ނިލަންދޫ ފެނަކަ އޮފީހުގައި މި މަހު 5ގައި ފައްޔާޒްގެ ޓީމުން ބޭއްވި ކަމަށް ބުނާ ބައްދަލުވުމުގެ ތެރެއިން: ފައްޔާޒްގެ ޓީމުން ބުނީ އެއީ މިނިސްޓަރުގެ ހައިސިއްޔަތުން އަމީރު ބޭއްވެވި ބައްދަލުވުމެއް ކަމަށް (ފޮޓޯ/ޓްވިޓާ/ލަމްއާން)

ނިލަންދޫ ފެނަކަ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ އިމްތިޔާޒުގެ ފަރާތުން މައްސަލަ ހުށަހަޅައިފި

ފައްޔާޒްގެ ޓީމުން ބުނީ ކެމްޕެއިނަށް އެ ރަށަށް އަދި ނުދާ ކަމަށާއި އެއީ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަމީރު ބޭއްވެވި ބައްދަލުވުމެއް ކަމަށް
29 މާރިޗު 2022

އެމްޑިޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާއްދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިނު ޓީމުން ގއ. ނިލަންދޫ ފެނަކަ އޮފީހުގައި މި މަހުގެ 5 ވަނަ ދުވަހު ކެމްޕޭން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް، އެ އިންތިހާބުގައި ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ފަރާތުން އެމްޑީޕީގެ އިންތިހާބީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އިމްތިޔާޒްގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނިލަންދޫ ފެނަކަ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ފޮޓޯ ފައްޔާޒުގެ ޓީމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ. ފައްޔާޒްގެ ކެމްޕެއިނު ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން ޓްވީޓްކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އަމީރާއި ޔައުގޫބު ފައްޔާޒުގެ ކެމްޕެއިންގައި އުޅުއްވަ އެވެ.

ނަމަވެސް 'ދައުރު'އިން ސުވާލުކުރުމުން، ފައްޔާޒްގެ ކެމްޕެއިންގެ ފަރާތުން ބުނީ އެ ޓީމުން މިހާތަނަށް ގއ. ނިލަންދޫއަށް ގޮސްފައި ނުވާނެ ކަމަށެވެ. މާޗު 5ގައި އަމީރު އެ ރަށަށް ވަޑައިގަތީ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށާއި އެއީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އަމީރު ބޭއްވެވި ބައްދަލުވުމެއް ކަމަށް ފައްޔާޒުގެ ކެމްޕެއިނުން ބުންޏެވެ.

'ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަނީ ލަދެއް ނެތި'

ތަފްސީލް - ފައްޔާޒްގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށާއި އަދި އިމްތިޔާޒްގެ ކެމްޕޭނުގައި ބައިވެރިވާ ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ ކަމުގެ ތުހުމަތު އެ ޓީމުން އަންނަނީ ކުރަމުންނެވެ. އަދި އެއިން އެއްވެސް ކަމަކަށް ހައްލެއް ނުލިބޭ ކަމަށް އެ ޓީމުން ބުންޏެވެ. 

"ދައުލަތުގެ ވަސީލަތާއި މުދަލާއި މުވައްޒަފުން ކެމްޕެއިނަށް ބޭނުންކުރުމުގައި ކުޑަވެސް ޖެހިލުމެއް، ލަދެއް ނެތި،" އިމްތިޔާޒްގެ ޓީމުގެ ބަޔާނުގައި ބުންޏެވެ.

އެ ޓީމުން ބުނީ ފައްޔާޒްގެ ޓީމުގެ ކެމްޕެއިނަކީ އެމްޑީޕީގެ ފަލްސަފާ އާއި ހަމަތަކާ ބީރައްޓެހި، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކަންކަމާ ދެކޮޅަށް އެމްޑީޕީން ވަކާލާތު ކުރި ކަންކަމާ ދިމާ އިދިކޮޅަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާއި އެފަދަ އަމަލުތަކަކީ ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ނަމަވެސް އިމްތިޔާޒްގެ ޓީމުން ބުނީ އަދިވެސް ތަކުރާރުކޮށް ފެންނަނީ އެ ބުނުމާ ހިލާފު ކަންތައްތައް ކަމަށެވެ. އެގޮތުން ވަރަށް ގިނަ ކަންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

  • ރައީސް އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓުން ފައްޔާޒްގެ ކެމްޕެއިން ޓުވީޓެއް ރީޓުވީޓުކުރުން 

  • ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން ފައްޔާޒަށް ތާއީދުކުރާ މީހުންގެ ހަބަރު ރީޓުވީޓުކުރުން 

  • އިމްތިޔާޒަށް ތާއީދުކުރާކަން ފާޅުކުރާތީ ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އަހްމަދު އާމިރު ވަޒީފާއިން ވަކިކުރި ކަމަށް 

  • ގދ. ގައްދޫ، ފުނަމާގޭ އާމިރު އަބްދުﷲ އަށް އެ ރަށު ފެނަކަ މެނޭޖަރު ވަޒީފާގެ ބިރު ދެއްކި ކަމަށް

  • ފެނަކަ ފެހެންދޫ ބްރާންޗުގެ މެނޭޖަރު އަހްމަދު ޝަބީރު އަބްދުއްސަމަދު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި ކަމަށް

  • ނ. ކެނދިކުޅުދޫގައި މާޗު 21 ދުވަހުގެ ރޭ ފައްޔާޒްގެ ކެމްޕެއިން ޖަލްސާގެ އިޝްތިހާރު ލައުޑްސްޕީކަރުން އިއުލާންކުރިއިރު "އިކޮނިމިކް މިނިސްޓަރު" ކުރައްވާ ޒިޔާރަތެއްގައި ބާއްވާ ޖަލްސާއަށް "ސަރުކާރުގެ ހުރިހާ މުއައްސާތަކުގެ ވެރިންނާއި، މުވައްޒަފުން ރަސްމީ ހެދުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދޭ ވާހަކަ ދަންނަވަން" ގޮވި ކަމަށް

އިމްތިޔާޒްގެ ޓީމުން ބުނީ އެ ހުރިހާ މައްސަލައެއް ވެސް އެމްޑީޕީގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ޓީމުން ބުނީ އިމްތިޔާޒަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދެއްކުމާއި ފައްޔާޒްގެ ކެންޕެއިނަށް ފެނަކަ ފަދަ ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނޭ ގޮތުން ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ފާޅުގައި ބޭނުންކުރަމުންދާ ދިއުން ބަލައިނުގަނެވޭނެ ކަމަށެވެ.

'އެއީ ކެމްޕޭން ބައްދަލުވުމެއް ނޫން'

މިކަމާ ގުޅިގެން 'ދައުރު'އިން ސުވާލުކުރުމުން، ފައްޔާޒްގެ ކެމްޕެއިންގެ މީޑިއާ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ހިސާން ވިދާޅުވީ ޓްވީޓްކޮށްފައިވަނީ އަމީރު ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ ކަމަށެވެ.

"ޓުވީޓު ކުރި ކުއްޖާއަށް އޮޅުމެއް އަރާފައި އެވަނީ. އެއީ މިނިސްޓަރު އަމީރު މިނިސްޓަރުގެ ހައިސިއްޔަތުން ރައްޔިތުން އެދުނު ކަންކަމާ ގުޅިގެން މަޝްވަރާ ކުރަން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއް،" ހިސާން ވިދާޅުވި އެވެ.

ފައްޔާޒްގެ ކެމްޕެއިނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް އިމްތިޔާޒްގެ ޓީމުން ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއްވި އެވެ. ހިސާން ވިދާޅުވީ އެއީ އެ ޓީމުން ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ކެމްޕެއިނުކުރަން "ވާދަވެރި ކެންޑިޑޭޓު" ވަރަށް މޮޅު ކަމަށެވެ. ނުފޫޒު ފޯރުވާ ކަމަށް ބުނެ ވާހަކަތައް ދައުރުކުރަނީ އޮޅުވާލައިގެން ކަމަށާއި އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި ކަމަށް ދައްކާ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.

"އެންމެ ފަހުން ފެނަކަ އެސިސްޓަންޓް މެނޭޖަރެއް މަސްއޫލިއްޔަތުން ދުރުކުރި ކަމަށް ބުނެ ވާހަކަތަކެއް ދައުރުކުރި އިރު އަޅުގަނޑުމެން ބެލިއިރު އޭނާއަކީ އަސްލު އެ މަސްއޫލިއްޔަތު ހަވާލު ނުވެސް ކުރާ ފަރާތެއް،" ހިސާން ވިދާޅުވި އެވެ. 

ހިސާން ވިދާޅުވީ އެމްޑީޕީގެ ދިގު ތާރީހުގައި އެއްކޮށްފައި ހުރި ޑޭޓާ އާއި ޕާޓީގެ ރައުސުލްމާލު ވެސް ބޭނުންކުރަމުން އަންނަނީ އިމްތިޔާޒްގެ ކެމްޕެއިނަށް ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސެއް އެއީ ރީތި ކެމްޕެއިނެއް އެ ބޭފުޅުން ކުރެއްވުމަކީ. މިގޮތަށް ކަންކަން ކުރުމުން ވަރަށް ހަޑި، ވަރަށް ގޯސް ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް