އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން): ރޭ ހިނގި އެކްސިޑެންޓެއްގައި އޭނާގެ ހާލު ވަނީ ސީރިއަސްވެފައި.

ނުރައްކާތެރި އެކްސިޑެންޓެއްވެ، އަހުމަދު ހާޝިމްގެ ހާލު ސީރިއަސް ވެއްޖެ

އޭނާއަށް މިވަގުތު ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި

ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން)އަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހާޝިމް އެކްސިޑެންޓުވީ ރޭގެ ވަގުތެއްގައި މާލޭ ޖަލު ކައިރިން ފައިމަގުގައި ބޮޑުތަކުރުފާނު މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ދުއްވާފައި ދިޔަ އުޅަނދެއްގައި ޖެހިގެންނެވެ.

ތަފްސީލު - އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓުގައި:

  • އޭނާގެ ބޮލަށް ވަނީ އަނިޔާވެފައި 

  • ސިކުނޑިއަށް ލޭ އެޅި ސިކުނޑި ދުޅަވެ، ހާލު ވަނީ ސީރިއަސްވެފައި 

  • އޭނާ ބާއްވާފައި އޮތީ ހޭނައްތާފައި ވެންޓިލޭޓަަރުގައި

ބުނީ ކީކޭ؟ - ހާޝިމްގެ އާއިލާއާ ހަވާލާދެއްވައި ހެރިޓޭޖު މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެކްސިޑެންޓުވި ވަގުތު ހާޝިމް އެރުވީ އެތާ ކައިރިން ލާފައި ދިޔަ ޓްރީޓޮޕް ހޮސްޕިޓަލުގެ އެމްބިއުލާންސަކަށެވެ. ހާޝިމް ފުރަތަމަ ގެންދިޔައީ އެ ހޮސްޕިޓަލަށް ކަމަށް ނާއިލް ވިދާޅުވި އެވެ.

އެކަމަކު، ޓެސްޓުތައް ހެދި ނަމަވެސް، ސާޖަރީއެއް ހެދެން ނެތުމުން ރޭ ދަންވަރު ހާޝިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ނާއިލް ވިދާޅުވި ގޮތުގައި، އޭޑީކޭގައި ހާޝިމްގެ ސާޖަރީއެއް ހެދުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެކަމަކު، ޑޮކްޓަރުން އަދިވެސް ގެންދަނީ ހާޝިމްގެ ހާލަތު އޮބްޒާވް ކުރަމުން ކަމަށް ނާއިލް ވިދާޅުވި އެވެ.

"އޭޑީކޭގެ އައިސީޔޫގައި މިހާރު އޮތީ. ހާލަތު އަދިވެސް ކްރިޓިކަލް. އަދިވެސް އޮބްޒާވް ކުރަމުން ދަނީ،" ނާއިލް ވިދާޅުވި އެވެ.

މި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ހާޝިމް އަކީ ކާކު؟

  • އޭނާ އަކީ ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރެއް

  • ހާޝިމް އަކީ ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ އިސް ވެރިޔާ

  • ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ވައިކަަރަދޫ ދާއިރާގެ ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި

  • ވައިކަރަދޫ ކައުންސިލުގެ ވެސް ކުރީގެ މެމްބަރެއް

  • އޭނާ އަކީ ވަޑާމާއި ކަރަންޓުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހެއް




އިތުރު އާޓިކަލް

އިތުރު އާޓިކަލް