ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކޮށްފައިވާ ހުޒެއިފާ މުހައްމަދުއާ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ (ފޮޓޯ/ޖޭއެސްސީ)
ސުޕީރިއާ ކޯޓަކަށް ފުރަތަމަ ފަހަރަށް އަންހެން އިސް ގާޒީއަކު އައްޔަންކޮށްފި
ރާއްޖޭގެ ސުޕީރިއާ ކޯޓަކަށް ފުރަތަމަ ފަހަރަށް އަންހެން އިސް ގާޒީއަކު މިއަދު އައްޔަންކޮށްފި އެވެ.
ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމާ ގުޅިގެން މިއަދު އޭނާއަށް ވަނީ ފަތްކޮޅު އަރުވައިފަ އެވެ. ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް ހިސާން ހުސެއިނެވެ.
ބުނީ ކީކޭ؟ - ޖޭއެސްސީއިން ބުނީ މިއީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމުގެ މަގާމަށް އަންހެނަކު އައްޔަނު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ހުޒެއިފާ އަކީ ކާކު؟
-
ހުޒެއިފާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލުކުރައްވައިފައި
-
އޭނާ ފަނޑިޔާރުކަމަށް އައްޔަން ކުރީ 11 ޖުލައި 2007ގައި
އެނގުން މުހިންމު - ސުޕީރިއާ ކޯޓުތަކަކީ ދަށު ކޯޓުތަކުގެ ތެރެއިން މާލޭގައި ހުންނަ މަތީ ގިންތީގެ، ކްރިމިނަލް ކޯޓު، ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓު ފަދަ ކޯޓުތަކެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް ވަނީ އަންހެން ދެ ފަނޑިޔާރުން އައްޔަން ކޮށްފަ އެވެ. އެއީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން އެވެ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ފުރަތަމަ އަންހެން ފަނޑިޔާރު ވެސް މެ އެވެ.