ގަލޮޅު މަދަރުސާގައި ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލަ ވަނީ މިހާރު ފައިލްކޮށްފައި. (ދައުރު ފައިލް ފޮޓޯ/އަނޫފް ޖުނައިދު)
ގަލޮޅު ސްކޫލުގެ 'ޖިންސީ ގޯނާ'ގެ މައްސަލައިގައި ދައުވާ ނުކުރުން މުރާޖައާކޮށްދޭން ކުއްޖާގެ މައިންބަފައިން އެދިއްޖެ
ގަލޮޅު ސްކޫލްގައި ކިޔަވަމުން ދިޔަ އުމުރުން 4 އަހަރުގެ އަންހެން ކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން އަލުން މުރަޖައާކޮށްދޭން އެ ކުއްޖާގެ މައިންބަފައިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މިދިޔަ އޮކްޓޯބަރުގަ އެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވުނީ އެ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު އެހީތެރިކަން ފޯރުކޮށްދިން އެ ސްކޫލުގެ މަސައްކަތު މީހަކަށެވެ. އެގޮތުން:
-
އެ މައްސަލައިގައި ތުހުމަތު ކުރެވުނު 63 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ ނޮވެމްބަރު 1ގައި
-
ނަމަވެސް، އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާ ދިނުމުން، އޭގެ އަނެއް ދުވަހު އޭނާ ދޫކޮށްލި
-
އެކަމާ ގުޅިގެން ޓީޗަރަކާއި އެ ސްކޫލްގެ ހުރިހާ މަސައްކަތު މުވައްޒަފުން ސަސްޕެންޑް ވެސް ކުރި
-
މައްސަލަ ފައިލްކުރިކަން ގަލޮޅު ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ މި މަހުގެ 8 ގައި
-
ފައިލްކުރީ މައްސަލައިގައި ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާތީ އާއި ތަހުގީގުން އޭނާއާ މެދު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ސްކޫލުން މެއި 12ގައި ބަޔާނެއް ނެރުނު
ބުނީ ކީކޭ؟ - ކުއްޖާގެ މައިންބަފައިންގެ ވަކީލުންގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގަލޮޅު ސްކޫލުން ބަޔާން ނެރުނީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކަމަށް މައިންބަފައިން ދެކޭ ކަމަށް ބުނެފަ އެވެ.
އެ ހާދިސާގައި ކަން ހިނގި ގޮތް ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ބުނެ ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ:
-
މައްސަލަ ރިޕޯޓުކުރުމުން އެކަށީގެންވާ އަވަސް މިނެއްގައި ސްކޫލުން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގެން ނެތް ކަމަށް
-
ފިޔަވަޅު އެޅީ އާއްމުންނާއި މީޑީއާ އިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކަމަށް
-
މި ހާދިސާއާ ގުޅޭ ހުރިހާ މަރުހަލާއެއްގައި ސްކޫލުން މަސައްކަތް ކުރީ ކަމުގެ ފުރިހަމަ މައުލޫމާތު ހާމަނުކުރަންްކަން ބަޔާނުން އެނގޭ ކަމަށް
-
ސްކޫލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް؛ މިއަދާ ހަމައަށް ވެސް ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށް
-
އެއްވެސް އިދާރާއަކުން، ތުހުމަތު ކުރެވުނު މުވައްޒަފާއި ސްކޫލާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް އަންގާފައި ނުވާ ކަމަށް
-
މިހާތަނަށް ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައިނުވުމަކީ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތްކަން ދަލީލުކޮށްދޭ ކަމެއް ނޫން ކަމަށް
-
ދައުވާ ނުކުރުމަށް ނިންމީ ކީއްވެގެންކަން އަންގާފައި ނުވާ ކަމަށް؛ ކުއްޖާގެ މައިންފައިން ވަނީ އެ މައްސަލަ ރިވިއުކޮށްދޭން ޕީޖީގައި އެދިފައި
ކުއްޖާގެ މައިންބަފައިންގެ ވަކީލުންގެ ބަޔާނުގައިވަނީ، ސްކޫލުން ނެރުނު ބަޔާނުގައި ހުރި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މުވައްޒަފަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ނިންމުމަކީ މިފަދަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.