މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި. (ފޮޓޯ/މަޖިލިސް)

މޭ 6ގެ ހަމަލާ

ހަމަލާގެ ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުނުކުރެވުމުން ނަޝީދުގެ ފަރާތުން ކަންބޮޑުވުން

މި މައްސަލައިގެ ހައްސާސިއްޔަތަށް ބެލުމެއް ނެތި، ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސް އިން ފަރުވާކުޑަކުރާތީ އެކަން ކުށްވެރިކުރާ ކަމަށް ނަޝީދުގެ ވަކީލުން ނެރުއްވި ބަޔާނުގައި ބުނެފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6ގައި ހަމަލާ ދިން މައްސަލައިގައި ދައުވާ ލިބޭ މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުނުކުރެވުމުން މުއައްސަސާތައް ފަރުވާކުޑަކުރާ ކަމަށް ބުނެ ނަޝީދުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - 6 މެއި 2021ގެ ހަމަލާގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން މިއަދު ހެނދުނު 9އަށް ތާވަލު ކުރި ނަަމަވެސް، އަޑުއެހެން ފަށާ ގަޑިއާ ކައިރިވެފައި ވަނިކޮށް އަޑުއެހުން ކެންސަލްވިކަން ކޯޓުން ވަނީ އަންގައިފަ އެވެ.

ކަރެކްޝަންސްގެ ބަންދުގައި ތިބި އެ މީހުން މިއަދު ކޯޓަށް ހާޒިރު ނުކުރެވުނީ ކަނޑުގަދަވުމުން އެ މީހުން މާލެއަށް ނުގެނެވުމުން ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން، ބޮމުގެ ހަމަލާގެ މައްސަލައިގައި ނަޝީދު ތަމްސީލު ކުރައްވާ އެ މަނިކުފާނުގެ ކޮއްކޯފުޅުގެ ނާޒިމް ސައްތާރުގެ ލޯ ފާމް 'ދަ ލިޓިގަންޓްސް' އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ތުހުމަތު ކުރެވޭ މީހުން ކްރިމިނަލް ކޯޓަށް ނުގެނައުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ކުށްވެރިކޮށްފަ އެވެ.

ބަޔާނުގައި ފާހަގަކުރި ކަންކަން:

  • ވިއްސާރަވެގެން ދައުވާ ލިބޭ މީހުން ނުގެނުވުނީ ކަމަށް ކަރެކްޝަންސް އިން ބުނާއިރު، މިއަދަކީ މާލެ ސަރަހައްދުގެ މޫސުން ގޯސްވި ހަމައެކަނި ދުވަހެއް ނޫން

  • މޫސުން ގޯސް ވާނަމަ، ތުހުމަތު ކުރެވޭ މީހުން އެއް ދުވަސް ކުރިން މާލެ ގެނެސް، މާލޭ ޖަލުގައި ބޭތިއްބުމުގެ އިންތިޒާމު ވެސް ހަމަޖެއްސޭނެ

  • ޝަރީއަތް ކުރިއަށްދާނެ ދުވަސްތަަކަކީ މިއަދުގެ އިތުރުން، އަންނަ މަހުގެ 9 ،12 އަދި 13 ކަމަށް މީޑިއާގައި ވެސް ކުރިން އާންމުކޮށް އެނގޭނެހެން ރިޕޯޓުކޮށްފައިވޭ

މި މައްސަލައިގެ ހައްސާސިއްޔަތަށް ބެލުމެއް ނެތި، ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ކަރެކްޝަނަލް ސާވިސް އިން ފަރުވާކުޑަކުރާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ނަޝީދުގެ ފަރާތުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.

"މި މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވާކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުން ދާއިރު، އެ ފަދަ ޝަކުވާއަކަށް ބެލުމެއް ނެތި، ހޯމް މިނިސްޓްރީންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، މި ކަމުގެ ހައްސާސިއްޔަތު ދެނެނުގަނެ، ފަރުވާކުޑަކުރާތީ އެކަން އިންތިހާއަށް ކުށްވެރިކުރަމެވެ،" ނަޝީދުގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.

އެނގުން މުހިންމު - މިއީ ހަމަލާގެ މައްސަލަ އޮބްޒާވް ކުރަން އެ މަނިކުފާނުގެ ވަކީލުން ބައިތިއްބަން ނަޝީދު އެދިވަޑައިގަތުމުން، އެ ކަމަށް ކޯޓުން ފުރުސަތު ދިން ފަހުން ބާއްވަން ހަމަޖެއްސި ފުރުތަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުން އޮބްޒާވް ކުރަން ނާޒިމްގެ އިތުރުން އެހެން ވަކީލަކު ކޯޓަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އަހަރެން

30 މޭ 2022
ތިޔަ ކަން ވެސް ދާނީ ތިޔަހެން. ހުރިހާ ކަމެއް ތިޔަ ހަމަވަނީ. މި ގައުމުގައި އިންސާފެއް ނުލިބޭނެ. ހުރިހާ ކަމެއް ވެސް ދާނީ އިބޫ ރައީސްގެ ސްޕީޑްގައި އެއީ ފިނިހަކައިގެ ސްޕީޑް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް