ސްޕެލިން ބަދަލުކޮށްގެން މާލޭގެ އިމާރާތެއްގައި ދަމާފައިވާ އިންޑިއާ އައުޓް ކެމްޕެއިނުގެ ބެނާއެއް. (ފޮޓޯ/ޕީޕީއެމް)
'އިންޑިއާ އައުޓް'ގެ އަކުރު ބަދަލުކޮށްގެން ބެނާ ދަމަން ފަށައިފި
ރާއްޖެއަށް އިންޑިއާއިން ނުފޫޒު ފޯރުވުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ހިންގަމުންދާ 'އިންޑިއާ އައުޓް' ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައެޅުމުން، އެ ކެމްޕެއިންގެ ސްލޯގަން 'އިންޑިއާ އައުޓް'ގެ ސްޕެލިން، ނޫނީ އަކުރު ބަދަލުކޮށް، އަނެއްކާ ވެސް ބެނާ ދަމަން ރޭ ފަށައިފި އެވެ.
މައްސަލައިގެ ފެށުން - އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެ ހަރަކާތް ހުއްޓުވަން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން އަންގަވައިފަ އެވެ.
ރައީސްގެ ގަރާރު ނެރުމުގެ ކުރިން ވެސް ފުލުހުން ވަނީ މާލޭގެ އިމާރާތްތަކުގެ ބޭރުގައި ދަމާފައި ހުރި 'އިންޑިއާ އައުޓް' ބެެނާތައް ނަގަން ނުކުމެފަ އެވެ. އެގޮތުން، ޕީޕީއެމްގެ އޮފީހުގައި ދަމާފައި ހުރި ބެނާގެ އިތުރުން، ހަރަކާތް ލީޑު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދެމި ބޮޑު ބެނާ ވެސް ނެގި އެވެ.
ވީ ކިހިނެއް؟ - ރައީސްގެ ގަރާރަކުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން އަންގައި އަދި ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މިހާރު އިދިކޮޅުން ދަނީ ބެނާތަކުގައި "INDIA OUT" ޖެހުމުގެ ބަދަލުގައި އެ ބެނާގެ ސްޕެލިން އިނގިރޭސި ބަހުން "IN DEAR OUT"އަށް ބަދަލުކޮށްގެން ބެނާ ޖަހަމުންނެވެ.
ރައީސްގެ ގަރާރު:
-
އެ ގަރާރުގެ ނަމަކީ 'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން'
-
އޭގައި ވަނީ، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށް
-
އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ވިދާޅުވެފައިވޭ
-
އެކަމުގެ ސަބަބުން ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފައިވޭ
އެނގުން މުހިންމު - އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އަންގަވާފައި ވާއިރު، އިދިކޮޅުން ބުނަމުންދަނީ އެއީ ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގުތަކަކާ ހިލާފު ނިންމުމެއް ކަމަށާއި އެ ނިންމުމަށް އަމަލު ނުކުރާނެ ކަމަށެވެ. އަދި އެ ނިންމުން ބާތިލު ކުރަން ކޯޓަށް ދާނެ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.