ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (މ) އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

3 އަހަރު ތެރޭ ފުލުހުންނަށް ހެޔޮ ބަދަލު އައިސް ތަސްވީރުގެ ކުލަ ރީތިވެއްޖެ: ރައީސް

ރައީސް ވިދާޅުވީ ރަނގަޅަށް ތަހުގީގު ނުކުރެވުމުގެ ސަބަބުން އިންސާފު ނުލިބުން ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށް
29 މާރިޗު 2022

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލުތަކެއް ގެނެސް ރައްޔިތުން ބޭނުންވި މަންޒަރު ދެއްކިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާ ގުޅގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ އެމަނިކުފާނުގެ ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވިގޮތުގައި ރައްޔިތުން ބޭނުންވީ:

  • ޔުނިފޯމްގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިހްސާސްވުމަށް 

  • ފުލުސް ޔުނިފޯމާއި ބެލްޓްގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ހިމާޔަތް ކަމުގައި ގަބޫލުކުރެވުން

  • ފުލުހުން އައުމުން ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުން 

ރައީސްގެ ބަސް - "އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ، މިވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. ތަސްވީރުގެ ކުލަ ރީތިވެއްޖެ،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑު ބަދަލުގެ ހަގީގީ ސަބަބަކީ އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނު ކަމަށާއި މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން، އެ ގާނޫނުން ފުލުހުންނަށް ކަށަވަރުކޮށްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޝުކުރުއަދާކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާހުގެ މަސައްކަތަކީ ގިނަގުނަ ފާޑުކިޔުންތަކާއި ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އަބަދުވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެ ތިބެ، މިއަދަށްވުރެ މާދަމާ ރަނގަޅުކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ފުލުހުންގެ މުއައްސަސާއަކީ އެންމެ މީހެއް ނޫން. ފުލުހުންގެ ގާނޫނާ އެއްގޮތަށް އެ މުއައްސަސާ ރިފޯމްކޮށް، އޭގެ ޒާތުގައި އަމިއްލައަށް ބައްޓަންވެ، ހެދި ބޮޑުވެ، ޒަމާނީވުން ނޫން އެހެން ދަނޑިމާރެއް ނޭޅޭނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ކުރެވޭ ނުކިއްސަރު ކަމަކުން މުޅި މުއައްސަސާ ބަދުނާމުވާ ހާލަތެއް އަތުވެދާނެ ކަމަށާއި އެކަމުގައި ފުލުހުންގެ ލީޑަޝިޕުން އަމަލުކުރަންވާނީ، އިންސާފާއި މަސްލަހަތު، އެއް ތަރާދެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ފުލުހުންނަކީ ގާނޫނު ތަންފީޒުކުރާ އެންމެ މުހިންމު މުއައްސަސާ ކަމަށް ވުމުން، ގައުމުގެ މަސްލަހަތާއި އަމާންކަން ދެމިއޮތުން ގުޅިފައި ވަނީ ފުލުހުން ކުރާ މަސައްކަތާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއް ދުވަހުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ފަހު، އަނެއް ދުވަހު ހޭލާއިރު، ދެން އޮންނާނީ އަދި މާ ބޮޑު ގޮންޖެހުމެއް ކަމުގައި ވެދާނެ. އެކަން އެގޮތުގައި ބަލައިގަނެގެން، ތިޔަ ބޭފުޅުންގެ މަސައްކަތްތައް ބައްޓަން ކުރުން މުހިންމު،" ރައީސް ވިދާޅުވި އެވެ.

'އިންސާފުގެ ތަޅުދަނޑި ފުލުހުންގެ އަތަށް ދޭނަން'

ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 89 އަހަރު ވިޔަސް، ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގައި ކަމަށެވެ.

"ހާއްސަކޮށް ތިޔަބޭފުޅުންގެ ބެރެކްސްތަކާއި މަސައްކަތްކުރާ މާހައުލުގައި ހުންނަންޖެހޭ ފަސޭހަކަން، އޭގެ ގާތަކަށް ވެސް ފުރިހަމަވެފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންނަށް ހުނަރާއި ތަމްރީނު ދޭ އިރު، ފުލުހުންނަށް ބޭނުންވާ އުޅަނދުފަހަރާއި އެހެނިހެން ވަސީލަތްތައް ވެސް މުހިންމު ކަމަށެވެ. އެމަނިކުފާނު މި ފަހުން އަތޮޅުތެރެއަށް ކުރެއްވި ދަތުރުތަކުގައި ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވުނީ އެ މައްސަލަތައް ކަމަށާއި އެހެންކަމުން އެ ބުރަ ލުއިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގައި ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރު ބިނާވެގެން އައީ އިންސާފު ގާއިމުކޮށްދިނުމުގެ ވައުދާއެކު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންސާފް ގާއިމުވުމުގެ ތަޅުދަނޑިއަކީ މައްސަލަތަކުގައި ހިންގާ ފުރިހަމަ ތަހުގީގު ކަމަށެވެ.

ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

"ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ފުރިހަމަ ތަހުގީގަކުން މެނުވީ އިންސާފަށް ވާސިލެއް ނުވެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ތަހުގީގުގައި ޒަމާނުއްސުރެ އޮތް ހުސްކަން ފޫބެއްދުން ކޮންމެހެން މުހިންމު ކަމަށާއި ޒަމާނީ ތަހުގީގުގެ ހުނަރު ލިބިފައިވާ އޮފިސަރުން އުފައްދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރަކީ އިއުތިރާފަށް ވުރެ ބޮޑަށް ހެއްކާއި ގަރީނާގެ މައްޗަށް ބުރަވެ އިންސާފު ގާއިމުކުރެވޭ ޒަމާން،" ރައީސް ވިދާޅުވި އެވެ.

"ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި ގާބިލުކަމާއި ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިރޭ އަރުވަން."

  • ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް