މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން 8 ނޮވެމްބަރު 2021ގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ޒިޔާދު: އޭނާ އެމްއެންޕީގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފައިލް ފޮޓޯ/އަނާމް އަޒްމީލް)

އެމްއެންޕީ

އެމްޑީޕީގެ މަޖިލިސް މެމްބަރު ޒިޔާދަށް ނޭނގި އޭނާގެ ރަޖިސްޓްރީ އެމްއެންޕީގައި

އެމްއެންޕީން ބުނީ އެކަން ހިނގި ގޮތެއް ބަލަމުންދާ ކަމަށް

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

ޒިޔާދުގެ ބަސް - އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ޒިޔާދު 'ދައުރު'އަށް ވިދާޅުވީ، އޭނާ މިވަގުތު ރަޖިސްޓްރީވެފައި ވަނީ އެމްއެންޕީގައި ކަމަށެވެ. އަދި އެ ޕާޓީއަށް އޭނާ ވެއްދި ފޯމުގައި އޭނާގެ ނަމުގައި ސޮއިކޮށް، ހެކިންގެ ގޮތުގައި ވެސް މީހުން ލާފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ، އޭނާ އެމްޑީޕީން އެމްއެންޕީއަށް ބަދަލުވި ގޮތެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ އެ ޕާޓީގައި ރަޖިސްޓްރީވެފައި ވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އެކަމަކު، އޭނާގެ ނަމުގައި ފޯމެއް ލާފައި އޮންނާނީ އެމްއެންޕީން އެފަދަ ފޯމެއް ހުށަހެޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އެނގިފައެއް ނެތް އެއްގޮތަކަށް ވެސް އެމްއެންޕީއަށް ފޯމެއް ފުރަން އައި ކަމެއް ވެސް. ފޯމު ފުރާކަށް ވެސް ނާދޭ. އެ ޕާޓީއަށް ވަންނާކަށް ވެސް މީހަކު ނުބުނޭ ދުވަހަކު ވެސް،" ޒިޔާދު ވިދާޅުވި އެވެ.

އެމްއެންޕީން ބޭއްވި ހިނގާލުމެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެމްއެންޕީގެ ބަސް - އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު 'ދައުރު'އަށް ވިދާޅުވީ، ޒިޔާދުގެ ނަމުގައި އެމްއެންޕީން ފޯމެއް ލާފައި ނުވާނެ ކަމަށެވެ. އެކަމަކު، ޒިޔާދުގެ ނަން ޕާޓީގައި ރަޖިސްޓްރީވި ގޮތް ޕާޓީގެ ތެރެއިން ބަލަމުންދާ ކަމަށް އަސްރާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނޯންނާނެ އެއްވެސް ގޮތަކަށް އެ ބޭފުޅާގެ ފޯމު [އިލެކްޝަންސް ކޮމިޝަނަށް] ފޮނުވާފައެއް،" އަސްރާ ވިދާޅުވި އެވެ.

އަސްރާ ވިދާޅުވީ، ޕާޓީއަށް މީހުން ވައްދަން ފޯމުތައް ހިފައިގެންދާ މީހުން އަނބުރާ ގެންނަނީ ކޮން ބައެއްގެ މައުލޫމާތު ހިމެނޭ ފޯމުތަކެއް ކަމެއް ކޮންމެ ފަހަރަކު ނޭނގޭ ކަމަށެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ފޮނުވަނީ ވަރަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހްމަދު. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - ޒިޔާދު އެމްއެންޕީއަށް ރަޖިސްޓްރީވެފައިވާ މައްސަލަ ފެންމަތިވެފައި ވާއިރު، އެމްއެންޕީގެ ބައެއް ލީޑަރުންގެ މަސްލަހަތު އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ)އިން ހުޅުމާލޭގައި ހަދާ އިމާރާތަކުން ފްލެޓް ގަންނަން ފޯމު ލީ މީހުންނަށް ނޭނގި، އެ މީހުންގެ މައުލޫމާތުތައް ބޭނުންކޮށްގެން އެ ޕާޓީއަށް ވައްދަމުންދާ ކަމަށް ބުނާ މައްސަލައެއް ވެސް މިދިޔަ މާޗު މަހު ފެންމަތިވި އެވެ.

އެ މައްސަލައާ ގުޅިގެން، އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޕާޓީތަކުގައި މެމްބަރުން ތިބި އަދަދަށް ބަލައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް އޮތްހާ ހިނދަކު، މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާނެ ކަމަށެވެ. އެކަން ހައްލު ކުރުމަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމަށް ވަރަށް އަވަހަށް އެމްއެންޕީން މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށް ވެސް ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒު ވިދާޅުވެފައިވެ އެވެ.

މީހުންނަށް ނޭނގި އެ މީހުން ޕާޓީތަކަށް ވައްދާ މައްސަލަ އާންމުވެ، މި ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކަމަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އެގޮތުން، މި މަހުން ފެށިގެން ޕާޓީތަކަށް ވަންނަން އެދޭ ފޯމުތަކުގެ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރަން ވަނީ ނިންމައިފަަ އެވެ.

ކޮމެންޓް (1)

ކަލޯގެ

30 މޭ 2022
މުޅިން ވެސް މި ޕާޓީން ކުރަނީ މި ޒާތުގެ ކަންކަން. ކީއްކުރާނީ، މިވަރުން ވެސް ޖެހޭ ވިއްޔާ ވެރިކަމާ ބައްދަން. އަދި މަޑުކޮށްލާ ކައިރިވެސް ނުވޭ ވެރިކަމާ ގާތްވެވެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް