ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މޮބައިލް އެޕް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗުކޮށްދެއްވަނީ (ފޮޓޯ/ޕޮލިސް)

ފުލުހުން

ފުލުހުންގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ މޯބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފި

އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައި، ކުށުގެ ރިޕޯޓާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓު ހޯދޭނެ
29 މާރިޗު 2022

ދިވެހި ފުލުހުންގެ މޯބައިލް އެޕްލިކޭޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެ އެޕް ލޯންޗުކުރީ މިއަދު ފާހަގަކުރާ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

ތަފްސީލް - ފުލުހުން ބުނީ އެއީ މިހާރު އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އައިއޯއެސް އަދި އެންޑްރޮއިޑް ފޯންތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށް ފަހު:

  • އެމީހެއްގެ ޑްރައިވިން ލައިސަންސްގެ މައުލޫމާތު ބެލޭނެ 

  • އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީގެ ސްޓޭޓަސް އެނގޭނެ ތަފްސީލީ މައުލޫމާތު ފެންނާނެ 

  • އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެ

ބުނީ ކީކޭ؟ - ފުލުހުން ބުނީ އެ އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށް ކަމަށާއި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަންތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަ ކަމާއެކު ބަލައިލެވޭނެ ގޮތަށް ކަމަށެވެ.

  • ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް