ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސަން އައިލެންޑް ރިސޯޓުގައި ގާސިމް މިރޭ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި ފައްޔާޒު އާއި އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި (ފޮޓޯ/ޖޭޕީ)
ރައީސް ސޯލިހު ސަން އައިލެންޑުގައި ގާސިމްއާ ބައްދަލުކުރައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ބައެއް އިސްވެރިންނާ އެކު މިރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ގާސިމް އިއްޔެ ވާހަކަ ދައްކަވާފައި ވަނިކޮށް މިއަދު ހެނދުނު ރައީސް ސޯލިހު ވަނީ ގާސިމްގެ އުފަން ރަށް އދ. މާމިގިއްޔަށް ވަޑައިގެންފަ އެވެ. އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ގާސިމް އެވެ.
ޖޭޕީއިން މިރޭ އާންމުކުރި ފޮޓޯތަކަކުން ފެންނަ ގޮތުގައި ރައީސް މިރޭ ވަނީ، ސަރުކާރުގެ އިސްވެރިންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެމްބަރުންނާ އެކު، މާމިގިލި ކައިރީގައި އޮންނަ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ރޭގަނޑުގެ ކެއުމަކުން ގާސިމާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތިއްބެވި އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟ - ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު މިރޭ 'ދައުރު'އަށް ވިދާޅުވީ، ސިޔާސީ ހަތަރު ލީޑަރަކާ އެކު ރައީސް ސޯލިހުގެ ވެރިކަން ފެއްޓެވި ކޯލިޝަންގައި ހީނަރުވެފައި އޮތް ގުޅުން އާލާވި މަންޒަރު މިރޭގެ ބައްދަލުވުމުގައި ފެނުނު ކަމަށެވެ.
ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މި ނިމުނު ހަފްތާގައި ފުރަތަމަ ފަހަރަށް ފާޅުކުރައްވައި އެއަށް ފަހު ގާސިމް ވެސް ވަނީ އިންތިހާބާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ. ނަމަވެސް އަލީ ސޯލިހު ވިދާޅުވީ، ރައީސްއާއެކު ގާސިމް މިރޭ ބޭއްވެވި ބައްދަލުވުގައި މަޝްވަރާ ކުރެއްވި ކަންކަން ހާމަކުރެވެން ނެތް ކަމަށެވެ.
އެކަމަކު ރައީސް ސޯލިހު ގާސިމަށް ރަނިންމޭޓުކަން ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މިރޭ ދެއްކެވި ވާހަކަ އަލީ ސޯލިހު ދޮގުކުރެއްވި އެވެ.
އެނގުން މުހިންމު - 'ދައުރު'އާ ވާހަކަ ދައްކަވަމުން އިއްޔެ ގާސިމް ވިދާޅުވެފައި ވަނީ:
-
ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް ތާއީދު ކުރެއްވުމާ މެދު އަދި އެއްޗެއް ވިދާޅުވާން މާ އަވަސް ކަމަށް
-
ރިޔާސީ އިންތިހާބު ބާއްވަން އަދި ދުވަސްތަކެއް އެބަ އޮތް ކަމަށާއި އެހެންވެ ސިޔާސީ މަސްރަހުގައި ކަންކަން ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް
-
ގާސިމް ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް އަދި ކައުންސިލުގެ ނިންމުމަށް ތަބާވާނެ ކަމަށް
ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން، މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވަމުން ރައީސް ވިދާޅުވެފައި ވަނީ ކޯލިޝަނާ އެކު 2023ގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެކަމަކު، އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.