ސްޓެލްކޯގެ މައި އޮފީސް ކުރިމަތި: ސްޓެލްކޯގެ ކޭބަލަކަށް މިއަދު ހެނދުނު ގެއްލުންވެ، މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކަރަންޓު

ކަރަންޓް ކެނޑެން ދިމާވި މައްސަލަ 4 ގަޑިއިރު ފަހުން ހައްލުކޮށްފި

ކަރަންޓުގެ ހިދުމަތަށް ބުރޫއެރީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުން
14 އޭޕްރީލު 2022

ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ ކޭބަލަކަށް މިއަދު ހެނދުނު ގެއްލުންވެ، މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9:30 އިން ފެށިގެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނެވެ. ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތަށް ބުރޫއެރީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށެވެ.

ބުނީ ކީކޭ؟ - ސްޓެލްކޯއިން މެންދުރުފަހު ކުރި ޓުވީޓެއްގައި ބުނީ މިހާރު މައްސަލަ ހައްލުކޮށް، ކަރަންޓް ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

"އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ލިބިނުލައްވާ ނަމަ 104 ނަމްބަރަށް ގުޅުއްވާ. ދިމާވި ދަތިތަކަށް އަދިވެސް އެއް ފަހަރު މައާފަށް އެދެން،" ސްޓެލްކޯއިން ކުރި ޓުވީޓުގައިވެ އެވެ.

އެންގުން މުހިންމު - ކަރަންޓު ކެނޑުނުތާ 30 މިނެޓު ފަހުން ބައެއް ގޭގެއަށް ކަރަންޓް އައި ނަމަވެސް، ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވި އެވެ. އަދި ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވުނީ މެންދުރުފަހު 1 ޖަހަން އުޅެނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް