައެއް ކަމަށެވެ.
ހުކުމުގައި ވަނީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އެކަމުގެ ސަބަބުން ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
މައްސަލަ ނިންމި ގޮތް:
-
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ، ހައިކޯޓުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ބެލެވޭ އަދި އެ ނިންމުން ބިނާކޮށްފައިވާ އަސާާސްތަކާ މެދު ސުވާލު އުފެދޭ ކަންކަން ފާޅުކަންބޮޑުގޮތެއްގައި ފެންނަން ހުރި އިރު އެކަންކަމަށް ބެލުމެއް ނެތި
-
އެހެންވެ، އެ މައްސަލަ އިސްތިއުނާފު ކުރަން ނުފެންނަ ކަމަށް ނިންމި ނިންމުން ބާތިލުކުރުމަށްފަހު ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ޒާހިރު ހުސެއިންއަށް ލިބިގެންވާ ކަމަށް ކަނޑައެޅި
-
ޒާހިރު ހުސެއިންގެ ފަރާތުން އެ މައްސަލަ އަލުން އިސްތިއުނާފު ކުރާ ހާލަތެއްގައި 'ހަވީރު މީޑިއާ ގްރޫޕް'އަށް މައްސަލައަށް ތަދައްހުލްވެވޭނެ ކަމަށް ވެސް ނިންމި
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އާއި ޑރ. މުހައްމަދު އިބްރާހިމެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޒާހިރު ހަވީރު އުފެއްދެވީ، އަމިއްލައަށް ހަރަދުކުރައްވައި، އަމިއްލަ ގެދޮރު މޯގޭޖްކުރައްވައިގެންނެވެ.
'ހަވީރު'ގައި ފާރޫގާއި ރަޝީދުގެ ހިއްސާ އޮންނަ ކަމަށް ހުށައެޅުއްވީ، 1985 ގައި 'ހަވީރު ނިއުސް އެޖެންސީ' ކިޔާ އެޖެންސީއެއް އުފައްދަން އެ ބޭފުޅުންގެ މެދުގައި ކުރެއްވި އެގްރިމެންޓަކަށް ބިނާކުރައްވަ އެވެ. އެ އެއްބަސްވުމުގައި އޮތް ގޮތުން ހަވީރު އާއި ހަވީރުގެ ޗާޕްހާނާ ހިންގާނީ ހަވީރު ނިއުސް އެޖެންސީންނެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރަށް އެ އެޖެންސީން ހަވީރު ހިންގުމާ ބެހޭ އެއްވެސް މަސައްކަތެއް ކުރިކަން، އެނގޭކަށް ނެތެވެ.
ސިވިލް ކޯޓުން ނިންމީ ފާރޫގާއި ރަޝީދުގެ އެއްވެސް ހިއްސާއެއް 'ހަވީރު'ގައި ނެތް ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ ބޭފުޅުންގެ ހިއްސާ އޮތް ކަމަށާއި އެ ހިއްސާ ހޯދަން ކޯޓަށް ދެވޭނެ ކަމަށެވެ. އެ ހުކުމާ އެކު ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން، ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނީ ފާރޫގާއި ރަޝީދުގެ ބައިވެރިވުމެއް ނެތި ހަވީރު ނުހިންގޭނެ ކަމަށެވެ. އެ ހުކުމާ އެކު 30 މާޗު 2016 އިން ފެށިގެން 'ހަވީރު' ނެރުން ހުއްޓާލި އެވެ.
'ހަވީރު'އަކީ 1985 ގައި ހަވީރު ނިއުސް އެޖެންސީ އުފެއްދުމުގެ ކުރިން ވެސް ޒާހިރުގެ މަސްއޫލުވެރިކަމުގައި ހިންގަވަމުން ގެންދެވި ނޫހެކެވެ. އެ ނޫސް އުފެއްދީ 1 ޖެނުއަރީ 1979 ގަ އެވެ. ޒާހިރުގެ ފަރާތްޕުޅުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ހަވީރު ނިއުސް އެޖެންސީގެ ދަށަށް ދުވަހަކު ވެސް ހަވީރުގެ ކަންކަން ބަދަލުކުރައްވާފައި ނުވާނެ ކަމަށެވެ.