ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޕޮލިސް ކޮލެޖަކީ ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލުކަން އުފެއްދުމުގެ އެއް ބިނާ: ރައީސް

އެއީ ރާއްޖޭގެ އަމިއްލަވަންތަކަމުގައި ހިންދެމިލުމަށް އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށް ވެސް ރައީސް ވިދާޅުވި
29 މާރިޗު 2022

އައްޑޫގައި އާދީއްތަ ދުވަހު ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއަކީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ހިލޭ އެހީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ހުޅުއްވައިދެއްވަމުން ވެސް ރައީސް ވަނީ އެއީ ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ފުލުހުންނަކީ ގާނޫނު ތަންފީޒުކުރާ އެންމެ މުހިންމު މުއައްސަސާ ކަމަށް ވުމުން، ގައުމުގެ މަސްލަހަތާއި އަމާންކަން ދެމިއޮތުން ގުޅިފައި ވަނީ ފުލުހުން ކުރާ މަސައްކަތާ ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ރޫހަކީ ޒަމާނީ ޓެކްނޮލޮޖީއާ އެކު މުޅި މުއައްސަސާގެ ގާބިލުކަން ކުރިއަރައި ދިއުން ކަމަށްވާއިރު، ކުރިއެރުމަށްޓަކައި ފުރަތަމަ ކުރިއަރަން ޖެހޭނީ ފުލުހުންގެ ނަފްސު ކަމަށެވެ. 

ރައީސްގެ ބަސް - "ކުރިއަރަން ޖެހޭނީ ކަން ކުރާ މީހާއަށް ލިބިހުރި އީޖާބީ ވިސްނުން. ކުރިއަރަން ޖެހޭނީ ހުނަރާއި ތައުލީމާއި ތަމްރީނާއި އަދި ވަކިން ހާއްސަކޮށް ހެޔޮ ހުލްގު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ހުޅުވި ޕޮލިސް ކޮލެޖަކީ އެފަދަ ފުލުހުން ބިނާކުރުމަށް އެކި ސަރުކާތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ،" ރައީސް ވިދާޅުވި އެވެ.

"އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަކަމުގައި ހިންދެމިލުމަށް އަވައްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް."

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގައި ސަރުކާރުން އިސްކަންދޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ތަމްރީނުވެފައިވާ ތަހުގީގީ ފުލުހުން އުފައްދާނެ ކަމަށާއި ފުލުހުންގެ ތަހުގީގަށް ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި ގާބިލުކަމާއި ޓެކްނޮލޮޖީ ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

ޕޮލިސް ކޮލެޖުން ތަހުގީގީ ދާއިރާގެ ފުލުހުން ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ކަންކަން:

  • މި އަހަރުގެ ތެރޭ އިތުރު 25 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ 

  • 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައި

  • 2023ގެ ނިޔަލަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިމޭނެ 

  • ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް