އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް. (ފޮޓޯ/ އަޝްރަފް ސައީދު)
އައިޖީއެމްއެޗުގެ ޑޮކްޓަރުން ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް ހިދުމަތް ދެނީ
ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ޑޮކްޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރާތްކޮށް ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓުތަކުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާނެ ކަމަށެވެ. އެގޮތުން، މިހާރު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ތަފްސީލް - މިއީ މި މަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް ހިންގާ ޕްރޮގްރާމެއްގެ ދަށުން ކުރަން ހަމަޖެހިފައިވާ ޒިޔާރާތްތަކެކެވެ.
އައިޖީއެމްއެޗުގެ ހަ ޑިޕާޓްމެންޓެއްގައި ހިމެނޭ ޑޮކްޓަރުންނާއި މުވައްޒަފުން މި ދަތުރުތަކުގައި ބައިވެރިވާނެ އެވެ. އެއީ:
-
1-
ހިތުގެ ބަލިތަކަށް ހާއްސަ
-
2-
ކެންސަރު ބައްޔަށް ހާއްސަ
-
3-
ރޭޑިއޯލޮޖީ
-
4-
ކަށީގެ ބަލިތަކަށް ހާއްސަ
-
5-
އެތެރެހަށީގެ ބަލިތަކަށް ހާއްސަ
-
6-
ކުޑަކަމުދާ ނިޒާމާ ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން
އައިޖީއެމްއެޗުގެ ޓީމުތައް ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަކަށް ޒިޔާރާތްކުރާނެ އެވެ. އެއީ:
-
1-
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
-
2-
ގދ. ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް
-
3-
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
-
4-
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
-
5-
ލ. ގަން ރީޖަނަލް ހޮސްޕިޓަލް
މި މަހު އައިޖީއެމްއެޗުގެ ފަސް ޑިމާޓްމެންޓަކުން ހަތަރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރާނެ އެވެ. އެއީ:
-
ކުޅުދުއްފުށީ ހޮސްޕިޓަލް: އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް، ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓް
-
ކުޅުދުއްފުށީ ހޮސްޕިޓަލް: އަންނަ ބުރާސްފަތިން ހޮނިހިރުގެ ނިޔަލަށް، ކެންސަރުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓް
-
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް: މި މަހުގެ 22 އިން 24އަށް، ރޭޑިއޯލޮޖީ ޑިޕާޓްމެންޓް
-
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: މި މަހުގެ 23 އިން 25އަށް، ކަށީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓް
-
ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް: މި މަހުގެ 28 އިން 30އަށް، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓް