ހަމަލާގައި ބައިވެރިވި ތަހުމީން (ކ) އާއި މުޖާޒް (ވ): މުޖާޒުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައި ވާއިރު، ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޭ 6ގެ ހަމަލާ

ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ނުގެނެވުނީ މޫސުން ގޯސްވެ، ވައިޓް އެލާޓު ނެރުމުން: ކަރެކްޝަންސް

ނަޝީދުގެ ވަކީލުން ވަނީ، ކަރެކްޝަންސް އިން ފަރުވާކުޑަކުރާ ކަމަށް ތުހުމަތުކޮށް އެ އިދާރާ ކުށްވެރިކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6ގައި ހަމަލާ ދިން މައްސަލައިގައި ދައުވާ ލިބޭ މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރެވުނީ މޫސުން ގޯސްވެ، ވައިޓް އެލާޓު ނެރެފައިވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މައްސަލައިގެ ފެށުން - އެ ހަމަލާގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން މިއަދު ހެނދުނު 9އަށް ތާވަލު ކުރި ނަަމަވެސް، އަޑުއެހެން ފަށާ ގަޑިއާ ކައިރިވެފައި ވަނިކޮށް އަޑުއެހުން ކެންސަލްވިކަން ކޯޓުން ވަނީ އަންގައިފަ އެވެ. އެގޮތުން:

  • ކަރެކްޝަންސްއާ ހަވާލާދީ ކޯޓުން ބުނީ ކަނޑުގަދަވުމުން މީހުން މާލެއަށް ނުގެނެވުނީ ކަމަށް

  • އެކަމާ ގުޅިގެން ނަޝީދުގެ ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ، ފަރުވާކުޑަކުރާ ކަމަށް ތުހުމަތުކޮށް ކަރެކްޝަންސް ކުށްވެރިކޮށްފައި

ވީ ކިހިނެއް؟ - ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދައުވާ ލިބޭ މީހުން ހާޒިރު ނުކުރެވުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓު ނެރުމުންނެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުން ވަކިވަކިން ގެންގުޅެން ޖެހޭތީ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

މި މައްސަލައިގެ ހައްސާސިއްޔަތަށް ބެލުމެއް ނެތި، ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް އިން ފަރުވާކުޑަކުރާ ކަމަށް ނަޝީދުގެ ފަރާތުން ބުނެފައި ވާއިރު، ކަރެކްޝަންސްގެ ބަޔާނުގައި ބުނީ އެ މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށް އެ ސާވިސް އިން ދެކޭ ކަމަށެވެ.

"ކަނޑުމަގުން ގައިދީންނާއި ބަންދު މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަކީ ރިސްކު ބޮޑު ކަމަކަށް ވާއިރު، އަދި އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސާވިސްގެ މައްޗަށް ލާޒިމު ކަމަކަށް ވީ ހިނދު، މޫސުން ގޯސްވުމުގެ ސަބަބުން ހިނގައިފާނެ ހާދިސާއަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މި ސާވިސް އިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް، މޫސުން ގޯސްވުމުން މީހުން ހާޒިރުނުކުރެވިފައި ހުންނާނެ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

އެނގުން މުހިންމު - މިއަދު ހެނދުނު މޫސުން ގޯސްވެ، މެޓް އޮފީހުން އޮތީ ހެނދުނު 6 އިން 11އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓު ނެރެފަ އެވެ. ވައިޓް އެލާޓު ނެރެފައި އޮންނަ އިރު، ދަތުރުކުރުން މަނާ ނޫނަސް، ދަތުރުކުރާއިރު ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް