ނޫސްވެރިޔާ މުހައްމަދު ހަމްދޫން: އޭނާ ބުނީ 'ދައުރު' ޓީމާ އެކު ތަފާތު ލިއުންތަކެއް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް

ދައުރު

ޒުވާން ލިއުންތެރިޔާ ހަމްދޫން 'ދައުރު'އާ ގުޅިއްޖެ

ކުޅިވަރު ރިޕޯޓަރެއްގެ ގޮތުން ނޫސްވެރިކަން ފަށައި، މިހާރު އަންނަނީ ވަރަށް ތަފާތު މައުލޫއުތަކުގައި މޮޅު ލިއުންތަކެއް އުފައްދަމުން
30 މާރިޗު 2022
5

ޒުވާން ނޫސްވެރިޔާ މުހައްމަދު ހަމްދޫން 'ދައުރު'އާ މިއަދު ގުޅިއްޖެ އެވެ.

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ހުނަރުވެރި ލިއުންތެރިންގެ ތެރޭގައި ހިމެނޭ ހަމްދޫން، 31، 'ދައުރު'އާ މި ގުޅުނީ މިދިއަ އަހަރުގެ މާޗު މަހުން ފެށިގެން 'އަދަދު'ގައި އިސް މަގާމުތަކެއް ފުރުމަށް ފަހު އެވެ.

ކުޅިވަރު ރިޕޯޓަރެއްގެ ގޮތުން ނޫސްވެރިކަމުގެ ދާއިރާއަށް ވަން، އެކަމަކު ފަހުން އެހެން މައުލޫއުތަކަށް ވެސް މޮޅު ލިއުންތަކެއް ލިއެ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑްސް އެކި ފަހަރު މަތިން ހާސިލްކޮށްފައިވާ ހަމްދޫން ބުނީ "ދައުރު ޓީމަކީ މި ވަގުތު ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ އެންމެ ތަޖުރިބާކާރު އެއް ޓީމު" ކަމަށެވެ.

"މި ޓީމާ އެއްކޮށް ދެން އޮތް ހަރުފަތަކަށް ދާން ބޭނުން،" ސ. ހުޅުދުއަށް އުފަން ހަމްދޫން ބުންޏެވެ.

މިހާރު ބޭނުންވަނީ ތަފާތު ލިއުންތަކެއް

ސޯޝަލް މީޑިއާއާ އެކު ނޫސްވެރިކަން ވަރަށް ބޮޑަށް މިވަނީ ބަދަލުވެފަ އެވެ. ހަބަރަކީ މިހާރު ކޮންމެހެން ވަކި ނޫހެއްގައި ޖަހަންދެން އާންމުން އިންތިޒާރުކުރާ އެއްޗަކަށް ނުވެ އެވެ. ސޯޝަލް މީޑިއާ ފުރިފައި އޮންނަނީ އާންމުން ފަތުރާ ހަބަރުތަކުންނެވެ. އެހެންކަމުން ނޫސްވެރިންގެ މަސައްކަތް މިވަނީ ކުރިއަށް ވުރެ ބުރަވެފައި، ތަފާތުކުރަން ވެސް ޖެހިފަ އެވެ.

ހަމްދޫނަށް އެކަން ހަމައެކަނި އެނގެނީކީ ނޫނެވެ. އޭނާ އަންނަނީ މި ބަދަލުތައް، ރާއްޖޭގެ އެންމެ ބޮޑު މީޑިއާތަކާ އެކު، ތަޖުރިބާ ވެސް ކުރަމުންނެވެ. އެހެންކަމުން ނޫސްވެރިޔަކަށް، ހާއްސަކޮށް މޮޅު ނޫސްވެރިޔަކަށް ދެން އޮތް ހަރުފަތަކީ، އޭނާ ބުނި ގޮތުގައި، އާންމު މީހާއަށް ފީނައިނުގަނެވޭ މައްސަލަތަކާއި މައުލޫއުތަކުގެ ތެރެއަށް ފީނައިގެން، މޮޅު ލިއުންތައް އުފެއްދުމެވެ.

'ދައުރު' ޓީމު ނޮވެމްބަރު 2021 ގައި: 'ދައުރު'ން މަސައްކަތް ކުރަމުން އަންނަނީ ތަފާތު ލިއުންތަކެއް ގެނެސްދެވޭތޯ

"އާންމު މީހާއަށް ނުލިބޭ ކޮންޓެންޓް ފޯރުކޮށްދޭ ބަޔަކަށް މީހުން ސަމާލުކަން އެނބުރެނީ،" ހަމްދޫން ބުންޏެވެ.

