ގަލޮޅު ސްކޫލު: އެ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލަ ވަނީ މިހާރު ފައިލްކޮށްފައި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޖިންސީ ގޯނާގެ ތުހުމަތުން ގަލޮޅު މަދަރުސާ ސަލާމަތްވެއްޖެ
ގަލޮޅު ސްކޫލްގައި ކިޔަވަމުން ދިޔަ އުމުރުން 4 އަހަރުގެ އަންހެން ކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެއްވެސް ހެއްކެއް ނެތުމުން އެ މައްސަލަ ފައިލްކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް އެ ސްކޫލަށް އަންގައިފި އެވެ.
މައްސަލައިގެ ފެށުން - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މިދިޔަ އޮކްޓޯބަރުގަ އެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވުނީ އެ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު އެހީތެރިކަން ފޯރުކޮށްދިން އެ ސްކޫލުގެ މަސައްކަތު މީހަކަށެވެ. އެގޮތުން:
-
އެ މައްސަލައިގައި ތުހުމަތު ކުރެވުނު 63 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ ނޮވެމްބަރު 1ގައި
-
ނަމަވެސް، އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާ ދިނުމުން، އޭގެ އަނެއް ދުވަހު އޭނާ ދޫކޮށްލި
-
އެކަމާ ގުޅިގެން ޓީޗަރަކާއި އެ ސްކޫލްގެ ހުރިހާ މަސައްކަތު މުވައްޒަފުން ސަސްޕެންޑް ވެސް ކުރި
ބުނީ ކީކޭ؟ - ގަލޮޅު ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާތީ އާއި ތަހުގީގުން އޭނާއާ މެދު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ އެ މައްސަލަ ފައިލް ކުރަން ނިންމާފައި ވާކަން އެ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން މިިދިޔަ އާދިއްތަަ ދުވަހު އަންގާފައިވާ ކަމަށެވެ.
ގަލޮޅު ސްކޫލުން ބުނީ މި މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް ސްކޫލުން އެންމެ އިސްކަމެއް ދިނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ:
-
އެ ސްކޫލަކީ ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނެއްކަން ކަށަވަރުކުރުމަށް ހަރުދަނާ އުސޫލުތަކާއި އިޖުރާއަތްތަކެއް ގާއިމުކޮށްފައިވާ ކަމަށް
-
ދަރިވަރުންގެ ރައްކާތެރިކަމަކީ ސްކޫލްގެ މެނޭޖްމަންޓުން އެންމެ އިސްކަމެއްދީގެން ބަލަމުން އަންނަ ކަންތައް ކަމަށް