
"ވިއަވަތި ރާއްޖެ" މަހާސިންތާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 16 ޑިސެމްބަރު 2019 (ފޮޓޯ/ ރައީސް އޮފީސް)
ހަމައެކަނި ދެރަވަނީ ލާދީނީ މީހެކޭ ބުނާތީ: ނަޝީދު
ސިޔާސީ ހަޔާތުގައި އަދި އަމިއްލަ ދިރިއުޅުއްވުމުގައި ވެސް ހިތާމަކުރައްވާ ހަމައެކަނި ކަމަކީ، ލާދީނީ މީހެއްގެ ގޮތުގައި ލޭބަލް ކުރާތީ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ނަޝީދަކީ އިސްލާމް ދީނަށް ފާޅުގައި ހަޖޫ ޖަހާ މީހެއް ކަމަށާއި ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި އެމަނިކުފާނު އަވަހާރަކޮށްލަން، ދީނީ ހަރުކަށި ފިކުރުގެ މީހުން ވަނީ މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ބޮމުގެ ހަމަލާއެއް ވެސް ދީފަ އެވެ.
އެދުވަހު ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ފުލުހުންނަށް ދިން ބަޔާނުން އެނގޭ ގޮތުގައި، ނަޝީދަކީ ދީނުން ބޭރުވެފައިވާ، ލޭ ހުއްދަ މީހެއް ކަމަށް ހަރުކަށި ފިކުރުގެ ތެރޭގައި އުޅޭ އެންމެން ވެސް ގަބޫލުކުރެ އެވެ. އަދި އަމިއްލައަށް މަރުވެގެން ވެސް ނަޝީދު މަރާލަން އެމީހުން ތިބީ ތައްޔާރަށެވެ.
އެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތްވި ނަމަވެސް، ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ.

ލާދީނީ އޭ ބުނީމާ އެ ވަރަށް ހިތުގައި ޖެހޭ ކަމެއް. ވަރަށް ހިތުގައި ޖެހޭ ކަމެއް.
ވީ ކިހިނެއް؟ - 'ދިވެހި ޗެނަލް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ އެ ހަމަލާ އަމާޒުވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ. ހަޔާތުގައި ކުރިމަތިލާން ޖެހިވަޑައިގެންނެވި ގޮންޖެހުންތަކާއި، އަދި އެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ މަސައްކަތާއި އުންމީދަށް އެއްވެސް ވަރެއްގެ ފިނިކަމެއް އައިސްފައިވޭތީ އެ ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވި ފަރާތުން ސުވާލުކުރި އެވެ.
ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތުގައި ވަރަށް ދެރަވާ ކަމެއް އޮންނަ ކަމަށެވެ.
"އަޅުގަނޑުމެންނާ ދިމާލަށް ލާދީނީ އޭ ބުނީމާ އެ ވަރަށް ހިތުގައި ޖެހޭ ކަމެއް. ވަރަށް ހިތުގައި ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އުމުރުން ހަތް އަހަރުގައި ހަތިމު ކުރެއްވި ކަމަށާ އަދި ކަހްފް ސޫރަތާއި ބަގަރާ ސޫރަތާއި، ޔާސީން ސޫރަތް ވެސް ހިތުދަސް ކުރުވި ކަމަށެވެ. ގަވައިދުން ނަމާދުކޮށް ރޯދަހިއްޕަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެހެން އެތައް އެއްޗެއް ގޮވިޔަސް އަޅުގަނޑަށް ހެޔޮ. އެހެން ނަމަވެސް އަޅުގަނޑުމެން ތަރުބިއްޔަތު ކޮށްފައި ހުރި ގޮތާއި، ބޮޑެތި ކޮށްފައި ހުރި ގޮތާއި، އެހެން ދެކޭ އިރުގައި އަޅުގަނޑު ވަރަށް ދެރަވާ ކަމެއް އެއީ،"
ތަފްސީލް - ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް އެފަދަ ބަސްތައް ރައްދުކުރުމުން، އެމަނިކުފާނުގެ މައިންބަފައިން ވެސް ވަރަށް ދެރަވާނެ ކަމަށެވެ. އަދި މާމަ އާއި ކާފަ ދުނިޔޭގައި ތިއްބެވި ނަމަ، އެބޭފުޅުން ވެސް ހަދާނެ ގޮތް ހުސްވާނެ ކަމަށެވެ.
"ދެން އަޅުގަނޑު ހިތުން އަޅުގަނޑުގެ ސިޔާސީ ވާދަވެރިންނަށް އިނގޭ އަޅުގަނޑަކީ ވެސް ކާކުކަން. އަދި ކިހިނެއް ބޮޑެތިވެފައި ތިބި ބައެއް ކަން ވެސް. އެހެންވީމަ ތަދުވާ ތަނުގައި ޖަހަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ވެސް އަދި އާންމު ހަޔާތުގައި ވެސް އެނޫން އިތުރު މައްސަލައެއް ދިމާނުވާ ކަމަށެވެ.
މެއި ހައެއްގައި ދިން ޓެރަރިސްޓު ހަމަލާއަށް އަމާޒުކުރައްވައި ނަޝީދު ވެސް ފާހަގަކުރެއްވީ، އެ ހަމަލާ އެމަނިކުފާނަށް އަމާޒުކުރީ ލާދީނީ މީހެއްގެ ޓެގް އަޅުވައިގެން ކަމަށެވެ. ނަމަވެސް އެކަމުގައި ދެން ފޮރުވޮފައި ހުރި ކަންކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އެބަ ބުނޭ އަޅުގަނޑު ބުންޏޭ ގުރުއާނާއި ހަދީސް ނޫން އެހެން އެއްޗެއް ހޯދަން. ނޫން.އަޅުގަނޑު ދުވަހަކު ވެސް އެބާވަތުގެ ވާހަކައެއް ދެއްކި މީހެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބިގެން ދިޔައީ، ސިޔާސީ މަންފާއެއް ހާސިލްކުރުމަށް، އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަތަކުގެ މާނަ އޮޅުވާލައިގެން ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.