އެ ތަފާތު އުފެއްދުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހަމްދޫންގެ އެބަ ހުއްޓެވެ. އޭނާ ވަނީ ކުޅިވަރުގެ ބިޒީ ނޫސްވެރިކަން ކުރި އިރު ވެސް އަދި ފަހުން 'އަދަދު'ގައި ހޭދަކުރި އަހަރުގެ ތެރޭގައި ވެސް ތަފާތު ލިއުންތައް އާންމުންނަށް ގެނެސްދީފަ އެވެ. ތާރީހީ އަދި އަދަބީ ލިއުންތަކެވެ. މީހުންގެ ޕްރޮފައިލް އާއި އިޖުތިމާއީ ބައެއް މައްސަލަތަކެވެ.

"ކޮންމެ ކޮންމެ އެއްޗެއް ލިޔާކަށް ބޭނުމެއް ނުވޭ. ތަފާތުކޮށް ލިޔަން ބޭނުންވަނީ،" ހަމްދޫން ބުންޏެވެ.

"އެހެން މީހުންނަށް ނޭނގި އޮތް ސައިޑެއް ނަގައިގެން، ނެރޭޓިވް ސްޓައިލަށް ލިޔުމުގެ ޝައުގު ހުންނަނީ."

'ދައުރު'ގެ ލިއުންތެރިން މަސައްކަތްކުރަމުން އަންނަނީ ރީތި ލިއުންތެރިކަމެއްގެ ތެރެއިން އާންމުންނާ ހަމައަށް ކަންކަން ގެނެސްދޭށެވެ. ހަމްދޫން ކަހަލަ ހުނަރުވެރި، ޒުވާން ލިއުންތެރިޔަކު މި ޓީމާ ގުޅުމަކީ، މުއްސަނދި އުފެއްދުންތަކެއް ތައްޔާރުކުރަން ލިބުނު އިތުރު ބާރެކެވެ.

މުހައްމަދު ހަމްދޫނަކީ ކާކު؟

  • 2008: އޭރުގެ 'ރާއްޖެ' ނޫހުން ނޫސްވެރިކަމުގެ ތެރެއަށް ވަން

  • 2009: ކުޅިވަރު ރިޕޯޓަރެއްގެ ގޮތުން 'ހަވީރު'ގައި މަސައްކަތް ފެށި

  • 2016: 'މިހާރު' އުފެދުމާ އެކު އެސިސްޓެންޓް އެޑިޓަރު، ސްޕޯޓްސްގެ މަގާމު ލިބުނު

  • 2021: 'އަދަދު' އުފައްދަންވެގެން 'މިހާރު'ން ވަކިވި

  • އެޕްރީލް 2022: 'ދައުރު'އާ ގުޅުނު

  • ނޫސްވެރިކަމުގެ ފުރަތަމަ ޑިގްރީ، ގައުމީ ޔުނިވަސިޓީ، އެމްއެންޔޫ އިން

  • ނޫސްވެރިކަމުގެ މާސްޓާޒް ޑިގްރީ، އިސްލާމިކް ޔުނިވަސިޓީ

  • 2014: އެމްއެމްސީގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް

  • 2018: އެމްއެމްސީގެ އެންމެ މޮޅު ކުޅިވަރު އަދި އެންމެ މޮޅު ފީޗާ ލިއުންތެރިޔާ

  • 2019: އެމްއެމްސީގެ އެންމެ މޮޅު ކުޅިވަރު އަދި އެންމެ މޮޅު ފީޗާ ލިއުންތެރިޔާ

  • 2020: އެމްއެމްސީގެ އެންމެ މޮޅު ކުޅިވަރު ލިއުންތެރިޔާ

ކޮމެންޓް (5)

ޓޮމް

30 މާރިޗު 2022
މިވަގުތު ރާއްޖޭގައި އޮތް އެންމެ ސަޅި ލިޔުންތަކާއި ރިޕޯޓް ގެނެސްދޭ ބަޔަކީ ދައުރު. ތިޔަ ލިބުނީ އިތުރު ފުރިހަމަ ކަމެއް. ހުރިހާ އުފަލެއްވެސް އަހަރުމެން ނޫސް ކިޔާ މީހުންނަށް
1 0

އިބްރާހިމް

30 މާރިޗު 2022
ސާބަހޭ ދައުރު! ބަލަ ބަލަ އޮއްވާ ޖަހައިގަތީދޯ ހަމަ!
4 0

އަލީ އަހްމަދު

30 މާރިޗު 2022
މަރުހަބާ ހަމްދޫން! އެއްމެ ބެސްޓް ނިއުށްތީމް މިހާރު އޮތީ ދައުރުގަ! ދެން ގަވާއިދުން ކިޔާނަން
7 1

މުހައްމަދު

30 މާރިޗު 2022
މަރުހަބާ ހަމްދޫން
6 1

މުޖޭބެ

30 މާރިޗު 2022
މަރުހަބާ ހަމްދޫން. 'ދައުރު'ގެ ތަޖުރިބާ ޓީމާއި އެކު ތަފާތު ލިޔުންތައް ފެންނާނެ ކަމަށް އުއްމީދުކުރަން.
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް